އަލްފާޟިލް ޙަސަން ސަޢީދު
މާދަޑު. އެއްގަމިގެ ޏ. ފުވައްމުލައްެ

 ޙަސަން ސަޢީދު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 33 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މި ދާއިރާއަށް ވެދެވަޑައިގަތީ، އުމުރުން އެންމެ 14 އަހަރުގައެވެ. 2009 ވަނަ އަހަރާ ހަމަޔަށް ޙަސަން ސަޢީދު ޚިދުމަތް ކުރައްވަމުން ގެންދެވީ، އެކިއެކި ރިޒޯޓުތަކުގައެވެ. ހެޔޮއެދޭ ފަރާތެއްގެ ސްޕޮންސަރޝިޕްގައި، 1989 ވަނަ އަހަރު ހޮޓެލް ސްކޫލަށް ވެދެވަޑައިގެން، ހޮޓެލް ސްކޫލުން ޖެނެރަލް ހޮޓެލް ސަރވިސަސް ސެޓުފިކެޓު ހާސިލުކުރެއްވުމަށްފަހު، ޙަސަން ސަޢީދު އަނެއްކާވެސް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޓޫރިސްޓް ރިޒޯޓުތަކުގައެވެ.

މިގޮތުން، ސަފާރީ ޓުއަރޒްއާއި، ޔުނިވަރސަލް ފަދަ ދިވެހި ކުންފުނިތަކުގައި މެނޭޖްމަންޓް ޓްރޭނީއެއްގެ ގޮތުގައި ޙަސަން ސަޢީދު މަސައްކަތް ކުރެއްވިއެވެ. އަދި ރިޒޯޓުތަކުގެ ތަފާތު ޑިޕާޓްމަންޓްތަކުގައިވެސް މަސައްކަތް ކުރެއްވިއެވެ. މިގޮތުން، ލެގޫނާ ބީޗް ރިޒޯޓުގެ އެސިސްޓެންޓް ރެޒިޑެންޓް މެނޭޖަރ ކަމާއި، ސޮނޭވާފުށި ރިޒޯޓުގެ ރެސްޓޯރަންޓް މެނޭޖަރ ކަމާއި، އިކާޒް ހޮޓެލްގެ މެނޭޖަރ ކަމާއި، ފުލްމޫން ބީޗް ރިޒޯޓުގެ އެފް.އެންޑް.ބީ ކޯޑިނޭޓަރ ކަމާއި، ހިއުމަން ރިސޯސް މެނޭޖަރ ކަމާއި، ސަން ހޮޓެލްސް އެންޑް ރިޒޯޓްސްގެ ޖެނެރަލް މެނޭޖަރ، ހިއުމަން ރިސޯސަސް ކަމާއި، ބަނޑޮސް މޯލްޑިވްސްގެ ޑިރެކްޓަރ، ލަރނިންގ އެންޑް ޑިވެލޮޕްމަންޓްކަންވެސް ކުރެއްވިއެވެ. މިހާރު ޙަސަން ސަޢީދު އަދާކުރައްވަމުން ގެންދަވަނީ، 2017 ވަނަ އަހަރު ރ. އަތޮޅުގައި ހުޅުވުނު ދިގަލި މޯލްޑިވްސްގެ ރިޒޯޓް މެނޭޖަރ ކަމުގެ މަގާމެވެ.

ޙަސަން ސަޢީދަކީ، ފަތުރުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. 2008 ވަނަ އަހަރު، ޔުނިވަރސިޓީ އޮފް ބަރމިންގހަމްއިން ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް މެނޭޖްމަންޓްގެ ރޮނގުން ބެޗްލަރ އޮފް އޮނަރސް ޑިގްރީ އަދި 2013 ވަނަ އަހަރު ވިލާ ކޮލެޖުން ހިންގި، އޯޕަން ޔުނިވަރސިޓީ މެލޭޝިއާގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ވަނީ ހާސިލުކުރައްވައިފައެވެ.

މީހުން ބިނާކުރުމާއި، މި ދާއިރާއަށް އަލަށް ޒުވާނުން ނެރުމާއި، މި ދާއިރާގައި ޚިދުމަތްކުރާ ޒުވާނުންނާއި، މަދަރުސާ ކުދިންގެ މެދުގައި މި ދާއިރާއަށް ޝައުޤުވެރިކަން އިތުރުކުރެއްވުމަށް ޙަސަން ސަޢީދު ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. މިގޮތުން، 2014 ވަނަ އަހަރުން ފެށިގެން އާބާދީ ބޮޑު ބައެއް ރަށްރަށުގައި، ކެރިއަރ ގައިޑެންސް ސެޝަންތައް ހިންގަވައި ދެއްވައިފައި ވެއެވެ. އަދި ބައެއް ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެންވެސް މިފަދަ ހަރަކާތްތައް ހިންގަވައިފައި ވެއެވެ.

ޙަސަން ސަޢީދު ވަނީ ސްކީމް، މާޕް އަދި އީ.އެމް.ސީ. ފަދަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، މި ދާއިރާއަށް މީހުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ނަންގަވައި ދެއްވައިފައެވެ. މީގެއިތުރުން، ކިޔަވައިދިނުމާއި، ކިޔަވާ ކުދިންނަށް މި ދާއިރާ ތަޢާރުފް ކޮށްދެއްވުމާއި، ހިލޭސާބަހަށް އަދި ކޮންޓްރެކްޓް އުސޫލުން މިހާރުވެސް ގެންދަވަނީ ކިޔަވައި ދެއްވަމުންނެވެ. މިގޮތުން، ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައްޔާއި، ކްލިކް ކޮލެޖުގެ ސީ.ޓީ.އެޗް. ޕުރޮގުރާމުގައްޔާއި، ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުގައްޔާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކުގައި ބައެއް މޮޑިއުލް ނަންގަވައިދެއްވައެވެ. އަދި އެ ތަންތަނުން ހިންގާ އިތުރު ކެރިއަރ ގައިޑެންސް ޕުރޮގުރާމުތަކުގައިވެސް ތަފާތު ސެޝަންތައް ޙަސަން ސަޢީދު ނަންގަވައިދެއްވަމުން ގެންދަވައެވެ. މީގެއިތުރުން، ސްކޫލްތަކުގެ ޓީޗަރުންނަށާއި، އެކެޑަމިކް ސްޓާފުންނަށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕުރޮގުރާމުތައް ހިންގުމުގައިވެސް ޙަސަން ސަޢީދު އެހީތެރިވެދެއްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމާއި، ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރަން ޙަސަން ސަޢީދު މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން، ރިޒޯޓުތަކުގައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލާއި، މުވައްޒަފުންގެ ދުޅަހެޔޮކަމަށް މެނޭޖްމަންޓްތަކުން ކުރަންޖެހޭ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް ފަރުދީ ފެންވަރުގައި ވަކާލާތު ކުރައްވަމުން ގެންދަވައެވެ.

ޙަސަން ސަޢީދުގެ ލިންކްޑްއިން ޕްރޮފައިލާއި، އަމިއްލަ ބްލޮގް "ޙަސަންފުށި.ކޮމް" ގައި ޝާއިޢުކުރައްވާ ލިޔުންތަކުގައި، މިފަދަ ކަންކަން ފާހަގަކުރައްވައި، އެކަންކަމަށް އަޑުއުފުއްލަވަމުން ގެންދަވައެވެ.