އަލްފާޟިލާ އާމިނަތު ޝާނީ
މ. ތަރިވިދާގެ

ކަލިނަރީ މެނޭޖްމަންޓުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައިފައިވާ އާމިނަތު ޝާނީ، މި ދާއިރާގައި ފުރަތަމަ މަސައްކަތް ކުރައްވަން ފެށްޓެވީ، ބަނޑޮސް އައިލެންޑް ރިޒޯޓުގައި ކޮމީ ޝެފެއްގެ ގޮތުގައި، 2002 ވަނަ އަހަރުއެވެ. ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، އާމިނަތު ޝާނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވައިފައި ވަނީ، ކަލިނަރީ އާޓްސްގެ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ދާއިރާއިން އިތުރު ހުނަރު ހޯއްދެވުމަށާއި، ދާއިރާއިން މީހުން ބިނާކުރެއްވުމަށާއި، ރާއްޖޭގައި މި ދާއިރާ އިތުރަށް ފުޅާކުރައްވައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައެވެ.

މާލޭގައި ހުރި ރެޑް ޒެންޒިބާރ ރެސްޓޯރަންޓުގެ ކޮލިފައިޑް ޝެފެއްގެ ގޮތުގައްޔާއި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގެ ޕޭސްޓްރީ ކިޗަންގެ ޝެފްގެ ގޮތުގައި ޝާނީ ވަނީ މަސައްކަތް ކުރައްވައިފައެވެ. މި ދާއިރާއިން މީހުން ތަމްރީނު ކުރެއްވުމަށާއި، ދާއިރާގެ ހުނަރު އިތުރުކުރުމަށް ބަހައްޓަވާ ޝައުޤުވެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި، ކަލިނަރީ އާޓްސްގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ހިންގާ ކޯސްތަކުގައި އާމިނަތު ޝާނީ ކިޔަވައިދެއްވަން ފެށްޓެވިއެވެ. ފުރަތަމަ، ޕާޓްޓައިމް ލެކްޗަރަރެއްގެ ގޮތުގައި ކިޔަވައިދެއްވަން ފެށްޓެވި އާމިނަތު ޝާނީ މިހާރު ގެންދަވަނީ އެ ފެކަލްޓީގެ އެސޯސިއޭޓް ލެކްޗަރަރ ކަމުގެ މަގާމު ފުރުއްވަމުންނެވެ. ޝާނީއަކީ، ފެކަލްޓީގެ ގިނަ އަދަދެއްގެ ކުދިންގެ ލޯބި ހޯއްދަވައިފައިވާ ކުޅަދާނަ ޝެފެކެވެ. ޝާނީއަކީ "ޓިވެޓް" ގައިވެސް ކިޔަވައިދެއްވައި، މި ރޮނގުން ކުދިން ތަމްރީނު ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. މީގެއިތުރުން، އާމިނަތު ޝާނީއަކީ، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެކެވެ.

ޝާނީ މި ދާއިރާއިން ހިލޭސާބަހަށް ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރެއިން ސަރަހައްދީ ފެންވަރުގައްޔާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ ކަލިނަރީ އާޓްސް މުބާރާތްތަކަށް ކުދިން ތަމްރީނު ކުރައްވައި ތައްޔާރުކޮށްދެއްވުން ހިމެނެއެވެ. 2016 ވަނަ އަހަރު ބައިނަލްއަޤުވާމީ މުބާރާތެއްގައި ރާއްޖެއިން ފުރަތަމަފަހަރަށް ދަރިވަރެއް ބައިވެރިކުރުމުގެ ފުރުޞަތު ލިބި، އިންޑިޔާގައި ބޭއްވި ޔަންގް ޝެފް އޮލިމްޕިއާޑުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރެއް ބައިވެރިކުރުމުގައި މެންޓަރއެއްގެ ގޮތުގައި ޝާނީ ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ ހޮޓެލް އޭޝިޔާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ބައިވެރިވާ ޝެފުން ޝާނީ ތަމްރީނުކޮށްދެއްވައިފައި ވެއެވެ.

އާމިނަތު ޝާނީ ވަނީ، ކަލިނަރީ އާޓްސްގެ ދާއިރާއިން ރާއްޖޭގައްޔާއި، ރާއްޖެއިން ބޭރުގައި ބާއްވައިފައިވާ ތަފާތު މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވައިފައެވެ. މިގޮތުން، 2021 ވަނަ އަހަރު ތުރުކީގެ އިސްތަންބޫލްގައި ބޭއްވުނު ދަ ވާރލްޑް ހަލާލް ސަމިޓް އިންޓަރނޭޝަނަލް ޝެފް ޗެމްޕިއަންޝިޕްގައްޔާއި، 2019 ވަނަ އަހަރު ބޭއްވި ޝްރީލަންކާގެ ކަލިނަރީ އާޓް ފުޑް އެކްސްޕޯގައްޔާއި، 2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އެފް.އެޗް.އޭ ކަލިނަރީ ޗެލެންޖްގައި ފަނޑިޔާރުކަން ކުރައްވައިފައި ވެއެވެ. އަދި 2017 ވަނަ އަހަރު ތައިލެންޑްގެ، ތައިފެކްސް ވާރލްޑް އޮފް ފުޑް އޭޝިއާ، "ތައިފެކްސް"ގެ ކަލިނަރީ އެގްޒިބިޝަންގައްޔާއި، ފުޑް އެންޑް ހޮސްޕިޓޭލިޓީ އޭޝިޔާ މޯލްޑިވްސްގެ ފަނޑިޔާރެއްގެ ގޮތުގައި އާމިނަތު ޝާނީ ވަނީ މަސައްކަތް ކުރައްވައިފައެވެ. މީގެއިތުރުން، 2023 ވަނަ އަހަރު ޝާރުޖާގައި ބޭއްވުނު "އެލަންތޮންގް ގޯލްޑަން ކޮފީ ޕޮޓް ޗެލެންޖް" ގައި ރާއްޖެއިން އަލަށް ވާދަކުރި "ޔަންގް ޝެފް" ޓީމުގެ ފަނޑިޔާރެއްގެ ގޮތުގައިވެސް އާމިނަތު ޝާނީ ވަނީ މަސައްކަތް ކުރައްވައިފައެވެ.

ވާރލްޑް ޝެފްގެ ސެޓިފައިޑް ކޮންޓިނެންޓަލް ޖަޖުކަން ހާސިލު ކުރައްވައިފައިވާ އާމިނަތު ޝާނީއަކީ، ރާއްޖެއިން މި ލެވެލް ހާސިލުކުރެއްވި ފުރަތަމަ އަންހެން ޝެފެވެ. ކަލިނަރީ އާޓްސްގެ ދާއިރާއިން އެކިއެކި އެވޯޑުތައްވެސް ޝާނީ ވަނީ ހާސިލު ކުރައްވައިފައެވެ. އަދި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ދޭ އެވޯޑުތަކުގެ ތެރެއިން ރާއްޖޭގެ އެންމެ ރަނގަޅު އެޑިޔުކޭޝަން ޝެފްގެ އެވޯޑު ޝާނީ ހާސިލުކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.