އައްޝައިޚް އަޙްމަދު ފަހުމީދީދީ
ގ. ސިނަމާލެ 1 01-13

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ އައްޝައިޚް އަޙްމަދު ފަހުމީދީދީ، މި ދާއިރާގައި ޚިދުމަތް ކުރައްވަން ފެށްޓެވީ، މީގެ 41 އަހަރު ކުރިން، 1982 ވަނަ އަހަރުއެވެ. ހއ. ހޯރަފުށްޓަށް އުފަން އައްޝައިޚް އަޙްމަދު ފަހުމީދީދީ، ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ، އިންޑިއާގެ ޖާމިޢާ ދާރުއްސަލާމުން، އިސްލާމިކް ސްޓަޑީޒްގެ ރޮނގުންނެވެ.

އައްޝައިޚް އަޙްމަދު ފަހުމީދީދީ، ތަޢުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ފުރަތަމަ ޚިދުމަތް ކުރެއްވީ، އީ.ޕީ.އެސް. ސްކޫލްގައި އިސްލާމް އަދި ޢަރަބި މުދައްރިސެއްގެ ގޮތުގައެވެ. އޭގެކުރިން، ޠައިބާ ސްކޫލްގައިވެސް ކިޔަވައިދެއްވިއެވެ. އެ ދެ ސްކޫލްގައި 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އައްޝައިޚް އަޙްމަދު ފަހުމީދީދީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަޒީފާއަށް ބަދަލުވެވަޑައިގެން، އިސްލާމް މާއްދާގެ ސުޕަވައިޒަރެއްގެ ހައިސިއްޔަތުންނާއި، ސުޕަރވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަންގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ރާއްޖޭގެ ސްކޫލްތަކުގެ ހިންގުމާބެހޭ ކަންކަން ކުރައްވައި، މުދައްރިސުންގެ މަސައްކަތްތައް ބައްލަވައި، އިރުޝާދު ދެއްވަމުން ގެންދަވައިފައި ވެއެވެ. މިގޮތުން، 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި މި މަސައްކަތުގައި ދެމިހުންނެވިއެވެ. އޭގެފަހުން ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އެކްޓިންގ ޑީންގެ ހައިސިއްޔަތުން 5 އަހަރު ޚިދުމަތް ކުރައްވައިފައި ވެއެވެ.

މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އައްޝައިޚް އަޙްމަދު ފަހުމީދީދީ ކުރައްވަމުން ގެންދަވާ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ދީނީ ރޮނގުން އެކިއެކި މައުޟޫޢުތަކަށް ތަޤްރީރު ކުރެއްވުމާއި، އިޖުތިމާޢީ އެކިއެކި ކަންކަމުގައި ޢަމަލުކުރުމަށް ދީން ބާރުއަޅައިފައިވާ ކަންކަމާ ގުޅޭގޮތުން އިރުޝާދު ދެއްވަމުން ގެންދެވުމާއި، ރާއްޖޭގައި ނެރުނު އަދި މިހާރުވެސް ނެރެމުންގެންދާ އެކިއެކި ނޫސް މަޖައްލާތަކަށް ތަފާތު ލިޔުންތައް ލިޔުއްވުން ހިމެނެއެވެ. އެގޮތުން، "ހިދާޔަތުގެ އަލި"، "އަލް މިންބަރު"، "ފަތްތޫރަ"، "އާފަތިސް"، "ޖަމާޢަތުގެ ޚަބަރު"، "ފަންވަތް"، "ބަހުރު" ފަދަ ނޫސް މަޖައްލާތަކަށް ލިޔުއްވައިފައި ވެއެވެ.

މީގެއިތުރުން، އާންމުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި އައްޝައިޚް އަޙްމަދު ފަހުމީދީދީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިވަޑައިގެން، ދީނީ ދަރުސްތައް ދެއްވައި، އެކިއެކި ވާރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަވަމުން ގެންދަވައެވެ. މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ އެކި ޕުރޮގުރާމުތަކުގައި، ޢިލްމީ އެކިއެކި ދަރުސްތައް އަޙްމަދު ފަހުމީދީދީ ދެއްވައިފައި ވެއެވެ. މިގޮތުން، ޓީ.ވީ މޯލްޑިވްސް އިން ފޮނުއްވި "އިސްލާމީ ދިރިއުޅުން" މި ޕުރޮގުރާމުގައްޔާއި، "އިސްލާމީ މިންބަރު" ޕުރޮގުރާމުގައްޔާއި، "ސީދާމަގު" ޕުރޮގުރާމުގައި، މުޖުތަމަޢުގައި ހުރި ދީނީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުންނާއި، އިސްލާމްދީނާއި ސައިންސްގެ ދާއިރާއިންނާއި، އަދި އިސްލާމީ ފިޤުހުގެ ދާއިރާއިން މަޢުލޫމާތު ދެއްވައިފައި ވެއެވެ. އަދި ޓީ.ވީ.އާއި، ރޭޑިއޯއިން ގެނެސްދޭ މިފަދަ ގިނަ ޕުރޮގުރާމުތަކެއްގެ ސްކްރިޕްޓްވެސް ލިޔުއްވީ، އަޙްމަދު ފަހުމީދީދީ އަމިއްލަފުޅަށެވެ.

އައްޝައިޚް އަޙްމަދު ފަހުމީދީދީއަކީ، ޤައުމީ ފެންވަރުގައި އުފައްދަވައިފައިވާ ބައެއް ކޮމިޓީތަކާއި، ބޯޑުތަކުގެ މެންބަރުކަންވެސް ކުރައްވައިފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ނޭޝަނަލް މެކޭނިޒަމް ފޮރ ރިޕޯޓިންގ އެންޑް ފޮލޯއަޕް (އެން.އެމް.އާރު.އެފް.) ކޮމިޓީގައްޔާއި، މިނިސްޓްރީ އޮފް ހެލްތުގެ ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލްގައްޔާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ރީ-އިންޓެގްރޭޝަން ކޮމިޓީގައްޔާއި، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ޓެކްނިކަލް ކޮމިޓީގައި މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ސަރަޙައްދީ ފެންވަރުގައި މަސައްކަތް ކުރުމަށް އެކުލަވައިލައިފައިވާ ސައުތު އޭޝިޔާ ނެޓްވާރކް އޮން ޕްރިވެންޓިންގ އެކްސްޓްރީމިޒަމްގެ އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ގޮތުގައި އައްޝައިޚް އަޙްމަދު ފަހުމީދީދީ ޢައްޔަން ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޙަލާލް ޝަރީޢާ ބޯޑުގެ މެންބަރު ކަމާއި، ވަޤުފް ބިލް ޑްރާފްޓިންގ ކޮމިޓީގެ މެންބަރު ކަމާއި، ނޭޝަނަލް ރީހެބިލިޓޭޝަން ކޮމިޓީގެ މެންބަރު ކަމާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވައެވެ. ހަމަ އެހެންމެ، "ތަޤްރީރު ކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށް ލަފާދޭ ކޮމިޓީ"ގެ މެންބަރު ކަމާއި، އިމާމުންނާއި ޚަޠީބުން އިމްތިޙާނު ކުރާ ކޮމިޓީގެ މެންބަރު ކަމާއި، ރިލިޖަސް ސްކޮލަރސް ޓާސްކްފޯސްގެ މެންބަރު ކަމާއި، ޚުޠުބާ ކޮމިޓީގެ މެންބަރު ކަމާއި، ފޮތް ފާސްކުރާ ކޮމިޓީގެ މެންބަރު ކަމާއި، އިމާމުވެ ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާއި، އިސްތިސްޤާ ނަމާދު ކުރުމުގެ ހުއްދައަށް އެދޭ ފަރާތްތައް އިމްތިޙާނު ކުރާ ކޮމިޓީގެ މެންބަރު ކަމާއި، ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ މެންބަރުކަންވެސް އައްޝައިޚް އަޙްމަދު ފަހުމީދީދީ ކުރައްވަމުން ގެންދަވައެވެ. މީގެއިތުރުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އިމްތިޙާނު ކޮމިޓީގެ މެންބަރު ކަމާއި، ޓެލެވިޜަން މޯލްޑިވްސްގެ ސެންސަރު ބޯޑުގެ މެންބަރުކަންވެސް ދިގު މުއްދަތަކަށް ކުރައްވައިފައި ވެއެވެ.

އައްޝައިޚް އަޙްމަދު ފަހުމީދީދީއަކީ، އާންމު ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ފޮތްތައްވެސް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޝާއިޢު ކުރައްވައިފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި، "ހުވަފެން ތަޢުބީރު" އާއި، "ކުޑަދަރިފުޅަށް ކިޔާނީ ކޮން ނަމެއްތޯ؟" މި ފޮތްފޮތް ހިމެނެއެވެ. އަދި މިހާތަނަށް ލިޔުއްވައި، ޝާއިޢު ކުރައްވައިފައި ނުވާ ފޮތްތަކުގެ ތެރޭގައި، "ފިޤްހީ ބައެއް އިޞްޠިލާޙް" އާއި، "އިސްލާމްދީނާ މެދު އުފައްދާ ބައެއް ޝައްކު" އާއި، "އިލްޙާދު (އޭތިޒަމް)" އާއި، "ޢުޛުރުވެރިންގެ ޙުކުމްތައް" އާއި، "ގޭތެރޭގެ އެހީތެރިޔާ" އާއި، "ކައުންސެލިންގ ދިނުން" އާއި، "އިސްލާމް މާއްދާގެ ބަސްކޮށާރު" މި ފޮތް ހިމެނެއެވެ.

މީގެއިތުރުން، ރާއްޖޭގައި ކިޔަވައިދޭ ބައެއް ކޮލެޖުތަކަށާއި، ސްކޫލްތަކަށްވެސް އަޙްމަދު ފަހުމީދީދީ އެކިއެކި ފޮތްތަކާއި ލިޔުންތައް ލިޔުއްވައި ދެއްވައިފައި ވެއެވެ. މިގޮތުން، "އިސްލާމީ ޚިލާފަތު ފެށިގެން އައިގޮތާއި، ކުރިއެރުންތައް" މި ނަމުގައި ވިލާ ކޮލެޖަށް ލިޔުއްވި ފޮތާއި، ވީނިއުސްގެ އެކި ޕުރޮގުރާމުތަކަށް، އެކި މައުޟޫޢަށް ލިޔުއްވައިފައިވާ މަޒުމޫނުތަކާއި، އީ.ޕީ.އެސް. ސްކޫލްގެ މަޖައްލާއަށް ލިޔުއްވައިފައިވާ ދީނީ މަޒުމޫނުތައް ހިމެނެއެވެ. ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ހިންގެވި މުދިމުން ތަމްރީނުކުރާ ކޯހުގެ އިސްލާމީ ޘަޤާފާ މޮޑިއުލް އަށް އަމިއްލަފުޅަށް މެޓީރިއަލް ތައްޔާރުކުރައްވައިގެން، ދޮޅު އަހަރެއްހާ ދުވަހު، އެ ކޯހުގައި އަޙްމަދު ފަހުމީދީދީ ކިޔަވައިދެއްވިއެވެ. މީގެއިތުރުން، މުސްލިމުންގެ ރަން ޒަމާނުގައި އުފެދުނު މުސްލިމް ޢިލްމުވެރިންގެ އާ ހޯދުންތަކުގެ މައްޗަށް ލިޔެފައިވާ ފޮތެއް އައްޝައިޚް އަޙްމަދު ފަހުމީދީދީ ތަރުޖަމާ ކުރައްވައި، އޮންލައިންކޮށް ޝާއިޢު ކުރައްވައިފައި ވެއެވެ. އަދި ރާއްޖޭގެ އޮންލައިން ވެބްސައިޓްތަކަށްވެސް ދީނީ ތަފާތު މައުޟޫޢުތަކަށް ލިޔުއްވަމުން ގެންދަވައެވެ. އާބާދީ ތަޢުލީމުގެ އިސްލާމިކް ސްޓަޑީޒްގައި ހިމެނުމަށް ގްރޭޑް 9 އަދި 10 އަށް ކިޔަވައިދޭ ޓީޗަރުންނަށް ޚާއްޞަ ކުރައްވައިގެން، ދެ ފޮތެއް ލިޔުއްވައި ޝާއިޢު ކުރައްވައިފައި ވެއެވެ. އަދި ގްރޭޑް 2ން ފެށިގެން ގްރޭޑް 12އާ ހަމަޔަށް "އިސްލާމް" މާއްދާގެ ޓެކްސްޓް ފޮތްތައް ލިޔުއްވުމުގައި ފަހުމީ ބައިވެރިވެވަޑައިގެންފައި ވެއެވެ. ޘާނަވީ އިމްތިޙާނާއި، މަތީ ޘާނަވީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުން، "އިސްލާމް" މާއްދާއިން އިމްތިޙާނަށް ތައްޔާރުކޮށްދިނުމުގައި، 1990 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އެކިއެކި ވާރކްޝޮޕްތައް ހިންގަވައި ދެއްވަމުން ގެންދަވައެވެ.

އައްޝައިޚް އަޙްމަދު ފަހުމީދީދީއަކީ، ތަފާތު މައުޟޫޢުތަކަށް ހުކުރު ޚުޠުބާވެސް ލިޔުއްވައިދެއްވާ ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާ އިސްލާމީ ފިޤްހުގެ 60 ވަރަކަށް އެޕިސޯޑުގެ ސިލްސިލާ ޕުރޮގުރާމެއްވެސް އަމިއްލަފުޅަށް ސްކްރިޕްޓް ލިޔުއްވައިގެން ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ. އަދި ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރާ ގުޅިގެން ހިންގަވާ "ހަފުތާރެސް" ޕުރޮގުރާމުގައި، ދީނީ ރޮނގުން ހޭލުންތެރިކުރުވުމުގެ އެކިއެކި ސެޝަންތައްވެސް ނަންގަވައިދެއްވައެވެ. މީގެއިތުރުން، ޔުނިޓް ފޮރ ދަ ރައިޓްސް އޮފް ޗިލްޑްރެންގައި ވޮލަންޓިއަރ ކައުންސެލަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ. ރާއްޖޭގެ ސްކޫލްތަކުގައި "މާސް ހިސްޓީރިއާ" ފެތުރުނު ޙާލަތްތަކުގައި، އެކަން ޙައްލުކޮށްދެއްވުމަށްވެސް އެހީތެރިވެދެއްވައި، އާންމު ރައްޔިތުންނަށް ދީނީ ރޮނގުން ކައުންސިލިންގ ފޯރުކޮށްދެއްވަމުން ގެންދަވައެވެ.

އަޙްމަދު ފަހުމީދީދީއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ބޭއްވެވި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ މުބާރާތުން އެއްވަނަ ހޯއްދަވައި، ރައީސުލްޖުމްހޫރިއްޔާގެ ތަށި މިލްކު ކުރައްވައިފައިވާ ބޭފުޅެކެވެ. އެއްވަނަ ހޯއްދެވީ، "އިސްލާމްދީނުގައި ޢިއްފަތްތެރިކަން ރައްކާތެރިކުރުމުގެ ނިޒާމު" މި ފޮތް ތަރުޖަމާ ކުރައްވައިގެންނެވެ. މިއީ ޕާކިސްތާނުގެ ލިޔުންތެރިއެއް ކަމަށްވާ އައްޝައިޚް އިޙްސާން އިލާހީ ޒަހީރު ލިޔުއްވައިފައިވާ "އިސްލާމްކާ ނިޒާމެ ޢިޞްމަތު ވަ ޢިއްފަތު" މި މައުޟޫޢަށް ލިޔުއްވި ފޮތެކެވެ.

އަޙްމަދު ފަހުމީދީދީއަކީ، އުރުދޫބަހަށްވެސް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އުރުދޫބަސް ދަސްކޮށްދެއްވުމުގެ މަޤްޞަދުގައި، އުރުދޫބަހުގެ ތިން ފޮތެއް (އުރުދޫ ޓީޗަރު 1، 2، 3) ލިޔުއްވައި ޝާއިޢު ކުރައްވައިފައި ވެއެވެ.

އައްޝައިޚް އަޙްމަދު ފަހުމީދީދީ މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދީނީ ކޮންސަލްޓަންޓްގެ މަގާމުގައެވެ.