އަލްފާޟިލް އިބްރާހީމް އަޙްމަދު
ގ. މުރަނގަމާއާގެ

އިބްރާހީމް އަޙްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 އޮގަސްޓު 1958 ގައި މާލިއްޔާ (އ)ގެ ކަސްޓަމްސް ސަރުޖަނެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، އެން.އެސް.އެސް.ގެ މީހެއްގެ ވަޒީފާ، އަހަރެއްހާ ދުވަހު އަދާކުރެއްވުމަށްފަހު، 22 އޮގަސްޓު 1959 ގައި އެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއެވެ. އިބްރާހީމް އަޙްމަދު އަލުން ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 ސެޕްޓެންބަރު 1960 ގައި، ވުޒާރަތުލް މާލިއްޔާގެ ކަސްޓަމްސް ސަރުޖަނެއްގެ ވަޒީފާއިންނެވެ. އޭރުއްސުރެ ފެށިގެން 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް އިބްރާހީމް އަޙްމަދު ޚިދުމަތް ކުރެއްވީ ކަސްޓަމްސްގައެވެ. ކަސްޓަމްސްގެ ތަފާތު މަގާމުތައް ވަނީ ފުރުއްވައިފައެވެ. އެގޮތުން، 2 ނަންބަރު ކާތިބު ކަމާއި، ސީނިއަރ ކާގޯ ކްލިއަރެންސް އޮފިސަރު ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަން ކުރައްވައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި އިބްރާހީމް އަޙްމަދު ކުރެއްވި މައިގަނޑު މަސައްކަތްތަކަކީ، އިމްޕޯޓް އެކްސްޕޯޓް މުދަލާބެހޭ އެންމެހައި މަސައްކަތްތަކެވެ. އެގޮތުން، މުދާތައް ޗެކްކުރައްވައި ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ. މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، އެއްވެސްއިރެއްގައި މައްސަލައެއް ޖެހިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އަދި އެކި ކަންކަމުގައި ޚިދުމަތް ހޯދުމަށް ކަސްޓަމްސްއަށް އަންނަ އަމިއްލަ ފަރާތްތަކަށްވެސް، އެ އެދޭ ޚިދުމަތެއް ކަސްޓަމްސްގެ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ވީހާވެސް ރަނގަޅަކަށް ދެއްވަމުން ގެންދެވިއެވެ. އަދި އެކިއެކި މަޢުލޫމާތު އޮޅުންފިލުވުމަށް އަންނަ ފަރާތްތަކަށްވެސް އެކަންކަމުގައި ޢަމަލުކުރެއްވެން އޮންނަ ގޮތް އޮޅުންފިލުއްވައިދެއްވައެވެ.

އިބްރާހީމް އަޙްމަދު ފާހަގަކުރެވިފައި ވަނީ، ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތަށް އިސްކަން ދެއްވައިގެން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރެއްވި އަދި ހާޒިރީއަށް ވަރަށް ބޮޑަށް ފަރުވާބެހެއްޓެވި ބޭފުޅެއްގެ ގޮތުގައެވެ.

އުމުރުން 65 އަހަރު ވެގެން 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިބްރާހީމް އަޙްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ.