އަލްފާޟިލް އަޙްމަދު ސަލީމް
މ. ކުނޑި

ކުޅިވަރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މި އަހަރު ލިބިވަޑައިގަންނަވާ އަޙްމަދު ސަލީމަކީ، ރާއްޖޭގެ ވޮލީ ކުޅުންތެރިންނަށް އާ މޫނެއް ނޫނެވެ. ސަލީމް މި ދާއިރާއިން މަޝްހޫރުވެފައި ވަނީ، ވޮލީ ރެފްރީއެއްގެ ގޮތުގައެވެ. އަދި ރެފްރީން ތަމްރީނު ކުރައްވާ އިންސްޓްރަކްޓަރެއްގެ ގޮތުގައިވެސް މެއެވެ.

ވޮލީބޯޅަ ރެފްރީކަން ކުރައްވަން ސަލީމް ފެށްޓެވީ، 1996 ވަނަ އަހަރުއެވެ. ފެޑެރޭޝަން އޮފް އިންޓަރނޭޝަނަލް ވޮލީބޯލް (އެފް.އައި.ވީ.ބީ.) އިން ހިންގި ވޮލީބޯލް އިންޓަރނޭޝަނަލް ކެންޑިޑޭޓް ކޯސް ސަލީމް ފުރިހަމަކުރެއްވީ 2007 ވަނަ އަހަރު ތައިލެންޑުގައެވެ. އަދި އެފް.އައި.ވީ.ބީ އިންޓަނޭޝަނަލް ރެފްރީއެއްގެ ގޮތުގައި ސަލީމް ހަމަޖެހިގެންދިޔައީ، 2009 ވަނަ އަހަރުއެވެ.

މިއަދާ ހަމައަށްވެސް ސަލީމަކީ، ވޮލީ ރެފްރީކަން ކުރެއްވުމުގައްޔާއި، ރެފްރީން ތަމްރީން ކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. މިގޮތުން، ޤައުމީ މުބާރާތްތަކުގައްޔާއި، އޮފީސްތަކުގެ މެދުގައި ކުރިއަށް ގެންދާ ވޮލީ މުބާރާތްތަކުގައްޔާއި، ޓޫރިސްޓް ރިޒޯޓުތަކުގެ މެދުގައި ބާއްވާ މުބާރާތްތަކުގައްޔާއި، ރިޒޯޓުތަކުގެ އެކި ޑިޕާޓްމަންޓުތަކުން ކުރިއަށް ގެންދާ މުބާރާތްތަކުގައި، ސަލީމް ވަނީ ރެފްރީކަން ކޮށްދެއްވައިފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ ގިނަ މުބާރާތްތަކުގައިވެސް ސަލީމް ރެފްރީކަން ކުރައްވައިފައި ވެއެވެ.

ސަލީމް ވަނީ ވޮލީބޯޅަ ރެފްރީކަން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެތައް ރަށެއްގައި ކޯސްތައް ހިންގަވައިފައެވެ. އަދި ރެފްރީޒް ކޮމިޝަންގެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރައްވައި، ރަށްރަށުގައި ވޮލީ މުބާރާތްތަކާއި، ކޯސްތައް ހިންގުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވައިފައެވެ.

ރާއްޖެއިން ބޭރުގައި ބޭއްވޭ ވޮލީބޯލް އިންޓަރނޭޝަނަލް މުބާރާތްތަކުގައި، ފުރަތަމަ ރެފްރީކަމާއި، ދެވަނަ ރެފްރީކަންވެސް ސަލީމް ވަނީ ކުރައްވައިފައެވެ. އަދި 2022 ވަނަ އަހަރު ބޭއްވުނު 3 ވަނަ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން، އޭ.ވީ.ސީ ޗެލެންޖް ކަޕްގެ ކިރުގީޒްތާނާއި ސަޢޫދީ ޢަރަބިއްޔާ ބައްދަލުކުރި ފައިނަލް މެޗުގެ ފުރަތަމަ ރެފްރީ ކަމާއި، ސައުތު އޭޝިއަން ގޭމްސްގައި، އިންޑިޔާއާއި ސްރީލަންކާ ބައްދަލުކުރި ވޮލީ މެޗުގެ ފައިނަލްގައި ފުރަތަމަ ރެފްރީކަންވެސް ސަލީމް ވަނީ ކުރައްވައިފައެވެ. މީގެ އިތުރުން، ރާއްޖޭގައި ފުރަތަމަ ބޭއްވުނު ފޯރ ނޭޝަންސް ކަޕްގައި ރެފްރީ ކޯޗެއްގެ ގޮތުގައިވެސް ވަނީ މަސައްކަތް ކުރައްވައިފައެވެ.

ސަލީމްވަނީ، 2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް ރާއްޖޭގައި ރެފްރީން ތަމްރީނުކުރުމުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 300 އަށްވުރެ ގިނަ ރެފްރީން، ސަލީމް ތަމްރީނު ކުރައްވައިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. ސަލީމް، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރެފްރީޒް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައެވެ.

އަޙްމަދު ސަލީމަކީ، ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން އެކި ކާމިޔާބީތައް ހާސިލު ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. މިގޮތުން، 2019 ވަނަ އަހަރު "ހަވީރު" ނޫހުގެ ފަރާތުން ބޭއްވި ކުޅިވަރު އެވޯޑު ސަލީމަށް ލިބިވަޑައިގެންފައި ވެއެވެ. ސަލީމް ވަނީ ފުޓްބޯޅަ އެސޯސިއޭޝަންގެ އޭ.އެފް.ސީ.، ބީ ލައިސެންސް ކޯޗިންގ ކޯސްވެސް ފުރިހަމަކުރައްވައިފައެވެ. އަދި 2003 ވަނަ އަހަރު އެކުލަވައިލެވުނު 20 އަހަރުން ދަށުގެ އޭ.އެފް.ސީ. ފިރިހެން ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ސަލީމް ކުރައްވައިފައި ވެއެވެ. އަދި 2005 ވަނަ އަހަރު އެކުލަވައިލެވުނު 20 އަހަރުން ދަށުގެ އޭ.އެފް.ސީ ފިރިހެން ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްކަންވެސް ކުރައްވައިފައި ވެއެވެ. 2009 ވަނަ އަހަރު އީރާނުގައި ބޭއްވުނު ފުޓްބޯޅަ ފެސްޓިވަލްގެ ކޯޗެއްގެ ހައިސިއްޔަތުންވެސް ސަލީމް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި 2003 އިން ފެށިގެން 2010ގެ ނިޔަލަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި، ޔޫތު ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުގައިވެސް ސަލީމް ވަނީ ޚިދުމަތް ކުރައްވައިފައެވެ.