ރޮބޯމޭން

ހުނަރުވެރި ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ އިނާމު ހާސިލުކުރަނީ "ރޮބޯމޭން"ގެ ގޮތުގައި ރާއްޖޭގައި ވަރަށް މަޝްހޫރުވެފައިވާ ކެރެކްޓަރެވެ. ރޮބޯމޭން ކެރެކްޓަރ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވެގެންދިޔައީ، 2015 ވަނަ އަހަރުއެވެ. މިއަދު ރޮބޯމޭން ވެފައި ވަނީ ވަރަށްގިނަ ބައެއްގެ، ޚާއްޞަކޮށް ކުޑަކުދިންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާއި ޤަދަރެއް ދެވިފައިވާ ކެރެކްޓަރަކަށެވެ. ތަފާތު އެތައް މުނާސަބަތުތަކެއްގައި، ރޮބޯމޭންގެ ހަރަކާތްތައް ފެނިގެން ގޮސްފައި ވެއެވެ. މާލޭގެ އިތުރުން، ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުގައްޔާއި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ރޮބޯމޭން ފެނިފައި ވެއެވެ.