ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

1980 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު ރަޖިސްޓަރީ ކޮށްފައިވާ ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއްގައިހެން ބައިވެރިވަމުން ގެންދާ ވަރަށް ޚިދުމަތްތެރި ކުންފުންޏެކެވެ. ސަފާރީ އުޅަނދުތައް ބޭނުންކޮށްގެން، ޑައިވިންގ، ކްރޫސިންގ، ފިޝިންގ އަދި ސަރފިންގ ދަތުރުތައް ކުރަމުންގެންދާ، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދެމުން ގެންދާ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏެވެ.

ކުންފުނީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ވިޔަފާރިކޮށް، އެ ކަންތައްތައް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، ފަތުރުވެރިކަމުގެ އުޅަނދުތައް އޮޕަރޭޓް ކުރުމާއި، ޓްރެވަލް އޭޖެންސީ ހިންގުމާއި، ރާއްޖެއިން ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއެކު، ޓުއަރ އޮޕަރޭޓަރުން މެދުވެރިވެގެން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރުމާއި، ރާއްޖެއަށް އަންނަ އަދި ފުރާ ފަތުރުވެރިންނަށް ދޭން ޖެހޭ ޚިދުމަތް ދިނުން ހިމެނެއެވެ. މީގެއިތުރުން، ޗާޓަރު ފްލައިޓްތައް އޮޕަރޭޓް ކުރުމާއި، އެއަރލައިން ސުޕަރވައިޒް ކުރުމާއި، ޓިކެޓް ވިއްކުމާއި، ރާއްޖޭގައި ޓޫރިސްޓް ރިޒޯޓާއި، ގެސްޓްހައުސްއާއި، ސަފާރީފަދަ ޕެކެޖްތައް ފަތުރުވެރިންނަށް ވިއްކުމާއި، ރާއްޖެއިން ބޭރު ޤައުމުތަކަށް ދިވެހިން ދަތުރުކުރުމަށް ޓިކެޓް ވިއްކައި، އެކޮމަޑޭޝަން ހަމަޖައްސައިދީ، ޓުއަރ ޕެކެޖްތައް ވިއްކައި، ރާއްޖޭގައި ނިޔާވާ ފަތުރުވެރިންގެ ހަށިގަނޑު ޤައުމަށް އަނބުރާ ގެންދިޔުމުގައި އެހީތެރިވެދިނުމަކީވެސް މި ކުންފުނީގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

ވޮޔޭޖަސް މޯލްޑިވްސް އިން ސަފާރީ އުޅަނދުތައް ބަންނަން ފެށީ، 1981 ވަނަ އަހަރުއެވެ. އެ އަހަރު ބަނދެވުނު ފުރަތަމަ ސަފާރީ އުޅަނދުން ފަތުރުވެރިންނަށް ވަރަށް ލުއިފަސޭހަ އަދި ހިތްގައިމު މާޙައުލެއްގައި ރާއްޖޭގެ ރީތިކަން ބަލައިލެވޭނެ މަގުފަހިވެގެންދިޔައެވެ. އިންޖީނުއެޅި ސަފާރީ އުޅަނދުގައި އެންމެ ދަތުރަކުން ގިނަ ރަށްރަށަށް ޒިޔާރަތް ކުރެވޭ މި ދަތުރުތައްވީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު ދަތުރުތަކަކަށެވެ. އެންމެ އުޅަނދަކާއެކު ކުންފުނިން މި ފެށި ޚިދުމަތް ފުޅާވެ، މިއަދާ ހަމަޔަށް މިފަދަ 12 އުޅަނދު، ކުންފުނިން ދުއްވައިފައި ވެއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމަކީ، މި ހުރިހާ އުޅަނދެއްވެސް ބަނދެފައި ވަނީ، ރާއްޖޭގައި ދިވެހިވަންތަ ގޮތަށް، ދިވެހި ވަޑިން އިސްވެ ތިބެގެންކަމެވެ. ސަފާރީ ދަތުރުތަކުގައި ފަތުރުވެރިން ރަށްރަށަށް ޒިޔާރަތްކުރުން ވެގެންދިޔައީ، ރަށްރަށުގެ ވިޔަފާރިތަކަށް އައި އާ ދިރުމަކަށެވެ. އޭގެ ސަބަބުން ބޮޑުބެރުފަދަ ސަގާފީ ކުޅިވަރުތައްވެސް ރަށްރަށުގައި އާލާވެގެންދިޔައެވެ. އަދި އަތްތެރި މަސައްކަތުގެ އެކިއެކި ސުވެނިއަރތަކަށް އޮތް ތަރުޙީބު އިތުރުވިއެވެ. ހަމައެއާއެކު، ސަފާރީ އުޅަނދުތަކުގައި، ދިވެހި ކެޕްޓަނުންނަށާއި ފަޅުވެރިންނަށް އޮތް ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދިޔައެވެ. މިގޮތުން، ގިނަ އަދަދެއްގެ ކެޕްޓަނުންނާއި ފަޅުވެރިން، ބައިނަލްއަޤުވާމީ ފެންވަރަށް ތަމްރީނު ކުރެވިގެންދިޔައެވެ. އެކަމުގެ އެއް ހެއްކަކީ، ވޮޔޭޖަސްގެ އުޅަނދުތަކުގައި ސަފާރީ ކުރުމަށް ތަކުރާރުކޮށް އެތައްފަހަރަކު ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަކަމެވެ.

ރާއްޖެއަށް އެކި ޤައުމުތަކުން ފަތުރުވެރިން ގެނައުމުގައި، ވޮޔޭޖަސް މޯލްޑިވްސްއިން އަދާކުރާ ދައުރަކީވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ދައުރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެވްރެޖްކޮށް އަހަރަކު 102,000 އަށްވުރެ ގިނަ ފަތުރުވެރިން، ވޮޔޭޖަސް މޯލްޑިވްސް މެދުވެރިވެގެން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި 43 އަހަރު ހޭދަކޮށްފައިވާއިރު، ވޮޔޭޖަސް މޯލްޑިވްސް އިން ވަނީ މަޝްހޫރު އެތައް ބްރޭންޑެއް މެނޭޖްކޮށް، މި ރީތި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގައްޔާއި، އެކަމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި، ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިންގެ އިތުބާރު ހޯދައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ވޮޔޭޖަސް މޯލްޑިވްސްއިން ހޯދައިފައިވާ އެންމެބޮޑު އެއް ކާމިޔާބީއަކީ، ސަރުކާރުން ދެއްވާ އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 2005 ވަނަ އަހަރު އެ ކުންފުންޏަށް ދެއްވައިފައި ވުމެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާތީ، 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު، މިނިސްޓްރީ އޮފް ޓޫރިޒަމުން އެޕްރިސިއޭޝަން އެވޯޑް، އެ ކުންފުންޏަށް ދެއްވައިފައިވެއެވެ. އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދެއްވި "ފިފްޓީ އިޔަރޒް އޮފް ޓޫރިޒަމް އެވޯޑްސް ބައި މަޓީ"، 2022 ވަނަ އަހަރުގެ ޖުލައި މަހު މި ކުންފުންޏަށް ލިބިފައި ވެއެވެ. މީގެއިތުރުންވެސް، ތަފާތު އެތައް އެވޯޑެއް މި ކުންފުންޏަށް ވަނީ ލިބިފައެވެ. މިގޮތުން، ކޯޕަރޭޓް މޯލްޑިވްސް އިން ދޭ ގޯލްޑް 100 އެވޯޑްސް، 2017 އިން ފެށިގެން 2022 ވަނަ އަހަރާ ހަމަޔަށް، 6 އަހަރު، މި ކުންފުނިން ހޯދައިފައި ވެއެވެ. އަދި މޯލްޑިވްސް ޓްރެވަލް އެވޯޑްސް މަޓާޓޯ، 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމަޔަށް، 6 އަހަރު، މި ކުންފުނިން ހޯދައިފައި ވެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ވޮޔޭޖަސް މޯލްޑިވްސް ވަނީ ރާއްޖެއިން ބޭރުންވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މިގޮތުން، ސައުތު އޭޝިޔަން ޓްރެވަލް އެވޯޑްސް، 2016 އިން ފެށިގެން ވިދިވިދިގެން 4 އަހަރު ހޯދައިފައި ވެއެވެ. އަދި 2022 ވަނަ އަހަރުވެސް ވޮޔޭޖަސްއިން ވަނީ މި އެވޯޑް ހޯދައިފައެވެ.

ވޮޔޭޖަސް މޯލްޑިވްސްއަކީ، ދިވެހިން ވަޒީފާގައި ގެންގުޅުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގައި ދިވެހިން ބޭތިއްބުމަށާއި، ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަންދިނުމަކީ، ކުންފުނިން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެކެވެ. އަދި ކުންފުނީގެ ސަފާރީތައް ބަނުމުގައި، ދިވެހި ވަޑިން ބޭނުންކުރުމާއި، އިންޓަރންޝިޕަށް ފުރުޞަތު ހުޅުވައިލައިގެން، ސްކޫލް ނިންމާ ދަރިވަރުން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް އެކި ޕުރޮގުރާމުތައް ހިންގުމާއި، ކުންފުނީގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައިވެސް ތަފާތު އެތައް ޕުރޮގުރާމުތަކެއް ހިންގަމުން ގެންދެއެވެ.

ވޮޔޭޖަސް މޯލްޑިވްސްއަކީ، ރާއްޖޭގައި ހިންގަމުން ގެންދާ ބައެއް އެން.ޖީ.އޯ.ތަކާ އެކީގައި މަސައްކަތް ކުރަމުން ގެންދާ އަދި އެ ތަންތަނަށް ތަފާތު އެހީތައް ވެދެމުން ގެންދާ ކުންފުންޏެއްވެސް މެއެވެ.

35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކަށްވެސް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާގޮތަށް، އިނާމު ދިނުމުގެ އުސޫލަށް ޤައުމީ އިނާމާބެހޭ ކޮމިޓީން މި އަހަރު ގެންނެވި ބަދަލާ ގުޅިގެން، މި އިނާމަށް އެ ކުންފުނިން ހުށަހެޅި ހުށަހެޅުންތައް ކޮމިޓީން ބައްލަވައި، މިއީ އިނާމު ޙައްޤުވާ ކުންފުންޏެއް ކަމަށް ކޮމިޓީން ދެކެވަޑައިގަންނަވާތީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވުމަށް ނިންމެވީއެވެ. އެހެންކަމުން، މިއީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރާ ފުރަތަމަ ކުންފުނިކަން ފާހަގަކޮށްލަންޖެހެއެވެ.

ވޮޔޭޖަސް މޯލްޑިވްސްގެ ޙިއްޞާދާރުންނަކީ، މާފަންނު އާބަގީޗާ އަލްފާޟިލް ޞަލާޙް ޝިހާބާއި، ހެންވޭރު ޝަފީޤުގޭ އަލްފާޟިލް މުޙައްމަދު ޝަފީޤާއި، ގަލޮޅު ނޫރީފެހި އަލްފާޟިލް އަޙްމަދު ޝަހީމާއި، ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި މިހާރު ތިއްބެވީ، އަލްފާޟިލް ޞަލާޙް ޝިހާބާއި، އަލްފާޟިލް މުޙައްމަދު ޝަފީޤާއި، އަލްފާޟިލް އިބްރާހީމް ނޫރައްދީނާއި، އަލްފާޟިލް އަޙްމަދު ޝަހީމެވެ.