އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް
މ.ޑައިމަންޑްވެލީ

ދުނިޔޭގައި ހިމެނޭ ބަސްތަކުގެ ތެރޭން އެންމެ ރީތި އަސަރުގަދަ ބަސްތަކުގެ ތެރޭގައި އުރުދޫ ބަސް ހިމެނެއެވެ. މި ބަހަކީ، ރާއްޖެއާ ވަރަށް ތިމާގެ އަދި ގިނަ ބަޔަކަށް އެބަސް ފަހުމްވެސްވާ ބަހެކެވެ. އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމަކީ، ތަޢުލީމީ ދައުރު ނިންމެވުމަށްފަހު، އުރުދޫ ބަސް ދެނެވަޑައިގަންނަވާ ދިވެހި އުސްތާޛުންގެ ބައެއް ބޭފުޅުންގެ އަރިހުންނާއި، އުރުދޫބަހުގެ އަހުލުވެރިއެއްގެ އަރިހުން އެބަސް ދަސްކުރެއްވި ބޭފުޅެކެވެ. އެކަން އޭނާ ކުރައްވަމުން ގެންދެވީ، ސަރުކާރުގައި އޭނާ އަދާކުރައްވާ ވަޒީފާގެ އިތުރުން، ލިބިވަޑައިގަންނަވާ ހުސްވަގުތުތަކުގައެވެ.

އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، ގާތްގަނޑަކަށް 1979ވަނަ އަހަރުގެ ތެރޭގައެވެ. އޭގެފަހުން މިހާރު ތިރީހަކަށް ވާހަކަ ތަރުޖަމާކުރައްވާފައިވެއެވެ. ވާހަކަ ތަރުޖަމާ ކުރެއްވުމުގައި އޭނާ ގެންގުޅުއްވާ ވަކި ޚާއްޞަ ރޮނގެއް ނޯވެއެވެ. އޭނާގެ ތަރުޖަމާތަކުގެ ތެރޭގައި، އިސްލާމީ ފާތިޙުންގެ ހަޔާތްޕުޅުތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައާއި، ތާރީޚީ ވާހަކައާއި، ލޯބީގެ ވާހަކައާއި، ޖާސޫސީ ވާހަކައާއި، ބިރުވެރި ވާހަކައާއި، ފިލްމީ ވާހަކަފަދަ ވާހަކަތައް ހިމެނެއެވެ. އަދި ދުނިޔޭގެ ސިޔާސީ މަސްރަޙުގެ މައްޗަށް ލިޔެފައި ހުންނަ މަޒްމޫނުވެސް ނޫހަށް ތަރުޖަމާ ކޮށްދެއްވާފައިވެއެވެ.