އަލްފާޟިލް ޢަބްދުއްޞަމަދު ޢަލީ
ނިކަގަސްދޮށުގެ މ. ވޭވަށް

ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވޭ ޢަބްދުއްޞަމަދު ޢަލީއަކީ، އިހުގެ ފަންނުތައް ދިރުވައި އާލާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޢަބްދުއްޞަމަދު ޢަލީގެ އެންމެ ޚާއްޞަ ރޮނގަކީ ރާއެރުމެވެ. އުމުރުން އެންމެ 17 އަހަރުގައި ރާވެރިކަމުގެ މަސައްކަތް ފެށްޓެވީއްސުރެ މިއަދާ ހަމަޔަށްވެސް ދެމިހުންނެވީ، އެ މަސައްކަތުގައެވެ.

ރާވެރިކަމަކީ ދިވެހީންގެ ލެޔާ ގުޅިފައިވާ، ދިވެހީން ކެއިންބުއިމުގައާއި، އާމްދަނީ ހޯދުމަށް ދިވެހީންގެ ގިނަ ބަޔަކު އިހުޒަމާނުގައި ކުރަމުން އައި މަސައްކަތަކަށްވުމާއި، އިހުޒަމާނުގައި ދިވެހީން ވަރަށް ރަނގަޅަށް އަދި އެހާމެ ގިނަ ބަޔަކު ކުރަމުން އައި މަސައްކަތަކަށް ވުމާއި އަދި މި މަސައްކަތުގެ ބުރަކަމާއެކު، މި މަސައްކަތް ކުރާ މީހުން މިހާރު މަދުވެފައިވާތީ، ޢަބްދުއްޞަމަދު ޢަލީގެ ޢަޒުމަކީ، އުމުރުން ކިތަންމެ ދުވަސްވީ ކަމުގައިވީނަމަވެސް، މި މަސައްކަތް ހުއްޓަވައިނުލައްވައި ކުރިއަށް ވަޑައިގަތުމެވެ. މިއަދުގެ ޒުވާނުންނަށް މަސައްކަތް ދަސްކޮށްދެއްވައި، މަސައްކަތް އުވިދިޔަނުދީ ދިރުވައި އާލާކުރެއްވުމުގެ ފޮނި އުންމީދާ އެކުގައެވެ.

ޢަބްދުއްޞަމަދު ޢަލީއަށް ރާވެރިކަމުގެ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ، ޢަބްދުއްޞަމަދުގެ ބައްޕަޔަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބައްޕަޔާ އެކުގައި އެ މަސައްކަތް ކުރެއްވުމުގެ ތެރެއިންނެވެ. އެގޮތުން، މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އުފެދި، ބައްޕަގެ އެހީތެރިކަމާއެކު މަސައްކަތް ދަސްކުރައްވައިގެން އަމިއްލަފުޅަށް މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. އޭރުއްސުރެ ފެށިގެން މިއަދާ ހަމަޔަށްވެސް ޢަބްދުއްޞަމަދު ގެންދަވަނީ މި މަސައްކަތް ކުރައްވަމުންނެވެ. މަސައްކަތުގެ އިތުރު ހުނަރުތައް ޢަބްދުއްޞަމަދު ދަސްކުރެއްވީ، ފ. ފީއަލީ ރާވެރި މޫސަބޭގެ އަރިހުންނެވެ.

ޢަބްދުއްޞަމަދު ޢަލީގެ ޒުވާން އުމުރުން ފެށިގެން މިއަދާ ހަމަޔަށްވެސް އާމްދަނީ ހޯއްދެވުމަށް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތަކީ، ރާވެރިކަމެވެ. ރުކުން ބާލާ ރާ ވިއްކުމުގެ އިތުރުން، ރާ ކައްކައިގެން ހަކުރު ހެދުމަށްފަހު، ހަކުރުވެސް ވިއްކަވައެވެ. ހަކުރު ކެއްކުމުގެ މަސައްކަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރައްވަނީ، ޢަބްދުއްޞަމަދުގެ އަނބިކަނބަލުން މަދީޙާ މުޙައްމަދެވެ. މިއީ ރާއެރުމުގެ މަސައްކަތުގައި ދެމިހުންނެވުމަށް ޢަބްދުއްޞަމަދަށް ލިބިވަޑައިގަންނަވާ އެންމެބޮޑު ހިތްވަރެވެ.

ރާއެރުމުގެ މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވުމަށް ޢަބްދުއްޞަމަދު ޢަލީއަށް އިތުރު ހިތްވަރަކަށް ވެގެންދިޔައީ، ދަނޑުވެރިކަން ނުވަތަ ރާވެރިކަން އެންމެ އެކަށޭނަ ގޮތެއްގައި ކުރާ ފަރާތްތައް ފާހަގަކުރައްވައި، ސަރުކާރުން ދެއްވަމުން ގެންދެވި، "ޝަހީދު ޙުސައިން ޢަބްދުއްރަޙްމާންގެ ހަނދާނީ ފިލާ" 2004 ވަނަ އަހަރު ލިބިވަޑައިގަތުމުންނެވެ.

މި މަސައްކަތް ދިރުވައި އާލާކުރުމަށްޓަކައި ކުރެވޭނެ އެންމެބޮޑު މަސައްކަތަކީ، މިއަދުގެ ޒުވާނުންނަށް ރާވެރިކަން ދަސްކޮށްދީ، މިކަމުގެ ފަންނުވެރިކަމާއި އުކުޅުތައް ޒުވާން ޖީލަށް ދަސްކޮށްދެއްވުންކަން ޢަބްދުއްޞަމަދު ޢަލީ ގަބޫލުކުރައްވައެވެ. އެގޮތުން، މި މަސައްކަތް ކުރެއްވި ދިގު ތާރީޚުގައި، ޢަބްދުއްޞަމަދު ޢަލީގެ އުފަން ރަށާއި، ޢަބްދުއްޞަމަދު ނިސްބަތްވާ އަތޮޅުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެކި އުމުރުގެ މީހުންނަށް ޢަބްދުއްޞަމަދު ޢަލީ ވަނީ މި މަސައްކަތް ދަސްކޮށްދެއްވައިފައެވެ. އަދި އޭގެތެރެއިން ބައެއް ފަރާތްތަކުން، އާމްދަނީ ހޯދުމުގެ ގޮތުން މި މަސައްކަތް ކޮށްފައިވާކަންވެސް ޢަބްދުއްޞަމަދު ޢަލީ ފާހަގަކުރައްވައެވެ. ގިނަ ބަޔަކަށް މަސައްކަތް ދަސްކޮށްދެއްވުނު ނަމަވެސް، ޢަބްދުއްޞަމަދުގެ ހިތާމަޔަކީ މަދު ފަރާތަކުން ނޫނީ، މި މަސައްކަތް މިހާރު ކުރަމުން ނުގެންދާކަމެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީގެ މެންބަރުން ޢަބްދުއްޞަމަދު ޢަލީގެ މަސައްކަތް ބައްލަވައިލެއްވުމަށް ވޭވަށަށް ކުރެއްވި ދަތުރުފުޅުން ވަރަށް މުހިންމު ތަޖުރިބާއެއް ކުރެއްވުނެވެ. އެ ބޭފުޅުންނަށް ފެނިވަޑައިގަތީ، މި މަސައްކަތަށް ޢަބްދުއްޞަމަދު ޢަލީގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމެވެ. އެހާ ދޮށީ އުމުރުގައިވެސް ރުކަށް އަރުއްވައި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރާ ބޭލުއްވި މަންޒަރެވެ.

ޢަބްދުއްޞަމަދު ޢަލީގެ މަސައްކަތާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ވޭވަށު ކައުންސިލާއި، ރަށުގެ ކަމުވޮށިވެގެންވާ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމުން، އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުތަކުންވެސް އެނގުނީ، މި މަސައްކަތުގެ ސަބަބުން އެ ބޭފުޅުންގެ ހިތްޕުޅުގައި ޢަބްދުއްޞަމަދު ޢަލީއަށް ދެވިފައިވާ ޤަދަރާއި އިޙްތިރާމް ވަރަށްބޮޑުކަމެވެ. އަދި ރަށު ކައުންސިލްގެ ހުރިހާ މެންބަރުންވެސް ޢަބްދުއްޞަމަދު ޢަލީގެ މަސައްކަތަށް ތަޢުރީފް ކުރެއްވިއެވެ.

އެހެންކަމުން، ޒަމާނުއްސުރެ ދިވެހީން ކުރަމުން އައި މަސައްކަތެއް، އުމުރުން މިހާ ދުވަސްވީއިރުވެސް ހުއްޓަވައިނުލައްވައި ޢަބްދުއްޞަމަދު ޢަލީ ކުރައްވަމުން ގެންދެވުން މިއީ ޤައުމީ ފެންވަރެއްގައި ބަލައިގަންނަންޖެހޭ ޚިދުމަތެއް ކަމަށް ކޮމިޓީގެ މެންބަރުން ދެކެވަޑައިގަންނަވައެވެ.