ސާރޖަންޓް ޢަބްދުﷲ ޝަހުނީޒް
އޯކިޑުމާގެ ނ. ޅޮހި

ސާރޖަންޓް ޢަބްދުﷲ ޝަހުނީޒަކީ، މޯލްޑިވްސް ޕޮލިސް ސަރވިސަސްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހީވާގި ޒުވާނެކެވެ. ހިލޭ ސާބަހަށް މަސައްކަތްކުރުމާއި، ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތް ޝަހުނީޒް ކުރައްވަމުން ގެންދަވާތާ މިހާރު 9 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ޢަބްދުﷲ ޝަހުނީޒް ޚާއްޞަ ވެގެންދަނީ، ހިލޭ ސާބަހަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޒުވާނެއްގެ ގޮތުގައެވެ. ޒުވާނުންނަށް އެކި ފުރުޞަތުތައް ފަހިކޮށްދެއްވައި، އެކި ކަންކަމުގައި ޒިންމާދާރުކަމާއެކު ކުރިއަށް ނުކުތުމަށް ޒުވާނުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އެކިއެކި ތަމްރީނުތައް ޝަހުނީޒް ދެއްވަމުން ގެންދަވައެވެ. ޒުވާނުންނަށް މަންފާ ކުރާނޭ އެކި ފުރުޞަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ޝަހުނީޒް ގެންދަވަނީ ހޯއްދަވައި ދެއްވަމުންނެވެ.

ޒުވާނުން ބާރުވެރިކުރުވުމުގެ ގޮތުން ޒުވާނުންނަށް ޚާއްޞަ ކުރައްވައިގެން ޝަހުނީޒް އެކިއެކި ޕުރޮގުރާމުތައް ހިންގަވައިފައި ވެއެވެ. އެގޮތުން، ކޮލެޖް، ޔުނިވަރސިޓީ، ކްލަބް، އެސޯސިއޭޝަން، އަދި އެން.ޖީ.އޯ ލެވެލްގައްޔާއި، ޤައުމީ ލެވެލްގައި ތަފާތު ޢިލްމީ ފޯރަމްތަކާއި، އިޖުތިމާޢީ ހަރަކާތްތަކާއި ޒުވާނުން ބާރުވެރިކުރައްވައި، ދަރުމަވެރިން އުފެއްދެވުމަށް މެދުކެނޑުމެއްނެތި ޕުރޮގުރާމުތައް ރާއްވަވައި ކުރިއަށް ގެންދަވައިފައި ވެއެވެ. އަދި އެކިއެކި އިދާރާތަކުންނާއި، ޖަމުޢިއްޔާ ޖަމާއަތްތަކާއި، އެސޯސިއޭޝަންތަކުން ހިންގާ ހަރަކާތްތަކަށް ވޮލަންޓިއަރުން ހޯއްދަވައިދެއްވުމުގައްޔާއި، އެ ހަރަކާތްތައް ރާވައި ހިންގުމުގައި މުހިންމު މަސައްކަތްތަކެއް ޝަހުނީޒް ކުރައްވަމުން ގެންދަވައެވެ. އަދި އެމް.އެން.ޔޫ.ގެ ހުރިހާ ކެމްޕަހެއްގައި ދަރިވަރުންގެ ޔޫނިއަންގެ ގޮފިތައް އުފެއްދުމުގައްޔާއި، ދިވެހިރާއްޖޭގެ އެންމެ މެންބަރުން ގިނަ މަދަނީ ޖަމުޢިއްޔާ، އެމް.އެން.ޔޫ.ގެ ދަރިވަރުންގެ ޔޫނިއަން އިތުރު ހަރުފަތަކަށް ގެންދެވުމުގައްޔާއި، އިޖުތިމާޢީ އެކިއެކި ކަންކަމާއި، ކުޅިވަރު އަދި ޢިލްމީ މުބާރާތްތައް އިންތިޒާމު ކުރެއްވުމުގައިވެސް ޝަހުނީޒް އިސްދައުރެއް އަދާކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކާ ގުޅިގެން ޝަހުނީޒް ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޯވިޑް-19ގެ އުނދަގޫ ހާލަތުގައިވެސް ކޯވިޑާ ގުޅިގެން ކުރަންޖެހުނު މަސައްކަތްތަކާއި، އަމިއްލަ ހައިސިއްޔަތުން ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ދަރުމަވެރި މަސައްކަތަށް ޒުވާނުން ނެރެދެއްވުމުގައިވެސް ޝަހުނީޒް ކުރައްވައިފައި ވަނީ އަގުހުރި މަސައްކަތްތަކެކެވެ. މި ދަރުމަވެރި ޒުވާނުންގެ ދަތުރުފަތުރުގެ އިންތިޒާމުތައް ފަދަ ކަންކަން ހަމަޖައްސަވައިފައި ވަނީ ޝަހުނީޒް އިސްވެ ހުންނަވައިގެންކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

2014 ން ފެށިގެން، އެމް.އެން.ޔޫ.ގެ ދަރިވަރުންގެ ޔޫނިއަންއާ ގުޅިގެން ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުންނާއި، ލީޑަރޝިޕްގެ ރޮނގުން އެކި ތަމްރީނު ޕުރޮގުރާމުތައް 800 އަށްވުރެ ގިނަ ދަރިވަރުންނަށް ޝަހުނީޒް ވަނީ ހިންގަވައިދެއްވައިފައެވެ. އަދި ގުޅުންހުރި އިދާރާތަކާ ގުޅިގެން ޒުވާނުން، ކުށާއި ކުށުގެ ވަބާއާ ދުރުހެލިކުރުވުމުގެ މަސައްކަތްވެސް ޝަހުނީޒް ކުރައްވައިފައި ވެއެވެ. ޚާއްޞަގޮތެއްގައި، އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ރައީސް ކަމުގައި ޝަހުނީޒް ހުންނެވިއިރު، އެ ދައުރުގައި 2021 ވަނަ އަހަރު އަދި ދަރިވަރުންގެ ޔޫނިއަންގެ އެކި މަގާމުތަކުގައި 2017 ވަނަ އަހަރުން ފެށިގެން ޝަހުނީޒް ހުންނަވައިގެން ޘަޤާފީ، އިޖުތިމާޢީ، ޢިލްމީ، އަދި ފަންނީ ރޮނގުންނާއި، ކުޅިވަރުގެ އެކި ހަރަކާތްތަކުގައި ގިނަ ޒުވާނުންތަކަކަށް ފުރުޞަތު ދެއްވައި، ލީޑަރޝިޕަށް ނެރެދެއްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީން ޝަހުނީޒް ވަކިވެވަޑައިގަތުމަށްފަހުގައިވެސް ޖަމުޢިއްޔާއިން ހިންގަމުން ގެންދާ އިޖުތިމާޢީ އެންމެހައި ހަރަކާތްތައް ރާއްވަވައި ހިންގެވުމުގައި ހިލޭސާބަހަށް އެހީތެރިކަން ފޯރުއްވައިދެއްވައި، އެ ހަރަކާތްތަކުގައި މިއަދާ ހަމަޔަށްވެސް ޢަމަލީގޮތުން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

2018 ވަނަ އަހަރު މުޅީން އަލަށް "ލީޑާރސް ގްރޫޕް"ގެ ނަމުގައި އިސްވާރުންގެ ގްރޫޕެއް އުފައްދަވައި، އެމް.އެން.ޔޫ.ގެ އަތޮޅުތެރޭގެ ހުރިހާ ކެމްޕަހެއްގައި، އެމް.އެން.ޔޫ.ގެ ދަރިވަރުންގެ ޔޫނިއަންގެ ދަށުން ގޮފިތައް އުފައްދަވައި، މެދުކެނޑުމެއްނެތި އެ ޖަމުޢިއްޔާގެ މެންބަރުންނަށް ލީޑަރޝިޕް އަދި ދަރުމަވެރިކަމުގެ ރޮނގުން މަސައްކަތް ކުރުމުގެ ތަމްރީނު ދެއްވުމުގައި ޝަހުނީޒް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، ޖަމުޢިއްޔާގެ މާކެޓިންގއާ ބެހޭ ކަންތައްތަކާއި، ބަޖެޓް އަދި ލިޔެކިޔުންތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތްތަކާއި،
އެމް.އެން.ޔޫ.ގެ ދަރިވަރުންނާއި، ދަނާލުތަކުގައި ދިރިއުޅޭ ދަރިވަރުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ދަނާލުތަކުގެ ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ދަރިވަރުންގެ ޔޫނިއަންގެ ޒުވާނުން އެކި ކަންކަމުގައި ބައިވެރިކުރެއްވުން އިތުރުކުރުމުގެ މަޤްޞަދުގައި، "އިޖުތިމާޢީ ދަތުރު" ތައް ފަދަ ހަރަކާތްތައް ޝަހުނީޒް ރާއްވަވައި ހިންގަވައިފައި ވެއެވެ.

އިޖުތިމާޢީ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޝަހުނީޒުގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖޭގެ ގިނަ ޒުވާނުން މި ދާއިރާއިން ހޭލުންތެރި ކުރައްވައި، ވީހާވެސް ގިނަ ޒުވާނުން ހިލޭސާބަހަށް މި މަސައްކަތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އުފެއްދެވުމެވެ. އަދި އަބަދުވެސް މި ދާއިރާގެ ޚިދުމަތުގައި ދެމިހުންނަވައިގެން، އާ އިސްވާރުން މި ދާއިރާއަށް ނެރުއްވުމަކީ، ޝަހުނީޒްގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި ޤައުމު އޭގެ ހާލުގެ ދުލުން ގޮވާލާހިނދު، އެންމެ ކުރީ ސަފުގައި ފަސްޖެހުމެއްނެތި ނުކުންނާނެ ޒުވާނުން ބިނާކުރުމުގައި ދެމިހުންނެވުމެވެ.

މިފަދަ އެކިއެކި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން 2022 ވަނަ އަހަރު ޢަބްދުﷲ ޝަހުނީޒަށް ވަނީ ޒުވާނުންގެ އިނާމު ލިބިވަޑައިގެންފައެވެ.