ކެޕްޓަން އަޙްމަދު ޒުބައިރު
މ. މޯނިންގވިލެޖް

 ދަތުރުފަތުރުގެ ދާއިރާއިން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ކެޕްޓަން އަޙްމަދު ޒުބައިރަކީ، މެރިޓައިމް ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައި، މި ރޮނގުން ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ސާނަވީ ތަޢުލީމު ހާސިލުކުރެއްވުމަށްފަހު، ނެވިގޭޝަންގެ ދާއިރާއިން ކުރިއަށް ވަޑައިގަތުމަށްޓަކައި، 1985 ވަނަ އަހަރު ނެވިގޭޝަން އޮފިސަރ (ޓްރޭނީ)އެއްގެ ގޮތުގައި، އެސް.ޓީ.އޯ.ގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އޭގެފަހުން، ނެވިގޭޝަންގެ ދާއިރާއިން އޮސްޓްރޭލިއަން މެރިޓައިމް ކޮލެޖުން ތަޢުލީމާއި ތަމްރީނު ފުރިހަމަކުރައްވައި، މާސްޓަރ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ހާސިލުކުރެއްވިއެވެ.

ކެޕްޓަން އަޙްމަދު ޒުބައިރު، ބޮޑު ބޯޓެއްގައި ރާއްޖޭގައި ފުރަތަމަ ކޮމާންޑް ކުރައްވައިފައި ވަނީ، 1993 ވަނަ އަހަރުއެވެ. އަދި ޒުބައިރުގެ އުމުރުން 28 އަހަރުގައި، ބައިނަލްއަޤުވާމީ ދަތުރުތަކުގައި، ކެޕްޓަނެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އަދި ޒުބައިރަށް ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، 1996 ވަނަ އަހަރުން ފެށިގެން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގަވަމުން ގެންދެވި މެރިޓައިމް ޓްރޭނިންގ ސެންޓަރ، މިހާރުގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގައި، ޕާޓްޓައިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި މެރިޓައިމް ލެކްޗަރަރއަކަށް ވެވަޑައިގަތުމަށްޓަކައި ކަމާގުޅޭ ތަމްރީނުތައް ސިންގަޕޫރުގައި ފުރިހަމަކުރެއްވިއެވެ.

އެސް.ޓީ.އޯ.ގެ ފަރާތުން ރާއްޖެއިން ބޭރުން ގަންނަ ބޯޓުފަހަރު ގަތުމުގެ ކުރިން، ހަދަންޖެހޭ ޕްރީ-ޕަރޗޭސްއާއި، ކޮންޑިޝަން ސަރވޭ، 1996 ވަނަ އަހަރު ޒުބައިރު ހައްދަވަން ފެށްޓެވިއެވެ. ބޯޓުފަހަރު ސަރވޭ ކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، އެ ހިސާބުންނެވެ. މިހާރު މި ދާއިރާގެ ތަފާތު ސަރވޭތަކާއި، އޮޑިޓްތައް ކުރައްވައި، އެކިއެކި އެސެސްމަންޓްތައް ޒުބައިރު ހައްދަވަމުން ގެންދަވައެވެ. މީގެތެރޭގައި، ބައިނަލްއަޤުވާމީ ދަތުރުތައް ކުރާ ބޯޓުފަހަރުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ސެކިއުރިޓީ ގޮތުން ކުރަންޖެހޭ ސަރވޭއާއި، އޮޑިޓްތަކާއި، އެސެސްމަންޓްތައް އަދި މިފަދަ ބޯޓުފަހަރު އޮޕަރޭޓް ކުރާ ކުންފުނިތައް އޮޑިޓް ކުރުމާއި، ބޯޓުފަހަރު ބޭނުންކުރާ ބަނދަރުތަކުގެ އެސެސްމަންޓް ޒުބައިރު ހައްދަވައެވެ. އަދި ރާއްޖޭގެ ބޯޓުފަހަރާއި، ރާއްޖެއިން ބޭރުގެ ބޯޓުފަހަރުގެ ތަފާތު ސަރވޭތައްވެސް ޒުބައިރު ކުރައްވަމުން ގެންދަވައެވެ.

ކެޕްޓަން ޒުބައިރު ފާހަގަކުރެވިފައިވަނީ، ތަޢުލީމު ހާސިލުކުރެއްވި ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ގިނަ ކާމިޔާބީތަކެއް ހާސިލުކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން، އިނގިރޭސިވިލާތުގެ ދަ ނޯޓިކަލް އިންސްޓިޓިއުޓުން ދޭ "ޝިޕް މާސްޓަރ އޮފް ދަ އިޔަރ އެވޯޑް"، 2003 ވަނަ އަހަރު ލިބިވަޑައިގެންފައިވާތީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، އެ އަހަރު ޒުބައިރަށް ލިބިވަޑައިގެންފައި ވެއެވެ. ކެޕްޓަން އަޙްމަދު ޒުބައިރަށް ވަނީ ޒުވާނުންގެ ޤައުމީ އިނާމުވެސް 2002 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. ދަތުރުފަތުރުގެ ދާއިރާއިން، ކަނޑުދަތުރުފަތުރުގެ ރޮނގުން ޒުބައިރަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ޝަރަފަކީ، ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. އެ އިނާމު ލިބިވަޑައިގެންފައި ވަނީ، 2012 ވަނަ އަހަރުއެވެ. އަދި އިނގިރޭސިވިލާތުގެ ރޯޔަލް އިންސްޓިޓިއުޓް އޮފް ނެވިގޭޝަންގެ މެންބަރުކަމާއި، އިނގިރޭސިވިލާތުގެ ދަ ނޯޓިކަލް އިންސްޓިޓިއުޓްގެ ފެލޯއެއްގެ މަގާމުވެސް ޒުބައިރަށް ލިބިވަޑައިގެންފައި ވެއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުން 1999 ވަނަ އަހަރުން ފެށިގެން ޢަމަލުކުރުމަށް މަޖުބޫރުވެފައިވާ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީ.އެމް.ޑީ.އެސް.އެސް.) އަށް ރާއްޖޭގެ އޮފިސަރުން ތަމްރީނު ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެދިވަޑައިގަތުމަކަށް، ޖީ.އެމް.ޑީ.އެސް.އެސް.ގެ ޖެނެރަލް އޮޕަރޭޓަރސް ސެޓްފިކެޓް ކޯހުގެ ފުރަތަމަ ބެޗުތަކުގައި، ކެޕްޓަން އަޙްމަދު ޒުބައިރު ހިލޭ ކިޔަވައިދެއްވައިފައި ވެއެވެ. މީގެއިތުރުން، ޖީ.އެމް.ޑީ.އެސް.އެސް.ގެ ނިޒާމު ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން އެކުލަވައިލެއްވި ލަފާދޭ ކޮމިޓީއާއި، ޓެކްނިކަލް ކޮމިޓީގައިވެސް ޒުބައިރު ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި 2000 ވަނަ އަހަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނަށް މެރިޓައިމް ޓްރޭނިންގއަށް ލަފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފެއްދެވި މެރިޓައިމް ޓްރޭނިންގ އެޑްވައިޒަރީ ބޯޑުގެ މެންބަރު ކަމާއި، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ފެކަލްޓީ އެޑްވައިޒަރީ ކޮމިޓީގެ މެންބަރު ކަމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ފަލަކީ ހިސާބުތަކާބެހޭ ކޮމިޓީގެ މެންބަރުކަންވެސް ޒުބައިރު ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މި ދާއިރާއާ ގުޅޭ ޖަމުޢިއްޔާތަކުގެ މެންބަރުކަންވެސް ޒުބައިރު ވަނީ ކުރައްވައިފައެވެ.

ކެޕްޓަން އަޙްމަދު ޒުބައިރު، 2015 ވަނަ އަހަރު ފުލްޓައިމް ލެކްޗަރަރއެއްގެ ގޮތުގައި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒާ ގުޅިވަޑައިގަތެވެ. އަދި 2016 ވަނަ އަހަރުން 2020 ވަނަ އަހަރަށް، އެ ސެންޓަރުގެ އެންމެ އިސްވެރިއެއްގެ ގޮތުން ޚިދުމަތް ކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި، ކެޕްޓަން ޒުބައިރުގެ ބެއްލެވުމުގެ ދަށުން 4800 އަށްވުރެ ގިނަ މީހުން ތަމްރީނުތައް ފުރިހަމަކޮށްފައި ވެއެވެ. އަދި މި ސެންޓަރުގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައި ޒުބައިރު ކޮށްދެއްވި މަސައްކަތްތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

އަޙްމަދު ޒުބައިރަކީ، މެރިޓައިމް ދާއިރާގެ ތަފާތު ގިނަ ކޯސްތަކެއްގައި، 1200 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ. މި ކޯސްތަކުގެ ތެރޭގައި، ބައިނަލްއަޤުވާމީ މިންގަނޑަށް ފެތޭގޮތަށް ހިންގާ ކޯސްތަކާއި، ރާއްޖެއިން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް މެރިޓައިމް ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ހިންގާ ކޯސްތައް ހިމެނެއެވެ. ކެޕްޓަން ޒުބައިރު ފާހަގަކުރެވިފައި ވަނީ، ކިޔަވައިދެއްވާ ދަރިވަރުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ، ދަރިވަރުން ހިތްހަމަޖެހޭ އަދި ދަރިވަރުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ލެކްޗަރަރއެއްގެ ގޮތުގައެވެ.

ޒުބައިރަކީ، މެރިޓައިމް ދާއިރާއިން ހިލޭސާބަހަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ރަށްރަށުގެ މަދަރުސާތަކުގެ ސްކައުޓުންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވައި، ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ އާލާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ގެންދަވައެވެ. އަދި ކަނޑުދަތުރުފަތުރުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރާ ދަރިވަރުން އިމްތިޙާނުތަކަށް ފަރިތަކޮށްދެއްވައި ތައްޔާރުކޮށްދެއްވުމަކީވެސް ޒުބައިރު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

ކެޕްޓަން އަޙްމަދު ޒުބައިރަކީ، މެރިޓައިމް ދާއިރާއިން އެކި ފަރާތްތަކަށް ލަފަޔާއި މަޝްވަރާވެސް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.