އަލްފާޟިލާ ޝިފްޒާ މުޞްޠަފާ
މާދަޑު. އާސާން ޏ. ފުވައްމުލައް

ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޝިފްޒާ މުޞްޠަފާ، މި ދާއިރާއަށް ނުކުމެވަޑައިގަތީ 2007 ވަނަ އަހަރުއެވެ. މި ދާއިރާއަށް ޝިފްޒާ ނުކުމެވަޑައިގަތީ، ވީ.ޓީ.ވީ. އިންނެވެ. އެގޮތުން، ވީ.ޓީ.ވީ.ގެ މުވައްޒަފެއްގެ ގޮތުގައި ޝިފްޒާ މަސައްކަތް ކުރައްވަން ފެށްޓެވީ، ވީ.ޓީ.ވީ. ރަސްމީކޮށް އުފެދުމުގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

އަހަރު ދުވަހުގެ ތަމްރީނުތަކަކަށްފަހު، 5 ސެޕްޓެންބަރު 2008 ގައި ވީ.ޓީ.ވީ.ގެ ޚިދުމަތް ފެށުނީ، ޝިފްޒާ ހުށަހަޅުއްވައިދެއްވި ޚަބަރު ބުލެޓިންއަކުންނެވެ. އެއީ، ޓީ.ވީ. ޕްރެޒެންޓިންގގައި ޝިފްޒާގެ ފެށުމެވެ. ނަމަވެސް، ވީމީޑިއާގައި ޝިފްޒާ ކުރައްވަމުން ގެންދެވި މަސައްކަތްތައް، ނިއުސް ޕްރެޒެންޓަރަކާ ހަމަޔަކުން ނުނިމުނެވެ. ޚަބަރާއި ޕުރޮގުރާމުތައް ހުށަހަޅުއްވައި ދެއްވުމުގެ އިތުރަށް، ޚަބަރުތަކާއި ޕުރޮގުރާމުތައް ލިޔުއްވައި ތައްޔާރުކުރެއްވުމުގައްޔާއި، ޚަބަރުގެ ކުށްފިލުއްވުމާއި، ނިއުސްރޫމް ހިންގެވުމުގައި ފުރަތަމަ ދުވަހުން ފެށިގެން ޝިފްޒާ ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން، އެތައް ހަރުފަތެއް ގިރާކުރެއްވުމަށްފަހު، 13 އަހަރު ފަހުން، ވީމީޑިއާގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު، ޝިފްޒާ ހުންނެވީ، ހެޑް އޮފް ނިއުސް (ނިއުސް ޑައިރެކްޓަރ) ގެ މަގާމުގައެވެ.

ވީ.ޓީ.ވީ. ގައި ޝިފްޒާ ޚިދުމަތް ކުރެއްވިއިރު، އެންމެ ދިގު މުއްދަތެއްގައި ވީ.ޓީ.ވީ.ގެ ޚަބަރު ހުށަހަޅުއްވައި ދެއްވި އަދި އެންމެ ދިގު މުއްދަތެއްގައި ވީ.ޓީ.ވީ.ގެ އެންމެ ބޮޑު ޕުރޮގުރާމް ކަމުގައިވާ "ފަސްމަންޒަރު" ހުށަހަޅުއްވައި ދެއްވީ ޝިފްޒާކަން ފާހަގަކޮށްލަންޖެހެއެވެ. ހަމައެއާއެކު، 2008 އިން ފެށިގެން ރާއްޖޭގައި ބޭއްވި ޤައުމީ ހުރިހާ އިންތިޚާބެއްގެ ލައިވް ކަވަރޭޖް ރޭއްވެވުމުގައި، ވީ.ޓީ.ވީ. ގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން، ހުރިހާ ކަވަރޭޖެއް ޝިފްޒާ ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ. މީގެ އިތުރަށް، 2008 އިން 2020 އަށް ހިނގި ބޮޑެތި ހުރިހާ މުޒާހަރާތަކާއި، 2012 ގައި ވެރިކަން ބަދަލުވި ދުވަހާއި، އޭގެ ފަހުން ހިނގައިދިޔަ ކަންކަމާއި، ރައްޔިތުންގެ މަޞްލަޙަތާ ގުޅުންހުރި އެނޫންވެސް އެތައް ކަމަކާ ގުޅިގެން ގެނެސްދެވުނު ލައިވް ކަވަރޭޖްތައްވެސް ޝިފްޒާ ވަނީ، ހުށަހަޅުއްވައި ދެއްވައިފައެވެ.

ވީމީޑިއާގެ ޚިދުމަތުގައި ޝިފްޒާ ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި، އަމިއްލަފުޅަށް އެތައް ޕުރޮގުރާމެއް އުފައްދަވައި ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ. އެގޮތުން އަންހެނުންގެ ކުރިއެރުމާއި، މިންތީގެ ހަމަހަމަކަމަށް ހިތްވަރުދޭ ޕުރޮގުރާމުތަކާއި، ޚިދުމަތްތެރި އެތައް ބޭފުޅެއްގެ ތަޖުރިބާތަކާއި، އިޖުތިމާޢީ ބޮޑެތި މައްސަލަތަކާ ގުޅޭ ޕުރޮގުރާމުތައް ހިމެނެއެވެ. އަދި ދިވެހި މުޖުތަމަޢަށް ދިމާވެފައިވާ ޙައްލުކުރަން ދަތި އެތައް މައްސަލައަކާ ގުޅޭގޮތުން ރިޕޯޓުތައް ތައްޔާރުކުރައްވައި، ވީނިއުސް އޮންލައިނާއި، ވީ.ޓީ.ވީ.ގައި ގެނެސް ދެއްވައިފައި ވެއެވެ. ވީމީޑިއާގެ "ވީކްލީ" މަޖައްލާއަށް ލިޔުއްވައި، ވީ.އެފް.އެމް. ރޭޑިއޯ ޕުރޮގުރާމުތައްވެސް ޝިފްޒާ ވަނީ ހުށަހަޅުއްވައި ދެއްވައިފައެވެ.

ޝިފްޒާއަކީ މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި ހިލޭ ސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ދައުލަތުގެ މުއައްސަސާތަކާއި، ކޮލެޖުތަކާއި ޖަމުޢިއްޔާތަކުގެ ޚާއްޞަ ހަރަކާތްތައް ހުށަހަޅުއްވައިދެއްވައި، ޖަމުޢިއްޔާ، ޖަމާޢަތްތަކާއި، އެކިއެކި މުއައްސަސާތަކުގެ ޚާއްޞަ ރިޕޯޓުތައް ތައްޔާރުކޮށްދެއްވައި، އަޑުއަޅުއްވައި ދެއްވައިފައި ވެއެވެ. އަދި ޝަރީޢަތާއި ޤާނޫނުގެ ރޮނގުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޑިގްރީ ހާސިލުކުރައްވަމުން ޝިފްޒާ ގެންދަވަނީ، އެ ޔުނިވަރސިޓީގެ ޚާއްޞަ ރަސްމިއްޔާތުތަކާއި ހަރަކާތްތައް ހުށަހަޅުއްވައި ދެއްވައި، ދަރިވަރެއްގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

ޝިފްޒާއަކީ މި ދާއިރާއިން ޤައުމުގެ ތަރައްޤީއަށާއި މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ. މީގެތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އަންހެނުންނާއި ކުޑަކުދިން ފަދަ ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ރިޕޯޓުތަކާއި، ޕުރޮގުރާމުތައް ތައްޔާރުކުރައްވައި ހުށަހަޅުއްވައިދެއްވުން ހިމެނެއެވެ. އަދި ސޯޝަލް މީޑިއާގައި ޒިންމާދާރުގޮތުގައި މަޢުލޫމާތު ފެތުރުއްވުމަށާއި، މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަށްޓަކައި ހިންގަވަމުން ގެންދަވާ ޝިފްޒާގެ އަމިއްލަ ފޭސްބުކް ޕޭޖަކީ، އެތައް ހާސް ބަޔަކު ފޮލޯކޮށް، ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ ޕޭޖެކެވެ.

މި ދާއިރާގައި 16 އަހަރު ހޭދަކުރައްވައިފައިވާއިރު، ޝިފްޒާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، "ސަންގު ޓީ.ވީ." ގައެވެ. ޕްރެޒެންޓަރެއްގެ ހައިސިއްޔަތުން، ޚަބަރާއި، ޕުރޮގުރާމުތަކާއި، ލައިވް ކަވަރޭޖްތައް ހުށަހަޅުއްވައި ދެއްވުމުގެ އިތުރަށް، ސަންގު ޓީ.ވީ.ގެ ނިއުސް ޓީމުގެ ފެންވަރު މަތިކުރެއްވުމަށް ޝިފްޒާ މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި މި ދާއިރާއިން މީހުން ބިނާކުރުމަށް ބައެއް އެހެން ފަރާތްތަކަށްވެސް އެހީތެރިކަން ދެއްވައެވެ.

މީޑިއާގެ ދާއިރާގައި ކުރެވުނު އަގުހުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން،މި ދާއިރާއިން މީގެކުރިންވެސް ޝިފްޒާ ވަނީ އެކި ކާމިޔާބީތައް ހާސިލު ކުރައްވައިފައެވެ. އެގޮތުން، ނޫސްވެރިކަމުގެ އިނާމާއި، ރެހެންދި އެވޯޑު ޝިފްޒާ ވަނީ ހާސިލު ކުރައްވައިފައެވެ. އަދި ވީ.ޓީ.ވީ.ގެ "މޯސްޓް ކޮމްފަރޓިންގ އެންކަރ"ގެ އެވޯޑުވެސް ހާސިލު ކުރައްވައިފައި ވެއެވެ. މީގެއިތުރަށް، ޝިފްޒާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމާއި، ޔޫތު ކައުންސިލުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.