އަލްފާޟިލް އަޙްމަދު މުޙްސިން
ގުލްފާމްގެ ހދ. ނައިވާދޫ

އަޙްމަދު މުޙްސިނުގެ ހިތްޕުޅުގައި ނޫސްވެރިކަމުގެ ޝައުޤުވެރިކަން އުފެދުނީ، އަޙްމަދިއްޔާ ސްކޫލްގެ ގްރޭޑް 7 ގައި ތަޢުލީމް ހާސިލުކުރައްވަމުން ގެންދެވިއިރު އެ ކްލާހުން، މުޙްސިނުގެ އެޑިޓަރު ކަމުގެ ދަށުގައި "ހުންގާނު" މި ނަމުގައި އަތުން މަޖައްލާއެއް ލިޔުއްވައި، ޗާޕުކުރައްވައި ޝާއިޢު ކުރެއްވި ހިސާބުންނެވެ. އެ މަޖައްލާގައި މުޙްސިން އަމިއްލަފުޅަށް ލިޔުއްވައިފައިވާ ގިނަ ލިޔުންތަކެއް ޝާއިޢު ކުރެވުނެވެ. އެއީ، ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ ފެށުމެއް ކަމަށްވީނަމަވެސް، ޢަމަލީގޮތުން މި ދާއިރާއަށް މުޙްސިން ވެދެވަޑައިގަތީ، 2002 ވަނަ އަހަރު "މިއަދު" ނޫހުންނެވެ.

މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެކިއެކި ނޫސްތަކުގައްޔާއި، މަޖައްލާތަކުގައްޔާއި، ޓީ.ވީ. ޗެނަލްތަކުގައި މުޙްސިން ވަނީ ޚިދުމަތް ކުރައްވައިފައެވެ. "މިއަދު" ނޫހުގެ އިތުރުން، "އާފަތިސް"، "އަށްޑުވަސް މަޖައްލާ"، "ޖަޒީރާ"، ނޫހުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ޕްރިންޓް މީޑިއާގެ އިތުރުން، "މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)"، "ރާއްޖެ ޓީ.ވީ." އަދި "އެމް.ވީ.ޓީ.ވީ."ގައި ހުރިހާ ދާއިރާއެއްގެ ޚަބަރުތައް ކަވަރު ކުރެއްވުމުގެ އިތުރުން، އިޖުތިމާޢީ، ވިޔަފާރިއާއި އިޤްތިޞާދު، މުނިފޫހިފިލުވުން، ތިމާވެށި ހިމާޔަތް ކުރުން އަދި ސިޔާސީ ދާއިރާއާ ގުޅޭގޮތުން އެކި ރިޕޯޓުތައް މުޙްސިން ތައްޔާރު ކުރެއްވިއެވެ. އަދި ނޫސްތަކުގައި އެކި ކޮލަމްވެސް ލިޔުއްވައިފައި ވެއެވެ. އަދި ތަޙުޤީޤީ ނޫސްވެރިކަމުގެ ތެރެއިން ޚާއްޞަ ޑޮކިއުމެންޓްރީތައް މުޙްސިން ވަނީ ތައްޔާރު ކުރައްވައިފައެވެ. މީގެއިތުރުން، ނިއުސް ކޮންފަރެންސްތަކާއި، އިވެންޓްތަކާއި، ޖަލްސާތަކާއި، މުޒާހަރާތައް ކަވަރު ކުރެއްވުމާއި، ވަގުތުން ޚަބަރު ވިދާޅުވުމާއި، ޝޯތައް ހުށަހެޅުއްވުމަކީ، މުޙްސިންގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ.

އަޙްމަދު މުޙްސިނަކީ، ނޫސްތަކާއި ޓީ.ވީ. ޗެނަލްތަކުގެ އެޑިޓޯރިއަލް ބޯޑުގައިވެސް މަސައްކަތް ކުރައްވައިފައިވާ، އަދި އެކި ޚަބަރުތަކާ ގުޅޭގޮތުން ނަގަންޖެހޭ ވީޑިއޯތައް ނަންގަވައި، އެ ވީޑިއޯތައް އެޑިޓް ކުރައްވާ ބޭފުޅެއްވެސް މެއެވެ. ޓީ.ވީ.ގެ ބައެއް ޕުރޮގުރާމުތައް އުފައްދަވައި ހުށަހަޅުއްވައިދެއްވައިފައިވެސް ވެއެވެ. މުޙްސިން ވަނީ، ނޫސްވެރިކަމާ ގުޅިވަޑައިގެންނެވި ފަހުން ބޭއްވި ހުރިހާ އިންތިޚާބުތަކެއް ކަވަރު ކުރެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ. އެހެންކަމުން، މީޑިއާގެ ދާއިރާގައި މުޙްސިން ނުކުރައްވާ މަސައްކަތެއް ނެތް ކަމަށްވެސް ދެންނެވިދާނެއެވެ. ނޫސް އެޅުމާއި، ނޫސް ބެހުމުގެ މަސައްކަތްވެސް މުޙްސިން ޢަމަލީގޮތުން ކުރައްވައިފައިވާކަމީ، މި ދެންނެވި ބަހުގެ ހެއްކެކެވެ.

މުޙްސިނަކީ، ސުނާމީ ކާރިސާގައި ބޮޑަށް ގެއްލުންވި ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި، އެ ރަށްރަށުގެ ހާލަތު ބައްލަވައި، މީހުންނަށް ހިތްވަރު ދެއްވައި، އިޖުތިމާޢީ ގުޅުން ބަދަހިކުރެއްވުމަށް މީޑިއާގެ ތެރެއިން މަސައްކަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ސުނާމީގައި ބޮޑަށް ގެއްލުން ލިބުނު ރަށްރަށާއި، އެ ރަށްރަށަށް ލިބުނު ގެއްލުންތަކާއި، ޤައުމު އާރާސްތު ކުރުމާ ގުޅޭ ގިނަ ލިޔުންތައް މުޙްސިން ތައްޔާރުކުރައްވައި ޝާއިޢު ކުރެއްވިއެވެ. އަދި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 90 އިންސައްތައަށްވުރެ ގިނަ ޖަލްސާތައް އަޑުއެއްސެވުމަށް ނޫސްވެރިއެއްގެ ހައިސިއްޔަތުން މުޙްސިން ވަޑައިގެން، ބަހުސްތަކުގެ ޚަބަރުތަކާއި ރިޕޯޓުތައް ދުވަހުން ދުވަހަށް ގެނެސްދެއްވިއެވެ. މީގެއިތުރުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށުމުގެ ކުރިން، އޭރުގެ އެމް.އެން.ބީ.ސީ. އިން ކުރިއަށްގެންދިޔަ ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޚާއްޞަ ކަވަރޭޖަށް ބޭނުންވާ މަޢުލޫމާތު އެއްކުރައްވައި، ހުށަހަޅުއްވައިދެއްވައި، ޕްރެޒެންޓަރުންނަށް ފޯރުކޮށްދެއްވުމުގެ އިސްބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، އެ ކަވަރޭޖްގައި މުޙްސިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސްކޫލްތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށާއި، މުޙްސިނާ އެކީގައި މަސައްކަތްކުރި ފަރާތްތަކަށް، ނޫސްވެރިކަމުގެ ހުނަރާއި، ބަހުގެ ހަމަތަކުގެ ތަމްރީނު ދެއްވައި، ޚަބަރު ކިޔުމާއި، ޕުރޮގުރާމް ހުށަހެޅުމުގެ ތަމްރީނު މުޙްސިން ވަނީ ދެއްވައިފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަންވެސް އަޙްމަދު މުޙްސިން ކުރެއްވިއެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ނޫސްވެރިންނާއި މީޑިއާތަކުން ހިންގި ހަރަކާތްތަކުގައި މުޙްސިން ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. 

އަޙްމަދު މުޙްސިނަށް ވަނީ ދިވެހި ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގެންފައެވެ. އަދި ރާއްޖެ ޓީ.ވީ. އިން ދޭ އެންމެ މަޤްބޫލް ލިޔުންތެރިޔާގެ އެވޯޑާއި، އެންމެ މޮޅު ޕްރެޒެންޓަރގެ އެވޯޑާއި، ހާޒިރީއަށް އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑް، 2017 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. އަދި ދުވަހު ނޫސް "ޖަޒީރާ" އިން ދޭ "އެމްޕްލޯއި އޮފް ދަ އިޔަރ"، 2007 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

އަޙްމަދު މުޙްސިނަކީ، މިހާރުވެސް ރާއްޖެ އެމް.ވީ.އަށާއި، ރާއްޖެ ޓީ.ވީ.އަށް އިޖުތިމާޢީ އަދި ސިޔާސީ އެކި ރިޕޯޓުތައް ލިޔުއްވައި، ނޫސްވެރިކަމުގެ ދާއިރާގައި ފްރީލާންސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އެކިއެކި އިޖުތިމާޢީ އަދި ޞިއްޙީ މައްސަލަތަކުގެ މައްޗަށް ބިނާކުރައްވައި، މީހުން ހޭލުންތެރި ކުރެއްވުމުގެ ގޮތުން ލިޔުންތައް ލިޔުއްވައި "ދަ ނިއުސް"ގެ ނަމުގައި މުޙްސިނުގެ އަމިއްލަ އެޑިޓަރުކަމުގެ ދަށުން އޮންލައިން ނޫހެއް ރަޖިސްޓަރީ ކުރައްވައިގެން، ޝާއިޢު ކުރައްވަމުން ގެންދަވައެވެ.