އަލްފާޟިލް ޢަލީ އަމީރު
ލަކީސްޓާރ ދ. ބަނޑިދޫ

ވާހަކަ ދެއްކުންތެރިކަމުގެ ފަންނަށް ޢަލީ އަމީރު ވެދެވަޑައިގެންނެވީ، އޭރުގެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވެވި ވާހަކަ ދެއްކުމުގެ ޒޯން މުބާރާތުންނެވެ. މަދު ވަސީލަތްތަކާއެކު، އެ މުބާރާތުގައި ބަނޑިދޫ ސްކޫލްގެ ފަރާތުން ވާދަކުރައްވައި، 13 އަހަރުން ދަށުގެ އުމުރުފުރައިން އެ ސްކޫލުން ވާދަކުރި އެންމެމޮޅު ދަރިވަރަކަށް ޢަލީ އަމީރު ހޮވިވަޑައިގެންނެވިއެވެ. އޭރުއްސުރެ ޢަލީ އަމީރަކީ، މި ފަންނުން ކުރިއަށް ވަޑައިގަތުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވި ބޭފުޅެކެވެ. ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމުގެ މަރުޙަލާގައިވެސް ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތްތަކުގައި ބައިވެރިވެވަޑައިގެން ތަކުރާރުކޮށް ކާމިޔާބީތައް ހޯއްދަވަމުން ގެންދެވިއެވެ. މީގެއިތުރަށް، 2016 ވަނަ އަހަރު ބޭއްވުނު ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން ޔުނިވަރސިޓީ/ކޮލެޖް ގިންތިން މުޅި މުބާރާތުން 2 ވަނަ އަދި 2017 ވަނަ އަހަރު ބޭއްވުނު ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން ޔުނިވަރސިޓީ/ކޮލެޖް ގިންތިން މުޅި މުބާރާތުން 1 ވަނަ ހާސިލުކުރެއްވިއެވެ.

ކުޅަދާނަ ވާހަކަ ދެއްކުންތެރިއެއްގެ އިތުރުން، ޢަލީ އަމީރު ފާހަގަވެފައި ވަނީ، މި ފަންނު ދިރުވައި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން، އަމީރަކީ މަދަރުސާ ކުދިންނަށާއި، ޔުނިވަރސިޓީ ކޮލެޖްތަކުގެ ދަރިވަރުންނަށާއި، އެކި އުމުރުފުރައިގެ މީހުންނަށް ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ވާހަކަ ދެއްކުމުގެ ތަފާތު މުބާރާތްތަކުގައި ބައިވެރިވާ އެކިއެކި ޓީމުތަކަށް މުރްޝިދެއްގެ ހައިސިއްޔަތުން އިރުޝާދު ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. މުރްޝިދެއްގެ ގޮތުން ކުރެއްވި މަސައްކަތުގެ ތެރެއިން، ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިން 2015 ވަނަ އަހަރު، އިސްކަންދަރު ސްކޫލްގެ ޓީމަށް އިރުޝާދު ދެއްވައި،އެ ޓީމަށް 1 ވަނަ ހޯއްދަވައި ދެއްވިއެވެ. އެއަށްފަހު، ދަރުމަވަންތަ ސްކޫލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ފަދަ ޓީމުތަކާއެކު އެފަދަ ކާމިޔާބީތައް ތަކުރާރު ކުރެއްވިއެވެ.

ޢަލީ އަމީރަކީ، ކުޅަދާނަ ބަޙުޘްކުރުންތެރިއެކެވެ. އަދި މުރްޝިދެކެވެ. މި ފަންނުގައި އަމީރުގެ ގިނަ ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި "ފަހިދޫ" ބަޙުޘް މުބާރާތުގެ ޗެމްޕިއަންކަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން 2016 އަދި 2018 ވަނަ އަހަރު ހޯދިއިރު، އެ ދެ އަހަރުވެސް ޓީމުގެ މުރްޝިދަކަށް ހުންނަވައި ކުރެއްވި މަސައްކަތެވެ. ޢަލީ އަމީރަށް ވަނީ ދިވެހިބަހާއި ޘަޤާފަތަށް ޚިދުމަތް ކުރުމުގެ ރޮނގުން 2022 ވަނަ އަހަރު ޒުވާނުންގެ އިނާމު ލިބިވަޑައިގެންފައެވެ.

ޢަލީ އަމީރަކީ، މި ދާއިރާއިން ހިލޭސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ކްލާސްތަކާއި، ޔުނިވަރސިޓީ/ކޮލެޖްތަކުގެ ދަރިވަރުންނަށް ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ކްލާސްތަކާއި، ރާއްޖޭގެ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކޯސްތައް ރާއްވަވައި ހިންގަވައިދެއްވައިފައި ވެއެވެ. މީގެއިތުރުން، ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތަށް ތައްޔާރުވާ ދަރިވަރުންނަށް މުބާރާތާ ގުޅޭ ސެޝަންތައް ނަންގަވައިދެއްވައެވެ. ދިވެހިބަހުގެ އެކެޑަމީއާ ގުޅިވަޑައިގެން، ވާހަކަ ދެއްކުމުގެ އަސާސީ ހުނަރު ދަސްކޮށްދޭ އޮންލައިން ކޯހެއް ފަރުމާކުރައްވައި، އެކި އުމުރުފުރައިގެ 500 އަށްވުރެ ގިނަ ދަރިވަރުންނަށް މުޅިން ހިލޭސާބަހަށް ޢަލީ އަމީރު ކިޔަވައި ދެއްވައިފައި ވެއެވެ.

ވާހަކަ ދެއްކުމުގެ ފަންނަށް މީހުންގެ ޝައުޤުވެރިކަން އުފެއްދުމަށްޓަކައި ޢަލީ އަމީރު ގެންދަވަނީ ޔޫޓިއުބް ޗެނަލެއްވެސް ހިންގަވަމުންނެވެ. މިހާތަނަށް އެ ދާއިރާއާ ގުޅުންހުރި 130 އަށްވުރެ ގިނަ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑް ކުރައްވައިފައި ވެއެވެ. ޢަލީ އަމީރު މިހާރު ގެންދަވަނީ ވާހަކަ ދެއްކުމުގެ ފަންނާ ގުޅޭގޮތުން ފޮތެއް އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޢަލީ އަމީރަކީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ބޭއްވި ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި އެ މުބާރާތަށް ތައްޔާރުވުމަށް ދިވެހިބަހުގެ އެކެޑަމީން ހިންގެވި ކްލާސްތަކުގައި ޢަލީ އަމީރު ހިލޭސާބަހަށް ކިޔަވައިދެއްވައިފައި ވެއެވެ. ޢަލީ އަމީރަކީ، އޮފީސްތަކުގެ މުވައްޒަފުންނަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ކައުންސިލްތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނަށްވެސް ވާހަކަ ދެއްކުމުގެ ހުނަރު ދަސްކޮށްދެއްވައި، މުރްޝިދެއްގެ ހައިސިއްޔަތުން އިރުޝާދު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.