އަލްފާޟިލް މުޙައްމަދު ވަޖީހު ޕޭންޓްލޭންޑް
ބ. އޭދަފުށި

އިންގްލިޝް ޕްރިޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލުން މަދުރަސީ ދައުރު ނިންމަވައިލެއްވުމަށްފަހު މުޙައްމަދު ވަޖީހު ކިޔަވައިދެއްވުމުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، ވަރަށް ޒުވާން އުމުރުގައެވެ. މިގޮތުން، 1989 ވަނަ އަހަރު މަދްރަސީ ދައުރު ނިންމެވުމަށްފަހު، މާލޭގެ ބައެއް ސްކޫލް މަދަރުސާތަކުގައި ދިވެހި މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. ވަޖީހު ފުރަތަމަ ޚިދުމަތް ކުރެއްވީ، އީ.ޕީ.އެސް. ސްކޫލްގެ ދިވެހި މުދައްރިސެއްގެ ގޮތުގައި 1991 ވަނަ އަހަރުއެވެ. އެއަށްފަހު، 1992 ވަނަ އަހަރު އެ ސްކޫލްގެ ސުޕަވައިޒަރަކަށް ބަދަލުވިއެވެ. އަދި ހަމަ އެ އަހަރު، އެ ސްކޫލްގެ ހެޑް އޮފް ދިވެހި ޑިޕާޓްމަންޓްގެ މަގާމަށް ޢައްޔަން ކުރެވުނެވެ. ސްކޫލްގައި ހިންގާ އަދަބީ އަދި ޘަޤާފީ ޖަމުޢިއްޔާ "ލިޓްރަރީ އެންޑް ކަލްޗަރަލް ސޮސައިޓީ"ގެ ސީނިއަރ ޗެއަރމަންކަން ކުރައްވަމުން، ސްކޫލްގައި ހިންގި އަދަބީ ހުރިހާ މުބާރާތްތަކެއްގެ ކަންތައްތައް ވަޖީހު ބެލެހެއްޓެވިއެވެ. އަދި ޤައުމީ، އަދަބީ މުބާރާތްތަކަށް ކުދިން ތައްޔާރުކޮށްދެއްވައި، އެ ސްކޫލަށް ގިނަ ކާމިޔާބީތަކެއް ވަޖީހު ހޯއްދަވައި ދެއްވިއެވެ.

އީ.ޕީ.އެސް. ސްކޫލްގައި ތަޢުލީމު ހާސިލުކުރާ ގިނަ ކުދިންނަކީ، އަތޮޅުތަކަށް ނިސްބަތްވާ ކުދިން ކަމަށްވާތީ، އެ ކުދިންނަށް އަމާޒު ކުރައްވައިގެން، ވަޖީހުގެ އިސްނެންގެވުމުގެ މަތިން، "އަތޮޅުތަކުގެ ނަމޫނާ ބައްދަލުވުން" އަދި ފަހުން "އަތޮޅުތަކުގެ ދަރިވަރުންގެ މަހާސިންތާ"ގެ ނަމުގައި 1992 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދެވިއެވެ. މިގޮތުން، 14 ބައްދަލުވުން ބާއްވަވައި، 1300 އަށްވުރެ ގިނަ ދަރިވަރުން ތަމްރީނުކޮށްދެއްވިއެވެ.

އީ.ޕީ.އެސް. ސްކޫލްގައި ވަޖީހު ދިވެހިބަސް ކިޔަވައިދެއްވަމުން ގެންދެވީ، ސާނަވީ ގްރޭޑުތަކުގެ ކްލާސްތަކަށެވެ. ދިވެހި މާއްދާއިން ވަރަށް ރަނގަޅު ނަތީޖާ އޭރު އެ ސްކޫލަށް ހޯއްދަވައިދެއްވިއެވެ. އީ.ޕީ.އެސް.އެސް.ގައި ކިޔަވައިދެއްވަމުން ގެންދެވިއިރު، ޕާޓްޓައިމް މުދައްރިސެއްގެ ގޮތުގައި މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށާއި، މަދްރަސަތުލް އަމީރު އަޙްމަދުގެ ދަރިވަރުންނަށްވެސް ވަޖީހު ކިޔަވައިދެއްވިއެވެ. އަދި މަދްރަސަތުލް އަމީރު އަޙްމަދުގެ ހެޑް އޮފް ދިވެހި ޑިޕާޓްމަންޓުކަންވެސް ކުރެއްވިއެވެ.

މަދްރަސަތުލް އަޙްމަދިއްޔާގެ ސީނިއަރ މެނޭޖްމަންޓާ މުޙައްމަދު ވަޖީހު މުޅިން ގުޅިވަޑައިގަތީ، 2009 ވަނަ އަހަރުއެވެ. ސުޕަވައިޒަރެއްގެ މަގާމު ފުރުއްވަމުން، ސާނަވީއާއި މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންނަށް ދިވެހިބަސް ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި އެ ސްކޫލްގެ އަދަބީ ޖަމުޢިއްޔާ "ދަރިވަރުންގެ ހިޔާ" ހިންގުން ވަޖީހާ ހަވާލުކުރެއްވި ހިސާބުން ފެށިގެން ދިވެހިބަހުގެ ތަފާތު ހުނަރު ލިބިފައިވާ ދަރިވަރުން ޤައުމީ މުބާރާތްތަކަށް ނެރުއްވައި، އެ ސްކޫލަށް މަތީ ކާމިޔާބީތައް ހޯއްދަވައި ދެއްވިއެވެ. ހަމައެއާއެކު، އެސް.އެސް.އީ. އިމްތިޙާނުން ދިވެހިބަހުގެ މާއްދާއިން މަތީ އިންސައްތައެއް އަޙްމަދިއްޔާ ސްކޫލަށް ހޯއްދަވައިދެއްވިއެވެ. އެގޮތުން، 2011 ވަނަ އަހަރާއި، 2012 ވަނަ އަހަރާއި، 2018 ވަނަ އަހަރު 100 އިންސައްތަ ކާމިޔާބީ ވަނީ ހޯއްދަވައިދެއްވައިފައެވެ. އަދި ވަޖީހު ކިޔަވައިދެއްވި ދަރިވަރަކު ވަނީ 2013 ވަނަ އަހަރު މުޅި ރާއްޖެއިން 1 ވަނަ ހޯދައި، ބްރިލިއަންސް އެވޯޑް ހާސިލުކޮށްފައެވެ. އޭގެފަހުން، ކޮންމެ އަހަރަކުވެސް އެސް.އެސް.ސީ. އިމްތިޙާނާއި، އެޗް.އެސް.ސީ. އިމްތިޙާނުގައި ދިވެހިބަހުގެ މާއްދާއިން މަތީ ނަތީޖާތަކެއް އަޙްމަދިއްޔާއިން ހޯދަމުން ގެންދިޔައެވެ. މި ނަތީޖާތައް އެ ސްކޫލަށް ހޯއްދަވައި ދެއްވުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ، މުޙައްމަދު ވަޖީހެވެ. ވަޖީހަކީ މިހާރުވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 10، 11 އަދި 12 އަށް ދިވެހިބަސް ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސެކެވެ. މުޙައްމަދު ވަޖީހު ވަނީ، އީ.ޕީ.އެސް. ސްކޫލްގައި 17 އަހަރު އަދި އަޙްމަދިއްޔާގައި 13 އަހަރާއެކު ޖުމުލަ 30 އަހަރު ހެޑް އޮފް ދިވެހި ޑިޕާޓްމަންޓް ކަމުގެ މަގާމު އަދާކުރައްވައިފައެވެ. މިހާރު ވަޖީހަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރެވެ. އަދި ދިވެހި މާއްދާގެ ކޯޑިނޭޓަރުވެސް މެއެވެ.

ކިޔަވައިދެއްވުމުގެ އިތުރަށް، މުޙައްމަދު ވަޖީހު ވަނީ، ސެކަންޑަރީ އިމްތިޙާނުގެ ދިވެހިބަހުގެ ކަރުދާސްތައް މާކް ކުރުމުގައި، 1997 ވަނަ އަހަރުން ފެށިގެން 15 އަހަރު ވަންދެން މަސައްކަތް ކުރައްވައިފައެވެ. އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ފަރާތުން 2005 ވަނަ އަހަރުން ފެށިގެން އެގްޒޭމިނަރެއްގެ ގޮތުގައްޔާއި، މޮޑަރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ވަޖީހަށްވަނީ ދެއްވައިފައެވެ. ހަމައެއާއެކު، އެޗް.އެސް.ސީ. އިމްތިޙާނުގައިވެސް އެގްޒޭމިނަރެއްގެ ގޮތުގައި ވަޖީހު ވަނީ މަސައްކަތް ކުރައްވައިފައެވެ.

މުޙައްމަދު ވަޖީހު ވަނީ ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ ދިވެހި މުދައްރިސުންނަށް ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ފަރާތުން ހިންގި ވާރކްޝޮޕްތަކުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދެއްވައިފައެވެ. އޭގެތެރޭގައި، ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، މ. އަތޮޅާއި، ފ. އަތޮޅާއި، ދ. އަތޮޅާއި، ތ. އަތޮޅާއި، ލ. އަތޮޅުގެ މުދައްރިސުންނަށް ހިންގި ވާރކްޝޮޕްތައް ހިމެނެއެވެ.

މުޙައްމަދު ވަޖީހު، ދިވެހިބަސް ކިޔަވައިދެއްވުމުގައްޔާއި، ބަހުގެ އެކި ހުނަރުތަކަށް ކުދިން ތަމްރީނު ކުރައްވަމުން ގެންދަވާތާ 32 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ވަޖީހު ފާހަގަކުރެވިފައި ވަނީ، ކިޔަވައިދެއްވާ ދަރިވަރުންނަށް ދިވެހިބަހުގެ އުސްލޫބުތައް އޮޅުންފިލުއްވައި ދެއްވުމުގައި، އަމިއްލަފުޅު ތަޖުރިބާއާއި، ބަހާބެހޭ ހޯއްދެވުންތަކުގެ އަލީގައި، ބަހުގެ ޢިލްމު ފެތުރުއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމަށް މުޙައްމަދު ވަޖީހު ގިނަ ނޫސްތަކެއްގައި މަސައްކަތް ކުރައްވައި، ގިނަ އަދަދެއްގެ ލިޔުންތައް ލިޔުއްވައި، އަދި ބައެއް ނޫސްތަކުގެ ޑެޕިއުޓީ އެޑިޓަރުކަމާއި، އެޑިޓަރުކަން ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މިހާރު ވަޖީހަކީ، އޮންލައިން މަޖައްލާ "އީ.ޕީ.އެސް. ހަނދާން" އާއި، އޮންލައިން ނޫސް "އަޙްމަދިއްޔާ 1982" އަދި "ބީފާނު" ގެ އެޑިޓަރެވެ.