އަލްފާޟިލް ޢަބްދުއްރަޙްމާން މުޙައްމަދު
ކެނދިކޮޅު. އޯކިޑްމާގެ ނ. ކެނދިކުޅުދޫ

ޢަބްދުއްރަޙްމާން މުޙައްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 30 މާރިޗު 1959ގައި ނ. ކެނދިކުޅުދޫ ނާއިބުކަމުގެ މަގާމުންނެވެ. ޢަބްދުއްރަޙްމާން މުޙައްމަދަކީ، ކެނދިކުޅުދޫގެ ވެރިކަމުގެ މަގާމުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވައިފައިވާ އަދި އެ ރަށުގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައިވާ އަދި ރަށުގެ ރައްޔިތުންގެ ލޯތްބާއި، އިޙްތިރާމް ހޯއްދަވައިފައިވާ ބޭފުޅެކެވެ. 6 އޮގަސްޓު 1959 ން 5 މާރިޗު 1981ގެ ނިޔަލަށް ކެނދިކުޅުދޫ ކަތީބުކަން ކުރެއްވިއިރު، ޢަބްދުއްރަޙްމާން މުޙައްމަދު ފާހަގަކުރެވިފައި ވަނީ، އެކި ކަންކަމުގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވި އިޚުލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އޭގެފަހުން، ނ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު ފުރުއްވުމަށްފަހު، ނ. އަތޮޅު އަތޮޅުވެރިކަންވެސް ޢަބްދުއްރަޙްމާން މުޙައްމަދު ކުރެއްވިއެވެ.

ޢަބްދުއްރަޙްމާން މުޙައްމަދަކީ، ނ. އަތޮޅު އަތޮޅުވެރިކަމުގެ އިތުރުން، ދ. އަތޮޅު އަތޮޅުވެރިކަމާއި، ޏ. ފުވައްމުލަކު އަތޮޅުވެރިކަމާއި، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. ދ. އަތޮޅު އަތޮޅުވެރިކަން 3 އަހަރަށްވުރެ ގިނަ ދުވަހު، ފުވައްމުލަކު އަތޮޅުވެރިކަން 6 އަހަރަށްވުރެ ގިނަ ދުވަހު އަދި
ގއ. އަތޮޅު އަތޮޅުވެރިކަން ދޮޅު އަހަރެއްހާ ދުވަހު ކުރައްވައިފައި ވެއެވެ.

އެކި އަތޮޅުތަކުގެ އަތޮޅުވެރިކަމުގެ މަގާމުގައި ޢަބްދުއްރަޙްމާން މުޙައްމަދު ހުންނެވިއިރު، އެ އަތޮޅެއްގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދެވި އެކިއެކި މަޝްރޫޢުތައް ހިންގެވުމުގައްޔާއި އަދި އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމެވުމަށްޓަކައި ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށްލަންޖެހެއެވެ. މީގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ، ފުވައްމުލަކުގެ އަތޮޅުވެރިކަމުގައި ޢަބްދުއްރަޙްމާން މުޙައްމަދު ހުންނެވިއިރު ހިންގަވައި ނިންމެވި ފުވައްމުލަކު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތެވެ.

ޢަބްދުއްރަޙްމާން މުޙައްމަދު، އަތޮޅުވެރިކަން ކުރައްވަމުން ގެންދެވިއިރު، އެ އަތޮޅެއްގައި ހުރި ބޮޑެތި މައްސަލަތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ޙައްލު ކުރެއްވުމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކަކީ ކޮބައިތޯ ބައްލަވައި، ކަންކަން ނިންމަވަމުން ގެންދަވައިފައިވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންނެވެ. އަދި އެ އަތޮޅެއްގެ ރައްޔިތުންގެ މެދުގައި ސުލްހަމަސްލަހަތު ޤާއިމުކުރައްވައި ދެމެހެއްޓެވުމަށް ޢަބްދުއްރަޙްމާން މުޙައްމަދު ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް އެކަމުގެ ނަތީޖާ ފެނިފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކެކެވެ.

މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމާއި، ރާއްޖެތެރޭގެ ވަކީލު ކަމުގެ މަގާމުވެސް ޢަބްދުއްރަޙްމާން މުޙައްމަދު ފުރުއްވައިފައި ވެއެވެ.

1 މޭ 2008 ގައި ޢަބްދުއްރަޙްމާން މުޙައްމަދު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު، 49 އަހަރަށްވުރެ ގިނަ ދުވަހު ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. ޢަބްދުއްރަޙްމާން މުޙައްމަދު ފާހަގަކުރެވިފައި ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވާޖިބު އަދާކުރެއްވި އިޚުލާޞްތެރި ޚިދުމަތްތެރިއެއްގެ ގޮތުގައެވެ. އަދި ރަށުގެ ވެރިކަމާއި އަތޮޅުވެރިކަން ކުރެއްވުމުގައި ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.