އަލްފާޟިލް މޫސާ ޢަލީ
ގ. ފީނި

މޫސާ ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޖޫން 1958 ގައި އުމުރުން 16 އަހަރުގައެވެ. ޙަމީދިއްޔާގެ މުދައްރިސްކަން 14 މަހެއްހާ ދުވަހު ކުރައްވައި، ވުޒާރަތުލް މާލިއްޔާ (ރ) ގައާއި، ވަޒީރުލް އަޢުޡަމުގެ އޮފީހުގައި 1 ނަންބަރު ކާތިބު ކަމުގެ ވަޒީފާ 3 މަހެއްހާ ދުވަހު އަދާކުރެއްވުމަށްފަހު، 22 ނޮވެންބަރު 1959 ގައި ހަވާލުކުރެއްވީ، އޭރު ސިލޯނުގެ ކެންޑީގެ ޓްރިނިޓީ ކޮލެޖުގައި ކިޔެވުމަށް ގޮސް ތިބި ދިވެހި ދަރިވަރުންނަށާއި، ސެއިންޓް އެންތަނީސް ކޮލެޖުގައި، ދިވެހިބަހާއި ދީނިއްޔާތު ކިޔަވައި ދެއްވުމަށް ހުންނަވާ ޚާއްޞަ މުދައްރިސް ކަމުގެ ވަޒީފާއެވެ.

މޫސާ ޢަލީ، 8 އަހަރެއްހާ ދުވަހު ސިލޯނުގައި ކިޔަވައި ދެއްވުމަށްފަހު، 7 ނޮވެންބަރު 1967 ގައި ދެން ބަދަލުކުރެއްވީ، މަދަރުސަތުލް އަމީނިއްޔާގެ ޚާއްޞަ މުދައްރިސް ކަމުގެ މަގާމަށެވެ. ގާތްގަނޑަކަށް 4 އަހަރާ ބައިގެ މުއްދަތަށް އަމީނިއްޔާގައި ޚިދުމަތް ކުރެއްވުމަށްފަހު، އޭރުގެ އެއަރޕޯޓް އޮފީހުގައްޔާއި ޓެލެކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓުގައި 7 އަހަރާއި 3 މަސްދުވަހުގެ މުއްދަތަށް، ވަޔަރލެސް އޮޕަރޭޓަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

އޭގެފަހުން އަނެއްކާވެސް އަމީނިއްޔާ ސްކޫލަށް ބަދަލުވެވަޑައިގެން، 28 އަހަރާއި 9 މަހަށްވުރެ ދިގު މުއްދަތަކަށް އެ ސްކޫލްގެ މުދައްރިސް ކަމާއި، ދިވެހި މުދައްރިސް ކަމާއި، ސުޕަވައިޒަރުގެ މަގާމު ފުރުއްވިއެވެ. މި މުއްދަތުގެ ތެރޭގައި، އެ ސްކޫލްގެ ދިވެހި އަދަބީ ޘަޤާފީ ހަރަކާތްތަކަށް އެހީވެދެއްވާ މުދައްރިސްގެ މަގާމު، 24 އަހަރާއި 3 މަސް ދުވަހު އަދި ދިވެހި ހެޑް އޮފް ޑިޕާޓްމަންޓުގެ މަގާމު، 20 އަހަރު ދުވަހު ފުރުއްވައިފައި ވެއެވެ. އަދި އިތުރު ވަޒީފާއެއްގެ ގޮތުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އިމްތިޙާނު ކޮމިޓީގެ މެންބަރުކަން 15 އަހަރާއި 10 މަސް ދުވަހު ކުރައްވައިފައި ވެއެވެ. އަމީނިއްޔާ ސްކޫލްގެ ދިވެހި އަދަބީ ޖަމުޢިއްޔާ "އެކުވެރިކަމުގެ ޗޭނު" އުފައްދަވައި، މޫސާ ޢަލީގެ މަސްއޫލުވެރިކަމުގެ ދަށުން މެދުނުކެނޑި 25 އަހަރު ހިންގަވައި، އެ ޖަމުޢިއްޔާގެ މަޖައްލާ "އެހީތެރިޔާ"ގެ 25 އަދަދު ޗާޕުކޮށްގެން ނެރެފައި ވެއެވެ. މީގެ އިތުރުން، 1980 ވަނަ އަހަރު ފެށުނު އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ކުލާސްތަކުގައި ކިޔަވައިދެއްވައި، ބޮޑުފެންވަޅުގޭގައި އިންގްލިޝް ޕްރިޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް ހުޅުވީއްސުރެ 25 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ދިވެއްސާއި އިސްލާމް ކިޔަވައި ދެއްވައިފައި ވެއެވެ.

މޫސާ ޢަލީގެ ލިޔުއްވުމުގެ މަސައްކަތްތަކަށް ބަލައިލާއިރު، 1995 ވަނަ އަހަރު ޤައުމީ ކުތުބުޚާނާ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުވައިލި ފޮތް ލިޔުމުގެ މުބާރާތަށް ހުށަހެޅުއްވި "ދިވެހިންގެ އާދަކާދަ" މި ފޮތް 1 ވަނަ އަށް ހޮވި، ޗާޕުކޮށްގެން ނެރެފައި ވެއެވެ. އަދި 1979 ވަނަ އަހަރު ފާހަގަކުރި ބައިނަލްއަޤުވާމީ ކުޑަކުދިންގެ އަހަރުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވައިލި ފޮތް ލިޔުމުގެ މުބާރާތަށް ހުށަހެޅުއްވި "ކުޑަކުދިންގެ އުފާ" 1 އަދި 2، މުބާރާތުން 3 ވަނައަށް ހޮވި، ޗާޕުކޮށްގެން ނެރެފައި ވެއެވެ. މިނޫނަސް "ކުޑަކުދިންގެ ވަނަވަރު"ގެ ނަމުގައި ލިޔުއްވި ފޮތާއި، ޢަރަބި ތާނަ ރީތިކޮށް ލިޔަން ދަސްކުރުމަށް އެހީގެ ގޮތުގައި ނެރުއްވި ފޮތްތައް ހިމެނެއެވެ. ޅެންވެރިކަމުގެ މަސައްކަތުގައި، މޫސާ ޢަލީ ހެއްދެވި "ހިންދު އެ މާކަނޑު ތެރެއިން" އަދި 1994 ވަނަ އަހަރު އަމީނިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީ ލަވައަކަށް ހޮވުނު "ނެރޭށެ ޖޯޝެއް ދަރިން އަމީނީ" ފާހަގަކޮށްލެވެއެވެ.

މޫސާ ޢަލީ ފާހަގަކުރެވިފައި ވަނީ ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތާއި ހާޒިރީއަށް އިސްކަން ދެއްވައިގެން ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި، ދަރިވަރުންނާއި މުވައްޒަފުންނަށް ވަރަށް އެހީތެރިވެދެއްވި، ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކިޔަވައިދެއްވި އެތައް ދަރިވަރުންގެ ލޯބި ހޯއްދަވައިފައިވާ މުދައްރިސެއްގެ ގޮތުގައިވެސް މެއެވެ.

މޫސާ ޢަލީއަށް ވަނީ 31 ޑިސެންބަރު 1990 ގައި މިނިވަން 25ގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން 25 ނޮވެންބަރު 1996 ގައި އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ވަނީ އަރުވައިފައެވެ.

މޫސާ ޢަލީއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ، 17 ޖޫން 1978 ގައެވެ. އަދި ދެވަނަ ޕެންޝަން 17 ޖޫން 1998 ގައި ލިބިވަޑައިގެންފައި ވެއެވެ. ޤާނޫނަށް ގެނައި ބަދަލަކާ ގުޅިގެން، 1 މޭ 2008 ގައި ސަރުކާރުގެ ވަޒީފާއިން މުސްކުޅި ކުރައްވައި، ވަކިކުރެއްވުމާ ހަމައަށް، މެދުކެނޑުމެއްނެތި 49 އަހަރާއި 10 މަހާއި 14 ދުވަހު، މޫސާ ޢަލީ ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.