އައްޝައިޚް ޙަސަން ލަޠީފް މޫސާ
ހިކަދިގަސްދޮށުގެ ސ. ހިތަދޫ

އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ 1989 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އިސްލާމީ ތަޢުލީމުގެ ބިންގާ އެޅުއްވީ، ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާއިން 1979 ވަނަ އަހަރުއެވެ. އޭގެފަހުން، 1980 ވަނަ އަހަރު، އަލްމަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރައްވަން ފަށްޓަވައި، އިސްލާމީ ތަޢުލީމާއި، ޢަރަބިބަހުގެ ޢިލްމުން މަތީ ތަޢުލީމު ހާސިލުކުރެއްވިއެވެ. އެއަށްފަހު ރާއްޖެ ވަޑައިގަތީ 1989 ވަނަ އަހަރުއެވެ.

ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން އައްޝައިޚް ޙަސަން ލަޠީފް މޫސާ، އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، އުފަން އަތޮޅު ކަމަށްވާ އައްޑުއަތޮޅުގައެވެ. މިހާރު ހިތަދޫގައި ހިނގަމުންދާ އައްޑޫ ހައި ސްކޫލަކީ، ޙަސަން ލަޠީފް މޫސާގެ މުދީރު ކަމުގައި ރާއްޖޭގެ ބައެއް ޢިލްމުވެރިންނާއި، އިސްލާމްދީނަށް ލޯބިކުރައްވާ ތަނަވަސްކަމުގެ އަހުލުވެރިންގެ ބުރަ މަސައްކަތާއެކު އިމާރާތްކޮށް، އެ ފުރާޅުގެ ދަށުން ރަން ވަނަތައް ހާސިލުކުރި މަދަރުސާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ، ކުރީގެ އަލް މަދްރަސަތުލް އިސްލާމިއްޔާއެވެ. އެ މަދަރުސާގެ މުދީރެއްގެ ގޮތުގައި، 1989 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރުގެ ނިޔަލަށް އައްޝައިޚް ޙަސަން ލަޠީފް މޫސާ ދެމިހުންނެވިއެވެ.

މި މުއްދަތުގެ ތެރޭގައި، ޙަސަން ލަޠީފް ވަނީ އައްޑުއަތޮޅާއި، ފުވައްމުލަކުގެ މިސްކިތްތަކުގައި ދީނީ ދަރުސް ދެއްވައި، އިމާމުވެވަޑައިގެން ހުކުރު ކުރައްވައިފައެވެ. އަދި އައްޑުއަތޮޅަށާއި ފުވައްމުލަކަށް ޚާއްޞަ ކުރައްވައިގެން ހިންގެވި ރަމަޟާން މަހުގެ އިޙްޔާ ޕުރޮގުރާމާއި، ތަރާވީޙް ޕުރޮގުރާމު ރާއްވަވައި ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.

އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ، ދީނީ ރޮނގުން އައްޑުއަތޮޅުގެ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޚިދުމަތްތަކެއް ކޮށްދެއްވި އަދި އައްޑޫ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވައިފައިވާ ބޭފުޅެކެވެ. އައްޑުއަތޮޅުގައި ދީނީ ތަޢުލީމު ފެތުރި ފުޅާވެގެންދިޔުމުގައި، ޙަސަން ލަޠީފް މޫސާ އަދާކުރެއްވި ދައުރަކީވެސް ފާހަގަކޮށްލަންޖެހޭ ދައުރެކެވެ.

އައްޝައިޚް ޙަސަން ލަޠީފް މޫސާ، 2011 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސްގައެވެ. އެއަށްފަހު، މާލެއަށް ދިރިއުޅުން ބަދަލުކުރައްވައި، ޤައުމީ ޔުނިވަރސިޓީގެ މައި މަރުކަޒުގައި މަސައްކަތް ކުރައްވަން ފެށްޓެވީ، 2019 ވަނަ އަހަރުއެވެ. ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރއެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން، ޙަސަން ލަޠީފް މޫސާއަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގައި ޚިދުމަތް ކުރައްވާ ބޭފުޅެކެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި، ރާއްޖޭގެ އެކިއެކި ޔުނިވަރސިޓީ، ކޮލެޖްތަކުންނާއި، އެކިއެކި ޖަމުޢިއްޔާތަކުން ހިންގަވާ ދީނީ ތަފާތު ޕުރޮގުރާމުތަކުގައި ޙަސަން ލަޠީފް ގެންދަވަނީ ތަޤްރީރު ކުރައްވަމުންނެވެ. ޙަސަން ލަޠީފް މޫސާގެ ލިޔުއްވުންތަކާއި، ޅެންތަކާއި، ޕޯސްޓްތަކާއި، ވީޑިއޯ އަދި އޯޑިއޯ ދަރުސްތަކާއި، މަޒުމޫނުތައް ޓުވީޓް ކުރައްވައި، އޮންލައިން ނޫސްތަކާއި މަޖައްލާތަކާއި، މީސްމީޑިއާ މެދުވެރިކުރައްވައި، ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެއްވުމުގައި ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެއިތުރުން، އާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން، ދީނީ ދަރުސްތައް ދެއްވައި، ކަމާގުޅޭ ވާރކްޝޮޕްތަކާއި ފޯރަމްތައް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ރަށްރަށުގެ ކައުންސިލްތަކާއި، އަމިއްލަ ޖަމުޢިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދަވައެވެ. އަދި ޓީ.ވީއާއި ރޭޑިއޯ މެދުވެރިކުރައްވައިގެންވެސް އެކިއެކި ދީނީ ޕުރޮގުރާމުތައް ކުރިއަށް ގެންދަވައެވެ.

އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ، އެކިއެކި މައުޟޫޢުތަކަށް ހުކުރު ޚުޠުބާވެސް ހައްދަވާ ބޭފުޅެކެވެ. އެ ވަގުތަކަށް ޤައުމަށް އެންމެ މުހިންމުވެފައިވާ ކަންކަމުގެ މައްޗަށް ޚުޠުބާތައް ލިޔުއްވަމުން ގެންދަވައެވެ. މީގެއިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޚުޠުބާ ކޮމިޓީއާއި، ޝަރީޢާ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އެކި ކަންކަމުގައި ދީނީ ރައުޔު ދެއްވަމުން ގެންދަވައެވެ.

ޙަސަން ލަޠީފް މޫސާ ދީނީ ބައެއް ފޮތްތަކާއި މަޒުމޫނުތައްވެސް ލިޔުއްވައިފައި ވެއެވެ. ލިޔުއްވައިފައިވާ ފޮތްތަކުގެ ތެރޭގައި، "އިސްލާމްދީނުގައި ކުދިން ތަރުބިޔަތު ކުރުމުގެ މަގު"، މިފޮތާއި، "ކުޑަކުދިންގެ ނަމާދު" މި ފޮތް ހިމެނެއެވެ. މީގެއިތުރުން، ބައެއް މަޒުމޫނުތަކާއި ޅެންތައް، ފަތްތޫރަ އަދި ދަރުމަ މަޖައްލާގައްޔާއި، ބައެއް ވެބްސައިޓްތަކުގައި ޝާއިޢު ކުރައްވަމުން ގެންދަވައެވެ. އަދި މާލޭގެ މިސްކިތްތަކުގައި ވަޢުޡާއި ނަސޭހަތުގެ ދަރުސްތަކާއި، ޙަދީޘް ކްލާސްތައްވެސް އައްޝައިޚް ޙަސަން ލަޠީފް މޫސާ ކުރިއަށް ގެންދަވައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި އައްޝައިޚް ޙަސަން ލަޠީފް މޫސާ ކުރައްވާ ގިނަ މަސައްކަތްޕުޅުތަކަކީ ހިލޭސާބަހަށް ކުރައްވާ މަސައްކަތްޕުޅުތަކެކެވެ. މީގެތެރޭގައި، ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ ވާރކްޝޮޕްތަކާއި، ކޮންމެ ރަމަޟާން މަހަކު ޢަޞްރު ނަމާދަށްފަހު، މިސްކިތްތަކުގައި ކުރިއަށްގެންދާ ދަރުސް ޕުރޮގުރާމުތަކާއި، ރަމަޟާން މަހުގެ އިޙްޔާ ފޯރަމް ހިމެނެއެވެ.