އަލްޤާރީ އިބްރާހީމް ރަމްޒީ
ހިޔާ ށ. ފުނަދޫ

އަލްޤާރީ އިބްރާހީމް ރަމްޒީއަކީ، ވަރަށް ތުއްޕުޅުއިރުއްސުރެ، ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމަށާއި، އެ ރޮނގުން ކުރިއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަމާއެކު، އެ ރޮނގުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ކީރިތި ޤުރްއާނުގެ ދާއިރާއިން ޢިލްމު ހާސިލު ކުރެއްވުމަށްޓަކައި، ޕާކިސްތާނަށް ވަޑައިގެން، ޕާކިސްތާނުގައި ޤުރްއާން ހިތުދަސްކުރައްވައި، ޤިރާޢަތުގެ ޢިލްމު ހާސިލުކުރެއްވިއެވެ.

އަލްޤާރީ އިބްރާހީމް ރަމްޒީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގައި ވަޒީފާ އަދާކުރެއްވިއިރު، މާލޭގެ ބައެއް ސްކޫލްތަކަށާއި، އަމިއްލަ ފަރާތްތަކުން ހިންގާ ޤުރްއާން ކްލާސްތަކަށާއި، ގޭގެއަށް ވަޑައިގެން، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ޤުރްއާން ކިޔަވައިދެއްވަމުން ގެންދެވިއެވެ. އެގޮތުން، ނޫރުލް ޤުރްއާނުގައްޔާއި، ވިނަވި ޤުރްއާން ކްލާހުގައްޔާއި، އަސާސް ޤުރްއާން ކްލާހުގައި ކިޔަވައިދެއްވިއެވެ. މާލޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން، ޤުރްއާން ކިޔެވުމުގެ ޤައުމީ އެކި މުބާރާތްތަކަށް ތައްޔާރުކޮށްދެއްވުމުގެ މަސައްކަތްވެސް އަލްޤާރީ އިބްރާހީމް ރަމްޒީ، ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ.

މާލޭގައި ހައެއްކަ އަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އަމިއްލަ ރަށަށާއި، އަތޮޅަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން، ރަމްޒީގެ ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުން، 2006 ވަނަ އަހަރު، ޅައިމަގު ސްކޫލަށް ބަދަލުވެވަޑައިގަތެވެ. އެހިސާބުން ފެށިގެން ޅައިމަގު ސްކޫލުގެ ދަރިވަރުންނަށް ކީރިތި ޤުރްއާން ކިޔަވައިދެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ރަމްޒީ ކުރެއްވިއެވެ. 2008 ވަނަ އަހަރު ށ.ފުނަދޫ ސްކޫލަށް ރަމްޒީ ބަދަލުވެވަޑައިގެން، އަތޮޅުގެ ޤުރްއާން މުބާރާތުން ވިދިވިދިގެން 2 އަހަރު ފުނަދޫ ސްކޫލަށް 1 ވަނަ ހޯއްދަވައި ދެއްވިއެވެ.

އަލްޤާރީ އިބްރާހީމް ރަމްޒީގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ، ފުނަދޫ ސްކޫލްގައި ވަޒީފާ އަދާކުރެއްވިއިރު، "ހިޔާ ޤުރްއާން ކްލާސް"ގެ ނަމުގައި ރަށުގެ ތިން ސަރަޙައްދެއްގައި އަމިއްލަފުޅަށް ޤުރްއާން ކްލާސްތަކެއް ހިންގެވި ހިންގެވުމެވެ. މި ކްލާހުގެ ހިޔަލުން، ރީތިކޮށް ކީރިތި ޤުރްއާން ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ފުނަދޫން އުފެދިގެންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. އޭރު ކުޑަ ފީއެއް ނެންގެވި ކަމުގައިވިޔަސް، ކިތަންމެ ކުދިންނަކަށް ހިލޭވެސް ރަމްޒީ ކިޔަވައިދެއްވިއެވެ.

އިބްރާހީމް ރަމްޒީއަކީ، ކީރިތި ޤުރްއާނުގެ ދާއިރާއިން، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި ބެޗްލަރސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގެވި އިސްލާމާއި ޤުރްއާނުގެ ޓީޗިންގ ޑިޕްލޮމާ ކޯސް ފުރިހަމަކުރެއްވުމަށްފަހު، ވިލާ ކޮލެޖުން އިސްލާމީ ޝަރީޢާގެ ރޮނގުން މާސްޓަރޒް ޑިގްރީ ހާސިލުކުރެއްވިއެވެ.

އިބްރާހީމް ރަމްޒީ ވަނީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައްޔާއި، މާލޭގައި އަމިއްލަ ފަރާތްތަކުން ހިންގަވަމުން ގެންދެވި އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާގައްޔާއި، އިންސްޓިޓިއުޓް އޮފް ޤުރްއާންގައްޔާއި، ގަލޮޅު މަދަރުސާގައި ހިންގި ބައެއް ކޯސްތަކުގައި ގިނަ ޢަދަދެއްގެ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގަންނަވައި ދެއްވައިފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތިބި ވަރަށްގިނަ ކުދިންނަށް، ކޯވިޑުގެ ޢާލަމީ ވަބައިގެ ތެރޭގައި، އެއް އަހަރު ވަންދެން ހިލޭސާބަހަށް އޮންލައިން ކްލާސްތައް ރަމްޒީ ނަންގަވައިދެއްވިއެވެ.

އަލްޤާރީ އިބްރާހީމް ރަމްޒީއަކީ، ސަރުކާރުން ބާއްވަވާ އެކި ރަސްމިއްޔާތުތަކުގައި، ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތްތަކުގައްޔާއި، ސްކޫލް ކުދިންގެ ޤުރްއާން މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރަމްޒީ ވަނީ، އަތޮޅުތެރޭގައި ބާއްވާ އަތޮޅު ޤުރްއާން މުބާރާތްތަކުގައްޔާއި، ރަށު ކައުންސިލްތަކުންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ބާއްވާ ޤުރްއާން މުބާރާތްތަކުގައްޔާއި، ސަރުކާރުގެ ކުންފުނިތަކުންނާއި، އެކިއެކި މުއައްސަސާތަކުން ބާއްވާ މުބާރާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވައިފައެވެ. މީގެއިތުރުން، ޓީ.ވީ. މޯލްޑިވްސްއިން ބޭއްވި "އަލިގަދަ ތަރި"ގެ ބައިވެރިންނަށް ކޯޗުކޮށްދެއްވައި، އަދި އެކިއެކި ރަށްރަށާއި، މާލޭގައި ބާއްވާ އެކި މުބާރާތްތަކަށް ދަރިވަރުން ތަމްރީނުކޮށްދެއްވުމަކީވެސް އިބްރާހީމް ރަމްޒީ ވަރަށް ޝައުޤުވެރިކަމާއެކު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅެކެވެ. އަދި އެ މުބާރާތްތަކަށް ރަމްޒީ ތައްޔާރުކޮށްދެއްވި ބައެއް ކުދިން، މަތީ ވަނަތައް ހާސިލުކޮށްފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އިބްރާހީމް ރަމްޒީއަކީ، ދިވެހިރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުން އިމްތިޙާނު ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން އެކުލަވައިލައްވައިފައިވާ ކޮމިޓީގެ މެންބަރެއްވެސް މެއެވެ.

އަލްޤާރީ އިބްރާހީމް ރަމްޒީގެ އުންމީދަކީ، ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ހާސިލުކުރެއްވެން އޮތް އެންމެމަތީ ފެންވަރަށް ތަޢުލީމު ހާސިލުކުރެއްވުމެވެ. ކީރިތި ޤުރްއާނަށް އަބަދުވެސް ޝައުޤުވެރިވާ ޖީލެއް އުފެއްދެވުމެވެ.