އަލްފާޟިލް ޙަސަން ޝުކުރީ
ގ. ޝާމިލް

ޙަސަން ޝުކުރީ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 ސެޕްޓެންބަރު 1959 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މަޢާރިފްގެ ޕިޔޯނެއްގެ ވަޒީފާއެވެ. އޭގެފަހުން، މަޢާރިފް (ށ)ގެ މަޖީދިއްޔާގެ ޕިޔޯނު ކަމާއި، މަޢާރިފް (ރ)ގެ ޕިޔޯނު ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕިޔޯނު ކަމާއި، ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓް (ހ)ގެ ޕިޔޯނު ކަމާއި، މުލީއާގޭ ޕިޔޯނު ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕިޔޯނު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ. އަދި 21 މާރިޗު 1981 ގައި އެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ، 5 އެޕްރީލް 1981 ގައި ކޯޓު ނަންބަރު 2ގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ.

ޙަސަން ޝުކުރީ އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައެވެ. 13 އެޕްރީލް 1982 ގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ޕިޔޯނެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވިއެވެ. އަދި އޭގެފަހުން 7 އެޕްރީލް 1986 ގައި މުލީއާގޭ ޕިޔޯނެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތެވެ. އަހަރެއްހާ ދުވަހު މުލީއާގޭ ވަޒީފާގައި އުޅުއްވުމަށްފަހު، އޭގެފަހުން ރިޓަޔަރ ކުރައްވަންދެން ހުންނެވީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވަޒީފާގައެވެ. އެ މިނިސްޓްރީގެ ސީނިއަރ މެސެންޖަރު ކަމާއި، އިސް ސަރުދާރު ކަމާއި، ފޯމަނެއްގެ ވަޒީފާ އަދާކުރެއްވިއެވެ.

ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ޙަސަން ޝުކުރީ ކުރެއްވި މައިގަނޑު މަސައްކަތަކީ، އެކިއެކި އޮފީސްތަކަށާއި، އެކިއެކި މީހުންނާ ހަވާލުކުރަންޖެހޭ ލިޔުންތައް ހަވާލުކުރެއްވުމުގެ މަސައްކަތެވެ. މިހާ ދިގު މުއްދަތެއްގައި އެއްވެސް ފޫހިފުޅުވުމެއްނެތި، ޙަސަން ޝުކުރީ ޚިދުމަތް ކުރެއްވީ، ދައުލަތަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން ޙަސަން ޝުކުރީގެ ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުންނެވެ. ޙަސަން ޝުކުރީއަކީ، ސަރުކާރުގެ ވަޒީފާގެ ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރެއްވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތް ކުރެއްވި، އެހެން މުވައްޒަފުންނަށް ރީތި މިސާލެއް ދެއްކެވި ބޭފުޅެއްވެސް މެއެވެ.

ޙަސަން ޝުކުރީ ހުރިހާ އިދާރާއެއްގައިވެސް ޚިދުމަތް ކުރެއްވިއިރު، އެ ޚިދުމަތުގެ އަގު، އެ ދާއިރާގެ އިސްބޭފުޅުން ވަޒަންކުރައްވައި، ޝުކުރީގެ ޚިދުމަތްތަކަށް ވަނީ ތަޢުރީފު ކުރައްވައިފައެވެ.

49 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއް ވަންދެން ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، އުމުރުން 65 އަހަރުވެގެން ޙަސަން ޝުކުރީ ރިޓަޔަރ ކުރެއްވީ، 29 ސެޕްޓެންބަރު 2009 ގައެވެ.