ލިޔުންތެރިންގެ ގުޅުން

ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމުޢިއްޔާ "ލިޔުންތެރިންގެ ގުޅުން" އަކީ، ދިވެހިބަހާއި ދިވެހި އަދަބިއްޔާތު ދިރުވައި އާލާކުރުމާއި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ ޅެންވެރިކަމާއި، ލިޔުންތެރިކަމާއި، ވާހަކަ ދެއްކުންތެރިކަމުގެ ހުނަރުތައް ތަރައްޤީކޮށް، ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށާއި، ދިވެހިބަހާއި ދިވެހި އަދަބީ ފަންނުތައް ތަރައްޤީ ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވެދީ، އެއްބާރުލުން ދިނުމާއި، ދިވެހި އަދަބީ ތަރިކަތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ދިވެހިބަހާއި އަދަބިއްޔާތު ދިރުވުމަށްޓަކައި ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ކްލާސްތައް ބޭއްވުމާއި، ލިޔުންތައް ޝާއިޢުކުރުމުގެ މަޤްޞަދުގައި، 15 އެޕްރީލް 2010 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމުޢިއްޔާއެކެވެ. ޖަމުޢިއްޔާގެ މުއައްސިސުންނަކީ، ހެންވޭރު އާމުލީގޭ ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ) އާއި، ހެންވޭރު ނަވާގަން އަލްމަރްޙޫމް ޢަލީ މޫސާދީދީއާއި، ވ. ކަންދު އަލްފާޟިލް ރޯނުގޭ ޙަސަން މަނިކާއި، މައްޗަންގޮޅީ ކަޝްމީރުވާދީ އަލްފާޟިލް އިބްރާހީމް ޙުސައިން މަނިކާއި، މައްޗަންގޮޅީ ކަށިމާ އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރެވެ.

މިވޭތުވެދިޔަ 13 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ރޮނގުން ތަފާތު މަސައްކަތްތައް، މި ޖަމުޢިއްޔާއިން ވަނީ ކޮށްފައެވެ. އަދި މިހާރުވެސް ގެންދަނީ ކުރަމުންނެވެ. މިގޮތުން، www.liyuntherin.org ގެ ނަމުގައި އުފައްދައިފައިވާ ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓަކީ، ދީނީ، ޢިލްމީ، އަދަބީ، ތާރީޚީ ތަފާތު މައުޟޫޢުތަކާއި، ސަމާސާ އަދަބާއި، ވާހަކައާއި، މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ޝާއިޢު ކުރަމުންގެންދާ ޢިލްމީ ވެބްސައިޓެކެވެ. މި ވެބްސައިޓް ރަސްމީކޮށް އިފްތިތާޙުކުރީ، 2012 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ކަމުގައިވާ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މި ވެބްސައިޓަކީ، ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި، އެތައްހާސް ބަޔަކު ޒިޔާރަތްކޮށްފައިވާ އަދި އެތައްހާސް ލިޔުމެއް ޖަމާކޮށްފައިވާ ވެބްސައިޓެކެވެ. ރާއްޖޭގެ ދެ ޔުނިވަރސިޓީއާއި ކޮލެޖްތަކާއި، ސްކޫލްތަކުގެ ދަރިވަރުން މަޢުލޫމާތު ހޯދުމަށްޓަކައި ޒިޔާރަތް ކުރަމުންގެންދާ ވެބްސައިޓެކެވެ. ތާރީޚީ، އިޖުތިމާޢީ، ޢިލްމީ ލިޔުންތަކާއި، ވާހަކަތަކާއި، ޅެންތަކާއި، ރާއްޖޭގައި އުފެދުނު އެތައް ޝަޚްޞިއްޔަތެއްގެ ގިނަގުނަ މަޢުލޫމާތުތައް މި ވެބްސައިޓުގައި ހިމެނެއެވެ.

ދިވެހިބަހާއި ޘަޤާފަތާއި ތާރީޚަށް ޚިދުމަތްކުރުމުގެ މަޤްޞަދުގައި "ލިޔުންތެރިޔާ"ގެ ނަމުގައި މި ޖަމުޢިއްޔާއިން މަހަކު އެއްފަހަރު ނެރޭ މަޖައްލާއެއް، 19 ޑިސެންބަރު 2010 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ވަނީ ރަޖިސްޓަރީ ކުރައްވައިފައެވެ. މަޖައްލާގެ މަސްއޫލު ފަރާތަކީ، ލިޔުންތެރިންގެ ގުޅުމެވެ. އެޑިޓަރަކީ، ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ) އެވެ. 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ޝާއިޢު ކުރަންފެށި މި މަޖައްލާގެ 37 އަދަދު މިހާތަނަށް ޝާއިޢުކޮށްފައި ވެއެވެ. މާލީގޮތުން ދިމާވި ދަތިތަކާ ގުޅިގެން، 7 އަހަރުގެ މެދުކެނޑުމަކަށްފަހު، 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި މަޖައްލާ ގަވާއިދުން ނެރެމުން ގެންދެއެވެ.

2012 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި، ލިޔުންތެރިންގެ ގުޅުމުން ޝާއިޢުކުރަން ފެށި ޅެންފޮތް "ޅެންވެރިޔާ" އަކީ، އަދި މިހާތަނަށް ޝާއިޢުކޮށްފައި ނުވާ ޅެންތަކަށް ޚާއްޞަކޮށްގެން، އަހަރަކު އެއްފަހަރު ނެރޭ ޅެންފޮތެކެވެ. ފުރަތަމަ ދެ އަހަރު ނެރުނު ޅެންވެރިޔާގެ ދެ އަދަދުގައި، ރާއްޖޭގައި ތިއްބެވި މަޝްހޫރު ގިނަ ޅެންވެރިންގެ ޅެންތައް ޝާއިޢުކޮށްފައި ވެއެވެ. 2015 ވަނަ އަހަރުން ފެށިގެން "އަހަރުގެ ޅެންވެރިޔާ"ގެ ނަމުގައި ލިޔުންތެރިންގެ ގުޅުމުން ގެންދަނީ، ޅެން ހެދުމުގެ މުބާރާތެއްވެސް ބާއްވަމުންނެވެ. އަދި ދިވެހި އަދަބީ އުދަރެހުގެ އެންމެ އުފެއްދުންތެރި އަދީބު، ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ އުފަންދުވަސް ކަމަށްވާ އެޕްރީލް މަހުގެ 14 ވަނަ ދުވަހާ ގުޅުވައިގެން "ދިވެހިބަހުގެ ދުވަސް"2011 ވަނަ އަހަރު ފުރަތަމަ ފާހަގަކުރަން ފެށީ، ލިޔުންތެރިންގެ ގުޅުމުންނެވެ. ނަމަވެސް، 2014 ވަނަ އަހަރުން ފެށިގެން ދިވެހިބަހުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރައްވާ ދުވަހަކަށް ވަނީ ހަމަޖައްސަވައިފައެވެ.

މިހާތަނަށް ދިވެހިބަހުގެ އެކެޑަމީން ހުޅުއްވައިލައްވައިގެން ބޭއްވެވި ފޮތް މައުރަޒުތަކުގައްޔާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބޭއްވެވި ފޮތް މައުރަޒުތަކުގައި، ލިޔުންތެރިންގެ ގުޅުމުން ބައިވެރިވެ، ޖަމުޢިއްޔާގެ ފޮތްތަކާއި، ޖަމުޢިއްޔާގެ މެންބަރުންގެ އަމިއްލަ ފޮތްތައް، އާންމުކޮށް ވިއްކާ އަގަށްވުރެ ހެޔޮ އަގެއްގައި އާންމުންނަށް ފޯރުކޮށްދީފައި ވެއެވެ. މިވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި، މާލެއާއި އަތޮޅުތަކުގެ 50 އަށްވުރެ ގިނަ ސްކޫލް، މަދަރުސާތަކުގެ ލައިބްރަރީތަކަށް، އެ ޖަމުޢިއްޔާއިން ފޮތް ހަދިޔާކޮށްފައި ވެއެވެ. އަދި ރާއްޖޭގައި ބާއްވާ އެކިއެކި އަދަބީ މުބާރާތްތަކުން މަތީ ވަނަ ހޯދާ ދަރިވަރުންނަށް ޖަމުޢިއްޔާގެ ނަމުގައި ގަވާއިދުން އިނާމު ހުށަހަޅަމުން ގެންދެއެވެ. ދިވެހިބަހުގެ އެކެޑަމީއާއި ބައެއް ސްކޫލްތަކާ ގުޅިގެން ބަހާއި އަދަބިއްޔާތުގެ ދުވަސްތަކާއި މުނާސަބަތުތައް، އެ ޖަމުޢިއްޔާއިން ފާހަގަކުރަމުން ގެންދެއެވެ.

ދިވެހިބަސް ކުރިއަރުވައި ދަމަހައްޓައި، ދިވެހިބަސް ހެޔޮގޮތުގައި ފެތުރުމަށް ކުރަމުންގެންދާ ގިނަގުނަ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި، 2017 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ވަނީ ލިޔުންތެރިންގެ ގުޅުމަށް "އަގުވަޒަންކުރައްވާ ކަމުގެ ހަނދާނީ ފިލާ" ދެއްވައިފައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ޖަމުޢިއްޔާއިން ހިންގައިފައިވާ ގިނަ ހަރަކާތްތައް ހިންގިފައި ވަނީ، މެންބަރުންގެ އަމިއްލަ ހޭދައާއި ބުރަ މަސައްކަތުންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ލިޔުންތެރިންގެ ގުޅުމުގެ ފުރަތަމަ 11 އަހަރު ރައީސްކަން ކުރައްވައިފައި ވަނީ، ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ) އެވެ. މިހާރުގެ ރައީސަކީ، ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ)އެވެ.