އަލްފާޟިލް އަޙްމަދު ޢަޒުމީ ޙަލީމް
މ. ހަރްމަލްގެ

އަޙްމަދު ޢަޒުމީ ޙަލީމް ނުވަތަ އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ވެފައިވާ ނަމުން ދަންނަވާނަމަ، "ބާޗީ"، ކުރެހުމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ، 2001 ވަނަ އަހަރުއެވެ. އެހެން ނަމަވެސް، މި މަސައްކަތް ދާއިމީގޮތެއްގައި ކުރައްވަން ފަށްޓަވައި، މަސައްކަތުގެ މާޙައުލަށް ނުކުމެވަޑައިގެންފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.

ކުރެހުމުގެ ރޮނގުން ޢަޒުމީ ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވަނީ، އެބްސްޓްރެކްޓް އާޓަށް ކަމުގައިވީނަމަވެސް، ފަހަކަށްއައިސް ކުރެހުމުގެ އިތުރުން، ޢަޒުމީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ، ކުރެހުމުގެ ދާއިރާއިން މީހުން ބިނާކުރައްވައި، އެ މީހުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވައި، ފަހި ފުރުޞަތުތަކެއް މި ރޮނގުން ހޯއްދަވައި ދެއްވުމަށެވެ.

ރާއްޖޭގެ ބައެއް ރިޒޯޓުތަކަށާއި، ސަފާރީތަކަށާއި، ލަގްޒަރީ އެޕާޓްމަންޓްތަކަށް ޢަޒުމީ ވަނީ އެކި ކުރެހުންތައް ކުރައްސަވައި ދެއްވައިފައެވެ. އަދި ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި އާޓް އެގްޒިބިޝަންތަކުގައިވެސް ޢަޒުމީ ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ޢަޒުމީގެ ކުރެހުންތައް މިހާތަނަށް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަފާތު އެކި އާޓް މައުރަޒުތަކުގައި ދައްކައިލައިފައެވެ. އަދި ހަމައެކަނި ޢަޒުމީގެ އާޓް ހިމެނޭ ހަތަރު އާޓް އެގްޒިބިޝަނެއް ރާއްޖޭގައި ބާއްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މި ދާއިރާއަށް ޚިދުމަތް ކުރެއްވުމުގައި، ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، ހިލޭސާބަހަށްވެސް ޢަޒުމީ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މިގޮތުން، އެކިއެކި ކުށްކުށުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ގުޅިގެން އާޓް ކްލާސްތައް ހިންގަވައި ދެއްވައިފައި ވެއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބާއްވާ ތަފާތު އެކި އާޓް އެގްޒިބިޝަންތަކުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރައްވައި، މި ދާއިރާއިން ސްކޫލްތަކުގެ ދަރިވަރުންނަށާއި މުއައްސަސާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ. އަދި ކުރެހުމުގެ މަސައްކަތަށް ޝައުޤުވެރިވާ ކުދިންނަށާއި ޒުވާނުންނަށް، އެ މަސައްކަތަށް ބޭނުންވާ ތަފާތު އެއްޗެތި ހިލޭ ފޯރުކޮށްދެއްވައި، މަސައްކަތް ދަސްކޮށްދެއްވަމުން ގެންދަވައެވެ.

"މިއުސް"ގެ ނަމުގައި މާލޭގައި ހުޅުވައިފައިވާ އާޓް ޝޯ ރޫމް އަދި އާޓް ސްޕޭސްއަކީ ޢަޒުމީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ، ރާއްޖޭގައި ފުރަތަމަ ޤާއިމުކުރެވުނު އެ ފަންނުގެ އާޓް ސްޕޭސްއެވެ. އެތަން ހުޅުވުމުގެ އެންމެބޮޑު ބޭނުމަކީ، ރާއްޖޭގެ ކުރެހުންތެރިންނަށާއި، ކުރެހުމަށް ޝައުޤުވެރިވާ މީހުންނަށް، ކުރެހުމަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ތަކެތި، އަތްފޯރާވަރުގެ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމެވެ. އަދި އާޓް ކްލާސްތައް ހިންގަން ބޭނުންވާ ޒުވާނުންނަށް އެ ފުރުޞަތު ހޯއްދަވައި ދެއްވުމަކީވެސް ޢަޒުމީގެ އެންމެ މުހިންމު އެއް މަޤްޞަދެވެ. އެތާނގައި ހިންގޭ ތަފާތު އެކިއެކި އާޓް ކޯސްތަކާއި އަދި ޚާއްޞަ ގޮތެއްގައި މިއުސްގެ އާޓް ސްޕޭސްއަކީ، އާޓިސްޓުންނަށް އެއްވެސް އަގަކާނުލައި ކުރެހުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ތަނެކެވެ. އެކަން އެގޮތަށް ކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ، ރާއްޖޭގެ އާޓިސްޓުންނަށް ޖާގައިގެ ގޮތުން ދިމާވާ ދަތިތަކަށް ކޮންމެވެސްވަރެއްގެ ލުޔެއް ހޯއްދަވައިދެއްވުމެވެ.

"މިއުސް"ގެ ފަރާތުން ކުރެހުމުގެ ތަފާތު އެގްޒިބިޝަންތައްވެސް މިހާރު ގެންދަނީ ބާއްވަމުންނެވެ. މިގޮތުން، މިއުސްގެ ފަރާތުން ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ މަޝްހޫރުވެގެންދިޔަ ކުރެހުމުގެ އެގްޒިބިޝަނަކީ، "ތްރޫ ދި އައިސް އޮފް ވޭން ގޯހ" އެވެ.

މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ، (މެކް)ގެ ޗެއަރޕަރސަންގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ބޭފުޅަކީ، އަޙްމަދު ޢަޒުމީ ޙަލީމެވެ. މި މަގާމަށް އިންތިޚާބުވެވަޑައިގަތީ 2022 ވަނަ އަހަރުއެވެ. ޢަޒުމީގެ މިހާރުގެ އެންމެބޮޑު އަމާޒަކީ، ރާއްޖޭގެ އާޓިސްޓުންނަށް އެ މީހުންގެ ކުރެހުމުގެ ހުނަރު ރާއްޖެއިން ބޭރުގައި ދައްކައިލުމުގެ ފުރުޞަތުތައް ލިބޭނެ މަގު މަގުފަހިކޮށްދެއްވުމެވެ.