بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމް.ޑީ.ޕީ ގެ ރައީސް އޮނަރަބަލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އޮނަރަބްލް މުސާ މަނިކު، މިޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރު އަދި އެހެންވެސް ސަރުކާރުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުނާއި އަދި ވަކިން ޚާއްޞަކޮށް ހޯރަފުށީގެ އެކުވެރި ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެން އައީ ހޯރަފުށީގެ ތަރައްޤީގެ ފުރިހަމަ ތަޞައްވަރަކާއެކުގައި. މިޕާޓީގެ ފަރާތުން ހޯރަފުށީ ރައްޔިތުންނާ ވާހަކަދެއްކި. މިޕާޓީން ހޯރަފުށީގެ ދޮރުން ދޮރަށް ހިނގާ ކިތަންމެ ރައްޔިތުންނަކާ ބައްދަލުކޮށް، އެތައް މަޝްވަރާއެއްކޮށް، ކިތަންމެ ލަފައެއް ހޯދައި، އެހާމެގިނަ ބަޙުޘްކޮށް، މިރައްޔިތުންގެ އަޑު، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެހިން. މިޕާޓީން މިދަނީ މިހާރުވެސް މިރައްޔިތުންގެ އަޑު އަހަމުން. ކުރިއަށް އޮތްތަނުގައިވެސް ޕާޓީން ގެންދާނީ ރައްޔިތުންގެ އަޑު އަހަމުން.

ޕާޓީން އެހި އަޑުތަކުން ޕާޓީއަށް ވަރަށް ގިނަ ޙަޤީޤަތްތަކެއް ސާފުވެގެންދިޔަ. މިރާއްޖޭގެ އާބާދީއާ ގުޅޭގޮތުން އަޅުގަނޑުމެންނަށް ފާހަގަވި ކިތަންމެ ކަމެއް ހޯރަފުށްޓާ ގުޅޭގޮތުންވެސް ވަނީ ފާހަގަވެފައި. މިހޯރަފުށީގެ ރައްޔިތުންގެ ތެރެއިން ނުހަނުގިނަ ބައިވަރު ރައްޔިތުންނަކީ ނިކަމެތި ފަޤީރުންކަން އަޅުގަނޑުމެންނަށް ދެހާސްއަށްވަނަ އަހަރުވެސް، ހަތްވަނަ އަހަރުވެސް، ހަވަނަ އަހަރުވެސް، ފަސްވަނަ އަހަރުވެސް ވަރަށް ސާފުކޮށް އެނގިފައި އޮތް. މިރަށުގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ، ކޮންމެ ތިންމީހުންކުރެ އެކަކީ، އދ. އެބުނާ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން. ދަންނަވަންތޯ މިއީ، މިރާއްޖޭގެ ތަނަވަސް ރަށެއް. މިއީ، މިރާއްޖޭގައި މަސްވެރިން ގިނަ ރަށެއް. މިއީ، މިރާއްޖެއަށް ފައިސާ ގިނައިން ލިބޭ ރަށެއް. މިތަނަވަސް ރަށުގައިވެސް އަޅުގަނޑުމެންނަށް އެނގިއޮތް ޙަޤީޤަތަކީ، މިރަށުގެ އާބާދީގެ ގިނަ ބައިވަރު މީހުންނަކީ ނިކަމެތީންކަން. އަޅުގަނޑުމެން ހިތުގެ އަޑީން ގަބޫލުކުރަން، މިރަށުގައިވެސް، ހޯރަފުށީގައިވެސް، ސަރުކާރުން ދޭންޖެހޭ ކިތަންމެ ޚިދުމަތެއް ދިނުމުގައި އަދި ނުހަނު ބޮޑު ފުރިހަމަކަން އެކަންކަމަށް ގެންނާންޖެހޭ. އަޅުގަނޑުންމެންގެ ރައްޔިތުން އެދޭ މިންވަރަށް އަޅުގަނޑުމެންނަކަށެއް ކަންކޮށެއް ނުދެވޭ. އެއީ، މި ސަރުކާރު ހިތުގެ އަޑިން ގަބޫލުކުރާނެ ކަމެއް. އެހެންނަމަވެސް ދެން އެނގެން އޮތް އަނެއް ޙަޤީޤަތަކީ އަދި މާ ސާފު ޙަޤީޤަތެއް. އެއީ، މިދެންނެވި ކަމުނުދާ ޚިދުމަތްތަކަށްވެސް، މިދެންނެވި ހިތްހަމަނުޖެހޭ ޚިދުމަތްތަކަށްވެސް، ހޯރަފުށީގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކަށް އަތެއް ނުފޯރައޭ. ހޯރަފުށީ ރައްޔިތުންގެ ތެރެއިން ގިނަ ބައިވަރު މީހުން ބަލިވީމާ އެމީހުން ޖެހެނީ ބޭސް ސިޓީއެއް ލިބުނަސްވެސް، އެސިޓީއަށް ބޭސް ހޯދުމަށްޓަކައި އެއް މަހުޖަނެއް ގާތުން އަނެއް މަހުޖަނެއް ގާތުން ސަލާންޖަހަމުން އާދޭސްކުރަމުން ހިނގާށޭ.

މި ސަރުކާރުގެ އަމާޒަކީ، ޙައްޤުތަކެއް ލިބިގެންވާ ޤަދަރާއި ޢިއްޒަތް ރައްކާތެރިވެގެންވާ ހޯރަފުށީ ރައްޔިތަކު އުފެއްދުން. އަޅުގަނޑުމެންގެ ބޭނުމަކީ މި ކޮންމެ ހޯރަފުށީގެވެސް ރައްޔިތަކީ ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތުން ފައިސާ ހޯދައިގެން ތިމަންނާގެ އަނބިދަރީން ބަލަހައްޓާ ހޯރަފުށީ މީހެކޭ ބުނެ، އޭނާގެ ހަމައިސްކޮޅަށް ތެދުވާތަން ދެކުން. ސަރުކާރުގެ ވަޢުދަކަށްވީ، ޕާޓީގެ ވަޢުދަކަށްވީ، ރައްޔިތުން ބޭސްސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ ހުއްޓުވާލާނަމޭ. ސަރުކާރުގެ ސިޔާސަތަކަށް އެހެންވީމާ، ވީ މަދަނައިގެ ވިއުގައިގެ ދަށުން ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. މި ހޯރަފުށީގެ ރައްޔިތުންގެ ތެރެއިން 579 މީހަކު މަދަނައިގައި ރަޖިސްޓްރީކުރެވިފައި އޮތްކަމީ، ވާކަމީ، އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބޭކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭކަމެއް.

މިދެންނެވި ރައްޔިތުންނަށް 2010 ވަނަ އަހަރު ބޭސްފަރުވާއަށްޓަކައި އެއްމިލިއަން ހަލައްކަ ނުވަހާސް ރުފިޔާ ޚަރަދުކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް. އަޅުގަނޑު މިދެންމެ ދެންނެވި ފައިސާއަކީ، އެއްވެސް ހާލެއްގައި މިތަނުގެ ހެލްތް ސެންޓަރު ނުވަތަ ހޮސްޕިޓަލުގެ ކުލިދައްކަން، އެތަނުގައި ތިބި މީހުންގެ މުސާރަ ދިނުމަށް ނުވަތަ އެތަނުގައި ކުލަލުމަށް ނުވަތަ އެތަނަށް އެހެންވެސް މިވެނި ކަމެއް އެވެނި ކަމެއް ކުރުމަށް ކުރެވުނު ޚަރަދެއްނޫން. މިދެންނެވި ޚަރަދަކީ، ހަމަ ސީދާ ހޯރަފުށީ ރައްޔިތުންނަށް އެމީހުންގެ ބޭސް ސިޓީއަށް ބޭސް ނަގައިދިނުމަށްޓަކައި 2010 ވަނަ އަހަރު ސަރުކާރުން ކޮށްފައިވާ ޚަރަދު. އަޅުގަނޑުމެންގެ ވަޢުދަކީ، މިރަށުގެ އެއްވެސް މީހަކު ބޭސްފަރުވާއަށްޓަކައި ފައިސާ ނެތިގެން އެ ބޭނުންވާ ބޭސް ހޯދަމުން ހިނގަން ނުޖެހުން. އަޅުގަނޑުމެންގެ ވަޢުދަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ ހުރިހާ ރައްޔިތުން މަދަނަގައި ރަޖިސްޓްރީކުރުން. މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާ މިދެންނެވި 579 ހޯރަފުށީ ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ރައްކާކުރެވިފައި މާލިއްޔަތުގައި އޮތްކަމީ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭކަމެއް، އެއީ، މި ސަރުކާރަށް ހިތްވަރުލިބޭ އެންމެ މުހިންމު އެއްކަމަކީ.

އަޅުގަނޑުމެންގެ ބޭނުމަކީ، މި ރާއްޖެ ތަރައްޤީކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، ހޯރަފުށީ ރައްޔިތުން މުއްސަނދިކުރުން. މިރައްޔިތުންނަށް މިއަދު ލިބޭއެއްޗަކަށްވުރެ އިތުރު އެއްޗެއް މާދަމާ ހޯދޭނެ ސިޔާސަތުތަކެއް މިރަށުގައި ތަންފީޒުކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ހާލަތު މިއަދު މިހުރި ހާލަތުން އެހެން ހާލަތަކަށް ބަދަލުވުން. އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން ގެންދިޔައިން، މިރާއްޖެ 2008 ވަނަ އަހަރު އޮތީ ހަތަރުއަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެން ރައްޔިތުންނަށް އެދުވަހު އޮތޭ ޚަރާބުގެ މަގު ޚިޔާރުކުރެވެން. އަދި ހަމައެހެންމެ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް އޮތޭ، މުޅިން އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ ހޯދެން. އަޅުގަނޑުމެންގެ ރައްޔިތުން ނިންމީ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އެމް.ޑީ.ޕީ މެނިފެސްޓޯ ބަލައިގަންނަން. މިސަރުކާރު ހިންގަމުން މިގެންދަނީ އެ މެނިފެސްޓޯ. އަޅުގަނޑު ތިބޭފުޅުން ކުރިމައްޗަށް ނިކުމެ މިހުރީ، އެޕާޓީގެ ފަރާތުން އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓުކަމަށް ކަނޑައަޅައި، އެޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އަޅުގަނޑު ކަނޑައަޅައި އަޅުގަނޑު ނެރުނީތީވެ.

އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރު ދެމި މިއޮންނަނީ އެހެން އެއްވެސް ސަބަބަކަށްޓަކައެއްނޫން، އެހެން އެއްވެސް ބޭނުމަކަށްޓަކައެއްވެސް ނޫން. ހަމައެކަނި އަޅުގަނޑުމެން ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި. އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި. އަޅުގަނޑު އަބަދުވެސް ކުރިއަށް ގެންދާނީ، ތިބޭފުޅުންނަށްޓަކައި މަސައްކަތްކުރާ ވަގުތު ގިނަކުރަމުން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ރެއާ ދުވާލަށް ދިހަ ގަޑިއިރު މަސައްކަތްނުކުރާ ހަމައެންމެ ދުވަހެއްވެސް އިރާދަކުރެއްވިއްޔާ ނުބާއްވާނަން. އަޅުގަނޑު ތިބޭފުޅުންނަށް އިތުރަށް ޔަޤީންކޮށް ދަންނަވަން، އަޅުގަނޑެއް ތިބޭފުޅުންގެ މާލިއްޔަތުގެ ޚަޒާނާގައިވާ ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުޖެހޭނަން.

އަޅުގަނޑުމެންގެ ހުރިހާވެސް އަމާޒަކީ، ހޯރަފުށީގެ ތަރައްޤީ. އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. ޤައުމެއް، ރަށެއް، ހޯރަފުށްޓެއް ތަރައްޤީއެއް ނުވާނެ، މިރަށުގެ ގިނަބައިވަރު މީހުންނަކީ ނިކަމެތީން ކަމުގައި ވާހާ ހިނދަކު. އަޅާ ބޮޑު އިމާރާތަކުން، ކުރެވޭ ބޮޑު ބިނާއަކުން އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުހޯދޭނެ. ތަރައްޤިވާނީ ހޯރަފުށީމީހާ ތަރައްޤީވީމާ. ތަރައްޤީވާނީ އަޅުގަނޑުމެނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ލިބި އަޅުގަނޑުމެނަށް ހާސްކަމުން ނެއްޓެވި، އަރާމު ދިރިއުޅުމެއް އުޅެވެން އަޅުގަނޑުމެންނަށް ފެށުނު ދުވަހަކުން.

އަޅުގަނޑުގާތުގައި ބައެއް މީހުން އަހާ ރައީސް، ކީއްވެގެންތޯ ހޯރަފުށީގެ އެވެނިކަމެއް މިވެނިކަމެއް ނުކޮށް އޮއްވާ، މިތަނަށް ފަންސާސް ހަތް މިލިޔަން ރުފިޔާ ފޮރުވާފައި ބަހައްޓާފައި ތިހުރީ މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުނަށް ބޭސްފަރުވާ ކުރުމަށްޓަކައި. ރައްޔިތުން ބިކަ ހާލުގައި އުޅެނިކޮށް ހޯދޭނެ ތަރައްޤީއެއްނެތް. އަޅާ އިމާރާތަށް ވަންނަ މިހުންނަކީ، ރަނގަޅު ހެޔޮހާލުގައި ނެތް ބަޔަކަށް ވަނީވިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ޕާޓީގެ ފަރާތުން މިރަށަށާއި މިރާއްޖެއަށް ވެފައިވާ ވަޢުދުތައް އެބަހުރި. ޕާޓީން ވަޢުދުވީ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް ފިރިހެނަކަސް، އާމްދަނީ މަދުނަމަ އެމީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދޭނެކަމަށް. ޕާޓީ ގަބޫލުކުރާ ފަލްސަފާއަކީ، މިރާއްޖެ އަޅުގަނޑުމެނަށް މިގޮތަށް ލިބިފައި މިއޮތީ އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީއޭ. އެމީހުން މަހަށް ފަރަށް ދިޔައީތީއޭ. އެމީހުން ރުކަށް ވަލަށް ވަނީތީއޭ. އެމީހުން ގެދޮރު އެޅީތީއޭ. ވަޑާން ކުރީތީއޭ. އޮޑިދޯނިފަހަރު ބަނީތީއޭ. އެމީހުން ކިތަންމެ ކިތަންމެ މަސައްކަތެއް ކުރިތީއޭ. މިއަދު މިރާއްޖޭގައި ޕެންޝަނެއް ޙައްޤީ ކާކަށްތޯ އަޅުގަނޑުމެން ދެކޭއިރުގައި ހަމަގައިމުވެސް އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމް.ޑީ.ޕީ ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، އެ ޕެންޝަން ޙައްޤުވަނީ ހަމައެކަނި ސަރުކާރުގެ ވަޒީފާގައި އުޅުއްވި ބޭފުޅުންނަށްކަމަށް. ޕާޓީން ވަޢުދުވީ 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ޕެންޝަނެއް ދިނުމަށް. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ހޯރަފުށީގެ ރައްޔިތުންގެ ތެރެއިން 233 މީހަކަށް ގަވާއިދުން މިދެންނެވި ޕެންޝަން ދެހާސް ރުފިޔާ، ކޮންމެ މަހަކު ދެމުން އަންނަތާ މިވީ ދެއަހަރު. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެނަށް ހިތްވަރު ލިބެނީ، މިރަށަށް މިދެންނެވި ޕެންޝަންގެ ގޮތުގައި ދިނުމަށް ހަތަރުލައްކަ ފަސްދޮޅަސް ހަހާހަށްވުރެ ގިނަ ރުފިޔާ ކޮންމެ މަހަކު ޚަރަދު ކުރުމުގެ ފުރުޞަތު މި ސަރުކާރަށް ލިބިފައިވާތީވެ. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، އިޖްތިމާޢީ ރައްކާތެރިކަން. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކަށްވާނީ، ހޯރަފުށީގެ ތަރައްޤީ.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާ އަޅާނުލެވޭހާ ހިނދަކު އަޅުގަނޑުމެން މިބޭނުންވާ ބަދަލު ހޯދަން އަޅުގަނޑުމެނަށް އުނދަގޫވާނެ. އަޅުގަނޑުމެންގެ ޖެހިގެންހުރި ގޭ މީހާއަކީ ނުކައިއުޅޭ މީހަކަށްވެފައި، ދެންޖެހިގެންހުރި ގޭގެ އަންހެންމީހާގެ ދެދަރިންނަކީ ބައްޕަ ނެތުނީތީވެ މަދަރުސާއަށް ދެވެންނެތް ކުދީންނަށްވާއިރުގައި، ތިމަންނާ ރަންއިލޮށިން ކަދުރު ކެޔަސް ރަށެއް، މުޖްތަމަޢެއް، އަވަށެއް، ތަރައްޤީއެއް ނުވާނެ. ތިމަންނާއަށް ރަންއިލޮށިން ކަދުރު ކެވިދާނެ. ތިމަންނާގެ އަވަށްޓެރިންނާއި، ތިމަންނާގެ ގޭދޮށު މީހުންނާއި، ތިމަންނާގެ ރަށު މީހުން ހެޔޮހާލުގައި ނެތްނަމަ ޙަޤީޤަތުގައި ދެން ތިމަންނާގެ މުދާވެސް ސަލާމަތް ނުކުރެވޭނެ. ދުވަހުން ދުވަހަށް އަޅުގަނޑުމެންގެ ރާއްޖެ ވެއްޓެމުން ދިޔައީ މިދެންނެވި އަނދަވަޅަށް. މުއްސަނދިންނާއި ނިކަމެތީންގެ ތަފާތު، ފަރަގު ބޮޑުވަމުންދިޔައީ، އަޅުގަނޑުމެން ފިއްކަނޑައިގެން ދިޔަ ދަރަޖައަށް. މި ރާއްޖޭގެ މުއްސަނދިކަމުގެ 98 ޕަސަންޓުގެ މިލްކުވެރީންނަކީ މިރާއްޖޭގެ އާބާދީގެ އެއްޕަސެންޓު މީހުން. މިރާއްޖޭގެ މުއްސަނދިކަމަކީ މިރާއްޖޭގެ ރައްޔިތުންގެ މުއްސަނދިކަން. އެރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އަޅުގަނޑުމެންނަށް ހޯދައި ނުދެވިއްޖެނަމަ، މިދެންނެވި ނިކަމެތީން ނިކުމެ މުއްސަނދީންގެ މަދު މީހުންކޮޅުގެ މައްޗަށް އަރައިގަންނާނެކަމީ އިންސާނީ ތަޖްރިބާ ވަރަށް ފުރިހަމައަށް ދައްކާފައިވާ ހަޤީގަތެއް. އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، ހޯރަފުށީ 87 ރައްޔިތަކަށް އެކަނިވެރި މައިންނަށާއި ޔަތީމު ކުދިންނަށް ދެވޭ ޢިނާޔަތް ދިނުމަށްޓަކައި 2010 ވަނަ އަހަރު ފަސްލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައި އޮތީތީވެ.

އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ މިރަށަކީ ޓެލެމެޑިސިން ޒަރިއްޔާއިން ގުޅާލެވޭ ޓެލެމެޑިސިންގެ ޞިއްޙީ ހިދުމަތްދެވޭނެ ރަށަކަށް ހެދިފައި އޮތީތީވެ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެނަށް މިތަނަށް މެޝިނަރީއާއި އަދި އެކަމަށް ބޭނުންވާ އެންމެހާ ސާމާނު ގެނެސް، އަޅުގަނޑުމެންނަށް މިހޯރަފުށިންވެސް ތިބޭފުޅުންގެ ބަލިތައް ބެލުމަށް އެންމެ ރަނގަޅު ޑޮކްޓަރުން، މިރާއްޖޭގައި ލިބެންތިބި އެންމެ ރަނގަޅު ޑޮކްޓަރުންނަށް ހޯރަފުށީގައި ތިބެގެން ދެއްކޭނޭ ޓެކްނޮލޮޖީއާއި ދެއްކޭނޭ ވަސީލަތްތައް މިދުނިޔޭގައި އެބަހުރި. އަޅުގަނޑުމެނަށް މިގެންދެވެނީ އެވަސީލަތްތައް މިރާއްޖޭގެ ރަށްރަށަށް ތަޢާރަފު ކުރަމުން. އަޅުގަނޑު ހިތްހަމަޖެހެނީ މިހޯރަފުށްޓަށްވެސް މިދެންނެވި ޓެކްނޮލޮޖީ ތައާރަފުކުރުމުގެ ފުރުޞަތު ސަރުކާރަށް ލިބިގެންދާތީވެ.

ތަރައްޤީވާން މިޖެހެނީ ހޯރަފުއްޓެއްނޫން. ތަރައްޤީވާންޖެހެނީ ހޯރަފުށީ މީހާ. ތަންދޮރު އެނގެންޖެހެނީ ހޯރަފުށީ ދަރީންނަށް. އަޅުގަނޑު އަބަދުވެސް ދަންނަވަން، މިއަދު މިއޮތީ ހަވީރުވެފައި. އިންޔެ ނިމިއްޖެ. އަޅުގަނޑުމެންނަކަށް އިއްޔެއެއް ނުލިބޭނެ. އަޅުގަނޑުމެންނަށް ދެން ހޯދޭނީ މާދަމާ. އަޅުގަނޑު ހޯރަފުށީ ރައްޔިތުންގެ ކިބައިން އަނެއްކާވެސް މިއެދެނީ، ތިބޭފުޅުންގެ މާދަމާ ހޯދުމަށްޓަކައި، އެއީ، އަޅުގަނޑުމެން އެންމެންގެ މާދަމާގެ ސަލާމަތަށްޓަކައި، އަޅުގަނޑާއެކީގައި ތިބޭފުޅުން ނުކުންނަވާށޭ، އަޅުގަނޑުމެނަށް އިތުބާރު ކުރައްވާށޭ، އަޅުގަނޑުމެނަށް މިފަހަރުގެ މިވޯޓު އަނެއްކާވެސް ދެއްވާށޭ.

ރަނގަޅު ތަޢުލީމެއް ހޯރަފުށީ ދަރީންނަށް ދިނުމަށްޓަކައި، ހޯރަފުށީ މަދަރުސާ އެއްދަންފަޅިއަށް ހެދުމަށް މިއަހަރު ބޭނުންވާ 12 ކްލާސްރޫމް އިރާދަކުރެއްވިއްޔާ އަޅާނިމޭނެ. ހޯރަފުށީ ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށް، ހޯރަފުށީގައި ވަށާޖެހޭ ރަނގަޅު ތަޢުލީމެއް ދިނުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ނުދޭންވީ އެއްވެސް ސަބަބެއްވެސް ހަމަ އެއްގޮތަކަށްވެސް ނެތް. މިދިޔަ އަހަރު، 2010 ވަނަ އަހަރުގެ ތެރޭގައި ހޯރަފުށްޓަށް ފޮތް ފަންސޫރު ގަލަން އަދި މަދަރުސާއަށް ބޭނުންވާ ސާމާނު ގަތުމަށްޓަކައި ތިންލައްކަ ތިރީސް ހަތްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭކަމެއް. ހޯރަފުށީ ދަރިވަރުންގެ ތެރެއިން 42 ދަރިވަރަކު އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް އެއްލައްކަރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދުކުރުމުގެ ފުރުޞަތު މި ސަރުކާރަށް ލިބުނުކަމީ މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް. އަޅުގަނޑުމެނަށް އުފާވެރިކަން ލިބޭކަމެއް.

މިދެންނެވި ކަންކަމުގެ ނަތީޖާ މިހާރު ރަނގަޅު. އިއްޔެގައި މިވަނީ ހޯރަފުށީ ސްކޫލުގެ އޯލެވެލް އިމްތިޙާނުގެ ނަތީޖާ ލިބިފައި. ހޯރަފުށީ ސްކޫލްގައި 5 މާއްދާއިން ފާސްވީ މިންވަރު އޭގެ ކުރީއަހަރާ އަޅާބަލާއިރު 17 ޕަސެންޓުން މައްޗަށް ގޮސްފައިއެބަހުރި. މި ސަރުކާރުގެ ވަޢުދަކީ، އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން، 60 ޕަސެންޓު ކުދިންނަކީ، ފަސްމާއްދާއިން ފާސްވާ ކުދިންކަމުގައި ހެދުން. މި ސަރުކާރު ހިންގާން ފެށުނުއިރު ހޯރަފުށީގައި 31 ޕަސަންޓު ކުދިންވެސް ފަސްމާއްދާއިން ފާސްނުވޭ. އިއްޖެ ލިބުނު ނަތީޖާގައި، ހޯރަފުށީގެ 58 ޕަސަންޓު ކުދިން ފަސްމާއްދާއިން ފާސްވެފައިވޭ. ދެން އަޅުގަނޑުމެންގެ އަމާޒަށް ދިއުމަށްޓަކައި ހޯރަފުށީގައި ބޭނުންވަނީ ދެ ޕަސެންޓު. އަޅުގަނޑަށް ޔަޤީން، ތިބޭފުޅުން މިއަންނަ އަހަރު އެނަތީޖާ ހޯއްދަވާނެކަން. އަޅުގަނޑު މިއަދު ހޯރަފުށީގެ އެންމެހާ ދަރިވަރުންނާއި، މައިންބަފައިންނާއި، ޓީޗަރުންނާއި، މަދަރުސާ ހިންގާ އެންމެ ބޭފުޅުންނާއި އަދި ވަކީން ޚާއްޞަކޮށް ޑޮކްޓަރ މުޞްތަފާ ލުޠުފީއަށްވެސް ޝުކުރު ދަންނަވަން. މަރުހަބާ ކިޔަން. ތިބޭފުޅުން އެގެންނެވި ބަދަލު، ކުދީން ފާސްވީ މިންވަރު، ފަސްމާއްދާއިން ފާސްވީ ކޮންމެ ސަތޭކައަކުން އެއްތިރީސް ކުދިންނަށް އޮތްއޮތުން ކޮންމެ ސަތޭކައަކުން ފަންސާސް އަށްކުއްޖަކަށް ބަދަލު ކުރުއްވިކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އެއީ، އަޅުގަނޑުމެން ފުއްދި ވަޢުދެއް. އެއީ، ޕާޓީގެ ފަރާތުންވީ ވަޢުދެއް. އެއީ، ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ހޯދި ނަތީޖާއެއް. އެނަތީޖާގެ ފަޚުރު އަޅުގަނޑު ބަލައިގަންނަން. އެނަތީޖާގެ ފަޚުރު ހޯރަފުށީ ހުރިހާ ރައްޔިތުން ބަލައިގަތުން ވަރަށް މުހިންމު. އެއީ ޙަޤީޤީ ތަރައްޤީއަކީ. އެއީ ޙަޤީޤީ ބަދަލަކީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ހޯރަފުށީ މަދަރުސާ މިހާރަށްވުރެ ކިތަންމެ ތަނަކުން ކުރިއަރައިދާނެ. އަޅުގަނޑަށް އޭގެ ސްޕީޑް އެބަފެނޭ. އަޅުގަނޑަށް ތިބޭފުޅުންގެ ޤާބިލިއްޔަތާއި ތިބޭފުޅުން މިކަންކުރުމުގެ ހުނަރު ވަރަށް ސާފުކޮށް އެބައެނގޭ. އަޅުގަނޑަށް ޔަޤީން، ހޯރަފުށީ މަދަރުސާއަކީ މިރާއްޖޭގައި ވިދާ މަދަރުސާއަކަށް ކުރިއަށް މިއޮތްތަނުގައި ވެގެންދާނެ.

އަޅުގަނޑު، ތިބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ރަޝީދަށް ޝުކުރު ދަންނަވަން ބޭނުން. ޙަޤީޤަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުމީ، އަޅުގަނޑު މިފަހަރު ހޯރަފުށީ ރައްޔިތަކަށްވެ، ހޯރަފުށީ ރައްޔިތެއްގެ ފަރާތުން އަޙުމަދަށް ދަންނަވާ ޝުކުރެއް. އެންމެ ހަފްތާއެއްވެސް ނުދާނެ، އަޙްމަދު އަޅުގަނޑު ގާތުގައި ހޯރަފުށީގެ އެވެނި ކަމަކާ މިވެނި ކަމެއްގެ ވާހަކަ ނުދައްކާ. ދައްކަވަމުން ދައްކަވަމުން ގޮސް ދައްކަވާނެ، ރައީސް ދަންނަވަންތޯއޭ، ހިރުނދު ގަހުގެ ފަތްތައް މިލަތްޕޭ ހޯރަފުށީގެ. އަޅުގަނޑަށް އެ އަޙްމަދު ހޯރަފުށްޓާ ގުޅޭގޮތުން ކިޔައިނުދޭ ހަމަ އެއްވާހަކައެއްވެސް ނޯވޭ. އަބަދުވެސް އަޅުގަނޑަށް ތިބޭފުޅުންގެ މެންބަރުގެ ކިބައިން މަޝްވަރާ ލިބޭ. އެބޭފުޅާއަކީ އަޅުގަނޑުމެންގެ އެކުވެރި އަދި މިޕާޓީގެ ރޫޙާއެކީގައި ޕާޓީ ފެށުނީއްސުރެ ފަށައިގެން މަސައްކަތް ކުރަމުން އައި ތިބޭފުޅުންގެ ވަރުގަދަ ބަޠަލެއް.

ހޯރަފުށީ ބަނދަރު އިރާދަކުރެއްވިއްޔާ މިއަހަރު ހަދާ ނިމޭނެ. މިހާރު ބަނދަރު ހެދުމުގެ މަސައްކަތް އެދަނީ ކުރިޔަށް. އެހެންނަމަވެސް، އަދި އިތުރަށް ދަންނަވަން އޮތްވާހަކައަކީ، މި ސަރުކާރަކީ ބަނދަރުހަދާ ސަރުކާރެއް ނޫނޭ. އެކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނަކީ ބަނދަރު ހަދާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ބިން ހިއްކާ ބައެއް ނޫން. އަޅުގަނޑުމެންނަކީ 65 އަހަރުން މަތީ މީހުންނަށް ދެހާސް ރުފިޔާ ދޭބައެއްވެސް ނޫން. އަޅުގަނޑުމެންނަކީ ހަމަ ހިލާ އެއްކަމެއްވެސް ވާ ބައެއްވެސް ނޫން، ކުރާ ބައެއްވެސް ނޫން. މައްސަލައެއް އަޅުގަނޑުމެންގެ އެކަމުގައެއް ނެތް. އަޅުގަނޑު ކަންބޮޑުވަނީ އަޙްމަދު އެބުނުއްވި ވާހަކައަކުން. އަޙްމަދުގެ ތިން ދަރީންވެސް ވިހެއީ ކުރީ ދައުރުގައޭ، އަޙްމަދު ކުރީ ދުވަހުވެސް އަޅުގަނޑު ގާތު އަހައިފި، ރައީސް އަނެއްކާ މީ ކާކުގެ ކަމެއްބާވައޭ. އަޅުގަނޑުމެނަށް މިރާއްޖެ ބަދަލުކުރެވޭނެ. އެކަމުގެ ނަމެއް އަޅުގަނޑެއް ބޭނުމެއް ނޫން. އޭގެ ނަން އެޅޭކަށް ކޮންމެހެން އަޅުގަނޑެއް ނުޖެހޭ. ތިބޭފުޅުންގެ ޖީބަށް ލުއިވަންޏާ ތިބޭފުޅުންނަށް އެނގިލައްވާނެ. ތިބޭފުޅުންގެ ދަރިން ފާސްވަންޏާ ތިބޭފުޅުންނަށް އެނގިލައްވާނެ. ތިބޭފުޅުންގެ އޮޑިދޯނިފަހަރަށް ރަނގަޅަށް މިތަނުގައި އަޅާފައި ބޭއްވެންޏާ ތިބޭފުޅުންނަށް އެނގިލައްވާނެ. ތިބޭފުޅުންގެ ކަންކަން ފުރިހަމަ ވަމުންދާ މިންވަރު އެންމެ ބޮޑަށް ސާފުކޮށް އެނގިވަޑައިގަންނަވާނީ ހަމަ ސީދާ ތިޔަބޭފުޅުންނަށް. އޭގައި އަޅުގަނޑު އިތުރަށް ދައްކާން ހުރި ވާހަކައެއް ނޯންނާނެ.

މިރަށުގެ 65 އަހަރުން މަތީ މީހުނަށް މިދިޔަ ތިރީސް އަހަރު ދެހާސް ރުފިޔާ ކޮންމެ މަހަކު ލިބެމުން ދިޔަކަން އެބޭފުޅުންނަށް އެނގޭނެ އައްސަވައިފިއްޔާ. ކޮންއިރަކު ލިބެން ފެށި އެއްޗެއްތޯ، ކޮންއިރަކުތޯ އެ އެއްޗެއް ހުއްޓާލެވުނީ، ކޮންއިރަކުތޯ އެ އެއްޗެއް ފަށައިގަނެވުނީ. އަޅުގަނޑެއް އެވާހަކައެއް ތިޔަބޭފުޅުން އަރިހުގައި ދައްކާކަށް ނުވެސް ނެތީމު. ދައްކާކަށް ބޭނުމެއްވެސް ނޫން. އަދި އަޅުގަނޑު ދިން އެއްޗަކަށް ހެދޭކަށްވެސް ބޭނުމެއްނޫން. އެއީ އެއް ނޫން އަޅުގަނޑުމެންގެ އަމާޒަކީ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ މަޤްޞަދަކީ މިރަށުގެ ތަރައްޤީ. މިރަށް ބަދަލުކުރުން. އަޅުގަނޑުމެން ހޯދާން މިއުޅެނީ މުޅީން އެހެން ހޯރަފުށްޓެއް. އަޅުގަނޑުމެން މިއެދެނީ މިރަށުގެ އިތުރު ތަރައްޤީއަށް.

މި ސަރުކާރުގެ ވަޢުދެއް އެއީ، ތިބޭފުޅުން، ހޯރަފުށީ ރައްޔިތުން ބާނާ މަހުގެ އަގަށް، ހަމައަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަމޭ. އެނގިވަޑައިގަންނަވާނެ، ސަރުކާރު ފެށުމުގެ ކުރީގައި ކިލޯ ހަމަނުވާ މަހަކަށް ލިބެނީ ކިހާވަރެއްކަން. ދެރުފިޔާ ބައި ގިނަވެގެން ފަސްރުފިޔާ. މި ސަރުކާރު އައިސް، މަސްވެރިކަމުގެ ސިޔާސަތު ހުޅުވާލައި ދޫކޮށްލުމުން އޭގެ ވާދަވެރިކަމުގައި މިހާރު މަސްކިލޯއެއްގެ އަގު އެންމެ ދަށްވެގެން ހުންނާނީ ނުވަ ރުފިޔާއަށް. އަދި ބައެއް ފަހަރަށް އެދަނީ ބާރަ، ތޭރަ، ސާދައަށް މަސްކިލޯއެއްގެ އަގު އަރަމުން. އަޅުގަނޑުމެން އަންދާޒާ ކުރަނީ، ކުރިއަށް މިއޮތް ތަނުގައި ހޯރަފުށީ ރައްޔިތުން ބާނާ މަހުގެ ފުރިހަމަ އަގު ދިނުމަށް، މިތަނަށް ރާއްޖޭގެ އެތަން މިތަނުންނާއި ދުނިޔޭގެ އެތަން މިތަނުން މަސްގަންނަން އަންނާނެކަމީ ކަށަވަރުކަމެއް. މިހާރުވެސް ތިޔަބޭފުޅުންގެ އާމްދަނީ ހުންނާނީ އެތައް ތަނަކުން މައްޗަށް ގޮސްފައި. ކުރީގައި ބޭނި ފަނަރަ ޓަނު މަހަކީ، މިހާރު ބާނާ ފަސް ޓަނު މަސް. އެއީ، ތިބޭފުޅުންގެ މަސްވެރިންނަށް އެނގޭނެ ޙަޤީޤަތެއް. އެވާހަކައެއް ނުއެއް ދައްކަވާނެ، އެވާހަކައެއް ނުއެއް ބުނުއްވާނެ. އަޅުގަނޑަށް އެކަންވެސް ޔަޤީން، އެކަންވެސް އަޅުގަނޑު ގަބޫލުކުރަން. ބުނުއްވާނީ ނުވާ ކަންތަކުގެ ވާހަކަ. އަބަދުވެސް ކުރައްވަން ޖެހޭނެ އެޝަކުވާ. ވީކަމެއްގެ ޝަކުވާ ކުރަމަކުން ނުވެސް ހިނގޭނެ. ވީކަމަކާ އުފަލުން ހިތްހަމަޖެހިގެން ހުންނެވޭނީ. އެއީ، އަޅުގަނޑުމެން ފުރިހަމައަށް ޤަބޫލުކުރާ ޙަޤީޤަތެއް. އަޅުގަނޑުމެންނަކީ ސިޔާސީ ބައެއް. އަޅުގަނޑުމެންނަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ ތަޖުރިބާއާއި އެކަން ހިންގުމުގެ ހުނަރު ލިބިތިބި ބައެއް. އަޅުގަނޑުމެނަށް އިރާދަކުރެއްވިއްޔާ މިރާއްޖެ ތަރައްޤީކުރަން އެނގޭނެ.

މިރަށުގައި 2011 ވަނަ އަހަރު މިސްކިތެއް އެޅުމަށްވަނީ ބަޖެޓު ކުރެވިފައި. އިރާދަކުރެއްވިއްޔާ އެމިސްކިތް މިއަހަރުގެ ތެރޭގައި އަޅާ ނިމެނޭ. މިރަށުގައި 2011 ވަނަ އަހަރު ފެންހޮޅި އެޅުމަށްވަނީ ބަޖެޓު ކުރެވިފައި. އިރާދަކުރެއްވިއްޔާ އެމަސައްކަތްކޮށް ނިމޭނެ. މިރަށުގައި މިހެންގޮސް ކުރަން ހުރި ވަރަށް ގިނަ ކަންތައް ލިސްޓެއްހެން ދިގުކޮށް ލިޔެފައި އެބައޮތް. އަޅުގަނޑެއް އެވާހަކަތަކެއް ކިޔަމުން ހިނގާކަށެއް ނެތިން. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެނެއް ހޯރަފުށްޓަށް ކަމެއް ކުރެވެން އޮއްވާ، އެކަމެއް ނުކޮށް ދުލެއް ނުކޮށްލާނަމޭ. އަޅުގަނޑެއް ހޯރަފުށީ މައްޗަކުންނެއް ހަނދާންނެތިއެއް ނުދާނެ. ތިޔަބޭފުޅުންގެ ބޭނުންތައް އަޅުގަނޑަށް ނޭނގިއެއްވެސް ނުދާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން، މި ހޯރަފުށި މުޅިން އެހެންތަނަކަށް ހަމަ ހަދައިދޭނެ. އަޅުގަނޑުމެން މިބުނާ ބަދަލު އަޅުގަނޑުމެން މިރަށަށް ގެނެސްދޭނެ.

މިރަށުގެ ބަނދަރާއެކީގައި ބަނދަރު މައްޗެއް ތަރައްޤީ ކުރުމަކީ މިސަރުކާރުގެ އަމާޒެއް. މިސަރުކާރުން ބޭނުންވަނީ ހަމައެކަނި ބަނދަރެއް އޮންނާކަށްނޫން. އެބަނދަރަކީ އެއްރަށާއި އަނެއް ރަށާ ގުޅާލަދެވޭ ނާރެސްއަކަށްވުން ވަރަށް މުހިންމު. ސަރުކާރުގެ ވިސްނުމަކީ، އިހަވަންދޫ ބަނދަރާއި، ހޯރަފުށީ ބަނދަރާއި، ދެ ބަނދަރަކީ އެއް ބަނދަރުގެ ގޮތުގައި ތަރައްޤީކުރުން. އެކަން ކުރުމުގައި ދެބަނދަރަށްވެސް ދެ ބަނދަރުމަތި ދީ އަދި ދެ ބަނދަރުމަތި ތަރައްޤީކޮށް ދެރަށުގައިވެސް ވަކި ޚާއްޞަ ބާވަތްތަކެއްގެ މަސައްކަތް ލިބޭނޭ ފަހިވާނޭ ގޮތްގޮތަށް ކަންކަން ހިންގުން. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެނަށް މިމަސައްކަތްތައް ފަށައިގަނެވޭނެ. އަޅުގަނޑުމެންނަށް ހޯރަފުށި އިރާދަކުރެއްވިޔާ ބަދަލުކުރެވޭނެ.

ސަރުކާރުން އަބަދުވެސް ފާހަގަކުރަމުން ދިޔައިން، ޙަޤީޤަތުގައި ތަރައްޤީ ހޯދޭނީ ލާމެހިފައިވާ ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަށް ލިބުނީމައޭ. މިރާއްޖޭގެ ތަރައްޤީއަށް އެޅިފައިއޮތް އެންމެބޮޑު ހުރަހަކީ ކޮބައިތޯ އެއްވެސް މީހަކު މީގެ ތިން އަހަރު ކުރީގައި އަހައިފިނަމަ، އަބަދުވެސް މާހިރުން ބުނާނެ އަނިޔާވެރިކަމޭ. ޑިމޮކްރަސީ ނެތުމޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމޭ. އެއްވެ އުޅުމުގެ މިނިވަންކަން ނެތުމޭ. އެއިރުގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުން ހިތަށްއަރާނެ، އެއީ ކޮންބާވަތެއްގެ ވާހަކައެއްހެއްޔޭ. ތަރައްޤީއާ ނުވަތަ މިގޭ ނަރުދަމައާ، މިގޭ ފާޚާނާއާ، ޙަސަނަށް ލިބޭ މުސާރައާ، ވެރިކަމުގެ ނިޒާމާ ހުރީ ކޮށްގުޅުމެއްހެއްޔޭ. އަޅުގަނޑު އުންމީދުކުރަން، މިހާރު ތިޔަބޭފުޅުންނަށް ކޮންމެސް މިންވަރަކަށް ނަމަވެސް ސާފުވެގެން އަންނަކަން، ވެރިކަމުގެ ނިޒާމު އެއީ، ތަރައްޤީއަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ކަންތައް. މިއަހަރު، މި ފެބްރުއަރީ ފަސްވަނަ ދުވަހު މިރަށުގައި ބިންގާ އެޅެން މިއުޅެނީ މިރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އެއް މުއައްސަސާ. ރަށު ކައުންސިލްގެ އިންތިޚާބު. ރަށު ކައުންސިލަކީ މިރަށުގެ ތަރައްޤީ. މިރަށަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރަމުންދާނޭ މުއައްސަސާ. އެތަނަކީ ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި އެންމެ ބޮޑަށް އެހީތެރިވެދޭނޭ ތަން. މިއުޅެނީކީއެއް ރަށްކުރިއަރުވާ ކޮމިޓީއެއް ހޮވާކަށެއްނޫން. މިއުޅެނީކީއެއް ޖިންސުއްލަޠީފުންގެ ރޫޙެއް އިންތިޚާބުކުރާކަށެއްވެސް ނޫން. މިއުޅެނީ ވަރަށް ސާފުސާދާ ކަމެއް ކުރަން. މިއުޅެނީ ހޯރަފުށި ތަރައްޤީކުރަން. އެކަމަށްޓަކައި އިންސާނީ ތަޖުރިބާ ދައްކާފައިވާ އަދި އެހެން ޤައުމުތައްވެސް ކާމިޔާބު ހޯދާފައިވާ ނަމޫނާގައި އަޅުގަނޑުމެން ކުރިޔަށް ދާން.

ލާމަރުކަޒީ އުޞޫލަކީ އެހެން ބައެއްގެ ފިކުރެއްނޫން. އެއީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ގެ ފިކުރެއް. ޤާނޫނު އަސާސީ އިޞްލާޙު ކުރެވެމުން ދިޔައިރުގައި އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު އެއަކުނެތް ލާމަރުކަޒީ އުޞޫލުގެ ވާހަކައެއް. އޭގައި ލިޔެވިފައިއޮތީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. އެހިސާބުން ލާމަރުކަޒީއާ ހަމައަށް ދެވޭނެ ގޮތްތައް ވަރަށް މަދުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ އިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، އެ ދެ ބޭފުޅުންގެ މާފަހުގެ އިޞްލާޙަކާއެކީގައި އަޅުގަނޑުމެން މިހާރު މި އުފާވާ 8 ވަނަ ބާބު ޤާނޫނުއަސާސީގައި ހިމެނިގެން ދިޔައީ.

ޤާނޫނުއަސާސީގައި އެ 8 ވަނަ ބާބު ހިމެނިގެން ދިޔައީ، އަދި ވަރަށް އިތުރު ހުތުރު ކަންތައްތަކަކަށްފަހު. ޤާނޫނުއަސާސީގެ އިޞްލާޙުކުރުމުގެ މަސައްކަތް ނިމެމުން އައިއިރުގައި ކުރީގެ ރައީސަށް ޢިނާޔަތް ދިނުމާއި، ހިމާޔަތް ދިނުމުގެ ވާހަކަތަކެއް ޤާނޫނުއަސާސީގައި ހިމެނުމަށް ބައެއް ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގެން އުޅުއްވި. އެބޭފުޅުން އަޅުގަނޑުގާތުގައި އެހި ކޮންކަމެއް ލިބުނިއްޔާހޭ ކުރީގެ ރައީސްގެ ޢިނާޔަތާއި ހިމާޔަތް ޤާނޫނުއަސާސީގައި އެޅުމަށް އަޅުގަނޑު އެއްބަސްވާނީ. ދެން އަޅުގަނޑު ދެންނެވިން، އަޅުގަނޑަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރަކުވެސް ނޫނޭ. ދެން ތިކަމުގައި އަޅުގަނޑު އެއްބަސްވާގޮތެއް ހޯދާކަށް ކޮންމެހެން އެހާ މުހިންމެއްވެސް ނޫނޭ. އެހެންނަމަވެސް، އަޅުގަނޑު އަޅުގަނޑުގެ ޕާޓީއާ ވާހަކަ ދައްކާނަމޭ. އަޅުގަނޑުމެންނަށް ފެނުނީ އަޅުގަނޑުމެން ހޯދާންވީ މާދަމާކަން. ކުރީގެ ރައީސް ފަހާ ދުވެގެނެއް އަޅުގަނޑުމެނަށް ލިބެން އޮތް ތަރައްޤީއެއް ނެތްކަން. އަޅުގަނޑުމެންނަށް އެނގުނީ ލާމަރުކަޒީ އުޞޫލަކީ މާ މުހިންމު އެއްޗެއްކަން، ކުރީގެ ރައީސްގެ ދެފަޔަށްވުރެ. އަޅުގަނޑުމެން ހޯދަން ނުކުތީ ލާމަރުކަޒީ އުޞޫލު. ދެން، ކަންދިމާކުރިގޮތުން، މިވީ ގޮތަކީ އެންމެފަހުން ޤާނޫނުއަސާސީގައި މިދެންނެވި ދެފައިވެސް ނުހިމެނުނީ. އެހެންނަމަވެސް، ލާމަރުކަޒީ އުޞޫލު އޮތީ ކަނޑައެޅިގެން ހިމެނިފައި. ދެން އަޅުގަނޑު ދެންނެވިން އެދުވަހުވެސް، ހާދަ ދެރަދޯއޭ، ކަތިވަޅިވެސް ގެއްލުނީއޭ، މަރިޔަނބުވެސް ގެއްލުނީއޭ، ކޮށި ދަނޑުވެސް މިއޮއް ގެއްލިދިޔައީތާއޭ. އަޅުގަނޑުމެންނަށް އިރާދަކުރައްވައިގެން ލާމަރުކަޒީ އުޞޫލު މިއޮތީ ލިބިފައި. އެއީ، ތަޤްދީރު ކުރެހި ޕްލޭނެއް. އެއީ، ޤުދުރަތީ ރޭވުމެއް. އެއީ، އަޅުގަނޑުމެނަށް، މިރާއްޖޭގެ ރައްޔިތުންނަށް ލިބުނު ބޮޑު ނިޢުމަތެއް. އެ ނިޢުމަތުގެ ބޭނުން އަޅުގަނޑުމެން ހެޔޮގޮތުގައި ހިފަންޖެހޭ. މާތްރަސްކަލާނގެ ރޯދި ރަނގަޅުގޮތުގައި އަޅުގަނޑުމެން ބޭނުން ކުރަންޖެހޭ. އަޅުގަނޑުމެންގެ ސިކުނޑިތަކަށް، އަޅުގަނޑުމެނަށް ގެނެސްދިން ވިސްނުމެއް އެއީ ޤައުމެއް، ބައެއް، ތަރައްޤީވެ ދިޔުމަށް، ތަހުޒީބުވެ ދިޔުމަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަ ކުރުން. މިއަދު އަޅުގަނޑުމެން ކުރާން މިއުޅޭ ކަމަކީ، އަޅުގަނޑުގެ ރަށުގައި ހުރިއެއްޗެއްގެ ބަޔަކުން ބައެއް މިރަށަށް ދިނުން. އެބައި އެޅުން. މާލޭގައި އެތައްސަތޭކަ އަހަރެއް ވަންދެން އެއްކުރެވިފައިހުރި ބާރުން ބައެއް މިހޯރަފުށްޓަށް ދިނުން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ އިތުރު ޙަޤީޤަތެއް އެބައޮތް. މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އަށް ބައްލަވާލައްވާށޭ. ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވީ ކޮން ބޭފުޅުންނެއްތޯ ތިބޭފުޅުން ޚިޔާލަށް ގެންނަވާށޭ. އަޅުގަނޑު ރަށުގައި، މާލޭގައި، އަޅުގަނޑު މައިންބަފައިން މިއަދުވެސް ދެކެނީ، އަދި ދާދި ފަހާ ޖެހެންދެންވެސް ދެކެނީ މާލޭގެ ވެރިކަމަކީ މުލީގޭ ދޮންޙަސަންމަނިކުގެ، އެއީ ދޮންބަންޑާރައިންގެ ތަރިކައެކޭ. ދޮންބަންޑާރައިންގެ އައުލާދު މާލެއަށް އެއްކޮށްފައި އޮތް ވެރިކަމެކޭ. އެ ވެރިކަން މިއަދު މިރަށްރަށަށް ބަހާލުމަށްޓަކައި މާތްރަސްކަލާނގެ އިރާދަފުޅާއެކީގައި ނުކުމެ އެތިއްބެވީ މުލީގޭ ދޮންޙަސަންމަނިކުގެ އައުލާދުގެ މިޒަމާނުގެ ޖީލު. އެއީ، މިހާރު އެތިއްބެވި ބޭފުޅުންނަކީ ވެރިކަމުގެ ޚާންދާނުތައް، މާލެއަށް ބާރުއެއްކުރި ވެރިކަމުގެ ޚާންދާނުތައް، އެބޭފުޅުން މިއަދު ތިބޭފުޅުންގެ ގާތަށް ވަޑައިގެން އެވިދާޅުވަނީ، ތިމަންނާމެން އަތުގައި އޮތް އެއްޗަކުން ބައެއް ތިޔަބޭފުޅުންނަށް ދޭށޭ މިއުޅެނީ. ދެން މިކަން ކުރާން އުޅުނީ އެހެން ބަޔެއްކަމަށް ހެދިގެން އެވާހަކަ ދެއްކެވިއެއްކަމަކު އެއެއް އަދި ޙަޤީޤަތަކަށެއް ނުވާނެ. ދެން އެހެން ދެއްކެވީތީވެ، ތިބޭފުޅުންނަށް އޮޅިގެން އެހެން ގެޔަކަށް އެބާރު ބަލާދެވިއްޖެއްޔާ ދެން އަދި މާ ބުއްދިވެރިކަން ފަސްވެފައި ހުރިކަން ވަރަށް ބޮޑަށް ސާފުވާނެ. އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މި ފިކުރައިގެން އަޅުގަނޑުމެންނަށް ނުކުމެވި މިތިބިއްޔޭ. އަޅުގަނޑުމެންނޭ މިފިކުރައިގެން ނުކުތީ. ތިޔަބޭފުޅުން ވާދަވެރި ކެންޑިޑޭޓެއް ގާތު އައްސަވަބައްލަވާ، ކައުންސިލް އޮންނަނީ ކިހިނެއްތޯ، ކައުންސިލް އިށީންނަނީ ކޮންތާކުތޯ، އެތާ ގޮނޑިތައް އަތުރާފައި ހުންނަނީ ކޮންތާކުތޯ، އެތަނުގައި ދައްކަން މިއުޅެނީ ކޮންވާހަކައެއްތޯ، އެތަނުގައި ކުރާން މިއުޅެނީ ކޮންކަމެއްތޯ، ރަށުގެ ތަރައްޤީއަށް ތިމަންނާއޭ ކިޔާފައި ނުކުންނެވީމާ އެއީ، ދެއުޅިއެއްނުވާ ވާހަކައެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އެކައުންސިލުން ކުރަން އޮތްކަމަކީ، ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުން. ރަށުގެ ތަރައްޤީއަށްޓަކައި ތިމަންނައޭ، ޒުވާނުންނަށްޓަކައި ތިމަންނައޭ، ދޮށީއުމުރުގެ މީހުންނަށްޓަކައި ތިމަންނައޭ، ކިޔުއްވާ އުޅުއްވާނެކަމެއް ނެތް. އެއީ، ހަމަ އެއްގޮތަކަށްވެސް ފެންހިފަހައްޓާ ވާހަކައެއްނޫން. ރަށުގެ ތަރައްޤީއަށްޓަކައި ތިމަންނައަކަށް ނުނިކުންނެވޭނެއޭ މި ޤާނޫނުގެ ތެރެއަކުންނެއް. ކުރާން އަޅުގަނޑުމެން މިއުޅެނީ، ސަރުކާރުގެ ސިޔާސަތު މިތަނުގައި ތަންފީޒު ކުރާނޭ ބައެއް ހޯދުން. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ތަންފީޒުކުރާނެ ބައެއް އަޅުގަނޑުމެން ހޯދަން މިއުޅެނީ. ދެން އެބަޔަކީ އެހެން ރަށެއްގެ ސަރުކާރުގެ ބަޔަކަށް ނުވަތަ މާކުރީގައި ސަރުކާރުގައި އުޅުނު ބަޔަކަށްވެގެން މިކަން ކުރެވޭނެ ގޮތެއް ތިޔަބޭފުޅުން އަޅުގަނޑަށް ކިޔައިދެއްވާ. އަޅުގަނޑަށް ޔަޤީން، ހޯރަފުށީ ރައްޔިތުންނަކަށް އޮޅިފައެއްނުވާނެ، އަޅުގަނޑަށް ޔަޤީން، ހޯރަފުށީ ރައްޔިތުންނަށް އަޅުގަނޑުމެންގެ މިޞްރާބު ސާފުވާނެ. އަޅުގަނޑަށް ހަމަ ފެންނާން މިއޮތީ އުފާވާ ޒަމާނެއް. އަޅުގަނޑު ދަންނަވާނީ އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މިރޫޙޭ.

واَلحَمْـدُ لِلّـهِ. والســّلام عليــكم.

_______________________