ކެޑޭޓް މޭޖަރ ޔާސިރު މުޙައްމަދު
މައިދާން ޅ. ނައިފަރު

ޔާސިރު މުޙައްމަދަކީ، 2000 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލް މަދަރުސާތަކުގައި ހަރަކާތްތެރިވާ ކެޑޭޓުން ތަމްރީނުކުރުމުގައި މެދުނުކެނޑި މިއަދާ ހަމައަށްވެސް ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙުގައްޔާއި، މާލޭ އިންގްލިޝް ސްކޫލްގައި ތަޢުލީމު ހާސިލުކުރައްވަމުން ގެންދެވި ދުވަސްވަރު ކެޑޭޓް ހަރަކާތުގައި އުޅުއްވައި، އެކަމުގެ ތަމްރީނު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ސްކޫލް ދައުރު ނިންމެވުމަށްފަހު، ޔާސިރު މުޙައްމަދުގެ އުފަން ރަށް ޅ. ނައިފަރުގައި، މަދްރަސަތުލް އިފްތިތާޙުގެ އޭރުގެ ޕްރިންސިޕަލް އަލްފާޟިލް އާދަމް ޝަރީފްގެ އިސްނެންގެވުމަކަށް މަދްރަސަތުލް އިފްތިތާޙުގައި ހިލޭސާބަހަށް ކެޑޭޓް ހަރަކާތް ތަޢާރުފުކުރެވި، ކެޑޭޓް ހަރަކާތްތައް، 14 އޮކްޓޫބަރު 2000 ގައި ރަސްމީކޮށް ފެށިގެން ދިޔުމުގައި ޔާސިރު އަދާކުރެއްވި ދައުރު ފާހަގަކޮށްލަން ޖެހެއެވެ.

9 ޑިސެންބަރު 2004 ން ފެށިގެން ޔާސިރަކީ، ޤައުމީ ކެޑޭޓް ކޯގެ މުދައްރިބެކެވެ. މަދަރްސަތުލް އިފްތިތާޙުގައި ކެޑޭޓް ހަރަކާތްތައް އަބަދުވެސް ކުރިއަށް ގެންދަނީ، ޔާސިރުގެ އިރުޝާދާއި މަޝްވަރާއާ އެކީގައިކަމީ ޔާސިރަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެކެވެ. ކެޑޭޓް ހަރަކާތަކީ، ނުވަތަ ކެޑޭޓް ޖަމާޢަތަކީ، ވޮލަންޓްރީ ހަރަކާތަކަށްވާތީ، މި ހަރަކާތުގައި ދެމިތިބޭ އިންސްޓްރަކްޓަރުން މަދުކަމުގައި ވީނަމަވެސް، ޔާސިރަކީ މިއަދާ ހަމައަށްވެސް މެދުކެނޑުމެއްނެތި މި ހަރަކާތް ކުރިއަށް ގެންދެވުމުގައި ސާބިތުކަމާއެކު ދެމިހުންނެވި ބޭފުޅެކެވެ.

މިހާރު ޔާސިރު މުޙައްމަދަކީ، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ މޭޖަރ ރޭންކްގައި ޑައިރެކްޓަރ (ނޮދަން އޭރިޔާ ކޮމާންޑަރ) ގެ މަގާމުގައި ހުންނަވައިގެން، ހއ، ހދ، ށ، ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ސްކޫލް ކެޑޭޓް ކޯތައް ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ސްކޫލްތަކުގައި ކެޑޭޓް ހަރަކާތްތައް ކުރިއަށް ގެންދިޔުމަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކުން ކެޑޭޓް ޙަރަކާތްތައް ކުރިއަށް ގެންދިޔުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާއިރު، ޔާސިރުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކުގެ ބައެއް ސްކޫލްތަކުގައި ކެޑޭޓުގެ ހަރަކާތް ތަޢާރުފު ކުރެވިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން، ހއ. އިހަވަންދޫ ސްކޫލް، ހއ.އަތޮޅު ތަޢުލީމީ މަރުކަޒު، ހދ. ހަނިމާދޫ ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ޢަފީފުއްދީން ސްކޫލް، ހދ. ނޮޅިވަރަމު ސްކޫލްގައި ކެޑޭޓް ހަރަކާތްތައް ތަޢާރުފު ކުރެވި، އެ ސްކޫލްތަކުގައި ކެޑޭޓް ހަރަކާތް، ޔާސިރުގެ ބެއްލެވުމުގެ ދަށުން ހިންގަމުން އެބަގެންދެއެވެ.

ޔާސިރު މުޙައްމަދަކީ، ސްކޫލްތަކުގެ ކެޑޭޓް ކުދިން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައްޔާއި، ކެޑޭޓް ކޭމްޕްތަކުގައްޔާއި، ރޫޓްމާޗްތަކުގައްޔާއި، ކެޑޭޓުންގެ އެހެނިހެން ހަރަކާތްތަކުގައްޔާއި، އިޖުތިމާޢީ ތަފާތު މަސައްކަތްތަކުގައި، މާލެ ސިޓީއާއި އައްޑޫ ސިޓީއާއި، ރަށްރަށުގެ ސްކޫލްތަކުގެ ކެޑޭޓުންނާއެކީގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ.

ޔާސިރު ވަނީ، ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ދިވެހިރާއްޖޭގެ ކެޑޭޓުން ގޮވައިގެން ރާއްޖެ ތަމްސީލުކުރުމުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މިހާތަނަށް ޔާސިރުގެ މުދައްރިބު ކަމުގެ ދަށުން ހަމައެކަނި ނައިފަރުންވެސް 1200 އަށްވުރެ ގިނަ ކެޑޭޓުން ތަމްރީނުވެގެން ޤައުމީ ޚިދުމަތަށް ނުކުމެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި މި ދެންނެވި ދަރިވަރުންގެ ތެރޭގައި ހިމެނޭ ކުދިން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައްޔާއި، ފުލުހުންގެ ޚިދުމަތުގެ މަތީ ރޭންކްތަކުގައި މިހާރު ތިބިކަމީ، ޔާސިރަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެކެވެ.