އަލްފާޟިލް އިބްރާހީމް ރަޝީދު ގުރަހަ
ހއ. އިހަވަންދޫ

އިބްރާހީމް ރަޝީދަކީ، އިހަވަންދޫގެ މަސްވެރި ޢާއިލާއަކަށް އުފަން އަދި މަސްވެރިކަމުގެ ދާއިރާގައި ވަރަށް ހީވާގިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކެޔޮޅެކެވެ. މަސްވެރިކަމުގެ ދާއިރާއަށް ވެދެވަޑައިގަތީ، އުމުރުން އެންމެ 12 އަހަރުގައެވެ. އޭރުއްސުރެ މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 29 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މަސްވެރިކަމަކީ އެންމެ ނަފާވެރި އަދި އާމްދަނީ ހޯދުމަށް އެންމެ ރަނގަޅު އެއް މަސައްކަތްކަން ގަބޫލުކުރައްވައިގެން، މަސްވެރިކަމުގެ ދާއިރާގައި އިބްރާހީމް ރަޝީދު ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނީ، އެއީ، ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ބައެއް ކަމަށް ދެކެވަޑައިގަންނަވައިގެންނެވެ.

އިބްރާހީމް ރަޝީދަކީ، މަސްވެރިކަމުގެ ދާއިރާއަށް ޒުވާން ޖީލު ޝައުޤުވެރިކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ތަފާތު އެކިއެކި ފޯރަމްތަކުގައި، މަސްވެރިކަމުގެ މުހިންމު ކަމުގެ މައްޗަށް ވަކާލާތު ކުރައްވައި، ގިނަ އަދަދެއްގެ ޒުވާނުން މި މަސައްކަތަށް ވަނީ ނެރެދެއްވައިފައެވެ. އަދި މަސްވެރިކަމަށް ޒުވާނުން ތަމްރީނު ކުރެއްވުމަށްޓަކައި އިބްރާހީމް ރަޝީދު އަމިއްލަފުޅަށް އިސްނަންގަވައިގެންވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވައިފައެވެ. އެގޮތުން، މަސްވެރިކަމަކީ ޒުވާނުންނާ އެންމެ ގުޅޭ އެއް މަސައްކަތްކަން ޒުވާނުންނަށް ވިސްނަވައިދެއްވައި، ޒުވާނުންގެ ބައިވެރިވުން މަސްވެރިކަމުގައި ވީހާވެސް ބޮޑަށް އިތުރުކުރެއްވުމަށް އިބްރާހީމް ރަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މަސްވެރިކަމަށް ޒުވާނުން ޝައުޤުވެރިކުރުވުމަށްޓަކައި އިހަވަންދޫ މަސްވެރިންގެ ގުޅުމުން ކުރިއަށްގެންދާ އެކިއެކި ބައްދަލުވުންތަކުގައި މަސްވެރިއެއްގެ ހައިސިއްޔަތުންނާއި، ކެޔޮޅެއްގެ ހައިސިއްޔަތުން އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެން، މަސްވެރިކަމުން ލިބޭ ނަފާތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވައެވެ. އަދި ރަށުގެ އޮޑިވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ކަމަށްވާ ކެޔޮޅުން ލިބުމުގެ ދަތިކަމަށް ޙައްލެއް ގެނެސްދެއްވުމުގެ ގޮތުން، އިބްރާހީމް ރަޝީދުގެ މޭސްތިރިކަމުގެ ދަށުން ކެޔޮޅުން ތަމްރީނު ކުރައްވަމުން ގެންދަވައެވެ. އަދި އަލަށް މަސްވެރިކަމާ ގުޅޭ ޒުވާނުންނަށް ދޮށިއަޅާނެ ގޮތާއި، އެން އުކާނެ ގޮތްތައް، މަސްއޮޑިމަތީގައި ދަސްކޮށްދެއްވަމުން ގެންދަވައެވެ. މީގެއިތުރުން، އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަށްވެސް މަސްވެރިކަމާ ގުޅޭ އެކިއެކި މަޢުލޫމާތުތައް ފޯރުކޮށްދެއްވައި، ދަރިވަރުންގެ ހިތްތަކުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފެއްދުމަށްވެސް އިބްރާހީމް ރަޝީދު މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އިބްރާހީމް ރަޝީދު ވަނީ 6 ދޯންޏަށްވުރެ ގިނަ ދޯނީގައި ކެޔޮޅުކަން ކުރައްވައިފައެވެ. އަދި އެތައް ކެޔޮޅުންނެއް ތަމްރީނު ކުރައްވައިފައެވެ.

މަސްވެރިކަމަށް ޒުވާނުން ތަމްރީނު ކުރުމުގެ ގޮތުން އިބްރާހީމް ރަޝީދު، ޒުވާން ކުދިން ނަންގަވައިގެން 10 ވަރަކަށް ކެޔޮޅުން ތަމްރީނު ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެތެރޭގައި، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންވެސް ހިމެނެއެވެ. މިގޮތަށް އެ ކުދިން ތަރުބިޔަތު ކުރެވި ތަމްރީނު ކުރުމުން، މަސްތުވާތަކެއްޗާ ދުރުހެލިވެ، ޒިންމާދާރު މަސްވެރި ކެޔޮޅުންގެ ގޮތުގައި އެކުދިން މިހާރު އުޅެމުންގެންދާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

މަސްވެރިކަމަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ކަމަށްވާ، މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބޭތީ، އެކަމަށް އެންމެބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީވެސް އިބްރާހީމް ރަޝީދެވެ. އަތޮޅުގެ މަސްވެރިއަކަށްވިޔަސް އަދި ރަށުގެ މަސްވެރިއަކަށްވިޔަސް ދިމާވާ ކޮންމެ ކަމެއް ޙައްލުކޮށްދެއްވުމުގައި އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.

އިބްރާހީމް ރަޝީދަކީ، އިޖުތިމާޢީ ގޮތުންވެސް ފާހަގަކޮށްލެވޭ މަސްވެރިއެކެވެ. ރަށުގައި ހިންގޭ އިޖުތިމާޢީ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، މާލީ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ. ޚާއްޞަކޮށް، ދީނީ ކަންކަމަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ރަށުގައި ބާއްވާ ޤުރްއާން މުބާރާތްތަކަށާއި، މިސްކިތްތަކުގެ އާބާތުރަފިލުވުމަށް ކޮންމެ އަހަރަކުވެސް މާލީ އެހީތެރިކަން ފޯރުކޮށްދެއްވައެވެ. އަދި އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ހިންގޭ ތަފާތު ހަރަކާތްތަކުގައިވެސް ވެދެއްވެން އޮތް އެހީތެރިކަމެއް އިބްރާހީމް ރަޝީދު ވެދެއްވަމުން ގެންދަވައެވެ.

މަސްވެރިކަމުގެ ދާއިރާއިން އިބްރާހީމް ރަޝީދަށް ލިބިވަޑައިގެންނެވި އެންމެބޮޑު އެއް ކާމިޔާބީއަކީ، އެއް ދަތުރުން އެންމެ ގިނަ ކަންނެލި ބާނައިގެން، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ކަންނެލި ކިރުވި ރެކޯޑު އޮތީ އިބްރާހީމް ރަޝީދުގެ ކެޔޮޅު ކަމުގައި ދުއްވާ "މާހޯރަ - 3" ދޯނީގައި ކަމަށްވުމެވެ. 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު މި ރެކޯޑު ހެދީ، 865 ކިލޯ (11 ޓަނު)ގެ ބޮޑުކަންނެލި ކިރުވައިގެންނެވެ.

އޭގެއިތުރުން، ހއ. އަތޮޅުގައި މަސްވެރިކަންކުރާ އެންމެ ދުވަސްވީ ކެޔޮޅުގެ އިނާމު، 2022 ވަނަ އަހަރު، އަދި އިހަވަންދޫގެ އެންމެ ޚިދުމަތްތެރި ކެޔޮޅުގެ އިނާމުވެސް އެ އަހަރު ވަނީ އިބްރާހީމް ރަޝީދަށް ލިބިވަޑައިގެންފައެވެ.