އަލްފާޟިލާ އާމިނަތު ވަޙީދާ
ހ. މާހާ

އާމިނަތު ވަޙީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ސެޕްޓެންބަރު 1969ގައި ގަވަރންމަންޓް ހޮސްޕިޓަލްގައި ނާރސް އެއިޑެއްގެ މަގާމުގައެވެ. ޚިދުމަތުގައި އާމިނަތު ވަޙީދާ ހޭދަކުރެއްވި 52 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ގަވަރންމަންޓް ހޮސްޕިޓަލްގެ ނާރސް އެއިޑްގެ މަގާމާއި، ތަރުޖަމާނު ކަމުގެ މަގާމާއި، ސެންޓްރަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ނާރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނާރސްގެ މަގާމާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ އެސިސްޓެންޓް ނާރސްގެ މަގާމާއި، ސީނިއަރ ނާރސްގެ މަގާމާއި، ޕްރެކްޓިކަލް ނާރސްގެ މަގާމާއި، އަދި އެންރޯލްޑް ނާރސްއެއްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ގަވަރންމަންޓް ހޮސްޕިޓަލާއި، ސެންޓްރަލް ހޮސްޕިޓަލްގައި ނަރުހެއްގެ ވަޒީފާ އަދާކުރެއްވިއިރު އާމިނަތު ވަޙީދާ ފާހަގަކުރެވިފައި ވަނީ ވަރަށް ހީވާގި، އަދި ބަލިމީހުންނަށް އޯގާތެރި، ވަޒީފާގެ ޒިންމާތައް، އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. 1986 ގައި ސެންޓްރަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވުމާ ގުޅިގެން، މަސައްކަތް ކުރައްވަމުން ގެންދެވީ ބްލަޑް ބޭންކުގައެވެ.

އާމިނަތު ވަޙީދާ މިހާރު ޚިދުމަތް ކުރައްވަނީ ބްލަޑް ބޭންކުގައެވެ. ބްލަޑް ބޭންކުގެ ގަވާއިދުތަކުގެ ޑްރާފްޓް އެކުލަވައިލުމަށްޓަކައި އޮފީހުގައި ޤާއިމުކުރެވުނު، ބްލަޑް ޓްރާންސްފިއުޝަން ކޮމިޓީގެ މަސައްކަތް ރާވައި ހިންގެވުމުގައި ވަރަށް ހީވާގިކަމާއެކު އިސްނަންގަވައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ބްލަޑް ޑޯނަރުންގެ ގައިން ރައްކާތެރިކަމާއެކު ލޭ ނަގައި، ލޭ ރައްކާކޮށް އަދި ބްލަޑް ބޭންކުގައި ހުންނަ ލޭ ޕައިންޓްތަކުގެ ރެކޯޑް ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމު ކުރައްވައި، ލޭ އަޅަން ބޭނުންވާ ބަލިމީހުންނަށް ލޭ ފޯރުކޮށްދިނުމާއި، ލޭ ހަދިޔާކުރާ މީހުން، ލޭ ހަދިޔާ ކުރުމަށް ޝައުގުވެރިކުރުވައި، އެކަމަށް މީހުން ހޭލުންތެރިކުރުވުން ހިމެނެއެވެ.

ހޮސްޕިޓަލަށް ބޭނުންވާ ލޭ ހޯދުމަށް ބާއްވާ ބްލަޑް ކޭމްޕުތަކުގައި އާމިނަތު ވަޙީދާ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދަވައެވެ. އަދި ބްލަޑް ބޭންކުތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ކުރިއެރުވުމުގެ ގޮތުން، އައި.ޖީ.އެމް.އެޗް.، އޭ.ޑީ.ކޭ. އަދި އަތޮޅުތެރޭގެ ބްލަޑް ބޭންކުތަކަށް ބޭނުންވާ ނަރުހުންނަށް ބްލަޑް ބޭންކާ ގުޅޭ ތަމްރީނު ދިނުމުގައި، އިސް ދައުރެއް އަދާކުރައްވާކަން ފާހަގަކޮށްލަންޖެހެއެވެ.

އާމިނަތު ވަޙީދާ ވަނީ ހޮސްޕިޓަލުގެ ފަރާތުން ބާއްވާ އެކިއެކި ޙަފުލާތަކުގައި ޢަމަލީގޮތުން ބައިވެރިވެ އިސް ރޯލެއް އަދާކުރައްވައިފައެވެ. މިހާ ދިގު މުއްދަތެއް ވަންދެން ވަޒީފާގައި ދެމިހުންނެވިއިރު އާމިނަތު ވަޙީދާ ފާހަގަކުރެވިފައި ވަނީ، ގަޑިއަށް ސަމާލުކަން ބަހައްޓަވާ، ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތަށް އިސްކަން ދެއްވައިގެން ވަޒީފާ އަދާކުރައްވަމުން ގެންދަވާ، ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އާމިނަތު ވަޙީދާ، ސިވިލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ 3 މާރިޗު 2014 ގައެވެ. ސިވިލް ސަރވިސްގެ ވަޒީފާއިން ރިޓަޔަރ ވުމަށްފަހު، 4 މާރިޗު 2014 އިން 7 އެޕްރީލް 2015 އަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ހިލޭ ސާބަހަށްވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި 8 އެޕްރީލް 2015 އިން ފެށިގެން ކޮންޓްރެކްޓް އުސޫލުން އަދާކުރައްވަމުން ގެންދަވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑް ބޭންކުގެ ޑިރެކްޓަރުގެ މަގާމެވެ.