بســماللّـهالرّحمـنالرّحيــم

 
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި އަޅުގަނޑުމެންގެ އަޚް ކޮލަމާފުށީ ޢަބްދުﷲ ޖާބިރު، މިރަށުގެ ކުރިއަށް ތިއްބެވި އެންމެ ބޭފުޅުންނާއި، އަދި ވަކިން ޚާއްޞަކޮށް، މިތަނަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.
 
السّـلام عليـكم
 
މި ސަރުކާރު އުފެދިގެން އައީ، ކޮލަމާފުށީގެ ތަރައްޤީގެ ވިސްނުމެއް އަޅުގަނޑުމެން ކުރަހަމުން. އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ ތެރޭގައި، މިރަށުގެ ތަރައްޤީ ފެތުރިގެންދާގޮތް އަޅުގަނޑުމެން ތަޞައްވުރެއްގެ ގޮތުގައި ވަނީ އެކުލަވައިލާފައި. އަޅުގަނޑުމެންނަށް އެ ތަޞައްވުރު ލިބިގަތުމަށް އެންމެބޮޑު އެހީތެރިކަމެއް ވެދެއްވީ ހަމަ ތިޔަބޭފުޅުން. މިރަށުގެ ދޮރުން ދޮރަށް، ގެއިން ގެއަށް އަޅުގަނޑުމެން ހިނގާ، މިރަށުގެ ނުހަނު ގިނަ ރައްޔިތުންނާ މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް، ރަށުގެ މަސްވެރިންނާއި އަދި އެހެންވެސް ކުރިއަށް ތިއްބެވި މަސައްކަތްތެރިންނާއި، ރަށުގެ އެހެންވެސް ވެރިންނާއެކުގައި މަޝްވަރާކޮށް ހެދުމަށްފަހުގައި އެކުލަވައިލެވުނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯ. މި ސަރުކާރުގެ ވަޢުދުތަކަކީ، ޕާޓީގެ ފަރާތުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް. އެވަޢުދުތަކަކީ އެކަންކަން އަޅުގަނޑުމެން ކުރީމާ، މި ރާއްޖެ ތަރައްޤީވާނެ ކަންކަން. މިރަށް ކުރިއަރާނެ ކަންކަން. މިއަތޮޅު ބަދަލުވާނެ ކަންކަން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ ތަރައްޤީ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ، ކޮލަމާފުށީ މީހުން މުއްސަނދި ކުރަން. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮލަމާފުށީ ރައްޔިތުންނަށް މިއަދު ލިބޭ އެއްޗަކަށްވުރެ، ރަނގަޅު އެއްޗެއް މާދަމާ ލިބޭގޮތް ހޯދުން.
 
އަޅުގަނޑު މިރަށުގައި ހުރެ، އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން، މަސްވެރިކަމާ ގުޅޭ ސިޔާސަތު އަޅުގަނޑުމެން ހާމަކުރިން. އެރޭ އަޅުގަނޑުމެން ދެންނެވިން، އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ.ގެ ސަރުކާރެއް ޤާއިމްވެއްޖެނަމަ، މަސްވެރިން ބާނާ މަހަށް، އޭގެ ހަމަ އަގު ލިބޭނެ ގޮތެއް އަޅުގަނޑުމެން ހޯދައިދޭނަމޭ. އަޅުގަނޑުމެން އޭރުގައި، އަޅުގަނޑު ހަނދާންވަނީ، ދިހަ ރުފިޔާއަށް މަސް ކިލޯއެއް އެންމެ ކުޑަވެގެން ލިބޭނެ ކަމަށް އަންދާޒާ ކުރިން. ސީދާ އަގަކީ މާރުކޭޓުން ކަނޑައަޅާ އެއްޗެއް. ބައިނަލްއަޤްވާމީ މާރުކޭޓްގައި، ކަޅުބިލަމަހުގެ އަގު، އެއިރެއްގައި ހުންނަ އެންމެ ރަނގަޅު މިނަކަށް، މިރަށުގެ ރައްޔިތުން ބާނާ މަސް އަދި މިއަތޮޅުގެ ރައްޔިތުން ބާނާ މަހުގެ އަގު އަރުވައިދޭނެ ކަމަށް އަޅުގަނޑުމެން ވަޢުދުވީމު. އެފަދަ ސިޔާސަތެއް އަޅުގަނޑުމެން އެކުލަވައިލާނެ ކަމަށް އަޅުގަނޑުމެން ބުނިން. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، ކުރީގައި ގިނަވެގެން ކިލޯއަކަށް ފަސްރުފިޔާ ލިބުނު މަހަށް، މިއަދު އައިސް އަޅައިގެން ކޮލަމާފުށީ މަސްވެރިން ވިއްކާނަމަ، ބާރަ ރުފިޔާ ބައި، ބާރަ ރުފިޔާ ހަތަރުއަނާއެއް އަދި ބާރަ ރުފިޔާއަށްވުރެ މަތީގައި، އެ މަސް ކޮލަމާފުށީ ރައްޔިތުންނަށް ވިއްކެމުންދާތީ. އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ މަސްވެރިކަން އަދި މިއަތޮޅުގެ މަސްވެރިކަން ހުޅުވާލުން. އަޅުގަނޑުމެން ބުނަމުން އައީ، ރާއްޖޭގެ މަސްވެރިކަން އަދި މަސްވެރިންނަށް ލިބޭ ފައިދާ އިތުރުވެގެންދާނޭ، ވާދަވެރި މަސްވެރިކަމުގެ ސިޔާސަތެއް އަޅުގަނޑުމެން ޤާއިމްކޮށްފިނަމަ. އެސިޔާސަތު ޤާއިމް ކުރަން މި ސަރުކާރަށް ޙަޤީޤަތުގައި ކުރާންޖެހުނު ކަމަކީ ބޮޑުކަމެއް. އެހެން ނަމަވެސް، ހިތްވަރާ އެކީގައި އަޅުގަނޑުމެންނަށް ކުރަން ޖެހިފައި އޮތް ކަމެއް.
 
އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންނަށް އަބަދުވެސް ފެނިފައި އޮތް ޙަޤީޤަތަކީ، ވާދަވެރި މާޙައުލެއްގައި، ވާދަވެރި ވިޔަފާރިއެއް އަޅުގަނޑުމެންނަށް ޤާއިމް ކުރެވުނީމާ، އެވިޔަފާރީގެ ތެރެއިން މަހުގެ އަގު އުފުލިގެންދާނެއޭ. މީގެކުރީގައި، ރާއްޖޭގެ މަހަށް ވަމުން އައި ގޮތް އަޅުގަނޑުމެން ދެނެގަތީމު. އަޅުގަނޑުމެން ބެލިން، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ ދަތުރު. މިވޭތުވެދިޔަ 30 އަހަރުގެ ދިގު ސަރުކާރު ފަށައިގެންއިރުގައި، މިރަށު މަސްވެރިން ރަނގަޅަށް ހަނދާން ހުންނާނެ، ހިކި ކަނޑުމަސްވެސް އެއީ، އެސް.ޓީ.އޯ ނޫން ބަޔަކަށް ބޭރުކުރެވޭ އެއްޗެއް ނޫން. އޭރުގައި އެންމެ ބޮޑުވެގެން ހިކި ކަނޑުމަސް ކިލޯއަކަށް ލިބެނީ ހަތްރުފިޔާ. 1980ގެ އަހަރުތަކުގެ ފަހުކޮޅުގައި، އަޅުގަނޑު މަސްވެރިކަމާ ގުޅޭގޮތުން، މަސްވެރިކަން ދޫކޮށްލުމާ ގުޅޭގޮތުން ލިޔާން ފެށީ. އަޅުގަނޑަށް ތިންފަހަރަށް ޙުކުމް އިއްވި. އަޅުގަނޑު މުޅި ޖުމްލަ 7 މަސް ދުވަހު ޖަލުގައި ހޭދަކުރިން، މަސްވެރިކަމާ ގުޅޭގޮތުން ދެކެވުނު ވާހަކައާ ގުޅޭގޮތުން. އެހެން ނަމަވެސް، އެ ފިކުރެއް އަޅުގަނޑުމެންގެ އަތަކުންނެއް ގެއްލިއެއްނުދޭ. އަބަދުވެސް އަޅުގަނޑުމެންނަށް އެނގިފައި އޮތް ޙަޤީޤަތަކީ، ދޫކޮށްލީމާ ކޮންމެ ކަމެއްވެސް ކުރިއަރައިދާނެއޭ. މަސްވެރިންނަށް ވާދަވެރިކޮށް، އެ މަސް ވިއްކޭނޭ މާރުކޭޓެއް އުފެއްދިއްޖިއްޔާ، މަހުގެ އަގު ކުރިއަރައިދާނެއޭ.
 
މަސްވެރިކަމުގެ ސިޔާސަތަށް ބަދަލު ގެނައުމަށްޓަކައި އަޅުގަނޑުމެންނަށް ހިންގާން ޖެހިފައި އޮތް މަސައްކަތަކީ، ހަމައެކަނި 4 މީހަކަށް ޚާއްޞަ ކުރެވިފައި އޮތް ރާއްޖޭގެ މަސްވެރިކަމުގެ ފައިދާ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ކަނޑުތައް 4 ބަޔަށް ބަހާލައި، 4 ޒޯން އުފައްދައި، އެއިން ކޮންމެ ޒޯނެއްގައި އެންމެ މީހެއް ނޫން މީހަކަށް މަސް ނުގަނެވޭ އުޞޫލަކަށް ބޭއްވީމާ، އެމީހާ ބޭނުން އަގެއްގައި އަބަދުވެސް މަސް ގަނެވޭނެ. ސަރުކާރުން ނިންމީ، މި ސިޔާސަތު ހުޅުވާލަން. ވާދަވެރި ގޮތުގައި މަސްވެރިކަމަށް ވާދަކުރުމުގެ ވިޔަފާރިއެއް އުފައްދަން. މަސްވެރިކަމުގެ ސިޔާސަތު ހުޅުވާލުމާ ގުޅިގެން، އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ، އެ ވިޔަފާރީގައި ވާދަވެރިކަން އިތުރުވަމުން އަންނަތަން. މިހާރު ހަމައެކަނި މިފްކޯއެއް ނޫން މަސްގަނެ ވިއްކުމުގެ ހުއްދަ އޮތީ. ތިއިން ބޭފުޅަކު ސިލޯނަށްދަމުން، ކޮތަޅަކަށް ކަޅުބިލަމަހެއް ލައިގެންދިޔަސް ހަމަ ރަނގަޅު. އެއިން ލިބޭނެ އަގު، ހަމަކަށަވަރުންވެސް ކޫއްޑުއަށް ކިރީމާ ލިބޭ ވަރަށްވުރެ ބޮޑުވާނެ. މިއަދުވެސް، ދެންމެވެސް މާރުކޭޓްގައި މަސް ކިލޯއެއްގެ އަގު ހުރީ، ކޫއްޑޫއިން އެ ގަންނަ ވަރަށްވުރެ ދެގުނަ ބޮޑުކޮށް. ވެއްލަވައްތަ މާރުކޭޓަށް ތިޔަބޭފުޅުންނަށް މަސް ހިފައިގެން ދެވޭނެ. އެ މަސް ބޭނުން ބަޔަކު ގަނެ، ބޭނުން ތަނަކަށް އެމީހުންނަށް ވިއްކޭނެ އިންތިޒާމެއް، ސިޔާސަތެއް ކަނޑައެޅުނީމާ، ވާދަވެރިކަމުގެ ތެރޭގައި، މަހުގެ އަގު މައްޗަށް އަރައިގެންދާނެ. މިހާރު މާލެއަތޮޅުގައި ވަކިން އިތުރު މީހުން މަސް ގަންނަމުން އެބަދޭ. އަޅުގަނޑަށް ޔަޤީން، ހުވަދުއަތޮޅުން މަސް ގަންނަން ފަށާނެ ދާދި އަވަހަށް. އެހެންވީމާ، އަދި މިހާރު އެހުރި ބާރަ ރުފިޔާ ހަތަރުއަނާއަށްވުރެ މާބޮޑަށް ރަނގަޅަށް މަސް ވިއްކޭނެކަމާމެދު އަޅުގަނޑުމެން ޝައްކެއްނުކުރަން.
 
ސަރުކާރުގެ ބޭނުމަކީ، އަދި އަޅުގަނޑުމެންގެ އުންމީދަކީ، ކޮލަމާފުށީ މީހުން ބާނާ މަސް ހިފައިގެން، ކޮޅުނބަށް ގޮސް ވިއްކާލުން. އޭގެ ރަނގަޅު އަގު، އެމީހުންނަށް ހޯދޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މި މިޞްރާބަށް. އަޅުގަނޑުމެންނަށް ފެންނަނީ، މި ސިޔާސަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން، ރައްޔިތުންނަށް ކޮންމެ ދުވަހަކުވެސް އިތުރު ފައިދާ ވަމުންދާތަން. މިއަދު އިރާދަކުރައްވައިގެން، މަސްވެރިކަން ވަރަށް ރަނގަޅު. މިއަދު މަސްވެރިކަން ރަނގަޅުވީ ކިތަންމެ ސަބަބަކާހުރެ. އަޅުގަނޑަށް ޔަޤީން، މަސްވެރިންނަށް އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ސަރުކާރުން އޮތް ފަސްދޮޅަސް، ސާޅީސް ފަރާތަކަށް ލައިސަންސް ދީފައި ލޭނު އެޅުމަށް، ރާއްޖޭގެ ސަރަޙައްދުން ސަތޭކަ މޭލު ބޭރުގައި. ދެން އެފަރާތްތަކުން އަޅަނީ ލޭނުތޯ ނުވަތަ ދާތޯ އެއީއެއް އެއްގޮތަކަށްވެސް އެއްވެސްއިރެއްގައި މާ ސާފުކޮށް އޮޅުންފިލުވިފައި އޮތް ކަމެއް ނޫން. އަދި މިވީ ތިން ހަތަރު މަހެއް. މިދެންނެވި ލޭނު އެޅުމުގެ ލައިސަންސްތައް ސަރުކާރުން ބާޠިލުކުރިތާ. އެ ބާޠިލު ކުރީމާ، އޭގެ ބަދަލު ނުވަތަ އޭގެ އަސަރު، ރާއްޖޭގެ މަސްވެރިންނަށް ފޯރާނެކަން އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ. ލޭނު އެޅުމުގެ ލައިސަންސްގެ ސަބަބުން ޖުމްލަ ސަރުކާރަށް ލިބެނީ، އެއްމިލިއަން ޑޮލަރު. ނުވަތަ އެއާ ގާތްކުރާ ޢަދަދެއް. މަސްވެރިކަމުގެ ސީދާ ރޯދި، ރާއްޖޭގެ ރައްޔިތުންނަށް އެއިން ނެގުނީމާ، ފައިދާއަށް ލިބެނީކީއެއް އެއްމިލިއަން ޑޮލަރެއް ނޫން. ކޮލަމާފުށްޓަށް ވަންނަ ފައިސާގެ ޢަދަދު އިތުރުވީމާ، ކޮންމެ ރުފިޔާއެއްގެ ޙަޤީޤީ އަގަކީ އެއްމިލިއަން ޑޮލަރު. މިރަށު ރައްޔިތުންނަށް ސީދާ ވަންނަ ރުފިޔާގެ އަގު މާބޮޑު، ދައުލަތުގެ ޚަޒާނާއަށް ވަންނަ އެތައްސަތޭކަ، އެތައް މިލިއަން ރުފިޔާއަކަށްވުރެ. އަޅުގަނޑުމެންގެ އަމާޒަކީ، ކޮލަމާފުށީ ރައްޔިތުން ތަނަވަސް ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް ރަނގަޅު ދިރިއުޅުމެއް، ފާގަތި ދުވަސްތަކެއް ހޯދޭނެ ގޮތެއް ހޯދުން. މިސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، މިދެންނެވި އަމާޒަށް.
 
ރަށެއް ތަރައްޤީ ކުރުމަށް، ޤައުމެއް ޙަޤީޤަތުގައި ތަރައްޤީ ކުރުމަށް، ކޮލަމާފުށިވެސް ތަރައްޤީ ކުރުމަށް، ތަރައްޤީ ކުރާން މިޖެހެނީ ކޮލަމާފުށްޓެއް ނޫން. ކޮލަމާފުށީގައި އަޅާ ބޮޑު ބިނާއަކުން، އަޅާ ބޮޑު ޢިމާރާތަކުން އެކަންޏެއް މިރަށެއް ތަރައްޤީއެއް ނުވާނެ. ކޮލަމާފުށި ތަރައްޤީވާނީ، ކޮލަމާފުށީ މީހާ ތަރައްޤީވީމާ. އެމީހާއަށް ތަންދޮރު އެނގުނީމާ. އެމީހާ ސަލާމަތްކަމުގެ އައްސޭރިއަކަށް ގެނެސް، އެމީހާއަށް އިޖްތިމާޢީ ރައްކާތެރިކަމެއް ދެވުނީމާ. ރާއްޖޭގެ އެހެން ރަށްރަށާ އަޅާބަލައި، މިއޮއް ތަނަވަސް ރަށުގައިވެސް، މިރަށުގެ އާބާދީގެ ބޮޑު ބައެއްގެ މީހުންނަކީ ނިކަމެތިން. އެމީހުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ފަނަރަ ވިހި ރުފިޔާ ނުލިބޭ މީހުން. އެމީހުންގެ ޢާންމު ކަންކަމަށް އަދި ޚާއްޞަކޮށް، އެމީހުންގެ ޞިއްޙީ ކަންކަން ފުރިހަމަ ކުރުމަށްޓަކައި، ވާބައްޔަށް ބޭސްކުރުމަށްޓަކައި އެމީހުންނަށް އާމްދަނީއެއް ނުލިބޭތީވެ، ނުހަނު ދަތީގައި އުޅޭ މީހުން. ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތިން ކަމަށްވެފައި، ފަޤީރުން ކަމަށްވެފައި، އެމީހުންނަށް ތިންއިރު ހަމައަށް ކާން ނުލިބެންޏާ، ދެން ރަށެއް ތަރައްޤީ ކުރެވޭނެ ގޮތެއް އަދި ނެތް. ބަނދަރެއް އެޅިޔަސް، ޢިމާރާތެއް އެރިޔަސް، ސަހަރާ ވަށާފާރު ރޭނިޔަސް، މިސްކިތުގައި ގުއްބެއް ބެހެއްޓިޔަސް އަދި މިބާވަތުގެ ކޮންމެ ކަމެއް ކުރިޔަސް، ތަރައްޤީ އަޅުގަނޑުމެންނަށް ހޯދެން އަންނަނީ، ސީދާ ކޮލަމާފުށީ މީހާގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދިގެން. އެހެންވެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަޢުދުވީ، އެ ޕާޓީގެ ވެރިކަމެއްގައި، އިރާދަކުރެއްވިއްޔާ ރާއްޖެ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖަހާ ޖެހުން ހުއްޓުވާލާނަމޭ. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ކޮލަމާފުށީގެ  261 މީހަކު މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަދި މިދިޔަ 2010 ވަނަ އަހަރު، މިރަށުގެ ބަލިވި މީހުންނަށް، މަދަނައިގައި ރަޖިސްޓްރީވެފައި ތިބި ބަލިވި މީހުންނަށް، ހަލައްކަ ސައްވީސްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބުނީތީވެ. މިދަންނަވާ ހަލައްކަ ރުފިޔާ ޚަރަދު ކުރެވިފައި އޮތީކީއެއް، ހެލްތް ސެންޓަރު މީހުންގެ މުސާރަދޭކަށެއް ނޫން. އެތަނުގެ ކަރަންޓް ބިލް ދައްކާކަށެއްވެސް ނޫން. އެތަނަށް ފަރުނީޗަރު ހޯދާކަށެއްވެސް ނޫން. ހަމަ ސީދާ ބަލިވި މީހާއަށް ބޭސްފަރުވާއަށް. ހަމަ ސީދާ ބަލިވި މީހާއަށް ފަރުވާ ދިނުމަށް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މި ކޮލަމާފުށީ ހުރިހާ ރައްޔިތުން، މަދަނައިގައި ރަޖިސްޓްރީވުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިހިނގާ 2011 ވަނަ އަހަރުވެސް މަދަނައިގައި ރަޖިސްޓްރީ ވެފައި ތިބި ކޮންމެ ކޮލަމާފުށީ މީހަކަށް، ބޭސްފަރުވާއަށްޓަކައި އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ފޮރުވިފައި އޮތީތީވެ.
 
އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. ރައްޔިތުން ފަޤީރު ކަމަށް ވެއްޓެނީ، ޢުމުރުން ދުވަސްވުމާ ގުޅިގެން، ވަކިން ޚާއްޞަކޮށް، އަތްފައިގައި ބާރު ނެތުނީމާ. އަދި ދަރީންނަށްވެސް އެހާބޮޑު އަޅާލުމެއް، ދަރީންގެ އަމިއްލަ ޢާއިލާ ބޮޑުވެގެންދާއިރުގައި، އެ ޢާއިލާއާ އެކުގައި އުޅެމުން ގެންދާއިރުގައި، މައިންބަފައިންނަށް ނުވަތަ ކާފައިންނާއި މާމައިންނަށް އަޅާލެވޭ މިންވަރުވެސް މިއޮންނަނީ ކުޑަވެފައި. އަޅުގަނޑުމެން މިރަށުންވެސް ދުށީމު. އެހެން ރަށްރަށުންވެސް ދުށީމު. ރާއްޖޭގައި ޢުމުރުން ދުވަސްވީ މީހުން އުޅެމުން އައި ބިކަ ޙާލު. އަޅުގަނޑުމެންނަށް އޭރުވެސް އެނގޭ، އަޅުގަނޑުމެންނަށް މިހާރުވެސް އެނގޭ، މިރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު މަސައްކަތް ކުރީމާކަން. އެމީހުން މަހަށް ފަރަށް ދިޔައިމާކަން. އެމީހުން ރުކަށް އަރައި، ވަލަށް ވަނީމާކަން. އެމީހުން ދަނޑު ހެއްދީމާކަން. އެމީހުން ވަޑާންކޮށް، ގެދޮރު އަޅައި، އޮޑިދޯނިފަހަރު ބަނދެ، ކިތަންމެ ކިތަންމެ ކަމެއް، އެމީހުން ކުރީމާކަން. އަޅުގަނޑުމެންގެ ރާއްޖެ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކާބަފައިން ފޯރުކޮށްދިނީމާކަން. އެހެންވީމާ، މިއަދު މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ކާކަށްތޯ އަޅުގަނޑުމެން ދެކޭއިރުގައި، އެ ޕެންޝަން ޙައްޤުވަނީ، ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކެވުން އެއީ، އެއްވެސް އިރެއްގައި އަޅުގަނޑު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ޤަބޫލުކުރި ފަލްސަފާއެއް ނޫން. އެ ޕާޓީން ވަޢުދުވީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އާމްދަނީ މަދު ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް މިއަދު ހިތްވަރު ލިބެނީ، އުފާވެރިކަން ލިބެނީ، މި ކޮލަމާފުށީ 82 ރައްޔިތަކަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ލިބެމުންދާތާ މިއަދަށްމިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، ކޮންމެ މަހަކުވެސް އެއްލައްކަ ފަސްދޮޅަސް ހަތަރުހާސް ރުފިޔާ، މިރަށަށް ޕެންޝަންގެ ގޮތުގައި ދެވޭކަމުން. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން.
 
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ، ޖަނަވަރީ 1ން ފެށިގެން ޢިނާޔަތްތައް ދެވެން ފަށާނެ. އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ދެވޭ ފައިސާ، މި ކޮލަމާފުށީގެ 28 މީހަކަށް ދެވޭކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. މި ކޮލަމާފުށްޓަށް 2010 ވަނަ އަހަރުގެ 6 މަސް ދުވަހުގެ ތެރޭގައި، އެއްލައްކަ ސައްބީސްހާސް، މިދެންނެވި ޔަތީމު ކުދިންނާއި، އެކަނިވެރި މައިންނަށް ދެވެމުން ގެންދެވޭކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް މަސައްކަތް ކުރުމަށް އިތުރު ޖޯޝާއި ފޯރި އަދި އިތުރު ހިތްވަރު ލިބެނީ، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ފޯރުކޮށްދެވޭކަމުން.
 
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށްޓަކައި. މި ސަރުކާރު އުފެދިފައި މިއޮންނަނީ، އެންމެ ސަބަބަކާހުރެ. އަދި މި ސަރުކާރު ދެމިއޮންނަނީވެސް އެންމެ ބޭނުމަކަށް. އެއީ ރައްޔިތުންނަށް ޚިދްމަތް ކުރުމަށް. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. އަޅުގަނޑުމެންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ހިންގޭ ޕްރޮގްރާމްތަކާ ގުޅޭގޮތުން އަޅުގަނޑުމެން ހިތްހަމަޖެހޭ. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް މިވަނީ ކޮލަމާފުށީގެވެސް އެތައް ރައްޔިތުންނަކަށް އެ ފުރްޞަތުތައް ފަހިކޮށްދެވިފައި. އަޅުގަނޑުމެން ބޭނުންވަނީ، ކުރިއަށް އޮތް  3 އަހަރުގެ ތެރޭގައި، މިރަށު ހުރިހާ އެންމެންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އިރާދަކުރެއްވިއްޔާ، މި ސަރުކާރަށް އެކަން ކުރެވޭނެ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނާ އެކުގައި އަޅުގަނޑުމެން އެކަން ކުރާނަން.
 
ކޮލަމާފުށީގެ ނަރުދަމާ ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު މިވަނީ، މިދިޔަ ނޮވެމްބަރު މަހުގައި ކުންފުންޏަކާ ޙަވާލުކުރެވި، ސޮއިކުރެވިފައި. އަޅުގަނޑަށް މިރަށަށް އާދެވެންދެން، އެވާހަކަ ނުބުނެ އަޅުގަނޑު މަޑުކުރީ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ކުރިއަށް މިއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ނަރުދަމާގެ މަސައްކަތް މިރަށުގައި ފަށައިގަނެވޭނެ. ބޭނުންވަނީ ރައްޔިތުން ރަނގަޅު ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުން. އެކަމަށްޓަކައި އަދި އަޅުގަނޑުމެން އެންމެ އުފާވަނީ،  މި ރަށް، މި ޓެލެމެޑިސިންގެ ރަށަކަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ބަދަލުވެގެންދާނެ. އޭރުން ބަލިވެއިންނަ ހުރިހާ އަންހެން ބޭފުޅުންނަށްވެސް އަދި ބަލިވާ ހުރިހާ ފިރިހެނުންނަށްވެސް، ރާއްޖޭގެ ހުރިހާ ޑޮކްޓަރުންގެ ޚިދްމަތް، ކޮލަމާފުށީގައި ތިބެގެން ލިބޭނެ. ތިޔަބޭފުޅުން ތިޔަބޭނުންވެލައްވާ އެކްސްރޭތައް ނެގޭނެ. ޓެސްޓްތައް ހެދޭނެ. ސްކޭންތައް ކުރެވޭނެ. ތިޔަބޭފުޅުން ތިޔަބޭނުންވާ އެންމެހާ ޚިދްމަތްތައް، އިރާދަކުރެއްވިއްޔާ ފަސޭހަކަމާއެކީގައި ލިބެމުންދާނެ. އަޅުގަނޑުމެން މިހާރު އެވަނީ އޭގެ އެއްމަރްކަޒު ތިނަދޫގައި ހުޅުވާފައި. މި ހަފްތާގެ ތެރޭގައި، ނައިފަރު، އޭދަފުށި، ކުޑަހުވަދޫގައި ހަމަ     އެ ޚިދްމަތް ހުޅުވޭނެ. އަޅުގަނޑު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، ކޮލަމާފުށީގައިވެސް އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އެމަސައްކަތް ފެށިގެންދާނެ. ޑޮކްޓަރ އާމިނަތު ޖަމީލް ވަޑައިގަންނަވާނެ. ތިޔަބޭފުޅުންނަށް އެމަޢްލޫމާތު، އެބޭފުޅާ އަރުވާނެ.
 
ތަކުރާރުކޮށް އަޅުގަނޑު އެބަ ދަންނަވަން. ތަރައްޤީވާން މިޖެހެނީ ކޮލަމާފުށީ މީހާއޭ. ކޮލަމާފުށްޓެއް އެކަންޏެއް ނޫން. ކޮލަމާފުށީގެ މަދްރަސާ އެއީ، މިރަށުގެ ތަރައްޤީގެ ނާރެސްއަކީ. އެމަދްރަސާ ފުޅާވެ ތަރައްޤީވެގެން ނޫނިއްޔާ، އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ކޮލަމާފުށީ މަދްރަސާގައި 11 ހަދައިދިނުމަށް އަޅުގަނޑު ގާތުގައި، އެ 11 އިގެ ވާހަކަ އެންމެ ފުރަތަމަ އަޅުގަނޑަށް އަޑުއިވުނީ 2006 ވަނަ އަހަރު. 2007 ވަނަ އަހަރު އަޅުގަނޑު މިރަށަށް އައިއިރުގައި، އަޅުގަނޑު މަދްރަސާއަށް އެއްދުވަހު ދިޔައިން. އަޅުގަނޑަށް ފެނޭ، މިރަށުގެ ތަނަވަސްކަން. އަޅުގަނޑަށް އެނގޭ، މިރަށު ރައްޔިތުން މަސައްކަތްކުރާ މިންވަރު. އެމީހުންނަށް އެމީހުންގެ ދަރިންނަށް ކިޔަވައިނުދެވެންޏާ، ދެން ލިބޭ ލާރީގެ، ލިބޭ ފައިސާގެ ހަމަ ހިލާ އެއްވެސް ބޭނުމެއް ނެތް. މިތަނުގައި 11، 12 އަށް ކިޔަވައިނުދެވެންޏާ، އަޅުގަނޑުމެންނަކަށެއް ނުވިސްނުނު، ދެން ރާއްޖޭގައި ވަކި ކޮންތަނެއްގައިތޯ އެކަން ކުރާނީ. ސަރުކާރުންވީ ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރިން، މިރަށުގައި  11 އުފައްދަން. އަޅުގަނޑަށް މިހާރު އަޅުގަނޑުމެންނަށް މިއަހަރު މިނިންމާލެވުނީ 11އާ އެކީގައި. މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ މި ސްކޫލްގައި ފުރަތަމަ ފަހަރަށް އޭ ލެވެލް އިމްތިޙާނުގައި ކުދިން ބައިވެރިވާނެ.
 
މިދިޔަ އަހަރު ކޮލަމާފުށީ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި ސަރުކާރަށް އެއްލައްކަ ހަތްދިހަ ހަތްހާސް އަށްސަތޭކަ ނުވަދިހައަށްރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. ކޮލަމާފުށީ ދަރިވަރުންގެ ސްކޫލް ފީގެ އިމްތިޙާނަށްޓަކައި ނުވަދިހަ އެއްހާސް ދުއިސައްތަ ވިހި ރުފިޔާ ސަރުކާރަށް ޚަރަދު ކުރުމުގެ ފުރްޞަތު ލިބުނު ކަމަކީ، ކޮލަމާފުށި ތަރައްޤީވަމުން ނުވަތަ ކޮލަމާފުށްޓަށް ލިބުނު ޚިދްމަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެކެވޭ. ކޮލަމާފުށީ މަދްރަސާއާ ބަޔަކު މީހުން އަޅާނުލައި ތިބެންވީ އެއްވެސް ސަބަބެއް ނެތް. 2009 ވަނަ އަހަރާ އަޅާބަލާއިރު، 2010 ވަނަ އަހަރު ކޮލަމާފުށީ މަދްރަސާގައި، އޯ ލެވެލް އިމްތިޙާނުގައި 5 މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް، ޢަދަދު، 21 އިންސައްތައަށް މައްޗަށް ގޮސްފައިވޭ. އަޅުގަނޑު އެކަމަށްޓަކައި މިރަށު މަދްރަސާގެ އެންމެހާ ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްކޫލް ބޯޑާއި އަދި ސްކޫލްގެ ޓީޗަރުންނާއި، އެންމެހާ ހިންގުންތެރިންނަށް ނުހަނު މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. އަދި އަޅުގަނޑު އެ މަދްރަސާގެ ހިންގުންތެރިންނަށް، މިފަހަރު ކޮލަމާފުށީ ރައްޔިތުންގެ ފަރާތުން އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، 2012 ވަނަ އަހަރުގެ ތެރޭގައި، ކޮލަމާފުށީ މަދްރަސާ، އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ކްލާސްރޫމްތައް އިތުރުކުރާނަން.
 
ކޮލަމާފުށީގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި، އަދި ބިން ދަތިވެފައި އޮތް މިންވަރު އަޅުގަނޑުމެންނަށް ސާފު. އެހެންވީމާ، ސަރުކާރުން ވަޢުދުވިން، ކޮލަމާފުށީގައި ހައުސިންގ ޔުނިޓް އެޅުމަށް. އޭރު އަޅުގަނޑުމެން އަންދާޒާ ކުރީ، 50 ގެ މިތާ އެޅުމަށް. އެހެން ނަމަވެސް، މިހާރު ފެންނަ ފެނުމުގައި، އެ ޢަދަދަކުން އެއްގޮތަކަށްވެސް ފަރަކުނުޖެހޭނެ. އަޅުގަނޑުމެންގެ އަމާޒަކީ، މިތަނުގައި ވީހާވެސް އަވަހަކަށް ބިން ބޮޑުކޮށް، އެއީ 2012 ވަނަ އަހަރުގައި ބިން ބޮޑުކުރުމަށް ބޭނުންވާ ސަރވޭތައް މިހާރު މިދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ، މިރަށުގެ ބިން ބޮޑުކޮށް، މިރަށުގައި 100 ހައުސިންގ ޔުނިޓް، އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި އަޅައި ނިންމާނަން. އަދި ކޮލަމާފުށީގެ މިއަދުގެ ޖީލަށް، ކޮލަމާފުށިން މިއަދު ބޯހިޔާވަހިކަމަށް ބޭނުންވެ ތިބި ހުރިހާ އެންމެންނަށް ގެވަޅެއް ނުވަތަ ފްލެޓެއް ލިބޭނެގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އަޅުގަނޑަކީ ފްލެޓް ދޮންބެ. އެހެންވީމާ، އެކަން ހަމަޖައްސާނަން.
 
އަޅުގަނޑުމެންނަށް ފެންނަނީ، އަޅުގަނޑުމެންގެ އަމާޒުތަކަށް ސަރުކާރަށް ހުރަސްއެޅިގެން ގޮސްވެސް ހުއްޓުން އަރާފައިވެސް، އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެބަ މަސައްކަތް ކުރެވޭ. މެދުނުކެނޑި އެބަ މަސައްކަތް ކުރެވޭ. އަޅުގަނޑުމެންނަށް ދެވޭ މިޞްރާބު، އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންނަށް ކުރެވޭ ކަންތައް އަޅުގަނޑުމެންނަށް ސާފު. އަޅުގަނޑުމެން ދެން ކުރާން އޮތް ކަންތައްވެސް އަޅުގަނޑުމެންނަށް އޮތީ އޮޅުންފިލާފައި. ފެބްރުއަރީ  5 ވަނަ ދުވަހު މިރަށުގައި ޤާއިމް މިކުރެވެނީ، މިރަށުގެ ތަރައްޤީއާ ގުޅޭ އެންމެ މުހިންމު މުއައްސަސާ. އަޅުގަނޑުމެންގެ އަމާޒަކީ، ރައްޔިތުންގެ ގާތުން ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ވެރިކަމެއް ހިންގުން. އަޅުގަނޑު މި ވެރިކަމުގައި މިހުންނަނީ، މި ވެރިކަމުގެ އަރާމާއި، ޢިއްޒަތާއި، ޤަދަރާއި، ލައްޒަތަށްޓަކައެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ދަރީންގެ މުސްތަޤްބަލް ހޯދުން. ކޮލަމާފުށީ ދަރީންގެ މުސްތަޤްބަލް ހޯދުން. އަޅުގަނޑު އަބަދުވެސް، އަޅުގަނޑު އަބަދުވެސް ދަންނަވަމުން މިގެންދަނީ، މިއަދު މިއޮތީ މިހާރު ހަވީރުވެފައޭ. އިއްޔެ ނިމި ހިނގައްޖެއޭ. އަޅުގަނޑުމެންނަށް ހޯދެން އޮތީ، މާދަމައޭ. އަޅުގަނޑު ކޮލަމާފުށީ ރައްޔިތުންގެ ކިބައިން އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރާނެ ކައުންސިލެއް އިންތިޚާބް ކޮށްދިނުމަށް މި އެދެނީ ނުހަނު އިޚްލާޞްތެރިކަމާއެކު. އަޅުގަނޑުގެ އެހެން ބޭނުމެއް އޮވެގެނެއް ނޫން. ކޮލަމާފުށީގައި ކޮންމެ ކުލައެއްގެ ކައުންސިލެއް އޮތް ނަމަވެސް، އަޅުގަނޑަށް އަންނާނެ ބަދަލެއް ޙަޤީޤަތުގައެއް ނެތް. އަޅުގަނޑު އެކަމާ ބެހޭވެސް ކަމެއް ނޫނޭ ބުނެ، އަޅުގަނޑުމެންނަށް ގޭގައި ފިލާ ތިބެވިދާނެ. އެހެން ނަމަވެސް، އެއީކީއެއް އަޅުގަނޑުމެންނަށް އެކަން ކުރެވެން އޮތް ގޮތެއް ނޫން.
 
ލާމަރްކަޒީ އުޞޫލުން ރަށްރަށް ހިންގުމަކީ، އެހެން ބައެއްގެ ފިކުރެއް ނޫން. އެއީ އަޅުގަނޑުމެން ދައްކާފައި އޮތް ވާހަކައެއް. އެއީ އަޅުގަނޑުމެން ކުރާން އުޅޭ ކަމެއް. ޤާނޫނުއަސާސީ ފުރަތަމަ އިޞްލާޙްވެގެން އައުމުގެ މަގުމަތީގައި، އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް އެއަކު ނެތް. އޭގައި އޮތީ ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެކޭ. އޭގައި ގާތްގަނޑަކަށް އޮތީ، އެންމެހާ ބާރެއް އޮންނަންޖެހޭނީ ތިމަންނާ އަތުގައޭ. މާފަހުން އެ ޤާނޫނުއަސާސީއަށް އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު އަޙްމަދު އިޞްލާޙެއް ހުށަހެޅުމުގެ ފުރްޞަތު ލިބުނު. ވަރަށް ހުތުރު ގޮތަކަށް އެފުރްޞަތު އަޅުގަނޑުމެން ހޯދީ. ކުރީގެ ރައީސަށް ދަޢުވާ ކުރުމެއް ނެތް ކަމަށް، ކުރެވެން ނޯންނާނެ ކަމަށް ޤާނޫނުއަސާސީގައި ލިޔެވުނީމާ، އެކަމަށް އަޅުގަނޑުމެން ދޫކޮށްފިއްޔާ، ދެން ތިޔަބޭފުޅުންނަށް ރައްޔިތުންނަށް ބަހެއް ބުނުމަށް ތަންކޮޅެއް ތިމަން ދޫކޮށްފާނަމޭ. އެ ދަމާކެނޑުމުގެ ތެރެއަށް އަޅުގަނޑުމެންވަނީ. އެދުވަހު އަޅުގަނޑު ދުށީ، ލާމަރްކަޒީ އުޞޫލުން ރަށްރަށް ހިންގުން މާމުހިންމޭ، އެންމެ މީހެއް ފަހައި އަޅުގަނޑުމެން ދުވުމަށްވުރެ. އަޅުގަނޑަށް ވިސްނުނު ގޮތުގައި، އިއްޔެ މިއޮތީ ނިމި ގޮސްފައޭ. ހޯދަން މިޖެހެނީ މުސްތަޤްބަލޭ. މިދެންނެވި ބަދަލު، މިދެންނެވި މާއްދާ ޤާނޫނުއަސާސީގައި ހިމެނީމާ، އަޅުގަނޑުމެންނަށް ގެއްލޭނީ، ދެން ވެފައި އޮތް އެއްޗެއް. އެއީ އިއްޔެ. މާޒީގައި ވެދިޔަ ކަންތައް އަޅުގަނޑުމެންނަށް ގެއްލެނީ. އެބަދަލަށް އަޅުގަނޑުމެން އެއްބަސްވެ، އިރާދަކުރައްވައިގެން، ޤާނޫނުއަސާސީގައި މިހާރު އެވަނީ ލާމަރްކަޒީ އުޞޫލުން ކަންކުރެވޭނެ ބާބެއް ކަނޑައެޅިފައި. މިހާރު އަޅުގަނޑުމެން މިގެންދަނީ، އެމަސައްކަތް ކުރަމުން.
 
ކުރަމުން މިގެންދާ ޙަޤީޤީ މަސައްކަތަކީ، އަޅުގަނޑުގެ ރަށުގައި، މާލޭގައި ހުރި އެއްޗަކުން ބައެއް މި ކޮލަމާފުށްޓަށްދޭން. ޒަމާނުއްސުރެ ފަށައިގެން، އެތައް ސަތޭކަ އަހަރެއް ވަންދެން، މާލެއަށް އެއްކޮށްފައި އޮތް ވެރިކަމުގެ ބާރު މިއަދު މިއުޅެނީ އަޅުގަނޑުމެން ބަހާލަން. ތިޔަބޭފުޅުން ބައްލަވައިފިނަމަ، މާލޭގެ ބާރު އެއްކުރި ވެރިކަމުގެ ޚާންދާންތަކުގެ މިއަދުގެ ޖީލު މިތިބީ އެމް.ޑީ.ޕީ.އަށް. އެބޭފުޅުން އެބޭނުންވެލައްވަނީ، އެބޭފުޅުން ވަރަށް ދާދިފަހާ ޖެހެންދެންވެސް އަޅުގަނޑުމެން ކަހަލަ މާލޭ ރައްޔިތުންވެސް ދުށް، ދެކިއުޅުނީ، އެއީ މުލީގޭ ދޮން ޙަސަންމަނިކުގެ ޢާއިލާގެ ދޮންބަންޑާރައިންގެ ޢާއިލާގެ ތަރިކައެކޭ. އެބޭފުޅުންގެ އެއްޗެކޭ ވެރިކަމަކީ. ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ ކުރީގައި، ހަމަ ވަރަށް ސާފު ސާދާކޮށް އަޅުގަނޑުމެން އެންމެންވެސް ދެކެމުން އައީ، ރާއްޖޭގެ ވެރިކަމަކީ ދޮންބަންޑާރައިންގެ މިލްކެކޭ. ދޮންބަންޑާރައިން ހަނގުރާމަކޮށްގެން، ހޮޅިން ބަލިކޮށްގެން ދިވެހިރާއްޖޭގެ ވެރިކަން އަނެއްކާ އަލުން އަނބުރާ ހޯދީއޭ. އެހެންވީމާ، އެ ވެރިކަން ދެމިގެންދާނީ، އެޚާންދާނުގައޭ. އަޅުގަނޑުމެންނަށް މިއަދު ލިބިފައި މިވާ ނަޞީބަކީ، ހަމަ މިދެންނެވި ދޮން ޙަސަންމަނިކުގެ ދޮންބަންޑާރައިންގެ ޚާންދާންގެ މިއަދުގެ ޖީލު، އަޅުގަނޑު އެބޭފުޅުންގެ ނަންތަކެއް ކިޔާކަށް ނެތިން. އެކަމަކު އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މާލޭ ގެތަކުގެ ނަންތައް. އަދި އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެބޭބޭފުޅުން މިހާރު ތިއްބެވީ ކޮންކޮން ޕާޓީއެއްގައިތޯ. އަދި މިއަދުވެސް އެބޭފުޅުން މަސައްކަތް ކުރައްވަމުން އެގެންދަވަނީ، ހަމަ މިކެމްޕޭނުގައި، ހަމަ އެއްރަށުން އަނެއް ރަށަށް. އެއްރަށުން އަނެއް ރަށަށް ދަތުރުކުރަމުން ގޮސް، ތިމަންމެން މިއުޅެނީ މިބާރު ދޫކުރާށޭ. ތިމަންމެން ބޭނުމޭ މިކަން ރަނގަޅަށް ކުރަން.
 
އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން މިއީކީއެއް. އެކަމަކު ރާއްޖެ ތަރައްޤީ ކުރާން އަޅުގަނޑުމެން ބޭނުން. ކޮލަމާފުށި ތަރައްޤީ ކުރަން އަޅުގަނޑުމެން ބޭނުން. އެހެންވީމާ، އަޅުގަނޑުމެން މިއެދެނީ، އަޅުގަނޑުމެންނާ އެކީގައި މިކަން ކުރަން ތިޔަބޭފުޅުން ތައްޔާރުވެލައްވާށޭ. އަޅުގަނޑުމެންނަށް މިފުރްޞަތު ދެއްވާށޭ. އަޅުގަނޑުމެން އަތުގައި އޮތް ބާރެއް، ޙަޤީޤަތުގައި އެ ބާރަކީ. އެ ބާރު ދޫކޮށްލާންވެގެން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް، އެ ބަލާ އަންނަންވީ ކޮންތާކަށްތޯއާއި، އޭގެ ބަލަދުވެރިންނަކީ، ވަލީވެރިންނަކީ ކޮބައިތޯ. އަޅުގަނޑަށް އެނގޭ، ކޮލަމާފުށީ ރައްޔިތުން މިހާރު ތިތިބީ، ތިޔަބޭފުޅުންގެ އަމިއްލަ ވެރިކަން، މިރަށުގައި ހިންގުމަށް ތައްޔާރުވެފައިކަން. އެއީކީއެއް އެއްވެސް އިރެއްގައި އަޅުގަނޑުމެންނަށް އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. ރަށްވެރިކަން ތަރައްޤީ ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް. ރަށްވެރިކަމަކީ ޚާއްޞަކޮށް، މި ރާއްޖޭގައި މިރަށްފަދަ ތަނަވަސް ރަށްރަށުގައި، އެކަން ކުރިއަށް ގެންދެވުނީމާ، ތިޔަބޭފުޅުންގެ މިލްކިއްޔާތު ފުޅާވެގެންދާނެ މިންވަރާއި، މުއްސަނދިކަން ކުރިއަރާނެ ދަރަޖައާ، މިކަންކަމަކީ ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެންނަށް މާބޮޑަށް މަންޒަރު ކުރެވޭ ކަންކަމެއް ނޫން.
 
އަދި އޭގެއިތުރުން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުން، ވާދަވެރި ސިޔާސީ ފަރާތްތަކުގައި ތިޔަބޭފުޅުން މަޑުމަޑުން ގޮސް އައްސަވާލެއްވިޔަސް، ތިޔަހެންވާ ތަނެއްތޯ ކައުންސިލަކީ. އެއީ ކިހިނެއް އޮންނަ ތަނެއްތޯ، ކޮންތާކުތޯ އިށީންނަނީ، ކީއްތޯ އެމީހުން ކުރަން އުޅެނީ، ކޮން ގަޑިއެއްގައިތޯ އެތަން ބައްދަލުވަނީ. އަޅުގަނޑަށް ޔަޤީން، އެބޭފުޅުންގެއެއް ނޯންނާނެ. އެބޭފުޅުން ހިތަށްއަރަނީ، މިއީ ރ.ކ ކޮމިޓީ އަނެއްކާ އިންތިޚާބު ކުރަން އުޅެނީއޭ. ނުވަތަ ޖިންސުއްލަޠީފުންގެ ރޫޙެއް ކޮލަމާފުށީގައި އެކުލަވައިލަނީއޭ. ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑޭ ކިޔައި ނުކުންނަވާއިރުގައި، ވަމުންދާގޮތް ސާފުވާންޖެހޭނެ. ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑެކޭއެއް ނުބުނާނެ ލޯކަލް އިންތިޚާބެއްގައެއް. އެ އިންތިޚާބުގައި ބުނާނީ، ހިނގާ ސަރުކާރެއްގެ ސިޔާސަތު ތަންފީޛުކޮށްދިނުމަށްޓަކައި އަޅުގަނޑޭ. މިއުޅެނީކީ މުސްތަޤިއްލު ވެރިކަމެއް ކޮލަމާފުށީގައި ކުރާކަށެއް ނޫން. އެއްވެސް ބޭފުޅަކު ނުކުމު ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑޭ، އެހެން ވިދާޅުވެއްޖިއްޔާ އެއީ ހަމަ ކަނޑައެޅިގެން،      މި ލޯކަލް ކައުންސިލަކީ ކޮބައިކަން ނޭނގުނީ. އަޅުގަނޑު އަންތަރީސްވެ ޢަޖައިބުވޭ، އަދި އަޅުގަނޑު ބައެއްފަހަރަށް އަޅުގަނޑުގެ ރަޙްމަތްތެރި އެކުވެރި ޑީ.އާރު.ޕީ.ގެ ލީޑަރ، ޒަޢީމް އަޙްމަދު ތަސްމީން ޢަލީ. އެއިން ކޯއްޗެއްކަން ނޭނގޭތީވެ އަޅުގަނޑު ދެބަސް ބޭނުންކުރީ. އެބޭފުޅާ އަރިހުގައި ދަންނަވަން، ތިޔަބޭފުޅުންގެ އާރުކާޓީއަށް ކިޔައިދެއްވަބައްލަވާށޭ، ކުރަން މިއުޅެނީ ކޮންކަމެއްތޯ. ދެން އަޅުގަނޑަށް އެބޭފުޅާ އަދި އެހާ ގިނަ ބަސްތަކަކުން ވިދާޅުނުވިޔަސް އެނގޭ، އެބޭފުޅާއަށްވެސް މިވަގުތު ކިޔައިދެވޭކަށް ނެތްކަން. އެއީ، އެބޭފުޅާއަކީ ކާކުކަން އެބޭފުޅާއަށް ސާފުނުވާތީވެ. ދެން އަޅުގަނޑަށް ޔަޤީން، ސާފުވީމާ ތިޔަބޭފުޅުންނަށް އެވާހަކަ ކިޔައިދެއްވާނެ. މިއަދު އަޅުގަނޑަށް މިފެންނަނީ، ނޫކުލައިން ލިޔެފައި ވަރަށް ދެއުޅިއެއްނުވާ ވާހަކައެއް. ޚާއްޞަކޮށް، ރަށުގެ ތަރައްޤީއަށް އަޅުގަނޑެއް އެހެން ލިޔުއްވީމާ، އެއްގޮތަކަށްވެސް ހަމަ ފެން ނުހިފެހެއްޓުނީ. އެއްގޮތަކަށްވެސް ހަމަ ވާނުވާއެއް އެ ނޭނގުނީ.
 
އަޅުގަނޑުމެން މިމަސައްކަތް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިމަސައްކަތް ކުރާން ފެށީކީއެއް މިއަދަކު ނޫން. މިކަމާ ގުޅިގެން، މި ޕާޓީގެ ފަރާތުން ބާއްވާފައިވާހާ ވަރކްޝޮޕާއި، މަޝްވަރާ ބައްދަލުވުންތަކާއި، މަހާސިންތާ އާއި އަދި ޕާޓީގެ ފަރާތުން ދުނިޔޭގައި މިކަން އެހެން ޤައުމުތަކުގައި ކުރަމުން އައި ގޮތް ދެނެގަތުމަށްޓަކައި ކޮށްފައިވާހާ ދަތުރާއި، މަޝްވަރާ ކޮށްފައިވާހާ މީހުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެން އެބަތިބި. އަދި އަޅުގަނޑުމެންގެ މީގެ ތަޞައްވުރެއް އެބައޮތް. އެ ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި، ކޮލަމާފުށީ ރައްޔިތުންގެ ކިބައިން އެދެން، ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ވޯޓެއް ދެއްވާށޭ. އަޅުގަނޑުމެންނަށް މި އިންތިޚާބް ކާމިޔާބު ކޮށްދެއްވާށޭ. އަޅުގަނޑުމެންނަށް ކޮލަމާފުށީގައި މިމަސައްކަތް އެންމެ ރަނގަޅަށް ހިންގޭނެ އެއް ރަށް މިއީ. ތަނަވަސް ރަށެއް. ދުރުވިސްނޭ ރަށެއް. ހޭލުންތެރި ރަށެއް. ތަޢްލީމީ ރަށެއް. އަދި ރަނގަޅު ކުލައިގައި އޮތް ރަށެއް. އަޅުގަނޑުމެންނަށް މިރަށުގައި މިކަން އިރާދަކުރެއްވިއްޔާ ފުރިހަމައަށް ހިންގޭނެ. އަޅުގަނޑު ޔަޤީން ކުރަން، ތިޔަބޭފުޅުން މިހާރު މިރަށުގައި އިންތިޚާބް ކުރަން ނިންމާފައިއެވާ ބޭފުޅުންނަކީ، އަޅުގަނޑުމެންނާ އެކީގައި އަދި އަޅުގަނޑުމެންގެ ފިކުރު ދަންނަ އަދި ހަމަ ގިނަފަހަރަށް އެއިން ބޭފުޅަކު ވާހަކަ ދައްކާއިރުގައި، މާބޮޑު ތަފާތެއް ނޯންނާނެ، އަޅުގަނޑު ދެއްކުމެކޭ. އަޅުގަނޑުވެސް ހިތަށްއަރާ ކޮބައިބާއޭ، އަޅުގަނޑު ކޮންމެހެން އައުމުގެ ބޭނުމަކީވެސް. ހަމަ އެވާހަކަ، ހަމަ އެގޮތަށް، ހަމަ މިވާހަކަ، ހަމަ މިގޮތަށް އެއިން ކޮންމެ ބޭފުޅަކުވެސް ހަމަ ދައްކަވާނެ. އެބޭފުޅުން އެތިބީ ފައްކާވެފައި. އެބޭފުޅުން އެތިބީ ހަމަ މިމަސައްކަތަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން.
 
އަޅުގަނޑަށް ފެންނަނީ، އުފާވާ ޒަމާނޭ، އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ،
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________