بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ. ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ. ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު. އަދި ވަކިން ޚާއްޞަކޮށް، ނޫމަރާގެ ވެރިންނާއި މިރަށުގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެންގެ ރާއްޖެއަކީ ޖަޒީރާ ޤައުމެއް. މި ރާއްޖޭގައި ބައެއް ރަށްރަށުގައި ވަރަށްމަދު މީސްކޮޅެއް ދިރިއުޅެނީ. އަނެއްބައި ރަށްރަށުގައި ގިނަ ބައިވަރު މީހުން ދިރިއުޅޭ. ބައެއް ފަހަރަށް ބައެއް ރަށްރަށަކީ ވަރަށް ކުދިކުދި ރަށްރަށް. އަދި ބައެއްފަހަރަށް ކަނޑުއޮޅިމަތީގައި އޮންނަ ގާމަތީ ރަށްރަށް. އަނެއްބައިފަހަރަށް ބޮޑެތި ފަޅާ އެކުގައި އޮންނަ ބޮޑެތި ބައްރު. އެހެންނަމަވެސް، އަޅުގަނޑުމެން ދިވެހިރާއްޖެއޭ މިކިޔެނީ މިދެންނެވި ހުރިހާކަމެއް އަޅުގަނޑުމެންގެ ކިބައިގައި އެކުވީމާ. އަޅުގަނޑުމެންނަކީ ޖަޒީރާ ޤައުމެއް. އަޅުގަނޑުމެންގެ ޖަޒީރާކަން އަޅުގަނޑުމެންނަކަށް ނައްތައެއް ނުލެވޭނެ. މިޖަޒީރާކަމަކީ އިއްޔެ މިއަދު އަޅުގަނޑުމެނަށް މެދުވެރިވި ކަމެއްނޫން. އެތައްހާސް އަހަރެއްގައި މިރާއްޖޭގެ މިރަށްތަކުގައި އެކިއެކި ތަންތަނުގައި މީހުން ދިރިއުޅެމުން އައިސް އަޅުގަނޑުމެންގެ ރާއްޖެ މި 2011 ވަނައަހަރު އޮތްގޮތް މިއީ. ނޫމަރާ ރައްޔިތުންނަށް ނޫމަރާގައި ދިރިއުޅޭމީހުން 1000 އަހަރު ވަންދެން ދިރިއުޅެމުން އައިއިރުގައިވެސް އެމީހުން ނޫމަރާގައި ދިރިއުޅެމުން އައިސްފައިވަނީ އެމީހުންނަށް މިއަތޮޅުގައި ބޮޑެތިރަށްރަށް ހުރިކަން ނޭނގޭތީއެއް ނޫން. ނޫމަރާގައި، ތިބޭފުޅުން ދިރިއުޅެމުން 1000 އަހަރު ވަންދެން އުޅެމުންއައިސްފައި އޮތީކީއެއް މިނޫމަރާގެ ފަޅަކީ އޮތްތަނެއް ނޫންކަމާއި އަދި ލަފާފުރުންދަތި އެހެންރަށްރަށް މިރާއްޖޭގައި ނެތްކަން އެނގޭތީއެއް ނޫން، ނޫމަރާގައި ތިބޭފުޅުންނާ، ތިބޭފުޅުންގެ ކާބަފައިން އެތައް އެތައް ސަތޭކަ އަހަރެއް ވަންދެން ދިރިއުޅެމުން އައިސްފައިވަނީ. ތިބޭފުޅުންގެ ރަށްވީމާ. ތިބޭފުޅުންގެ ވަޒަންވީމާ. ތިބޭފުޅުންގެ ފަސްގަނޑުވީމާ. ތިބޭފުޅުންގެ ކާބަފައިން، ތިބޭފުޅުންނަށް މިގޮތަށް މިރަށް ރައްދުކޮށްދިނީމާ.

މި ސަރުކާރުގެ ސިޔާސަތުތައް ބިނާވެފައި އޮންނަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ގެ މެނިފެސްޓޯއާއި އެއްގޮތަށް. އެމް.ޑީ.ޕީ ގެ މެނިފެސްޓޯ އަބަދުވެސް ބާރުއަޅަނީ ދިވެހިރާއްޖޭގެ ޖަޒީރާކަން ކަނޑާ ނުލުމަށް. އެހެންވީމާ، ގަދަބާރުން މީހުން އެއްރަށުން އަނެއްރަށަށް ބަދަލުކުރުމާއި އަދި އެމީހުން އެހެންތަނަކަށް ގެންދިއުމަށްޓަކައި ސަރުކާރުންދޭ ޚިދްމަތްތައް ދިނުން ހުއްޓާލުމާ، މިބާވަތުގެ ކަންކަންކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްނޫން. އަޅުގަނޑު މިއަދު މިރަށަށް މިއައީ މިދިޔަ ދެއަހަރުވެސް މިދިޔަ ތިންއަހަރުވެސް އަޅުގަނޑަށް މިރަށަށް ނާދެވި. އެހެންނަމަވެސް، މިއަދު މިއައީ އަޅުގަނޑުމެނަށް، ސަރުކާރަށް މިއަހަރުގެ ތެރޭގައި މިރަށުގައި އިރާދަކުރެއްވިއްޔާ ބަނދަރުހަދަން ފެށޭނެތީވެއާއެކު، ތިބޭފުޅުންނަށް އެމަޢުލޫމާތު އެރުވުމަށްޓަކައިވެސްމެ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުން، ބަނދަރަކީ ތަރައްޤީގެ މިންގަނޑެއްނޫން. ބަނދަރެއް ހަދައިގެން ވަކި އިތުރުވާނެ އެވެނި މިވެނި ކަމަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ދެނެގަންނަންޖެހޭ. ބަނދަރާއެކުގައި އަޅުގަނޑުމެން މިދެންނެވި ނުކުތާތައް ފާހަގަކުރަންޖެހޭނެ. ބަނދަރެއް ހެދުމުގެ ބޭނުމަކީ ހަމައެކަނީ ލަފާފުރުން ފަސޭހަވުމެއްނޫން. ލަފާފުރުން ފަސޭހަވުމުގެ އިތުރުން އެބަނދަރެއް މެދުވެރިކޮށްގެން އިޤްތިޞާދީ ޙަރަކާތް ހިންގުން. މަސްވެރިކަން ތަރައްޤީކުރުން. އޮޑިދޯނިފަހަރަށް އަމާންކަމާއެކީގައި ބަނދަރުކޮށްގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖެއްސުން. އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މިރަށަށް އައިސް ފަސޭހައިންގޮސް އުޅެވޭނެ ގޮތްތައް ހޯދުން. އެހެންރަށްރަށާއި މިރަށާ ދެމެދު ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލެވި، މިރަށުގެ ރައްޔިތުން ރަށުބަންދުން ސަލާމަތް ކުރުމަށްޓަކައި އެޅޭ ފުރަތަމަ ފިޔަވަޅެއް، ބަނދަރެއް ހެދުމަކީ.

އެނގިވަޑައިގަންނަވާނެ، މިސަރުކާރުގެ ވަޢުދެއް އެއީ، މިރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅާލުމުގެ ވަޢުދު. ސަރުކާރުން، ޕާޓީން ވެފައިއޮތް ވަޢުދު ތަންފީޒު ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާތަކީ 7 އަހަރުދުވަހުގެ ތެރޭގައި މިދެންނެވި ނިޒާމު ފުރިހަމަ ކުރުން. އަދި ފުރަތަމަ ދެއަހަރު އެ ނިޒާމުގެ ފުރަތަމަ ފިޔަވަހި، އަސާސީ ޚިދްމަތްތައް ދޭންފެށުން. ސަރުކާރުން މިދެކެނީ މިފެބްރުއަރީ މަހުގެތެރޭގައި އިރާދަކުރެއްވިއްޔާ މި ނޫމާރައަށްވެސް ދުވާލަކު އެއްފަހަރު ފެރީދަތުރެއް އައިސް، ކޮންމެދުވަހަކުވެސް ނޫމަރާއިން ފުރި އަދި ނޫމަރާއިން އެނބުރި އާދެވޭނޭގޮތަކަށް ފެރީގެ ޓައިމްޓޭބަލް އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރޭވިގެންދާނެ.

މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ރައްޔިތުންވަނީ މިހާރު އެހެންރަށަކަށް ބަދަލުކުރެވިފައި. އެކަންހިނގައިދިޔަތާ ދުވަސްކޮޅެއްވެއްޖެ. މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު އެނގިވަޑައިގަންނަވާނެ، މިޙާލަތު ދިމާވެފައިވާ ހަތަރުފަސްރަށެއް ރާއްޖޭގައި އެބަވޭ. އަޅުގަނޑު ދާދި އިހަކަށްދުވަހަކު ދ.އަތޮޅު ރިނބުދޫއަށްވެސް ދިޔައިން. އެތަނުގައިވެސް ކަންދިމާވެފައި އޮތް ގޮތަކީ ހަތްސަތޭކަ އަށްސަތޭކަ މީހުން އާބާދީއެއްގައި ދިރިއުޅެމުން ދަނިކޮށް، ކޮންމެވެސް ސަބަބަކާލައިގެން، ހަމައެވެސް ޕެޓިޝަން ގެންގޮސްގެން، އެވެސްހަމަ މިރަށުމީހުން ބުނިކަމަށް ލަފާކުރެވިގެން، ފެނިގެން. ހަމަ އެވެސް ތިބޭފުޅުންގެތެރެއިން ކޮންމެވެސްބަޔަކު ވަކަލާތުކޮށްގެން. ރަށުން އެއްބަޔަކު އެހެންރަށަކަށް ދިއުމަށް އެއްބަސްވެވިގެން ކަމަށްބުނެ، އެބައިމީހުން އެހެންރަށަކަށް ބަދަލުކުރެވިފައިވަނީ. ވާއިރުގައި މި ދޫކޮށްލާފައި ދާ މީހުން، ރަށުގައިތިބޭ މީހުންނަށް މިއޮންނަނީ ވަރަށްނިކަމެތި ޙާލަތެއް ދިމާވެފައި. ސަރުކާރުގެ ސިޔާސަތަކަށްވެސް އޭރު ވެފައިއޮތީ، ދެން ނޫމަރާގެ ތަރައްޤީއަށްވުރެ މުހިންމުވާނީ މިހާރުވެސް ނޫމަރާގެ އާބާދީގެ މިތިބި މީހުންކޮޅު އެހެންތަނަކަށް ބަދަލުކޮށްލެވުނީމައޭ، އެ ވިސްނުމުގައި ދާ ސިޔާސަތެއް ގެންގުޅެވުނީ އެބޭފުޅުންނަށް. އެއްފަސްކުރުމުގެ ސިޔާސަތު ކުރިޔަށް ގެންދިޔުމުގެ މައިގަނޑު އުސޫލަކީ، ކުދިކުދި ރަށްރަށުގެ މީހުން ބޮޑެތިރަށްރަށަށް ބަދަލުކުރުން. މިސަރުކާރުގެ ސިޔާސަތެއްނޫން އެއީ، ކުދިކުދި ރަށްރަށުގެ މީހުންނަކަސް، ބޮޑެތި ރަށްރަށުގެ މީހުންނަކަސް އަދި ކޮންމެ ބާވަތެއްގެ ރަށެއްގެ މީހަކަށް ވިޔަސްވެސް އެމީހާގެ ނުރުހުމުގައި އެމީހާގެ ނޭދުމުގައި އެމީހާ އެހެންތަނަކަށް ބަދަލުކުރާން އުޅުމަކީ މި ސަރުކާރުގެ ސިޔާސަތެއްނޫން.

މި ސަރުކާރު މިދިޔަ އަހަރު ތެރޭގައި ނުވަތަ މިދިޔަ ދެއަހަރު ނޫމަރާގެ ބަނދަރު ހެދުމަށް އަވަސްވެ ނުގަނެވުނުވެސް ސަބަބުތަކެއްހުރި. އަޅުގަނޑުމެނަށް، އެމް.ޑީ.ޕީ އަށް ފާހަގަވެފައި އޮތް އެންމެބޮޑު އެއްނުގުތާކީ، މިނޫމަރާގެ ރައްޔިތުންގެތެރެއިން އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިންވެސް ވަރަށްގިނަ މީހުންނަކީ ނިކަމެތިންނޭ. އެމީހުންނަށް ދުވާލަކަށް، މަހަކަށް ލިބޭ އާމްދަނީ އެއީ، އެއްގޮތަކަށްވެސް އެމީހުންގެ އާދައިގެ ބޭނުންތައްވެސް ފުއްދާލެވޭވަރަށް ހަމަޖެހޭވަރުގެ އާމްދަނީއެއް ނޫންކަން. ކިތަންމެގޮތަކަށް ޕާޓީއަށްވެސް އަދި ސަރުކާރަށްވެސްވަނީ ފާހަގަވެފައި. މިރަށުގެ ގިނަ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދިނުމަކީ ވަރަށްމުހިންމު ކަމެއްގެ ގޮތުގައި ސަރުކާރަށް ދެކެވޭތީވެ، ޕާޓީން ވަޢުދުވެފައި އޮތިތީވެ، ސަރުކާރުގެ ސިޔާސަތަކަށްވީ، މަދަނައިގެ ވިއުގައިގެ ތެރެއިން، މިރަށުގެ ރައްޔިތުންނަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ މިރަށުގެ 67 މީހަކު މަދަނައިގައި ރަޖިސްޓަރީ ކުރެވިފައިވާކަމުން. އަދި މިދިޔަ 2010 ވަނައަހަރުގެ ތެރޭގައި މިރަށު ރައްޔިތުންނަށް އެއްލައްކަ އަށާރަހާސް ރުފިޔާ، ބޭސް ސިޓީއަށް ޚަރަދުކުރެވިފައިއޮތް ކަމީ ސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް.

މިދެންނެވި އެއްލައްކަ އަށާރަހާސް ރުފިޔާއަކީ އެއްވެސް ޙާލެއްގައި މިރަށުގެ ހެލްތް ސެންޓަރަށް ކުރެވުނު ޚަރަދެއްނޫން ނުވަތަ މީހަކު އެއްތަނުން އަނެއްތަނަށް ޑޮކްޓަރަށް ދައްކަންދިއުމަށް ދަތުރަށް ކުރެވުނު ޚަރަދެއްވެސްނޫން. އެއީ، ހަމަސީދާ ނޫމަރާ މީހުންގެ ބޭސް ފަރުވާއަށްޓަކައި އެމީހުންނަށް ޑޮކްޓަރު ލިޔެދީފައިއޮތް ބޭސް ސިޓީއަށް ކުރެވުނު ޚަރަދެއް. މިޚަރަދު ސަރުކާރުން ކުރުމުގެ ބޭނުމަކީ، ނޫމަރާ މީހުންނަކީ އެމީހުންގެ އާދައިގެ ބޭނުންތަކަށް އެކެއް ކައިރިން އަނެކެއް ކައިރިން ސަލާންޖަހަމުންދާ ބަޔަކަށްވެ އޮތްހާ ހިނދަކު ޙަޤީޤަތުގައި ނޫމަރާއަށް ތަރައްޤީ ހޯދަން އުނދަގޫވާނެ. ތަރައްޤީވާން މިޖެހެނީ ނޫމަރާއެއްނޫން. ތަރައްޤީވާން މިޖެހެނީ ނޫމަރާމީހާ. އެމީހާ ނިކަމެތި ޙާލުގައި ހުއްޓާ ނޫމަރާ ތަރައްޤީކުރުމަކީ ވަރަށްވެސް ދަތިކަމެއް. އެއީ، އިންސާނީ ތަޖުރިބާގައި ކަން ހިނގާފައިއޮތް ގޮތެއްވެސް ނޫން. ވާނެގޮތެއްވެސް ނޫން.

އަޅުގަނޑުމެންނަށް އިތުރަށް ހިތްހަމަޖެހުން ލިބެނީ، މިދެންނެވި ނޫމަރާ 67 މީހުންނަށް ކޮންމެ މީހަކަށް2011 ވަނައަހަރުވެސް ބޭސްފަރުވާއަކަށްޓަކައި އެއްލައްކަ ރުފިޔާ މާލިއްޔަތުގައި ރައްކާކުރެވިފައި އޮތީތީވެ. މި ނޫމަރާވެސް މި ރާއްޖެވެސް އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ ދޮށީޢުމުރުގެ މީހުން ކުރި ވަރަށްގިނަ މަސައްކަތްތަކެއްގެ ސަބަބުން. އެމީހުން މަހަށް ފަރަށް ދިޔައީތީވެ، އެމީހުން ރުކަށް ވަލަށް ދިޔައީތީވެ، އޮޑިދޯނިފަހަރު ބަނދެ ވަޑާންކޮށް ހެދީތީވެ، ނުހަނު ގިނަ އެކި ބާވަތްބާވަތުގެ މަސައްކަތް އެމީހުން ކުރީތީވެ. އަޅުގަނޑު ނިސްބަތްވާ އެމް.ޑީ.ޕީ ހަމަގައިމުވެސް ގަބޫލުކުރާ ފަލްސަފާއެއްނޫން އެއީ، މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނީ ސަރުކާރުގެ މުވައްޒަފުންނަށްކަމަށް ދެކެވޭ ދެކުން. އެހެންވީމާ، ޕާޓީގެފަރާތުން ވަޢުދުވީ ޢުމުރުން 65 އަހަރުންމަތީގެ ކޮންމެ މީހަކަށް 2000 ރުފިޔާގެ ޕެންޝަނެއް ދިނުމަށް.

އަޅުގަނޑުމެނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ނޫމަރާގެ 17 މީހަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންދާތާ މިހާރު މިވީ ދެއަހަރު. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، މި ނޫމަރާއަށް ޕެންޝަންގެ ގޮތުގައި ކޮންމެމަހަކު ތިރީސް ހަތަރުހާސް ރުފިޔާ ޚަރަދުކުރުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާތީވެ. އެކަނިވެރި މައިންނާއި ޔަތީމުކުދިންނަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބޭނުންތެރިކަން ނުހަނުބޮޑު. އެވެސް މިދެންނެވި އެކަނިވެރި މައިންނަށް އެޙިތެރިވެދިނުމާއި، ޔަތީމު ކުދިންނަށް އެހީތެރިވެދިނުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމަކީ، އެމް.ޑީ.ޕީ ގެ ވަޢުދެއް. ސަރުކާރުގެ ސިޔާސަތެއް. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިނޫމަރާގެވެސް 2 މީހަކަށް 2010 ވަނައަހަރު އެކަނިވެރި މައިންނަށް ދެވޭ އެހީތެރިކަން ފޯރުކޮށްދެވޭކަމުން. މިނޫމަރާއަށް މިދިޔަ 2010 ވަނައަހަރު މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަމަށް ނަވާރަހާސް ރުފިޔާ ޚަރަދުކުރެވިފައި އޮތްކަމުން.

އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ. މިރަށުގެ ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ އަޅުގަނޑުމެން ރައްޔިތުންގެ ސަލާމަތްތެރިކަން ރައްކާތެރި ކޮށްދެވިގެންކަން. ނޫމަރާ މީހުންވެސް އަދި އަޅުގަނޑުދަންނަ ނޫމަރާޔާ ގުޅުންހުންނަ މީހުންވެސް މިހާރު އަޅުގަނޑު އެންމެބޮޑަށް ދަންނަ ނޫމަރާ ޔާ އެންމެބޮޑު ގުޅުމެއް އޮންނަ މީހަކީ، އޮންނަ ބޭފުޅަކީ އަޅުގަނޑުމެންގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ. އެބޭފުޅާ ނޫމަރާއަށް ވަޑައިގެންފަހުން ހަމައެއްގޮތަކަށްވެސް ކުރެއް ނުކުރައްވާ. އަޅުގަނޑުމެންގެ ވަޢުދެކޭ އެއީ، ސަރުކާރުން ނޫމަރާއަށް އަހަންމިއްޔަތުކަމެއް ދޭންޖެހޭނެއޭ. ނޫމަރާގެ ކަންކަން އަޅުގަނޑުމެން ބަލަންޖެހޭނެއޭ. އަޅުގަނޑަށްވެސް ހަމަ ޔަޤީން، ނޫމަރާގެ ކަންކަން އަޅުގަނޑުމެން ބަލަންޖެހޭނެ. އަޅުގަނޑުމެނަށް ރައްޔިތުންގެ، ތިބޭފުޅުންގެ ވަކީލެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ނޫމަރާގެ ކަންކަމާ އަޅުގަނޑުމެންނާއެކު މަޝްވަރާކޮށް، މަސައްކަތްކުރާނެ ލިބިފައި ނެތްކަމީ، ހިތާމައެއް. އެއީ، އަޅުގަނޑުމެންނަށް ފޫނުބެއްދޭ ދައްޗެއް. އެހެންވެ، އަޅުގަނޑުމެން މިއެދެނީ، އަނެއްކާވެސް ނޫމަރާގެ ރަށްވެރިކަމަށް ނޫމަރާ ތައްޔާރުވާއިރު، ނޫމަރާގެ ތަރައްޤީގެ އެންމެހާ ކަންކަން ޙަޤީޤަތުގައި ބެހިފައި އޮންނާނީ މިދެންނެވި ރަށްވެރިކަމާ. އެކަން އުފެދިގެން އަންނައިރުގައި އަޅުގަނޑުމެންނާއެކުގައި ނޫމަރާގައި މަސައްކަތްކުރާ، މި ސަރުކާރާއެކުގައި އެއްފިކުރެއްގައި މަސައްކަތްކުރާނެ ބޭފުޅުން ތިބުމަކީ، ސަރުކާރަށް ނޫމަރާއާ އެކުގައި އަދި ނޫމަރާގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ކިތަންމެތަނެއް ފަހިވެގެންދާނެ ކަމެއްކަން އަޅުގަނޑަށް ޔަޤީން.

އަޅުގަނޑުގާތު ކިތަންމެބަޔަކު އަހާ، ކީއްވެތޯ ނޫމަރާއަށް ކޮންމެމީހަކަށް ބޭސް ފަރުވާއަށް އެއްލައްކަ ރުފިޔާ ފޮރުވާފައި، 65 އަހަރުންމަތީ ކޮންމެ މީހަކަށް މިހާރުފިޔާ ދީފައި، އަދި ކޮންމެ ޔަތީމުމީހަކަށް މިހާ ރުފިޔާ ދީ، އެ ހުރިހާ ޚަރަދެއްކުރީ. މިދިޔަ ދެއަހަރުވެސް އެލާރީގައި އެފައިސާގައި މި ނޫމަރާގައި ބަނދަރެއް ސަރުކާރަށް ހެދުނީހޭ. އެބަނދަރު ނުހަދާ ކީއްވެތޯ މި އަނެއް ޚަރަދު އަޅުގަނޑުމެން ކުރީ އަޅުގަނޑު ދެންމެ މިދެންނެވި ޕްރޮގްރާމް ހިންގާކަން. މިރަށުގެ ގިނަމީހުން ފާހަގައެއްވެސް ނުކުރައްވާ. ބަލައެއްވެސް ރީތިކޮނެއް ނުގަނެވޭ. އެއީ ހިނގާ ކަމެއްކަން. ސާފުކޮށް އެނގިފައެއް ނޯވޭ. ބަނދަރެއް ހެދީމާ، އެކޮންކްރީޓް އެކީގައި ފެންނަން އޮތީމާ އެއީ، ވަރަށްބޮޑު ތަރައްޤީއެއްގެ ގޮތުގައި ބައެއްފަހަރަށް އަޅުގަނޑުމެންނަށް ބަލައިގަނެވޭ، ފާހަގަކުރެވޭ. އެހެންނަމަވެސް، ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއްނޫން. ތަރައްޤީއަކީ އެއީ، އެއްގަމު ތޮށްޓަކުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ ނޫމަރާ މީހުންނަށް ރީތިގޮތުގައި ހާސްކަމެއްނެތި އުފަލުގައި ދިރި އުޅެވޭނެގޮތެއް ހޯދުން. އެހެންވީމާ، އަޅުގަނޑުމެން ބޭސްސިޓީ ހިފައިގެންއުޅޭ މީހާޔަށް، ހިފައިގެންއުޅޭ ނޫމަރާ މީހާޔަށް އެ ސިޓީއަށް ބޭސް ހޯދައިދިނުމަށް އަޅުގަނޑުމެން އެދެނީ. އެހެންވީމާ، އަޅުގަނޑުމެން އަތްފައިގައި ބާރުދެރަވެފައި، މުޅިޙަޔާތްއެކު މަސައްކަތްކޮށްފައިހުރި ދޮށީޢުމުރުގެ މީހާޔަށް އޭނާ ބަލާނެ ޔާރެއް އާލެއް ނެތް އަދި އޭނާ ވަންނާނެ ވަކިތަނެއްވެސް ނެތި މާޔޫސް ކަމާއެކީގައި އުޅެމުންދާ ދިއުން ހުއްޓުމަކަށް ގެނައުން އެއީ، އަޅުގަނޑުމެން ދެކޭގޮތުގައި ތަރައްޤީ.

ޙަޤީޤީ ތަރައްޤީއަކީ މިދެންނެވީ. ނޫމަރާ މީހުންނަށް ލިބޭ ތަރައްޤީ. އެތަރައްޤީ ހޯދުމަށްޓަކައި ވަކިން ޚާއްޞަކޮށް ނޫމަރާ ސްކޫލް ތަރައްޤީ ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. މިދިޔަ އަހަރު ނޫމަރާގެ ދަރިވަރުންނަށް ފޮތްފަންސޫރު ގަލަން އަދި އެ ސްކޫލަށް ބޭނުންވާ ސާމާނު ގަތުމަށްޓަކައި ފަސްދޮޅަސް ނުވަހާސް ރުފިޔާ ޚަރަދުކުރެވިފައި އޮތްކަމީ މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި ހަމައެހެންމެ، ނޫމަރާގެ 11 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވުމަށް އެގާރަހާސް ނުވަސަތޭކަ ރުފިޔާ އަށްވުރެ ގިނަރުފިޔާ ޚަރަދު ކުރެވިފައިއޮތް ކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް މިކުރެވުނު ޚަރަދުގެ ނަތީޖާ ރަނގަޅު. އެނގިވަޑައިގަންނަވާނެ، އިއްޔެނޫން އިހަށްދުވަހު ވަނީ، ނޫމަރާގެ އިމްތިޙާނުގެ ނަތީޖާ ލިބިފައި. އެނަތީޖާގައި ނޫމަރާގެ ދަރިވަރުން މީގެ ކުރީއަހަރު ކާމިޔާބު ހޯދާފައިވާ މިންވަރަށްވުރެ މާފުރިހަމަ ކާމިޔާބެއް މިފަހަރު ހޯދާފައި އެބައޮތް. ސަރުކާރުގެ ވަޢުދަކީ، އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުން 5 މާއްދާއިން ފާސްވުން، 60 ޕަސެންޓު ކުދިން. ކޮންމެ 10 ކުއްޖަކުން 6 ކުއްޖެއް އެއީ، 5 މާއްދާއިން ފާސްވާ ކުއްޖަކަށް ހެދުން ސަރުކާރުގެ އަމާޒަކީ. އެ އަމާޒަށް، އެ މީޒާނަށް އަޅުގަނޑުމެނަށް ބައެއް ރަށްރަށުގައި އެބަހުރި ވާޞިލުވެވިފައި. ކާމިޔާބު ކުރެވިފައި. ނޫމަރާގައި ކުރަންހުރި މަސައްކަތް އަދި އިތުރު. އަޅުގަނޑު، ވަކިން ޚާއްޞަކޮށް އަދި ދަރިވަރުންނަށާއި، މައިންބަފައިންނަށާއި، ސްކޫލް ހިންގާ އެންމެ ފަރާތްތަކަށް ޝުކުރާއި މުބާރަކްބާދީ ދަންނަވަމު. އަޅުގަނޑު މި އެދެނީ، ކުރިޔަށްއޮތް ތަނުގައި އަދި ތިބޭފުޅުންގެ އިމްތިޙާނުގެ ނަތީޖާތައް މިއަށްވުރެ މާބޮޑަށް ރަނގަޅުކުރުމަށް ތިބޭފުޅުން މަސައްކަތް ކުރައްވާނެކަމަށް.

ފެބްރުއަރީ 5 ވަނަދުވަހު، އަޅުގަނޑު މިދަންނަވާހެން، މި ބިންގާއެޅެނީ މި ނޫމަރާގެ ތަރައްޤީގެ ވަރަށްބޮޑު ބިންގަލެއް. އެއީ، ނޫމަރާގެ ތަރައްޤީގެ ނާރެސްއަކަށް ވެގެންދަނީ. އެއީ، ނޫމަރާއަށް ބަދަލުގެނައުމަށް މަސައްކަތްކުރާނެ މުއައްސަސާއަކީ. މަސައްކަތްކުރާނެ ތަނަކީ. އެ ބަދަލު ގެނައުމަށްޓަކައި ތިބޭފުޅުން އަޅުގަނޑަށް ޔަޤީން، ފުންކޮށް ވިސްނަވާނެކަން. އަޅުގަނޑުމެނަށް މި މަސައްކަތުގައި ނޫމަރާ ރައްޔިތުންނާ އެކުގައި އުޅެވޭނޭ ގޮތެއް އަދި ބައިވެރިވެވެނޭ ގޮތެއް ހޯދައިދެއްވާނެކަމަށް. އަޅުގަނޑު ވަރަށްބޮޑަށް އުންމީދުކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް މިއަދަށްވުރެން އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
____________________