އަލްފާޟިލާ ޝިޔާމާ އަޙްމަދު
މ. ކަރޭޖް

ޝިޔާމާ އަޙްމަދަކީ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާގައި، ޖަމާޢަތަށް ފައިދާހުރި ގޮތެއްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އެކި ރޮނގުތަކުން ޤާބިލް މީހުން އުފެއްދެވުމަށް ހީވާގިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޝިޔާމާ މި ދާއިރާއަށް ވެދެވަޑައިގަތީ، 1984 ވަނަ އަހަރުއެވެ. މ. އަތޮޅު އަތޮޅުއޮފީހުގައި ރޭޑިޔޯ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު، ޝިޔާމާ މާލެއަށް ބަދަލުވެވަޑައިގަތީ، މާލޭގައި ވަޒީފާ އަދާކުރުމުން އިތުރު ފުރުޞަތުތައް ލިބި، ކުރިއަށް ދިޔުމަށް ހިތްވަރުކޮށްފި ކޮންމެ މީހަކަށް މާލޭގައި އެ މަގު އޭރުވެސް ފަހިވެފައި އޮތުމުންނެވެ.

ޝިޔާމާގެ އޭރުގެވެސް އުންމީދަކީ، ވަކި ހިސާބަކުން އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލައި ކުރިއަށް ވަޑައިގަތުމެވެ. އެހެންކަމުން، މަސައްކަތުގެ މައިދާނަށް ނުކުމެވަޑައިގަތުމަށްޓަކައި، ތަފާތު ރޮނގުރޮނގުން ތަމްރީނު ކޯސްތައް ޝިޔާމާ ފުރިހަމަކުރައްވައި، އެކި މަސައްކަތްތައް ދަސްކުރެއްވިއެވެ. އެއަށްފަހު، ފެހުމުގެ ތަފާތު ކޯސްތަކާއި، އާޓް އެންޑް ފެބްރިކް ޕެއިންޓިންގ ކޯސްތަކާއި، ކޭކް ޑެކަރޭޝަން ކޯސްތަކާއި، ކުކަރީ ޕޭސްޓްރީ ކޯސްތަކާއި، އަތުން މާޖަހަން ދަސްކޮށްދިނުމުގެ ކޯސްތައް ހިންގަވަން ޝިޔާމާ ފެށްޓެވިއެވެ. އަދި ހެއަރ އެންޑް ބިޔުޓީ ކޯސްތަކާއި، ވެޑިންގ ޑްރެސްއާއި، ޕާޓީ ޑްރެސް ފަހަން ދަސްކޮށްދިނުމުގެ ކޯސްތަކާއި، ސްޓޮކިންގ ފްލާވަރ ކޯސްތަކާއި، ވޫލްގެ މަސައްކަތް ދަސްކޮށްދޭ ކޯސްތަކާއި، މިނޫންވެސް ފަންނުވެރިކަމުގެ ތަފާތު ކޯސްތައް ޝިޔާމާ ހިންގަވަމުން ގެންދެވިއެވެ.

25 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ޚިދުމަތް ކުރެއްވުމަށްފަހު، 2004 ވަނަ އަހަރު ޝިޔާމާ ވަޒީފާއިން ވަކިވެވަޑައިގަތީ، އަމިއްލައަށް ކުރަމުންދާގޮތަށް މަސައްކަތްތައް ފުޅާކުރައްވައި، އެކަމަށް ވަގުތު ހުސްކުރެއްވުމުގެ ބޭނުންފުޅުގައެވެ. މިގޮތުން، ވަޒީފާގެ ފުރުޞަތުތަކާއި، ފަރުދުންގެ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި، ރާއްޖޭގެ އަތޮޅުތަކުގައްޔާއި، މާލޭގައި މަސައްކަތްތައް ފުޅާކުރައްވައި، ގިނަ ކޯސްތަކެއް ހިންގަވަން ފެށްޓެވިއެވެ. އޭގެތެރޭގައި، ގަޔަށް މިންނަގައިގެން، ކަނޑައިގެން ފަހަން ދަސްކޮށްދިނުމާއި، މެޝިން އެމްބްރޮއިޑަރީއާއި، އާޓް އެންޑް ފެބްރިކް ޕެއިންޓިންގއާއި، ގްލާސް ޕެއިންޓިންގއާއި، ވެލިފޮތި ހަރުކުރަން ދަސްކޮށްދިނުމުގެ ކޯސްތައް ހިމެނެއެވެ.

ޝިޔާމާއަކީ، ހެއަރ އެންޑް ބިއުޓީގެ ދާއިރާއިންވެސް ރާއްޖޭގައި ގިނަ މަސައްކަތްތައް ކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ހެއަރ އެންޑް ބިޔުޓީ ސެލޫނެއް، 1998 ވަނަ އަހަރު ހިންގަވަން ފަށްޓަވައި، ސްރީލަންކާގެ ކުންފުންޏަކާ ގުޅިގެން، އެ ދާއިރާގެ ތަޖުރިބާކާރުން ގެންނަވައިގެން، 150 ދަރިވަރުންނަށް ބިއުޓީގެ ބޭސިކް ކޯސްތަކާއި، 6 މަސް ދުވަހުގެ ޑިޕްލޮމާ ކޯހެއް 60 ދަރިވަރުންނަށް ހިންގެވިއެވެ.

ޝިޔާމާއަކީ، ތަފާތު މަސައްކަތްތައް ދަސްކޮށްގެން، އެ ރޮނގުން ކުރިޔަށްދާން ބޭނުންވާ ދެ ޖިންސުގެ ކުދިންނަށާއި މީހުންނަށް އެފަދަ މަސައްކަތްތައް ފެށުމުގެ މަގުވެސް ފަހިކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ގޭތެރެއިން ފެށްޓެވި މަސައްކަތް ފުޅާވެ، ފަހާތަނެއް ހުޅުއްވައި، އެތަނުގައި ހުރިހާ މަސައްކަތެއް ކުރަން ދަތިވުމާ ގުޅިގެން، 1997 ވަނަ އަހަރުން ފެށިގެން ހުރިހާ ޓްރޭނިންގއެއް ޝިޔާމާ ހިންގަވަމުން ގެންދަވަނީ "ޓޮޕްސީ"ގެ ނަމުގައެވެ. މިގޮތުން، މި މަސައްކަތުން ކުރިއަށްދާން ބޭނުންވާ، ތަނަވަސްކަމެއް ނެތް ފަރާތްތަކަށް، އެ ފުރުޞަތު ތަނަވަސްކޮށްދެއްވުމުގެ ގޮތުން، އެކަމަށް އެދުނު ފަރާތްތަކަށް މަސައްކަތް ކުރާނެ ތަންތަން "ޓޮޕްސީ"ގެ ނަމުގައި ހުޅުއްވައި ދެއްވައި، ވިޔަފާރި ކުރެވޭނެގޮތް ހައްދަވައި ދެއްވިއެވެ. މިގޮތުން، ލ. ފޮނަދޫގައްޔާއި، މ. މުލީގައްޔާއި، ހދ. ކުޅުދުއްފުށީގައި ފެހުމުގެ ތަފާތު ކޯސްތައް ހިންގަވައި، އެ ރަށްރަށުގައި މި ވިޔަފާރިތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމުތައްވެސް ޝިޔާމާ ހަމަޖައްސަވައި ދެއްވިއެވެ. އަދި 2004 ވަނަ އަހަރު އެމްޕްލޯއިމަންޓް އެޖެންސީއެއް އުފައްދަވައި، "ސަންޑޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިގެން، ވިޔަފާރީގެ ގޮތުގައި ގިނަ މަސައްކަތްތަކެއް، އެ ކުންފުނީގެ ދަށުން ހިންގެވިއެވެ.

ޝިޔާމާގެ މިހާރުގެ އުންމީދަކީ، ދިވެހިންގެ އަތުން ކުރަމުން އައި މިފަދަ މަސައްކަތްތައް، ބިދޭސީންގެ އަތްމައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނެވުމުގެ ގޮތުން މިކަމަށް ޚާއްޞަކޮށް ދިވެހިން ބިނާކުރެއްވުމެވެ. މިގޮތުން، ފެހުމުގެ ތަފާތު ކޯސްތައް، ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގަވައި، ކޮންމެ ރަށެއްގައި މި މަސައްކަތް ދަސްކޮށްދެވޭނެ މުދައްރިސުން އުފެއްދެވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން، އަތޮޅުތަކުގެ ރަށްރަށަށް ޝިޔާމާ ވަޑައިގެން، ގިނަ ރަށްތަކެއްގައި ތަފާތު ކޯސްތައް ހިންގަވައި، ވަރަށްގިނަ ކުދިން ތަމްރީނު ކުރައްވައިފައި ވެއެވެ. ޝިޔާމާ ކުރައްވާ މި މަސައްކަތުގެ ނަތީޖާއަކީ، އެ ކުދިން އަމިއްލަ ފައިމައްޗަށް ތެދުވެ، މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދަމުން ގެންދިޔުމެވެ. މިއީ، ޝިޔާމާ މި މަސައްކަތް ފެށްޓެވި އެންމެ މުހިންމު އެއް މަޤްޞަދެވެ. އެކަން މާތްﷲގެ ވާގިފުޅާއެކު މިއަދު ކާމިޔާބު ވެފައިވާކަމީ، ޝިޔާމާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާފުޅެވެ. ޝިޔާމާއަށް 2021 ވަނަ އަހަރު ވަނީ "ރެހެންދި އެވޯޑު" ލިބިވަޑައިގެންފައެވެ.

ޝިޔާމާއަކީ، ތަފާތު މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ހޯއްދެވުމުގެ މަޤްޞަދުގައި، ބައިސްކަލާއި ސައިކަލު މަރާމާތުކުރާ ވާރކްޝޮޕެއް ހިންގަވައި، އަދި ކެފޭއަކާއި ރެސްޓޯރަންޓެއް ހުޅުއްވައިގެން ޚިދުމަތް ދެއްވައިފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ޝިޔާމާއަކީ މާފަންނު އަވަށުގެ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ކަމާއި، ރައީސާކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވައި، އެ އަވަށަށް ރީތި ނަން ހޯއްދަވައި ދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ރާއްޖޭގައި އުވިދިޔަ ދިވެހި ކުޅިވަރު "ބަށިބޯޅަ" އާލާކުރެއްވުމަށް، އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރު (ނ.ޢ.ޢ.ވ)ގެ އަރިހުގައި ނުކުންނަވައި، އެ ކުޅިވަރު އަލުން ރާއްޖޭގައި ދިރުވުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ޝިޔާމާ ވަނީ ކޮށްދެއްވައިފައެވެ. އަދި ބަށިބޯޅަ ޖަމުޢިއްޔާ އުފައްދަވައި، އެ ޖަމުޢިއްޔާގެ ރައީސާކަމުގެ މަގާމު ޝިޔާމާ ފުރުއްވަމުން ގެންދަވާތާ މިހާރު 14 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ޝިޔާމާއަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް އަންހެނުން ނެރުއްވުމުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.