އަލްފާޟިލް ނިމާލް ޔޫނުސް
ފްރެސްކޯ، މ. ދިއްގަރު

ނިމާލް ޔޫނުސް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 މާރިޗު 1986 ގައެވެ. ފުރަތަމަ އަދާކުރެއްވީ، އޯޑިޓް އޮފީހުގެ އޮޑިޓް އެކައުންޓެންޓް ޓްރޭނީއެއްގެ މަގާމެވެ. އޭގެފަހުން ވޭތުވެގެން މިދިޔަ 36 އަހަރު ދުވަހުގެ ތެރޭގައި، މެދުކެނޑުމެއްނެތި ނިމާލް ޔޫނުސްގެ ޚިދުމަތް، ދައުލަތުގެ ހިސާބުތައް ބެލެހެއްޓެވުމުގައި ވަރަށް ފުރިހަމައަށް ލިބިފައިވެއެވެ. ނިމާލް މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ފިނޭންސްގެ ފައިނޭންޝަލް އެންޑް އެކައުންޓްސް ސެކްޝަންގެ އެކައުންޓްސް އެގްޒެކެޓިވްގެ މަގާމުގައެވެ.

ނިމާލް ޔޫނުސް އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، އޯޑިޓް އޮފީހުގެ އޮޑިޓް އެކައުންޓެންޓްގެ މަގާމާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އޮޑިޓް އެކައުންޓެންޓްގެ މަގާމާއި، ބަޖެޓް އޮފިސަރުގެ މަގާމާއި، ސީނިއަރ ބަޖެޓް އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ.

އޯޑިޓް އޮފީހުގައި ޚިދުމަތް ކުރެއްވުމަށްފަހު، އެ އިދާރާގެ ހިސާބު ބެލެހެއްޓުމާބެހޭ ބައި މިނިސްޓްރީ އޮފް ފިނޭންސަށް ބަދަލުކުރުމާއެކު، ނިމާލްގެ ޚިދުމަތް އޭގެފަހުން ލިބެމުން އައީ، މިނިސްޓްރީ އޮފް ފިނޭންސަށެވެ. އެ މިނިސްޓްރީއާ ނިމާލް ގުޅިވަޑައިގަތީ 1 އެޕްރީލް 1994 ގައެވެ. ނިމާލް ޔޫނުސް، މިނިސްޓްރީ އޮފް ފިނޭންސްގައި މެދުނުކެނޑި ޚިދުމަތް ކުރައްވާތާ މިހާރުވަނީ 28 އަހަރު ވެފައެވެ. މި މުއްދަތުގެ ތެރޭގައި، މަސައްކަތާ ގުޅޭގޮތުން ގިނަ ތަމްރީނުތަކެއްވެސް ނިމާލް ފުރިހަމަ ކުރައްވައިފައި ވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގައި ނިމާލް ޔޫނުސް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އޮފީހުގެ ބަޖެޓާއި ފައިސާއާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ހިމެނެއެވެ. މީގެއިތުރުން، ޓެންޑަރ ބޯޑުން ކުރިއަށްގެންދާ ބީލަންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ކަންތައްތައްތަކާއި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފައިވާ ބޭފުޅުންނަށް ދައުލަތުން ދެއްވާ ޢިނާޔަތުގެ ކަންތައްތަކާއި، ދައުލަތުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ.

2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، ކުއްލިގޮތެއްގައި ހަމަޖައްސައިދޭންޖެހުނު ފައިސާގެ ކަންތައްތައް ހަމަޖެއްސުމުގައި ނިމާލް ޔޫނުސް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އަދި، ސުނާމީއާގުޅޭ އެހީގެ ކަންތައްތައް ސޯޝަލް ސެންޓަރުގައި ހިންގަމުން ގެންދިޔައިރު، ވަގުތުން ވަގުތަށް ބޭނުންވާ އެހީގެ ކަންތައްތައް ހަމަޖެއްސުމުގައިވެސް ނިމާލް ޔޫނުސް ވަނީ، ވަރަށް އަވަދިނެތިކަމާއެކު ވަރަށްގިނަވަގުތު މަސައްކަތް ކުރައްވައިފައެވެ.

ނިމާލް ޔޫނުސްއަކީ، އޮފީހުގެ ހުރިހާ މުވައްޒަފުންނާވެސް ގުޅޭ، ހަރަކާތްތެރި، ކަމަށް ކަމޭހިތާ މުވައްޒަފެކެވެ. އޮފީހުގެ ރަސްމީ މަސައްކަތްތަކުގެ އިތުރުން، އޮފީސް ތަމްސީލު ކުރުމަށް އިތުރު ހަރަކާތްތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާ މިނިސްޓްރީގެ އެއް މުވައްޒަފުވެސް މެއެވެ. އެގޮތުން، ފިނޭންސް ރެކްރިއޭޝަން ކުލަބުގެ ރައީސްކަންވެސް ހަތަރު އަހަރު ކުރައްވައިފައި ވެއެވެ. އަދި ކުލަބުންނާއި، އޮފީހުން ބައިވެރިވާ އެކިއެކި މުބާރާތްތަކުގައި، ޓީމުގެ އޮފިޝަލެއްގެ ގޮތުގައްޔާއި، ޓީމު ހިންގުމުގައި ނިމާލް ޔޫނުސް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.