ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު
ގ. ފަސާނާ

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކަކީ، ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް އަދި ސިފައިންގެޔަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. 1959 ވަނަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހު މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިން ޚިދުމަތް ފަށްޓަވައި، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި ސިފައިންގޭގައި ޚިދުމަތް ކުރެއްވުމަށްފަހު، 2009 އޮގަސްޓު 1 ވަނަ ދުވަހު ދިވެހި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަނީ ރިޓަޔަރ ކުރައްވައިފައެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ވަގުތަށް ކަމޭހިއްތަވައިގެން، ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ޤާބިލުކަމާއި ތެދުވެރިކަމާއެކު، އެ ކަމަކަށް އިސްކަން ދެއްވައިގެން އަދި މުވައްޒަފުންނާ ގުޅިވަޑައިގެން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ސިފައިންގޭގައި އެކި ދުވަސްވަރު ކޮށްފައިވާ ބޮޑެތި މަސައްކަތްތަކާއި، ޤައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ސިފައިން ހަރަކާތްތެރިވިއިރު، އެ މަސައްކަތްތަކުގައި ޢަމަލީގޮތުން އަޙްމަދު މަނިކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި، 1959 ވަނަ އަހަރުގެ ތެރޭގައި ހިނގައިދިޔަ ހުވަދޫ ބަޣާވާތުގައި، މޯލްޑިވްސް ސްޓާރގައި ގައްދުއަށާއި ތިނަދުއަށް ވަޑައިގެން، ކުރައްވައިފައިވާ މަސައްކަތްތަކާއި، ހއ. އަތޮޅުގެ ކަނޑުގެ ސަރަޙައްދު ބެލުމަށް ގޯލްޑަން ރޭގައި ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކާއި، 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ބިރުވެރި ޢުދުވާނީ ޙަމަލާގައި، ދިވެހި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަސައްކަތްތަކާއި، ސުނާމީ ކާރިސާގައި ދިވެހި ސިފައިން އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ހާޒިރީއަށާއި މަސައްކަތަށް ވަރަށް ބޮޑަށް ފަރުވާބެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، 13 މާރިޗު 1980 އިން 13 މާރިޗު 1989 އަށް ގަޑިޖެހުމެއްނެތި އަދި ސަލާމެއް ވިދާޅުނުވެ، ޗުއްޓީއެއް ނުނަންގަވައި، ޑިއުޓީ މަރާ އެން.ސީ.އޯ.އެއްގެ ގޮތުގައި ފާހަގަކުރެވި، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، އިނާމާއި ހަނދާނީ ލިޔުން ވަނީ ލިބިވަޑައިގެންފައެވެ. އަދި ސިފައިންގެ ތެރެއިން މަސައްކަތަށް ހާޒިރުވުމުގައްޔާއި ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައިފައިވާތީ، އެންމެ ރަނގަޅު އެން.ސީ.އޯ.އެއްގެ ގޮތުގައިވެސް އަޙްމަދުމަނިކު ވަނީ ހޮވިވަޑައިގެންފައެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު ފުރަތަމަ ވަޒީފާ އަދާކުރެއްވީ، ޕްރައިވެޓް ރޭންކުގައެވެ. އޭގެފަހުން ލާންސް ކޯޕްރަލް ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ ރޭންކް ފުރުއްވައިފައި ވެއެވެ. ލެފްޓިނަންޓް ކަމުގެ ރޭންކަށް ބަދަލުކުރެއްވީ، 21 އެޕްރީލް 2009 ގައެވެ.

ލެފްޓިނަންޓް (ރިޓަޔަރޑް) އަޙްމަދުމަނިކު، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި، 7 މެޑެއްޔާއި، އެކި ކުލަ ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަދި އަޚްލާޤީ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ.