އަލްފާޟިލާ ރަޝީދާ އިބްރާހީމް
އާރު ގދ. ތިނަދޫ

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ރަޝީދާ އިބްރާހީމް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ޤަރުނަށްވުރެ ގިނަދުވަސް ވެއްޖެއެވެ. ރަޝީދާ އިބްރާހީމަކީ، ތުއްޕުޅުއިރުއްސުރެ އަދަބީ ކަންކަމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. ރަޝީދާގެ އެންމެ ޚާއްޞަ އެއް ފަންނަކީ، ޅެންވެރިކަމެވެ.

ރަޝީދާ އިބްރާހީމަކީ، ޠަބީޢީ ޅެންވެރިއެކެވެ. ގދ. ތިނަދޫގައި މިހާތަނަށް އުފެދުނު އެންމެ ފުންނާބު އުސް އެއް ޅެންވެރިޔާ އިބްރާހީމް ރަޝީދުގެ ދޮށީ ދަރިކަނބަލުންނެވެ. ރަޝީދާގެ ނާރުތަކުގައި ހިނގައިފައި ވަނީ މި ދެންނެވި ޝާޢިރުގެ ތާޒާ ލެޔެވެ. ޤުދުރަތީ ގޮތުން ވާރުތަވި ފަންނުގައި ކުރިއަށް ވަޑައިގަތުމުގެ މަސައްކަތް ރަޝީދާ ފެށްޓެވީ، އުމުރުން އެންމެ 11 އަހަރުގައެވެ. އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ، ބ. ގޮއިދޫގައި އެކިއެކި އުސްތާޛުންގެ އަރިހުން ކިޔަވައި ވިދާޅުވަމުން ގެންދެވިއިރު، 1963 ވަނަ އަހަރުއެވެ. ފުރަތަމަ ޅެމެއް ހައްދަވައިފައި ވަނީ، އަމިއްލަ ޚިޔާލުފުޅަށެވެ. އެހެން އެއްވެސް ބޭފުޅެއްގެ އެހީތެރިކަމަކާނުލައެވެ. އޭގެފަހުން، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޢަބްދުﷲ ޖަލާލުއްދީންގެ ދަރިކަލުން، އަޙްމަދު ޙަމީދު ފަހުމީގެ އަރިހުން ޅެން ހެއްދެވުމުގެ އިރުޝާދު ހޯއްދެވިއެވެ. އަދި ޅެންވެރިކަމުގެ ހުނަރު ތަރައްޤީ ކުރައްވަމުން، ހަމައެއާއެކު، ތަޢުލީމު ހާސިލުކުރައްވަމުން އަދި ރީތި ނަމާއި ކާމިޔާބީތައް ހޯއްދަވަމުން، ރަޝީދާގެ ޙަޤީޤީ ޅެންވެރިކަމުގައި ކުރިއަށް ވަޑައިގެންނެވިއެވެ. ޢިލްމީ ބަގީޗާއިން ބިންނެވި މަލާއި، ޅެންވެރިކަމުގެ ގުލްޝަނުން ބިންނެވި މާމެލާމެލި އެއްކުރައްވަން ފެށްޓެވިއެވެ.

1982 ވަނަ އަހަރުން ފެށިގެން ތަޢުލީމީ ދާއިރާގައި ރަޝީދާ މަސައްކަތް ކުރައްވަމުން ގެންދަވައިފައިވާއިރު، ރަޝީދާގެ ޚާއްޞަ ރޮނގަކީ، ދިވެހިބަސް ކިޔަވައިދެއްވުމެވެ. ދިވެހިބަސް އުނގަންނަވައިދެއްވުމުގެ ގޮތުން، ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ގދ. ތިނަދޫގައި ހުންނަ ތިނަދޫ ސްކޫލާއި، އަބޫބަކުރު ސްކޫލްގައި ކިޔަވައި ދެއްވައިފައި ވެއެވެ. އަދި ސްކޫލްތަކުގައި ބާއްވާ އަދަބީ އެކިއެކި މުބާރާތްތަކަށް ޅެމާއި ލަވަ، އަންބާއާއި ރައިވަރާއި، ބަނދި ފަދަ ތަކެތި، ގިނަ އަދަދަކަށް ހައްދަވައި ދެއްވައިފައި ވެއެވެ. އަދި ޅެން ބަހުރުވައިންނާއި ރައިވަރުން އެކިއެކި ޑްރާމާތައް ތައްޔާރުކޮށްދެއްވައިފައި ވެއެވެ.

ރަޝީދާ އިބްރާހީމް، ޅެން ހައްދަވައިފައި ވަނީ ހަމައެކަނި ތިނަދޫގެ ސްކޫލްތަކަކަށް ނޫނެވެ. މާލޭގައި ކިޔަވައިދޭ ސްކޫލްތަކަށާއި، އަތޮޅުތެރޭގެ ސްކޫލްތަކަށާއި، ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ހިންގާ ސްކޫލްތަކަށްވެސް ޅެމާއި ލަވަ ވަނީ ހައްދަވައި ދެއްވައިފައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑަށާއި، ޓެލެވިޜަން މޯލްޑިވްސްއަށްވެސް އެކިއެކި މުނާސަބަތާ ގުޅިގެން ލަވަ ހައްދަވައި ދެއްވައިފައި ވެއެވެ. މާލެއާއި އަތޮޅުތެރޭގައި ބޭއްވި ގިނަ އަދަބީ ތަފާތު މުބާރާތްތަކަށް ގިނަ އަދަދެއްގެ ލަވައާއި ޅެން އަދި މަދަޙަ ހައްދަވައި ދެއްވައިފައި ވެއެވެ. ރަޝީދާ ޅެން ހެއްދެވުމުގައި ވަކި ޚާއްޞަ ރޮނގެއް ނެތެވެ. ހުރިހާ ރޮނގަކުންވެސް ފަސޭހަކަމާއެކު ޅެން ހައްދަވައިފައި ވެއެވެ. ރަޝީދާ، ޅެމާއި ލަވަތައް އާންމު ގޮތެއްގައި ހައްދަވައި ދެއްވަނީ، މުޅިން ހިލޭސާބަހަށްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ވަރަށް މަދުފަހަރެއްގައި މެނުވީ އަގެއް ނުނަންގަވައެވެ.

ރަޝީދާ އިބްރާހީމަކީ، ރާއްޖޭގައި ބޭއްވުނު ބައެއް މުބާރާތްތަކުން އެކި ވަނަތައްވެސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ޓެލެވިޜަން މޯލްޑިވްސް އިން 1422 ވަނަ އަހަރާއި، 1423 ވަނަ އަހަރު ބޭއްވި ޅެން ހެދުމުގެ މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޯއްދަވައިފައި ވެއެވެ. އަދި ދިވެހި ނާދީގެ ހުވަދުއަތޮޅު ދެކުނުބުރީ ގޮފިން ބޭއްވި ޅެން ހެދުމުގެ މުބާރާތުން 1 ވަނަ އަދި 2 ވަނަ ހާސިލުކުރައްވައިފައި ވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން ބޭއްވި ދީނީ ޅެން ހެދުމުގެ މުބާރާތްތަކުގައި، އެކި އަހަރު ރަޝީދާ ބައިވެރިވެވަޑައިގެން، ވަނަތައް ވަނީ ހާސިލުކުރައްވައިފައެވެ. 1999 ވަނަ އަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހެއް ހިންގަވައި، އެ އަހަރު މުޅި ރާއްޖެއިން އެ ސްކޫލަށް 1 ވަނަ ހޯއްދަވައި ދެއްވައިފައި ވެއެވެ. މީގެއިތުރުން، 1988 ވަނަ އަހަރު ރަޝީދާ ހިންގެވި ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވި ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން، އެ އަހަރު އޮތް ދީނީ މައުޟޫޢަށް ޅެން ހެދުމުގެ ޤައުމީ މުބާރާތުން 1 ވަނަ ހާސިލުކޮށްފައި ވެއެވެ.

ރަޝީދާ އިބްރާހީމް ވަނީ ގދ. ތިނަދޫގެ ސްކޫލްތަކަށާއި، އަދި އެ އަތޮޅުގެ ބައެއް އެހެން ސްކޫލްތަކަށްވެސް ޅެންވެރިކަމުގެ އެކި ކޯސްތައް ހިންގަވައި ދެއްވައިފައެވެ. އަދި ޅެންވެރިކަމުގެ އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކުރެއްވުމަށްޓަކައި ރަޝީދާ ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ މަސައްކަތްޕުޅުތަކެކެވެ. ޅެންވެރިކަމުގެ ރޮނގުން މިހާތަނަށް އެތައް ކުދިންނެއް ތައްޔާރުކުރައްވައި، ދިވެހި މުޖުތަމަޢަށް ނެރުއްވައި ދެއްވައިފައިވާކަމީ، ރަޝީދާގެ ހިތްޕުޅުގައި މިކަމަށް އޮތް ޝައުޤުވެރިކަން ބޮޑުކަން ހާމަކޮށްދޭ ޙަޤީޤަތެކެވެ.

ރަޝީދާ އިބްރާހީމް ހައްދަވައިފައިވާ މަޝްހޫރު ބައެއް ޅެންތަކުގެ ތެރޭގައި، "ރާއްޖެ އިސްލާމްވި ދުވަސް"، "މަރްޙަބާ ރަމަޟާން"، "އޭ ލޯބިވާ ދިވެހިބަހާއެވެ!"، "ދިވެހި އަންހެނުން"، "ވަދާޢީ ޝުކުރު" ފަދަ ޅެންތައް ހިމެނެއެވެ.

ރަޝީދާއަކީ، ގދ. އަތޮޅު މަދަރުސާގެ މުދައްރިސް ކަމާއި، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދިވެހި މުދައްރިސް ކަމުގެ މަގާމު ދިގު މުއްދަތެއް ވަންދެން ފުރުއްވައިފައިވާ ބޭފުޅެކެވެ.

ރަޝީދާ އިބްރާހީމަށް ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، ރަޝީދާއަކީ ދިވެހި އަދަބިއްޔާތުގެ ދާއިރާގައި ޚާއްޞަކޮށް، ޅެންވެރިކަމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅަކަށްވުމާއި، ރަޝީދާ ހައްދަވާ ޅެންތަކުގެ ފެންވަރު، އެއްގޮތެއްގައި ހިފަހައްޓަވާ ބޭފުޅަކަށްވާތީއެވެ. އަދި ޤައުމީ އިނާމު ކޮމިޓީގެ ބޭފުޅުން މިދިޔަ އަހަރު ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި، ރަޝީދާގެ މަސައްކަތްތައް ބައްލަވައި، ކަމާގުޅޭ އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވައި، ލިބިވަޑައިގެންނެވި މަޢުލޫމާތުތަކަށް ރިޢާޔަތް ކުރައްވާއިރު، ރަޝީދާއަކީ މި ރޮނގުން ޝަރަފު އެރުވުމަށް ޙައްޤު ބޭފުޅެއް ކަމަށްވެސް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީއެވެ.

ރަޝީދާ އިބްރާހީމަކީ، ގދ. ތިނަދޫ އަންހެނުންގެ ކޮމިޓީގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި ރަށުގެ ތަރައްޤީގެ ގިނަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. 1982 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމަޔަށް ގދ. ތިނަދޫ އަންހެނުންގެ ކޮމިޓީގައި ރަޝީދާ ވަނީ މަސައްކަތް ކުރައްވައިފައެވެ. އެގޮތުން، ކޮމިޓީގެ ރައީސްކަމާއި، ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް އަތޮޅު ކޮމިޓީގެ މެންބަރުކަން ކުރައްވައި، އެ ކޮމިޓީގައިވެސް ޚިދުމަތްތެރި ދައުރެއް ރަޝީދާ ވަނީ އަދާކުރައްވައިފައެވެ.