އަލްފާޟިލާ ސަލްވާ ޙުސައިން
ހ. ދިލާސާއާގެ

ސަލްވާ ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، މޯލްޑިވިއަން ގަވަރންމަންޓް ބޮޑު އިސްޓޯރުގެ 1 ނަންބަރު މަސްފިހާރައިގެ ދެނަންބަރު ކާތިބާގެ މަގާމުންނެވެ. އެ އިދާރާއަށް ޚިދުމަތް ކުރައްވައިފައިވަނީ 3 މާރިޗު 1975 އިން 18 ސެޕްޓެންބަރު 1975 އަށެވެ. ސަލްވާ ޙުސައިން، 1977 މާރިޗު 21 ން 2020 އެޕްރީލް 28ގެ ނިޔަލަށް، މެދުނުކެނޑި 43 އަހަރާއި 7 މަހާއި 24 ދުވަހު އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެކިއެކި މަގާމުތަކުގައި ހުންނަވައިގެން އެކި ސެކްޝަންތަކުގައި، ޒިންމާދާރުކަމާއި އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވައިފައި ވެއެވެ. އެގޮތުން، އެ އޮފީހުގެ 2 ނަންބަރު ކާތިބާ ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ އިތުރުން، އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ސަލްވާ ޙުސައިން، އެޓަރނީ ޖެނެރަލްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން 13 ބޭފުޅެއްގެ ޕަރސަނަލް ސެކްރެޓެރީއެއްގެ ގޮތުގައި، އެބޭފުޅުން އިތުބާރު ކުރައްވާ މުވައްޒަފެއްގެ ގޮތުގައި، އޮފީހުން ރިޓަޔަރވުމާ ހަމަޔަށްވެސް އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ. އަދި މީގެއިތުރުން، ރަށުކޯޓުތަކަށާއި، އަތޮޅު ކޯޓުތަކަށް ހުށަހެޅި، ނުނިމިހުރި ކަމަށް ރެކޯޑުތަކުން ދެއްކި ދުވަސްވީ ވަރަށްގިނަ އަދަދެއްގެ މައްސަލަތައް "ޒީރޯ" އަށް ހެދުމަށް ކުރި ބުރަ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތެކެވެ.

ލިބިވަޑައިގެންފައިވާ ކާމިޔާބީއަށް ބަލާއިރު، މެދުނުކެނޑި އެޓަރނީ ޖެނެރަލްގެ އޮފީހަށް މިހާތަނަށް އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މުވައްޒަފަށްވާތީ، އެކަން ފާހަގަކުރައްވައި، އެ އޮފީހުން ދެއްވި ދިގު މުއްދަތުގެ ޚާއްޞަ އެވޯޑާއި، ހާޒިރީއަށް ފަރުވާތެރި މުވައްޒަފެއްގެ އެވޯޑާއި، މިފަދަ އެހެން އެވޯޑުތައް ސަލްވާ ޙުސައިނަށް ލިބިވަޑައިގެންފައިވެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން، ސަލްވާ ޙުސައިން ފާހަގަކުރައްވައިފައި ވަނީ، އެ އޮފީހުގައި ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތްތަކަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވި، ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައި، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ހަމައެހެންމެ، ވަޒީފާގައި ދެމިހުންނެވި މުއްދަތުގެ ތެރޭގައި، އެ މުއައްސަސާގެ ކުރިއެރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްކަންވެސް ފާހަގަކުރައްވައިފައި ވެއެވެ. އެގޮތުން، މަސައްކަތްތަކާ ގުޅޭ އެކިއެކި އުސޫލުތައް އެކުލަވައިލައްވައި، މުވައްޒަފުން އެ އުސޫލުތަކަށް އަހުލުވެރި ކުރުވުމަށް މަސައްކަތް ކުރައްވައިފައިވާކަންވެސް ފާހަގަކުރައްވައެވެ.

މީގެއިތުރުންވެސް، އޮފީހުން ބޭއްވެވި ޚާއްޞަ ޙަފުލާތަކާއި އެކިއެކި ކަންކަމުގައި ސަލްވާ ޙުސައިން ޢަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެޓަރނީ ޖެނެރަލްގެ ބިއުރޯގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައިވެއެވެ.