އަލްފާޟިލް މުޙައްމަދު ނިހާން ނަޞީރު
ހ. ސޯފިޔާ

މުޙައްމަދު ނިހާން ނަޞީރަކީ، ރޭޑިއޯ ޑްރާމާތަކުގައި އަޅުގަނޑުމެންނަށް އިވެމުންދާ ވަރަށް ހިތްގައިމު އަޑެއްގެ ވެރިއެކެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުއްވަމުން ގެންދަވާ އެތައް ޑްރާމާއެއްގައި ތަފާތު އެތައް ރޯލެއް ނިހާން ވަނީ އަދާކުރައްވައިފައެވެ.

11 އޮކްޓޫބަރު 1994ން ފެށިގެން ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ މުޙައްމަދު ނިހާން، ދިވެހިރާއްޖޭގެ އަޑުގެ އެކިއެކި ޑްރާމާތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނީ، ރަސްމީ ވަޒީފާގެ ބޭރުން ކުރައްވާ މަސައްކަތެއްގެ ގޮތުގައެވެ.

ރޭޑިއޯ ޑްރާމާތަކަށް އަޑުއަޅަން ނިހާނަށް ފުރުޞަތު ދެއްވީ، އޭރު ދިވެހިރާއްޖޭގެ އަޑުގެ ޕްރޮޑިއުސަރުގެ މަގާމުގައި ހުންނެވި އަލްމަރްޙޫމާ ޒާހިދާ އިބްރާހީމް (ޒާހިދާ ދައްތަ) އެވެ. ނިހާނަކީ މިފަދަ ޓެލެންޓެއް ހުރި މުވައްޒަފެއްކަން ޒާހިދާއަށް ގަބޫލުކުރެއްވިގެން، އެ ފުރުޞަތު ދެއްވިކަން އެއީ، ނިހާނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެކެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ނިހާން ގެންދެވީ، ލިބިވަޑައިގަންނަވާ ފުރުޞަތުތަކުގެ ބޭނުންހިއްޕަވައި، އަޑުއެހުންތެރިންނަށް ރޭޑިއޯ ޑްރާމާތައް، ނިހާންގެ އަޑުން ގެނެސްދެއްވުމުގެ މަތިވެރި ޢަޒުމުގައި މަސައްކަތް ކުރައްވަމުންނެވެ. މިއީ، ނިހާން ވަރަށް ކުރައްވާހިތްޕުޅުން ކުރައްވާ ކަމަކަށްވާތީ، މިގޮތުން ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ނިހާން ކުރައްވައެވެ. މިކަން ކުރައްވަމުން ގެންދެވީ، ހިލޭސާބަހަށެވެ. ނަމަވެސް، ރޭޑިއޯ ޑްރާމާތަކަށް އަޑުއަޅާ މުވައްޒަފުންނަށް، ދިވެހިރާއްޖޭގެ އަޑުން ވަރަށްފަހުން އެލަވަންސެއް ތަޢާރުފު ކުރެއްވިއެވެ.

ޕީ.އެސް.އެމް.ގެ ޑްރާމާ ރެކޯޑުކުރާ މުވައްޒަފުން ލެވެލްތަކަކަށް ހަމަޖެއްސެވިއިރު، މުޙައްމަދު ނިހާނަކީ މިހާރު އެންމެމަތީ ލެވެލްގައި ހިމަނުއްވައިފައިވާ ބޭފުޅެކެވެ. ނިހާން ވިދާޅުވާގޮތުގައި، ޑްރާމާ ކުޅުމާއި، އަޑުއެޅުމަކީ ޙަޤީޤަތުގައި ވަރަށް އުނދަގޫ ބުރަ މަސައްކަތެކެވެ. އަދި ވަރަށްގިނަ ވަގުތުވެސް ހޭދަވާ ކަމެކެވެ. ބައެއްފަހަރު ފަނަރަވަރަކަށް މިނިޓުގެ ޑްރާމާއެއް ކުޅުމަށް ދެ ގަޑިއިރުވެސް ހޭދަކުރަން ޖެހިފައި ވެއެވެ. ނިހާން ގަބޫލުކުރައްވާ ގޮތުގައި، ޓެލެޑްރާމާއަށްވުރެވެސް ރޭޑިއޯ ޑްރާމާ ކުޅެން އުނދަގޫވާނެއެވެ. ސަބަބަކީ، ރޭޑިއޯ ޑްރާމާއިން އަޑުއެހުންތެރިންނަށް މަންޒަރު ސިފަކޮށްދޭންޖެހެނީ، މީހާ ޑައިލޮގް ކިޔާ ކިޔުމުން، އަޑާއި ރާގަށް ގެންނަ ބަދަލުތަކުންނެވެ. ރޭޑިއޯ ޑްރާމާއަކީ، އެ މީހެއްގެ އަޑުގެ އިޙްސާސުން ހުރިހާ ކަމެއް އަންގައިދޭންޖެހޭ އެއްޗަކަށްވުމެވެ. ދެރައާއި ހިތާމަ، ރުޅިވެރިކަމާއި ލޯތްބާއި، މަޖަލާއި ނުތަނަވަސްކަން އަދި މިނޫންވެސް ގިނަ އެހެން ކަންތައްތަކެވެ. އެހެންކަމުން، މިފަދަ ކޮންމެ ޑްރާމާއެއްގައި ވާހަކަ ދައްކަންޖެހޭ ރާގާއި، އަޑަށް ގެންނަންޖެހޭ ބަދަލުތައް ވަރަށް ތަފާތުވެއެވެ. އެހެން ނަމަވެސް، މިއިން ކޮންމެ ޑްރާމާއެއްގައި އަދާކުރަންޖެހޭ ކޮންމެ ރޯލެއްވެސް ނިހާން ވަރަށް ފުރިހަމައަށް އަދާކުރައްވައެވެ.

ރޭޑިއޯ ޑްރާމާތަކަށް އަޑު އެޅުއްވުމުގައި، އާންމުންގެ މަޤްބޫލުކަން ހޯއްދަވައި، މި ރޮނގުން އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކަށް ނިހާން މިއަދު ވެވަޑައިގެންފައިވަނީ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިގެންނެވެ. އެކިއެކި ޑްރާމާތަކުގައި އަޑު ގެންގުޅޭނެގޮތް ދަސްކުރެއްވުމަށް އެކި ފަރާތްތަކުގެ އެހީތެރިކަން ނިހާން ހޯއްދެވިއެވެ. އަދި މިހާހިސާބަށް ވަޑައިގެންނެވުމަށް އަމިއްލަފުޅަށްވެސް ގިނަ މަސައްކަތްތައް ނިހާން ކުރެއްވިއެވެ. މިގޮތުން، ޙަޤީޤީ ދިރިއުޅުމުގައި ވާހަކަ ދައްކާ ސްޓައިލާއި ރާގަށް ޑްރާމާތައް ރެކޯޑު ކުރެއްވުމަށް ނިހާން އަބަދުވެސް އިސްކަން ދެއްވައެވެ.

ދިވެހިރާއްޖޭގެ އަޑުގައި މިހާތަނަށް 130 އަށްވުރެ ގިނަ ޑްރާމާ ނިހާން ކުޅުއްވައިފައި ވެއެވެ. އެގޮތުން، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އަލްމަރްޙޫމާ ޒާހިދާ އިބްރާހީމް ފެށްޓެވި "އެބައުޅޭ އެބައުޅޭ" ޑްރާމާއެވެ. މި ސިލްސިލާގެ 301 ޑްރާމާއަށް ނިހާން އަޑުއަޅުއްވައި ދެއްވައިފައި ވެއެވެ. ފަހަކަށްއައިސް ނިހާންގެ މަޤްބޫލުކަން އެންމެ ބޮޑަށް އިތުރުވެގެންދިޔައީ، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ހަވީރު ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާ މުނިފޫހިފިލުވުމުގެ ޕުރޮގުރާމް "ދިރިއުޅުން"، މި ޕުރޮގުރާމުންނެވެ. މި ޕުރޮގުރާމް ފޮނުއްވަން ފަށްޓަވައިފައި ވަނީ 2011 ވަނަ އަހަރުއެވެ.

ރޭޑިއޯ ޑްރާމާ ކުޅެން އަންނަ ފަރާތްތަކަށްވެސް ނިހާންގެ ޤާބިލްކަން ހުރި މިންވަރަކުން ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވައި، އަޑުއެޅުމުގައި ސަމާލުކަންދޭންވީ ކަންތައްތަކުގެ މައްޗަށް އިރުޝާދު ދެއްވަމުންނެވެ.