އަލްފާޟިލް މުޙައްމަދު އިސްމާޢީލް
ޒަމާލިކް ތ. ކިނބިދޫ

މުޙައްމަދު އިސްމާޢީލް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 އޮކްޓޫބަރު 1959 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކިނބިދޫ ވަގުތީ މުދިމު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، ކިނބިދޫ ކުޑަކަތީބުކަން 3 އަހަރެއްހާ ދުވަހު ކުރެއްވުމަށްފަހު، 22 އޮކްޓޫބަރު 1978 ގައި ކިނބިދޫ ވަގުތީ މުދިމެއްގެ ވަޒީފާއަށް އަލުން ބަދަލުވެވަޑައިގަތެވެ. އަދި 1 ނޮވެންބަރު 1990 ގައި ކިނބިދޫ މުދިމު ކަމުގެ ވަޒީފާ ހަމަޖެހިގެންދިޔައެވެ.

27 އޮގަސްޓު 2009 ގައި މުޙައްމަދު އިސްމާޢީލް ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 49 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، އިމާމު ކަމުގެ މަގާމުގައެވެ. ބައި ޤަރުނާ ކައިރިކުރާ މުއްދަތަކަށް މުޙައްމަދު އިސްމާޢީލް ދައުލަތަށް ޚިދުމަތް ކުރެއްވިއިރު، އޭގެތެރެއިން 45 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވީ، މުދިމު ކަމުގައެވެ. މިއީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މުދިމު ކަމުގައި ހުންނެވިއިރު، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިން އެ ރަށުގައި ކުޑަކުދިންނަށް ހިންގެވި ޤުރްއާން ކުލާސްތައްވެސް ހިންގަވައި ދެއްވިއެވެ.

އެންމެ ފުރަތަމަ ވަގުތީ މުދިމު ކަމުގެ ވަޒީފާ ހަމަޖެހުނުއިރު، މުޙައްމަދު އިސްމާޢީލް ހަމައެކަނި އިމާމުވެ ނަމާދުކުރެއްވީއެއް ނޫނެވެ. މިސްކިތް ފޮޅައި ސާފުކޮށް ބަލަހައްޓައި، އަދި ނަމާދުވަގުތަށް ތައްޔާރުވުމުގެ ގޮތުން މިސްކިތުގައި ކުރަންޖެހުނު ކަންކަން ކުރައްވަމުން ގެންދެވިއެވެ. މުޙައްމަދު އިސްމާޢީލަކީ މިކަމުގައި ނަމޫނާ ބޭފުޅެކެވެ. މިސްކިތެއް ކަމަށްވިޔަސް، އެތަން ސާފުކޮށް ރީތިކޮށް އަބަދުވެސް ބޭއްވުމުގައި މިސްކިތުގެ އިމާމުގެ ދައުރު، މިފަދަ ފުރުޞަތެއްގައި ހަނދާންކޮށްލަން ޖެހެއެވެ.

މުޙައްމަދު އިސްމާޢީލް، ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި އިމާމު ކަމުގެ ވަޒީފާގައި މިހާ ގިނަ ދުވަހު ދެމިހުންނެވިކަން އެއީ، މާތްވެގެންވާ އިސްލާމްދީނަށާއި ދިވެހި ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ދެއްކެވި ލާމަސީލު ނަމޫނާއެއްކަމާމެދަކު ޝައްކެއްނެތެވެ.

ބައިޤަރުނާ ކައިރިކުރާ މުއްދަތަކަށް، ދައުލަތަށް މި ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އެކަމުގެ ޝަރަފުވެރި އިނާމެއް ދެއްވުމަށް މިއަދުގެ ސަރުކާރުން ނިންމެވިކަން އެއީ، މުޙައްމަދު އިސްމާޢީލަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެކެވެ. އަދި މިފަދަ ޝަރަފެއް ދުވަހަކުވެސް ލިބިވަޑައިގެންފާނެ ކަމަކަށް މުޙައްމަދު އިސްމާޢީލް އެއްގޮތަކަށްވެސް އުއްމީދު ކުރައްވައިފައެއް ނުވެއެވެ.