ޑޮކްޓަރ މުޞްޠަފާ ލުޠުފީ
މއ. ވިކްޓްރީ

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅަކަށް ވުމާއި، ރާއްޖެ މިއަދު މި ދެކޭ ތަޢުލީމީ ނިޒާމު ބައްޓަން ކުރެއްވުމުގައްޔާއި، ރާއްޖޭގެ ރަށްރަށުގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، މުދައްރިސުން އުފެއްދެވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ ގިނަގުނަ މަސައްކަތްޕުޅުތަކާއި، ތަޢުލީމީ މައިދާނުގައި ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، އައްޑުއަތޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 34 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 1 ފެބުރުވަރީ 1975 ގައި، ޕްރައިމް މިނިސްޓަރ އޮފީހުގެ އިނގިރޭސި ކާތިބު ކަމުގެ މަގާމުންނެވެ. ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގަތީ، 19 ޖުލައި 1975 ގައި، މަޖީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ މަގާމުންނެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ބިނާކުރެއްވުމަށްޓަކައި ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްވެސް މެއެވެ. އޭރު ހިންގެވި އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުގައި 31 ޖަނަވަރީ 1977 ގައި ޚިދުމަތް ފެށްޓެވި ހިސާބުން ފެށިގެން ކިޔަވައިދެއްވުމަށް މީހުން ބިނާކުރެއްވުމުގައި ޢަމަލީގޮތުން ވަރަށް މުހިންމު ދައުރެއް އެ މަނިކުފާނު އަދާކުރެއްވިއެވެ. އޭރު ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިންގެ ބެއްލެވުމުގެ ދަށުން ފެށުނު މި ދެންނެވި ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވަން ޖެހިވަޑައިގެންނެވީ، ރާއްޖޭގައި އޭރު ނުކުތް ނޫސްތަކުގައްޔާއި، މަޖައްލާތަކުގައްޔާއި، ފޮތްތަކުގައި ލިޔެފައި ހުންނަ އެކި ލިޔުންތަކާއި މަޒުމޫނުތަކުގައި ބޭނުންކޮށްފައި ހުންނަ އަކުރުތަކުގެ އަދަދުތަކާއި، އެންމެ ގިނައިން ބޭނުންކުރެވޭ އަކުރަކީ ކޮބައިތޯ ބެއްލެވުމުގެ މަސައްކަތެވެ. ޙަޤީޤަތަށް ދަންނަވާނަމަ، އެއީ ތާނަ ޓައިޕްރައިޓަރު އުފެއްދެވުމުގެ މަސައްކަތުގެ ފެށުމެވެ. ޓައިޕްރައިޓަރުގެ ކީބޯޑުގެ އަކުރުތައް ތަރުތީބު ކުރެއްވީ، މި ދިރާސާގެ އަލީގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އޭގެފަހުން، އެހެން ދެ ބޭފުޅަކާ އެކީގައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރެއްވި މުހިންމު އަނެއް މަސައްކަތަކީ، ރާއްޖޭގައި މުދައްރިސުން ތަމްރީނު ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރެއްވީ ބޭރުގެ ތަޖުރިބާކާރެއްގެ އެހީގައި، އޭނާގެ ލަފާގެ މަތިންނާއި، އޭރު އަމީނިއްޔާ ސްކޫލްގައި ކިޔަވައިދެއްވަމުން ގެންދެވި މުދައްރިސެއް ކަމަށްވާ ގަލޮޅު ނޫރީފެހި އަޙްމަދު ޝަހީމްގެ ލަފާގެ މަތިންނެވެ. ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދެއްވުމަށް އޭރު އަތޮޅުތަކުން ގެންނެވި ފަނަރަވަރަކަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. އޭރު އެމީހުން ތަމްރީނު ކުރެއްވުމުގައި އިސްކަންދެއްވީ، ކިޔަވައިދިނުމުގެ ހުނަރަށެވެ. ކިޔަވައިދިނުމުގެ ހުނަރު ދަސްކޮށްދެއްވަމުން ގެންދެވީ، ރޭގަނޑުގެ ވަގުތުގައި އަމީނިއްޔާ ސްކޫލްގައެވެ. ހެނދުނު ކުރައްވަނީ، ކިޔަވައިދިނުމަށް ބޭނުންކުރާނެ ޓީޗިންގ އެއިޑްސްއާއި ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރެއްވީ، އޭރު އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް ހިންގަމުން ގެންދިޔަ އަތޮޅުފިހާރައިގެ މަތީބުރީގައެވެ. މެންދުރުފަހު ޚާއްޞަކޮށްފައި އޮންނަނީ، ޓީޗިންގ އެއިޑްސް ބޭނުންކޮށްގެން ކުލާހުގައި ހުނަރު ޕްރެކްޓިސްކޮށް ތަޖުރިބާ ކުރުމަށެވެ. ފުރަތަމަ އެ މަސައްކަތް ފެށްޓެވީ، ދިވެހި މީޑިއަމަށް ކިޔަވައިދޭގޮތަށެވެ. މާލޭގެ ސްކޫލްތަކުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެމުން ގެންދާތީ، މި ދެންނެވި ޓީޗަރުންނަށް އެ ސްކޫލްތަކުގައި ޕްރެކްޓިސް ދެވެން ނެތުމާއެކުގައި، މާލޭގައި އޭރު ސްކޫލަކަށް ނުދާ ވިއްސަކަށް ކުދިންގެ ކްލާހެއް ހައްދަވައިގެން އަތޮޅުތަކުން ގެނެވުނު މީހުންނަށް، އަމީނިއްޔާ ސްކޫލްގައި ކޮންމެ ދުވަހަކު ހަވީރުގެ ވަގުތުތަކުގައި ތަމްރީނުތައް ކުރިއަށް ގެންދެވިއެވެ.

ކަރިކިއުލަމްގެ މަސައްކަތްތައް އޭރު ފެށިފައި ވުމާއެކު، "ދިވެހި" މާއްދާ ކިޔަވައިދޭނެ ފޮތްތައް ލިޔުއްވުމުގެ މަސައްކަތް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރެއްވިއެވެ. އެ މަސައްކަތް ފެށްޓެވުމުގެ ކުރިން، ފޮތްތަކުގައި ކުރެހުންތައް ހިމަނަންޖެހޭތީ، މީހުންނަށް ކުރެހުންތަކާއި ނިޝާންތަކުގެ މާނަ އެނގޭތޯ ބެލުމަށް އޭރު ކުރެވުނު މަސައްކަތުގައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ. މިފަދަ ނިޝާންތައް އެނގެނީ ކިހާ މިންވަރަކަށްތޯ ބެއްލެވުމަށް ކުރެއްވި މަސައްކަތުގައި، ގަބޫލުކުރައްވަން ދަތިފުޅުވި އެތައް ކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލްތައް ބިނާކުރުމުގެ މަސައްކަތް، ސަރުކާރުން އޭރު ކުރައްވަމުން ގެންދެވިއެވެ. އެންމެ ފުރަތަމަ ބ. އަތޮޅު ކޮމިއުނިޓީ ސްކޫލް ހުޅުވިގެންދިޔައިރު، އެ ސްކޫލްގައި އެންމެ ފުރަތަމަ ފިލާވަޅު ނަންގަވައިދެއްވި ބޭފުޅެއްގެ ޝަރަފު ލިބިވަޑައިގަތީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށެވެ. އޭގެފަހުން ދެވަނަ ސްކޫލް ހުޅުވުނީ، ހދ. ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގައި ހުރި ކޮމިއުނިޓީ ސްކޫލްގައި ޑޮކްޓަރ މުޞްޠަފާ ޚިދުމަތް ކުރައްވަން ފަށްޓަވައި، ކިޔެވުމަށް ޝައުޤުވެރިކަން ހުރި ކުދިން ކުޅުދުއްފުށިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ހޯއްދަވައިގެން، އެ ކުދިންނަށް ކިޔަވައިދެއްވިއެވެ. ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކިޔަވައިދެއްވި ބައެއް ކުދިން، ރަށްރަށުގެ ޒިންމާދާރު މަގާމުތައް މިއަދު އަދާކުރައްވަމުން ގެންދަވާކަމީ، މުޞްޠަފާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމެކެވެ.

ހދ. ކުޅުދުއްފުށީގައި ހުރި ކޮމިއުނިޓީ ސްކޫލްގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ ޚިދުމަތް ކުރެއްވިއިރު، އުނގަންނައިދެއްވުމުގެ އިތުރަށް، ކުޅިވަރާއި ކަސްރަތާއި، މަސައްކަތްތެރިކަން ހިމަނުއްވައިގެން، ވަށާޖެހޭ ތަޢުލީމެއް ދެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި ސްކޫލްގެ ގޯތިތެރޭގައި ކުދިންނަށް ހިތްހަމަޖެހޭފަދަ މާޙައުލެއް ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. ސްކޫލްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން، އެކި އުމުރުފުރައިގެ މީހުންނަށް ޚާއްޞަ ކުރައްވައިގެން ކުލާސްތަކެއް ހިންގެވިއެވެ. މިކަން އޭރު މުޞްޠަފާ ކުރެއްވީ، ކޮމިއުނިޓީ ސްކޫލްގައި ހެޑްމާސްޓަރެއްގެ ގޮތުގައި އެ ސްކޫލް ހިންގަވަމުން، ކޮމިއުނިޓީ ކުލަބެއް އުފައްދަވައިގެން، އަދި ކުލަބުގެ ރައީސަކަށް ހުންނަވައިގެންނެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުގައިވެސް މި ކޮމިއުނިޓީ ކުލަބުގެ ގޮފިތައް އުފައްދަވައިގެން، ބޮޑެތި މީހުންނަށް ކިޔަވައިދެއްވުމަށް ޚާއްޞަ ކުލާސްތަކެއް ފެށްޓެވިއެވެ.

އެ ދުވަސްވަރަކީ، ރާއްޖޭގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތްވެސް ނުލިބޭ ދުވަސްވަރަކަށް ވުމާއެކު، އޭރު ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ގިރާކުރައްވައި، ރޭގަނޑު ފާނޫޒާއި ބިގަރުގެ އަލީގައިވެސް ކުލާސްތައް ކުރިއަށް ގެންދެވިއެވެ. އޭރު ފާނޫޒަށާއި ބިގަރަށް ތެޔޮއަޅައިދެނީ، ކިޔަވަން އަންނަ މީހުން، އެ މީހުންގެ އަމިއްލަ ޚަރަދުގައިކަން ޑޮކްޓަރ މުޞްޠަފާ ފާހަގަކުރައްވައެވެ. އޭރު ކޮމިއުނިޓީ ސްކޫލް ހިންގެވުމުގައި ބެލެނިވެރިންނާ ވަރަށްގާތް ގުޅުމެއް ބާއްވަވައި، އޭގެ ނަތީޖާއެއްގެ ގޮތުން މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ނުވަތަ ޕީ.ޓީ.އޭ. ފުރަތަމަފަހަރަށް އުފެދިގެންދިޔަކަން ޑޮކްޓަރ މުޞްޠަފާ ވަކިން ޚާއްޞަގޮތެއްގައި ފާހަގަކުރައްވައެވެ. އަދި އޭރު ކޮމިއުނިޓީ ސްކޫލްގެ ކަންކަމުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލެއްވުން އެއީ، މިއަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަންޖެހޭ ކަމެއް ކަމަށް މުޞްޠަފާ ދެކެވަޑައިގަންނަވައެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ބ. އަތޮޅު އޭދަފުށީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ހދ. އަތޮޅު ކުޅުދުއްފުށީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ރ. އަތޮޅު މީދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ޅ. އަތޮޅު ހިންނަވަރުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ހެޑްމާސްޓަރެއްގެ ގޮތުގައި ކުދިންނަށް ކިޔަވައިދެއްވައި، ޓީޗަރުންނަށް ލަފައާއި އިރުޝާދު ދެއްވައި، ސްކޫލް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައިފައިވާ ބޭފުޅެކެވެ. އެހެންކަމުން، ރާއްޖޭގެ އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލްތައް އުފެދި، އެ ސްކޫލްތަކުގެ ޚިދުމަތްތައް ފުޅާވެ، ފަހުން ކޮމިއުނިޓީ ސްކޫލްތައް، އަތޮޅު ތަޢުލީމީ މަރުކަޒުތަކަށް ބަދަލުވެގެންދިޔައިރު، އެކަމުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ އަދާކުރައްވައިފައިވާ ދައުރަކީ، ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަންޖެހޭ ދައުރެކެވެ.

ރާއްޖޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށުމާއެކު، އެ މަޝްރޫޢުގައި ކިޔަވައިދިނުމަށް ބޭނުންވާ މީހުން ތަމްރީނު ކުރެއްވުމުގެ މުހިންމުކަން އޭރު ބޮޑުކަމުން، އެ މަސައްކަތްވެސް ޑޮކްޓަރ މުޞްޠަފާ ލުޠުފީ އޭރު ކުރައްވަމުން ގެންދެވިއެވެ.

ރާއްޖޭގެ ތަޢުލީމު، ރާއްޖޭގެ އަތޮޅުތަކުގެ އެކި ރަށްރަށަށް ފުޅާކުރައްވައި، ބެލެނިވެރިންނާއި ކުދިންގެ ހިތްތަކުގައި ތަޢުލީމަށް އޮތް ޝައުޤުވެރިކަމާއި ލޯބި އިތުރުކުރެއްވުމަށް ޢަމަލީގޮތުން އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަކީ، ހިފެހެއްޓުމެއް ނެތް ޝުކުރު ޙައްޤު މަސައްކަތްޕުޅުތަކެކެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަން ފަށްޓަވައި، އެ މަސައްކަތް ކުރިއަށް ގެންދެވިއިރު، އަދި ފަހުން އަތޮޅުތަކުގެ ކޮމިއުނިޓީ ސްކޫލްތައް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވިއިރު، އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އިރުޝާދާއި، ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ޑޮކްޓަރ މުޞްޠަފާ ލުޠުފީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައެވެ. އަދި ތަޢުލީމީ ދާއިރާއަށް ކޮށްދެއްވުނު މަސައްކަތްޕުޅުތަކުގައި، އެންމެބޮޑު އެހީތެރިކަމެއް ވެދެއްވި އެއްބޭފުޅަކީ، ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ކަމާއި، އެ މަނިކުފާނުގެ ޢިލްމީ ތަޖުރިބާއާއި ޤާބިލުކަމުން ގިނަ ފިލާވަޅުތަކެއް ދަސްފުޅުވިކަން ޑޮކްޓަރ މުޞްޠަފާ ފާހަގަކުރައްވައެވެ.

ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ތަޢުލީމީ ޙާލަތާއި، ތަޢުލީމީ ގޮތުން ސްކޫލް މަދަރުސާތައް ކުރިއަރައިފައިވާ މިންވަރު ދެނެގަނެ، ދިރާސާތައް ކުރެއްވުމުގެ މަސައްކަތްތައް، އިސް ބޭފުޅެއްގެ ގޮތުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ ހުންނަވައިގެން ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، ސްކޫލްތައް ސުޕަވައިޒް ކުރުމުގެ ނިޒާމު ޤާއިމުކުރައްވައި، ސްކޫލްތަކުގެ ތަޢުލީމީ ފެންވަރު މަތިކުރައްވައި، ފެންވަރު ހިފެހެއްޓެވުމަށް އެ މަނިކުފާނު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު ކަށަވަރު ކުރެއްވުމުގެ މަސައްކަތް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރައްވަމުން ގެންދެވިއިރު، ސުޕަވިޜަން ކޯހެއް ފަރުމާ ކުރައްވައި، ސްކޫލްތަކަށް ސުޕަވައިޒަރުން ތަމްރީނުކޮށްދެއްވިއެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގައްޔާއި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ކިޔަވައިދެއްވި ބޭފުޅެކެވެ. އަދި ސަރުކާރުން، ޚަޠީބުން ތަމްރީނު ކުރުމުގެ ކޯސްތައް ހިންގެވިއިރު، އެ ކޯހުގައި މެނޭޖްމަންޓްގެ ބައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީ ނަންގަވައި ދެއްވައިފައި ވެއެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ހެޑްމާސްޓަރުގެ މަގާމުގެ އިތުރުން، ތަޢުލީމީ ދާއިރާގައި އެމަނިކުފާނު ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ޖަމާލުއްދީން ޕްރައިމަރީ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާ ކަމާއި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމާއި، ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޚިދުމަތް ކުރެއްވިއިރު، އެ މިނިސްޓްރީން ކުރަމުން ގެންދިޔަ ބައެއް މަސައްކަތްތައް ކުރުމުގައި މެދުވެރިވާ ބައެއް މައްސަލަތަކުގައި، މިނިސްޓްރީގެ ދާއިރާގައި ތިއްބެވި ލަޔާޤަތްތެރި ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް އޭރު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އެކުލަވައިލެއްވި "ތަޢުލީމާބެހޭ މަޝްވަރާ ކޮމިޓީ" ގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ ހިމެނުއްވިއެވެ. ޑޮކްޓަރ މުޞްޠަފާ ލުޠުފީ، މުދައްރިސުންގެ ތަޢުލީމީ މަރުކަޒު ހިންގަވަމުން ގެންދެވިއިރު، އެ މަރުކަޒުގެ ކަންކަން އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ވަރަށް ގާތުން ބައްލަވައި، ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދެވިކަންވެސް ޑޮކްޓަރ މުޞްޠަފާ ފާހަގަކުރައްވައެވެ.

މީގެއިތުރުން، އޭރު ކޮންމެ ދިހަ އަހަރަކުން އެއް އަހަރު އެކުލަވައިލާ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގެ މަސައްކަތް، 1995 ވަނަ އަހަރު ފެށްޓެވިއިރު، ކުރީގެ މާސްޓަރ ޕްލޭން ރިވިއުކުރައްވައި، އާ މާސްޓަރ ޕްލޭން އެކުލަވައިލެއްވުމުގައި އެއްކުރައްވަންޖެހޭ ތަފާސްހިސާބުތައް އެއްކުރައްވައި، އެ މަސައްކަތް ކުރިއަށް ގެންދެވުމަށް އެކުލަވައިލެއްވި ފަންނީ ކޮމިޓީގެ އެންމެ އިސް އެއް ބޭފުޅެއްގެ ގޮތުގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ މަސައްކަތްޕުޅު ކުރައްވައިފައި ވެއެވެ. ޑޮކްޓަރ މުޞްޠަފާ ލުޠުފީ މިކަމުގައި އަދާކުރެއްވި ދައުރާއި، ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ލަޠީފް އެ މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރައްވައިފައިވާކަން އެއީވެސް ޑޮކްޓަރ މުޞްޠަފާއަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެކެވެ. އަދި އެ މަނިކުފާނުގެ އަރިހުންވެސް ގިނަގުނަ ފިލާވަޅުތަކެއް ލިބިވަޑައިގެން، އެކި ތަޖުރިބާތައް ހާސިލުކުރެއްވުނުކަން ޑޮކްޓަރ މުޞްޠަފާ ފާހަގަކުރައްވައެވެ. އަދި ޑޮކްޓަރ މަޙްމޫދު ޝައުޤީ އެޑިޔުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވިއިރު، ސެކަންޑަރީ ގްރޭޑްތަކުގެ ފޮތްތަކުގައި ވީހާވެސް ބޮޑަކަށް ދިވެހި ކޮންޓެންޓް ހިމެނުއްވުމަށް ކުރެވުނު މަސައްކަތުގައި، އެ މަނިކުފާނުގެ އަރިހުންވެސް ގިނަގުނަ އިރުޝާދުތަކެއް ލިބިވަޑައިގެންނެވިކަން ޑޮކްޓަރ މުޞްޠަފާ ފާހަގަކުރައްވައެވެ.

ރައީސް މުޙައްމަދު ނަޝީދު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ މަނިކުފާނުގެ ސަރުކާރުގެ ތަޢުލީމީ ވަޒީރަކަށް އިސްކުރެއްވީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއެވެ. ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން، ސްކޫލް މަންހަޖު ރިވައިސް ކުރެއްވުމާއި، ހުރިހާ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކޮށް، ވަށާޖެހޭ ތަޢުލީމެއް ދިނުމަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން، ޑޮކްޓަރ މުޞްޠަފާ ލުޠުފީ މަސައްކަތްޕުޅު ކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. އޭގެފަހުން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުވެސް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ފުރުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުގައި ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީގެ މަގާމު ޑޮކްޓަރ މުޞްޠަފާ ފުރުއްވަމުން ގެންދަވަނީ، 27 ނޮވެންބަރު 2018 އިން ފެށިގެންނެވެ. އިޖުތިމާޢީ ރޮނގުން ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގައްޔާއި، އެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ލަފާފުޅާއި އަދި އެކަމުގައި ވިސްނުންފުޅު ހުރިގޮތް ޑޮކްޓަރ މުޞްޠަފާ، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވަމުން ގެންދަވައެވެ. އެންމެފަހުން ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައްޔާއި، މިހާރުތިބި މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި، އޭގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ކަމާބެހޭ ތަޖުރިބާކާރު ފަންނީ މާހިރުންގެ ޓީމެއް އެކުލަވައިލައްވައިގެން، އަދި އެކަމުގައި އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ދިރާސާ ރިޕޯޓެއް އެކުލަވައިލެއްވުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީ، 1975 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު ފުރިހަމަކުރެއްވުމަށްފަހު، ތަޢުލީމީ ދާއިރާއަށް ވެދެވަޑައިގަތުމުގެ ޝައުޤުވެރިކަން އޮތްލެއް ބޮޑުކަމާއެކު، ރާއްޖޭގައި ޕްރައިމަރީ ޓީޗިންގއާއި "ދިވެހި މާއްދާ" ކިޔަވައިދިނުމުގެ ސަނަދު ހާސިލުކުރެއްވިއެވެ. އޭގެފަހުން، އިންޑިއާގެ މައިސޫރުން 1976 ވަނަ އަހަރު، ޕްރައިމަރީ ޓީޗިންގ ޑިޕްލޯމާ ހާސިލުކުރެއްވިއެވެ. އެއަށްފަހު، 1981 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެޑިންބަރާގެ މޯރޭ ހައުސް ކޮލެޖް އޮފް އެޑިޔުކޭޝަނުން ހިސްޓްރީ އެންޑް ފިލޯސޮފީ އޮފް އެޑިޔުކޭޝަންގެ ރޮނގުން ސެޓުފިކެޓު ހާސިލުކުރައްވައި އަދި ހަމަ އެ އަހަރު އެ ކޮލެޖުން އެޑިޔުކޭޝަނަލް މެނޭޖްމަންޓްގެ ރޮނގުން ޑިޕްލޯމާ ހާސިލުކުރެއްވިއެވެ. އަދި 1990 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގހަމް އިން މާސްޓަރ އޮފް އެޑިޔުކޭޝަން ފުރިހަމަކުރެއްވިއެވެ. ޕީ.އެޗް.ޑީ. ހާސިލުކުރެއްވީ، 2004 ވަނަ އަހަރު އޮސްޓްރޭލިއާގެ ލަ ޓްރޯބް ޔުނިވަރސިޓީންނެވެ. ޕީ.އެޗް.ޑީ. ތީސީސް ބިނާކުރެއްވީ، ސްކޫލް މަންހަޖު އެކުލެވުމުގެ މައްޗަށެވެ. ޕީ.އެޗް.ޑީ. ހާސިލުކުރައްވައިގެން، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ޑޮކްޓަރ މުޞްޠަފާއަށް 2004 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވައިފައެވެ. ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ރާއްޖެއިން ބޭރުގައި ބޭއްވުނު ތަޢުލީމީ އެކި ކޮންފަރެންސްތަކުގައްޔާއި، އެކި ސެމިނާރުތަކުގައްޔާއި ވަރކްޝޮޕްތަކުގައިވެސް އެތައް ފަހަރަކު ރާއްޖެ ތަމްސީލު ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ކެބިނެޓުގައި 15 ސެޕްޓެންބަރު 2004 ގައި ހިމެނިވަޑައިގެން، ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިޔުމުގައި އޭރުހުރި ދަތިތަކަކީ ކޮބައިތޯ ބައްލަވައި، އެ ދަތިތައް ޙައްލުކުރެއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި ދާއިރާގެ އިސްބޭފުޅުންނާ އެކީގައި ޑޮކްޓަރ މުޞްޠަފާ ލުޠުފީ ކުރެއްވި މަސައްކަތްޕުޅުތައްވެސް ހަނދާންކޮށްލަން ޖެހެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ މާކެޓް ފުޅާކުރައްވައި، އޭރު ރާއްޖެއަށް ޓޫރިސްޓުން ނާންނަ އެހެން ޤައުމުތަކުން ޓޫރިސްޓުން ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން، ސުނާމީ ކާރިސާގެ ކުރިން އޮތް ފެންވަރަށް ރާއްޖޭގެ ޓޫރިޒަމް އިއާދަވެގެންދިޔަކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ފުވައްމުލަކު އަތޮޅުވެރިކަންވެސް ކުރެއްވި ބޭފުޅެކެވެ. ފުވައްމުލަކު އަތޮޅުވެރިކަމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވީ، 9 ސެޕްޓެންބަރު 1993 ގައެވެ. ރާއްޖެތެރެ ތަރައްޤީވުމަށް އެޅޭ ހުރަހަކީ، ތެދުވެރި، އަމާނާތްތެރި، ޤާބިލް ބޭފުޅުން އަތޮޅުވެރިކަމަށް ލިބިވަޑައިނުގަތުން ކަމަށްވާތީއާއި، އަދި އެ މަގާމަށް ބޭނުންވަނީ، އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވޭފަދަ ތަޢުލީމާއި ތަޖުރިބާއާއި، ޤާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށްވާތީ، ޑޮކްޓަރ މުޞްޠަފާއަކީ އަތޮޅުވެރިކަމަށް ޤާބިލް ބޭފުޅެއް ކަމަށް އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ފެނިވަޑައިގަންނަވާތީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އަތޮޅުވެރިކަމަށް ވަޑައިގަތެވެ. އެ ދުވަސްވަރަކީ، ޒުވާން ތަޢުލީމީ ބޭފުޅުން، އެހެން އަތޮޅުތަކުގެ އަތޮޅުވެރިކަމަށްވެސް ޢައްޔަން ކުރެއްވި ދުވަސްވަރެކެވެ. ޑޮކްޓަރ މުޞްޠަފާ ލުޠުފީ، ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ މަގާމާ ހަވާލުވެވަޑައިގެން، ފުވައްމުލަކަށް ކޮށްދެއްވި ޚިދުމަތްތަކާއި، ރޭވުންތެރިކަމާއި، ވިސްނުންތެރިކަމާއެކު އަތޮޅުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވުމަށާއި، އިޖުތިމާޢީ ރޫޙު އާލާކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، އޭރުގެ ރަށްކުރިއަރުވާ ކޮމިޓީން އެ ކޮމިޓީގެ ރައީސް އަލްފާޟިލް އަޙްމަދު މުޙައްމަދު، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ތަޢުރީފް ކުރައްވައި، ރައްޔިތުންގެ ނަމުގައި ޝުކުރުގެ ސިޓީފުޅެއް ފޮނުއްވައިފައިވާކަން އެއީވެސް ޑޮކްޓަރ މުޞްޠަފާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު އުފާފުޅެކެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، ތަޢުލީމީ ދާއިރާގެ ބައެއް ފޮތްތައްވެސް ލިޔުއްވައިފައިވާ ބޭފުޅެކެވެ. ލިޔުއްވި ފޮތްތަކުގެ ތެރޭގައި، ސެކަންޑަރީ ސްކޫލްތަކަށް ދިވެހި ކިޔަވައިދިނުމަށް ޚާއްޞަ ކުރައްވައިގެން، އެކުލަވައިލެއްވި "އުޖާލާ ދިވެހި" މި ފޮތާއި، ޕްރައިމަރީ ސްކޫލްތަކަށް ދިވެހި ކިޔަވައިދިނުމަށް ޚާއްޞަ ކުރައްވައިގެން، އެކުލަވައިލެއްވި "ދިވެހި ލިޔުންތެރިކަމަށް މަގެއް" މި ފޮތާއި، ގްރޭޑް 3ގެ ކުދިންނަށް ޚާއްޞަ ކުރައްވައިގެން، ލިޔުއްވި ޕްރެކްޓިކަލް އާޓްސް ޓީޗަރސް ގައިޑް ފޮތް ހިމެނެއެވެ. މީގެއިތުރުން، ރެފަރެންސް ފޮތުގެ ގޮތުގައި އެކުލަވައިލެއްވި "ދިވެހިރާއްޖޭގެ ސްކޫލް މަންހަޖާއި ތަޢުލީމު" މި ފޮތަކީވެސް އެ މަނިކުފާނުގެ މުހިންމު މަސައްކަތްޕުޅެކެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ، އަދަބީ ރޮނގުންވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ޚާއްޞަކޮށް، ވާހަކަފޮތް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، ލިޔުއްވި ފޮތްތަކުގެ ތެރޭގައި، "ޝާމް 2030" މި ފޮތާއި، "ސަރިޔަތް" މި ފޮތާއި، "ކެމްޕޭން" މި ފޮތާއި، "ސަންފައާއި މޫސަ" މި ފޮތާއި، "ކުޅި ހުވަފެން" މި ފޮތް ހިމެނެއެވެ. އަދި ވާހަކަ ލިޔުމުގެ ފަންނާ ގުޅޭގޮތުންވެސް އެ މަނިކުފާނު ވަނީ 2014 ވަނަ އަހަރު ފޮތެއް ލިޔުއްވައިފައެވެ.

ޑޮކްޓަރ މުޞްޠަފާ ލުޠުފީ ޒަވާޖީ ޙަޔާތެއް ފެށްޓެވީ، 1975 ވަނަ އަހަރުއެވެ. އަނބިކަނބަލުންނަކީ، މައްޗަންގޮޅީ ވިކްޓްރީ ޙަފީޡާ އާދަމެވެ. ޑޮކްޓަރ މުޞްޠަފާއަށް ލިބިވަޑައިގަތީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ. ކޯވިޑް-19ގެ ތެރޭގައި، ކޯވިޑުގެ ޙާލަތާ ގުޅޭގޮތުން ކޮންމެ ރެޔަކުހެން މަޢުލޫމާތު ދެއްވަމުން ގެންދެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއްބޭފުޅަކީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ ދަރިކަނބަލުން، ޑޮކްޓަރ ނަޒްލާ މުޞްޠަފާއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި އަދި އެނޫން އެހެން ރޮނގުތަކުން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ޝަރަފުގެ ޢިއްޒަތެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާފުޅެވެ.