އަލްފާޟިލާ ޒަހީރާ އަޙްމަދު
ހ. ލައިލެކްހައުސް

ޒަހީރާ އަޙްމަދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 އޮކްޓޫބަރު 1963 ގައި ޕޯސްޓް އޮފީސް (ށ) ގައި އޮޕަރޭޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން 13 ޖުލައި 1967 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އަލުން ޚިދުމަތް ފެށްޓެވީ، 5 ނޮވެންބަރު 1967 ގައި ސ. ބޮޑުއިސްޓޯރުގެ ހިސާބު ބަލަހައްޓާ ކާތިބާއެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ވުޒާރަތުލް މާލިއްޔާ (ބ)ގެ ވަގުތީ ދެ ނަންބަރު ކާތިބާ ކަމާއި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ 1 ނަންބަރު ކާތިބާ ކަމާއި، ސްޕެޝަލް ވެލްފެއަރ ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ 2 ނަންބަރު ކާތިބާ ކަމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ 2 ނަންބަރު ކާތިބާ ކަމާއި، މެރިން ޑިވިޜަންގެ 2 ނަންބަރު ކާތިބާކަން ހިމެނެއެވެ. މި ދާއިރާތަކުގައި ޒަހީރާ ޚިދުމަތް ކުރެއްވިއިރު، މައިގަނޑު ގޮތެއްގައި ކުރައްވައިފައި ވަނީ އިދާރީ މަސައްކަތްތަކެވެ. މީގެތެރޭގައި، ފައިސާއާބެހޭ ކަންތައްވެސް ހިމެނެއެވެ.

5 އޮކްޓޫބަރު 1980 ގައި ޒަހީރާ އަޙްމަދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ1 ނަންބަރު ކާތިބާ ކަމުގެ މަގާމަށް ބަދަލުވެވަޑައިގެންނެވި ހިސާބުން ފެށިގެން 1 ފެބުރުވަރީ 2014 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ޚިދުމަތް ކުރެއްވީ، ޝަރުޢީ ދާއިރާގައެވެ. ޝަރުޢީ ދާއިރާގެ އެކި ކޯޓުތަކުގައި ޒަހީރާ ވަނީ ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން، ކޯޓު ނަންބަރު 4ގެ 1 ނަންބަރު ކާތިބާ ކަމާއި، ކޯޓު ނަންބަރު 5ގެ 1 ނަންބަރު ކާތިބާ ކަމާއި، ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 1ގެ ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 7ގެ ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، ކޯޓު ނަންބަރު 3ގެ ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. އަދި ކުޑަކުދިންނާ ބެހޭ ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، ކޯޓު ނަންބަރު 1ގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަންވެސް ކުރެއްވިއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކުޑަކުދިންނާ ބެހޭ ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

ޒަހީރާ އަޙްމަދު، ޝަރުޢީ ދާއިރާގައި ޚިދުމަތް ކުރެއްވިއިރު، ކޯޓުތަކުގައި ހިންގައިފައިވާ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުފަދަ ލިޔުންތައް، ފަރުވާތެރިކަމާއެކު އަތުން ލިޔުއްވުމާއި، ޝަރީޢަތާ ގުޅޭގޮތުން ކުރައްވަންޖެހޭ އިދާރީ މަސައްކަތްތައް ވަނީ ކުރައްވައިފައެވެ.

ކުޑަކުދިންނާ ބެހޭ ކޯޓުގައި ޒަހީރާ އަޙްމަދު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އެ ކޯޓުން ވަނީ ހަނދާނީ އައްޑަނައެއްވެސް އަރުވައިފައެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި 49 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެއްވެސް މައްސަލައެއް ޖެހިގެން އެއްވެސް ފިޔަވަޅެއް އަޅުއްވައިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރައްވައި، މިފަދަ ޝަރަފެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އެއީ، ޒަހީރާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ. އަދި މިއީ ޒަހީރާ މިހާތަނަށް އެއްގޮތަކަށްވެސް އުންމީދު ކުރެއްވި ކަމެއްވެސް ނޫނެވެ.