އަލްފާޟިލް މުޙައްމަދު ޒާހިރު
މއ.ކިނާރާހައުސް

ތިމާވެށީގެ ވާހަކައަކީ، ވަރަށްފަހުން ރާއްޖޭގައި ދައްކަންފެށުނު ވާހަކައެކެވެ. ވުމާއެކު، އެކަމަށް ޝައުޤު ހުރެގެން މަސައްކަތްކުރާ ޒުވާނުންވެސް މަދެވެ. ރާއްޖޭގައި މިމަސައްކަތަށް ޝައުޤުވެރިކަމެއް ހުރެގެން އެންމެ ފުރަތަމަ މަސައްކަތް ފެށްޓި ޒުވާނުންގެ ތެރޭގައި މުޙައްމަދު ޒާހިރުވެސް ހިމެނެއެވެ.

އޭނާގެ މަދްރަސީ ދުވަސްވަރުން ފެށިގެން ތިމާވެއްޓާބެހޭ އެކިއެކި ކަންކަމާމެދު ޚިޔާލުކުރައްވައި، އެދުވަސްވަރު އޭނާއަށް ކުރެއްވެންހުރި ފެންވަރަކުން ތަފާތު މަސައްކަތް ކުރައްވަމުން ގެންދަވާފައިވެއެވެ. އޭނާ ވިދާޅުވާގޮތުގައި އެދުވަސްވަރުވެސް އޭނާ، ރާއްޖޭގައި ހެދޭ ގަސްގަހާބެހޭ މަޢުލޫމާތު ހޯއްދަވައި، ރާއްޖޭގައި އުޅޭ ދޫނިސޫފާސޫތްޕާބެހޭ މަޢުލޫމާތު ހޯއްދަވައިހައްދަވައެވެ. އޭރު ސްކޫލްގައި ނެރޭ މަޖައްލާއަށް އެއާބެހޭގޮތުން ލިޔުއްވައިވެސް ހެއްދެވިއެވެ. އަދި މާލެކައިރީގެ މޫދާއި ކަނޑުގެ ތެރެއަށް ފީނުއްވައި، އެތާނގައި ހުންނަ ޤުދުރަތީ ކަންތައްތަކާމެދު ވިސްނަވައިވެސް ހައްދަވަމުންގެންދެވިއެވެ. މިގޮތަށް ކުރެއްވި މަސައްކަތެއްގެ ތެރޭގައި، މާލޭގެ އިރުއުތުރު ކަނުން، މާލޭގެ އުރަފަށުގައި ރެނދެއް އަޅާފައިހުއްޓާ އޭނާއަށް ފެނިވަޑައިގެން، ޢިއްޒަތްތެއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެވާހަކަ ދެންނެވޭތޯ ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ ފުރުޞަތުލިބިލެއްވިއެވެ.

ހަމައެކަނި އޭނާ ތިމާވެށި ރައްކާތެރިކުރައްވަން އޭނާ އަމިއްލައަށް މަސައްކަތްކުރައްވާފައި ހުއްޓާލައްވަނީއެއްނޫނެވެ. އެކަމާމެދު މީހުންގެ ހިތުގައި ހޭލުންތެރިކަން އުފެއްދެވުމުގެ ގޮތުން ތަފާތު މަސައްކަތްތައްކުރެއްވިއެވެ. އޭގެތެރޭގައި އެންމެ ޞަރީޙަކޮށް އަޅުގަނޑުމެންނަށް ފާޅުވެގެންދަނީ، ދުވަހު ނޫސް "ހަވީރު" ގައި އާދަކޮށް ކޮންމެ ހަފްތާއަކު އޭނާ ލިޔުއްވަމުން ގެންދެވި ތިމާވެއްޓާބެހޭ ޞަފްޙާއެވެ.