އަލްފާޟިލާ މަރްޔަމް ޙަލީމް
މއ. އީދިޔަލް

މަރްޔަމް ޙަލީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 28 މާރިޗު 1972ގައި، މިނިސްޓްރީ އޮފް ފިނޭންސްގެ 1 ނަންބަރު ކާތިބާ ކަމުގެ މަގާމުންނެވެ. އެއަށްފަހު، ކަސްޓަމްސްގެ 1 ނަންބަރު ކާތިބާގެ މަގާމަށް ބަދަލުވެވަޑައިގެންނެވީ 8 ޖުލައި 1972 ގައެވެ. ކަސްޓަމްސްގައި މައިގަނޑު ގޮތެއްގައި އަދާކުރެއްވީ އިދާރީ މަސައްކަތްތަކާއި، ހުޅުލޭ އެއަރޕޯޓުގެ ކަސްޓަމްސްއާ ބެހޭ މަސައްކަތްތަކެވެ. އެއަށްފަހު، 26 ފެބުރުވަރީ 1975 ގައި، އެޓަރނީ ޖެނެރަލްގެ އޮފީހަށް ބަދަލުވެވަޑައިގެންނެވިއެވެ. އެ އޮފީހުގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، ބަޖެޓް ބެލެހެއްޓެވުމުގެ މަސައްކަތެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ފާރު ނޫހުގެ ސަބް އެޑިޓަރުގެ މަގާމަށް 25 ސެޕްޓެންބަރު 1983 ގައި މަރްޔަމް ޙަލީމް ބަދަލުވެވަޑައިގަތެވެ. އެ މަގާމުގައި ހުންނަވައިގެން، ކޮންމެ ހަފުތާއެއްގެ މުހިންމު ޚަބަރުތައް ލިޔުއްވުމަށްފަހު، އަތޮޅުތަކަށް ފޮނުއްވުމާއި، ދުވަހު ޚަބަރު ތައްޔާރުކުރެއްވުމުގައި އެހީތެރިވެ ދެއްވިއެވެ. 8 އަހަރަށްވުރެ ދިގު މުއްދަތެއްގައި މި މަސައްކަތް ކުރެއްވުމަށްފަހު، އެޓަރނީ ޖެނެރަލްގެ އޮފީހަށް މަރްޔަމް ޙަލީމް އަލުން ބަދަލުވެވަޑައިގެންނެވިއެވެ.

16 މާރިޗު 1995 ގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސް އަށް ބަދަލުކުރެއްވުމާ ގުޅިގެން ފުރަތަމަ ކުރެއްވީ، އިދާރީ މަސައްކަތްތަކެވެ. މަރްޔަމް ޙަލީމް އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީވެސް ކޮންސްޓްރަކްޝަން މިނިސްޓްރީގައެވެ. އެ މިނިސްޓްރީގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި އަދި އެސިސްޓެންޓް ޑިރެކްޓަރގެ މަގާމު ހިމެނެއެވެ.

މަރްޔަމް ޙަލީމް، ކޮންސްޓްރަކްޝަން މިނިސްޓްރީގައި މައިގަނޑު ގޮތެއްގައި އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. މިގޮތުން، މިނިސްޓްރީގެ މުވައްޒަފުންގެ ކަންތައްތައް އެޑްމިނިސްޓްރޭޓިވް ސެކްޝަނުގެ އެންމެ އިސްވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރެއްވުމާއި، މުވައްޒަފުންނަށް އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅު އެޅުއްވުމާއި، އީ-ގަވަރންމަންޓް މެދުވެރިކޮށް މިނިސްޓްރީއަށް އަންނަ ތަކެތި ބަލައިގަތުމާއި، އެ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، ތަފާތު ޔުނިޓުތަކުން ފޮނުވަންޖެހޭ ސިޓީއާއި ނޯޓް ތައްޔާރުކުރެއްވުމާއި، މުހިންމު ލިޔުންތައް ޕްރޫފްރީޑް ކުރެއްވުމާއި، ސްޓޮކް ބެލެހެއްޓެވުމާއި، ދުވަހު ޔައުމިއްޔާ ލިޔުއްވުން ހިމެނެއެވެ. އަދި އަލަށް ހަމަޖައްސާ މުވައްޒަފުން، އުސޫލުތަކަށާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމާއި، އިދާރީ އެކި މަސައްކަތްތަކަށް ތަމްރީނު ކުރެއްވިއެވެ. މީގެއިތުރުން، މިނިސްޓްރީން ބޭއްވެވި ޚާއްޞަ ޙަފުލާތަކާއި، އެކިއެކި މުހިންމު ކަންކަމުގައި މަރްޔަމް ޙަލީމް ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮންސްޓްރަކްޝަން ދާއިރާއާ ގުޅުން ހުރި ކޮމިޓީތައް އުފެއްދުމުގައި، އިސް ދައުރެއް މަރްޔަމް ޙަލީމް އަދާކުރައްވައިފައި ވެއެވެ. އަދި އެ ކޮމިޓީތަކުގެ ތެރެއިން "މައްސަލަ ބަލާ ކޮމިޓީ" އާއި، "އިސްތިއުނާފު ކޮމިޓީ"ގެ ސެކްރެޓޭރިއެޓް ބަލަހައްޓަވައި، މަސައްކަތްތައް މޮނިޓަރ ކުރެއްވިއެވެ. މި ކޮމިޓީތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގައި މަރްޔަމް ޙަލީމް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. މިގޮތުން، ކޯވިޑް19-ގެ ހާލަތުގައިވެސް އެ ކޮމިޓީތަކުގެ މަސައްކަތްތައް ދުވަހުން ދުވަހަށް އޮންލައިންކޮށް ބަލަހައްޓަވަމުން ގެންދަވައިފައި ވެއެވެ.

މަރްޔަމް ޙަލީމް، 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާއިރު، ފާހަގަކުރެވިފައި ވަނީ މަސައްކަތްތަކަށް އިސްކަން ދެއްވައިގެން، މަސައްކަތް ނިންމަން އޮންނަ ވަގުތަށް ޒިންމާދާރުކަމާ އެކީގައި ނިންމަވައި، ހާޒިރީއަށް ފަރުވާތެރި، މަސައްކަތުގެ އަޚްލާޤު ހިފެހެއްޓެވި، މުވައްޒަފުންނަށް ނަމޫނާ ދެއްކެވި ބޭފުޅެއްގެ ގޮތުގައެވެ. 

މަރްޔަމް ޙަލީމް ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ، 19 ނޮވެންބަރު 2021 ގައެވެ.