އަލްފާޟިލް މުޙައްމަދު އިބްރާހީމް
ޗާނދަނީވިލާ ރ. ވާދޫ

މުޙައްމަދު އިބްރާހީމަކީ، އުފަން ރަށް، ރ. ވާދޫގެ ވެރިކަމުގެ މަގާމުގައި ހުންނަވައިގެން، އެ ރަށަށް ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 22 ޖޫން 1958 ގައި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، ރ.ވާދޫ މުދިމު ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، ރ. ވާދޫ ކަތީބު ކަމަށް ހަމަޖެއްސެވީ، 18 މޭ 1959 ގައެވެ. މުޙައްމަދު އިބްރާހީމް ވާދޫ ކަތީބުކަން، 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ. ފުރަތަމަ ޕެންޝަން 22 ޖޫން 1978 ގައި ލިބިވަޑައިގެންނެވިއިރު އަދި ދެވަނަ ޕެންޝަން 22 ޖޫން 1998 ގައި ލިބިވަޑައިގެންނެވިއިރުވެސް ހުންނެވީ ކަތީބު ކަމުގައެވެ.

މުޙައްމަދު އިބްރާހީމަކީ، ކަތީބު ކަމުގެ މަގާމުގައި ހުންނަވައިގެން، ވާދޫގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ކަތީބު ކަމުގެ މަގާމު ދެއްވުމާ ގުޅިގެން، މުޙައްމަދު އިބްރާހީމް އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވީ، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރެއްވުމަށެވެ. އެ ވަގުތަކު ރަށަށް ބޭނުންވެފައިވާ އެންމެ މުހިންމު ކަންކަން، އެ ވަގުތަކު ހަމަޖެއްސެވެން އޮތް ގޮތަކަށް ހަމަޖައްސަވައި ދެއްވަމުން ގެންދެވިއެވެ. އަދި ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުންނާ ގުޅިގެން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި މުޙައްމަދު އިބްރާހީމާ މެދު އުފެދިފައިވާ އިތުބާރަކީ، ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެހާ ގިނަ ދުވަހު މުޙައްމަދު އިބްރާހީމަށް ކަތީބު ކަމުގައި ހުންނަވައިގެން ރަށަށް ޚިދުމަތް ކޮށްދެއްވުނީ، ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތުމުން ކަމަށް މުޙައްމަދު އިބްރާހީމް ދެކެވަޑައިގަންނަވައެވެ.

13 ސެޕްޓެންބަރު 2000 ގައި ވާދޫ ކަތީބު ކަމުން ރ. އަތޮޅު އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމަށް މުޙައްމަދު އިބްރާހީމް ބަދަލުކުރެއްވިއެވެ. 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 49 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އޭރު ހުންނެވީ، ރ. އަތޮޅު އަތޮޅުއޮފީހުގެ އެހީތެރިޔާގެ މަގާމުގައެވެ.

މިހާ ދިގު މުއްދަތެއްގައި ދައުލަތަށް ކުރެއްވި ޚިދުމަތް، މިއަދުގެ ސަރުކާރުން ވަޒަންކުރައްވައި، މިފަދަ ޝަރަފުވެރި އިނާމެއް ދެއްވުމަށް ނިންމެވި ނިންމެވުމަކީ މުޙައްމަދު އިބްރާހީމަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.