އަލްފާޟިލް އިސްމާޢީލް އިބްރާހީމް
ހ. އަސްރަފީވިލާ

އިސްމާޢީލް އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖޫން 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މަޙްކަމަތުއް ޝަރްޢިއްޔާގެ ކާތިބެއްގެ ވަޒީފާއެވެ. އޭގެފަހުން، މަޙްކަމަތުލް އިރުޝާދުގެ ހިސާބު ބަލަހައްޓާ ކާތިބު ކަމާއި، މަޙްކަމަތުލް އަމަން ޢާންމުގެ 1 ނަންބަރު ކާތިބުކަން ކުރެއްވިއެވެ. އޭގެފަހުން، ވުޒާރަތުއް ޞިއްޙާ (ރ)ގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސް (ޅ)ގެ ސެކްރެޓެރީ ކަމާއި، އިލެކްޝަންސް ޑިވިޜަންގެ ސެކްރެޓެރީ ކަމާއި، ގަވަރންމަންޓް ހޮސްޕިޓަލްގެ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސެކްރެޓެރީކަން ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ސެކްރެޓެރީގެ މަގާމަށް އެ އޮފީހަށް އިސްމާޢީލް އިބްރާހީމް ބަދަލުކުރެއްވީ، 5 މޭ 1979 ގައެވެ. އެހިސާބުން ފެށިގެން 1 މޭ 2008 ގައި ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޚިދުމަތް ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ފުރުއްވި މަގާމުތަކުގެ ތެރޭގައި، ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް ޓު ދި އެގްޒެކެޓިވް ސެކްރެޓެރީ ކަމާއި، ޕްރެޒިޑެންޝަލް އެއިޑް ކަމާއި، ޑިރެކްޓަރ، ޖުޑީޝަލް އެފެއާޒް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް، ޖުޑީޝަލް އެފެއާޒް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް، ސްޕެޝަލް ޑިއުޓީޒް ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރު ކަމުގެ މަގާމު ހިމެނެއެވެ.

މަޙްކަމަތުލް އަމަންޢާންމު، ފަހުން މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގައި އިސްމާޢީލް އިބްރާހީމް ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޝަރީޢަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ޝަރީޢަތަށް ފޮނުއްވުމާއި، ބަންދުމީހުންގެ ރަޖިސްޓަރީއާއި، ސިފައިންގެ ވަޒީފާގައި ތިބި މީހުންގެ ރަޖިސްޓަރީ ބެލެހެއްޓެވުމާއި، އަހަރު ރިޕޯޓް ލިޔުއްވުމުގެ މަސައްކަތް ހިމެނެއެވެ. ވުޒާރަތުއް ޞިއްޙާ (ރ) ގައި ވަޒީފާ އަދާކުރެއްވިއިރު، ކުރެއްވި މުހިންމު އެއްކަމަކީ، ޓީ.ބީ.ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި އެކަމަށް ޚާއްޞަ ކުލިނިކެއް ކަމަށްވާ ޓީ.ބީ. ކުލިނިކް އުފެއްދެވުމުގެ މަސައްކަތެވެ. އިލެކްޝަންސް ޑިވިޜަންގައި ޚިދުމަތް ކުރެއްވިއިރު، އެތަނުން ބާއްވަންޖެހޭ އިންތިޚާބުތައް ބޭއްވުމުގެ މަސައްކަތްތަކާއި، ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމަށްޓަކައި ކުރައްވަންޖެހުނު މަސައްކަތްތައް ކުރައްވައިފައި ވެއެވެ.

އިސްމާޢީލް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރައްވައިފައި ވަނީ، ޝަރުޢީ އަދި ޤާނޫނީ މަސައްކަތްތަކާއި، މާލޭގެ ބިންބިމާ ބެހޭ މަސައްކަތްތަކާއި، އެކިއެކި ކުށްތަކުގައި ބަންދުކުރާ މީހުންނާއި، އަރުވާލައި ފޮނުވާލާފައި ތިބޭ މީހުންނާ ބެހޭ ކަންކަމެވެ. މީގެއިތުރުން، 2007 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢު ކުރެއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ ޗާޕުކުރުމަށްޓަކައި އެ ފޮތުން ކުށްފިލުވުމަށް ނެންގެވި ކޮމިޓީގައި ހިމެނިވަޑައިގެން، އެ މަސައްކަތް ކުރައްވައިފައި ވެއެވެ.

އިސްމާޢީލް އިބްރާހީމަކީ، ދައުލަތުގެ ވަޒީފާ އަދާކުރެއްވުމުގައި ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންކަން ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވި އަދި އެ ކުރައްވާ މަސައްކަތެއް ވަރަށް ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު ކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 28 އަހަރަށްވުރެ ގިނަ ދުވަހު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އިސްމާޢީލް އިބްރާހީމަށް ވަނީ އެކަމުގެ ހަނދާނީ ފިލާ، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަރުވައިފައެވެ.

އިސްމާޢީލް އިބްރާހީމް، 48 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 1 މޭ 2008 ގައެވެ.