بســماللّـهالرّحمـنالرّحيــم

 
މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް، ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އެހެންވެސް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިއަތޮޅުގެ ކުރިއަށް ތިއްބެވި އެކިއެކި ވެރިންނާއި އަދި އަޅުގަނޑުމެންގެ އަޚް ޢަބްދުﷲ ޖާބިރު އަދި ޚާއްޞަކޮށް، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން. ނިލަންދޫގެ ކުދި ބޮޑު ރައްޔިތުން.
 
السّـلام عليـكم
 
ތެދުފުޅެއް، އަޅުގަނޑު ނިލަންދުއަށް މިއީ ދެވަނަފަހަރު، ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އާދެވޭތާ. އޭގެ ކުރީގައިވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް މިރަށަށް އާދެވޭ. އަދި ވީމިންވަރަކުން ވީހާވެސް ގިނައެއްކޮށް އާދެވޭތޯ އަޅުގަނޑު މަސައްކަތް ކުރަން. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑު ހަމަ އެގޮތަށް މިކަން ކުރާނެކަމުގެ، އަޅުގަނޑަށްވީ މިންވަރަކުން މިރަށަށް އިތުރަށް އަންނަމުން ގެންދާނެ ކަމުގެ ޔަޤީން، ތިޔަބޭފުޅުންނަށް އަރުވަން.
 
ރަށްރަށަށް އައީމާ، އެކިއެކި ބޭބޭފުޅުންނާ ބައްދަލުވީމާ އަޅުގަނޑުމެންނަށް އޮޅުންފިލާ ކިތަންމެ ކަމެއް ހުރޭ. ބައެއް ބޭފުޅުންގެ އުފާވެރިކަމާއި އަދި އަނެއްބައި ބޭފުޅުންގެ ނަފްރަތާ، މިހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް ސާފުވެގެންދޭ، ބޭބޭފުޅުންނާ ބައްދަލުވީމާ، ރަށްރަށަށް އާދެވުނީމާ. ޚާއްޞަކޮށް، ރަށްރަށުގެ ޙާލަތު އެނގުމަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި ވަރަށް މުހިންމު. އަޅުގަނޑު އެންމެ ފުރަތަމަ މިރަށަށް ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި، އޭގެ ކުރީގައި އައިއިރެއްގައި، އަޅުގަނޑު ދުށިން، މިތަނުގެ ގޮނޑުދޮށުން ބައެއް ކޮނެފައި އޮއްވާ. ދެން އެތަން ބަނދަރަކަށް ބަދަލުވާނެ ކަމަށް އެދުވަހު މިރަށުގައި ތިބި ވަރަށްގިނަ ބޭފުޅުން އެގޮތަށް ދެކި ތިއްބެވި. އަޅުގަނޑު ގޮސް ބަލައިލިން، އެއީ ތެދެއްތޯ، ކިހިނެއް އިންތިޒާމްވެފައި އޮތް ކަމެއްތޯ. އަޅުގަނޑު ބަލައިލިއިރުގައި، އެކަމެއް އެއްގޮތަކަށްވެސް އިންތިޒާމްވެފައެއް ނެތް. ކޮންޓްރެކްޓެއް ކުރެވިފައި އޮތް ކަމަށް އަދި ބުނި ކަމުގައިވިޔަސްވެސް، އެ ކޮންޓްރެކްޓް ހިފެހެއްޓޭނެ ގޮތެއް، އެއަށް ބޭނުންވާނެ ފައިސާގެ މުޢާމަލާތް ހިންގިފައެއް، އެބާވަތުގެ އެއްވެސް ކަމެއް ކުރެވިފައެއް ނެތް. އަޅުގަނޑު މިއަދު އަސްލަމަށާއި، އަސްލަމްގެ މިނިސްޓްރީއަށާއި އަދި އަޅުގަނޑު ހިތުން ތިޔަބޭފުޅުން ވަކިން ޚާއްޞަކޮށް، ރިޔާޒަށް، މިކަމުގައި އެބޭފުޅާ އަވަދިނެތި މި ބަނދަރު ނިންމުމުގަޔާއި، ކޮޅެއްގައި ޖެއްސުމުގައި މަސައްކަތް ކޮށްދެއްވީތީވެ، އަޅުގަނޑު މިދެބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. ނިލަންދޫ ރައްޔިތުންގެ ނަމުގައިވެސް.
 
އަޅުގަނޑު ބެލީ ނިލަންދޫ މީހަކަށް އަޅުގަނޑުވެ ހުރެގެން މިކަން މިދެބޭފުޅުން ލައްވައި ކުރުވޭނެ ގޮތެއް އޮތްތޯ. އަޅުގަނޑަށްވެސް އެނގޭ، އެންމެފަހުން އައިސް އަޅުގަނޑުކަން އެއެއްޗެހީގައި ސޮއިކުރަންޖެހޭނީ. ދެން އެހެން ނަމަވެސް، މީގައި ކަންތައްތައް ހުއްޓިފައި އޮންނަ އެންމެބޮޑު އެއްސަބަބަކީ، އަޅުގަނޑު ސޮއިކޮށްފައި ދެން ފަހުން އެހެން ބޭފުޅުންނާ ވާހަކަ ދައްކަން އުޅޭތީވެ. ކަންތައް ހިނގާ ގޮތަކީ، އެބޭފުޅުން އައިސް އަޅުގަނޑު ލައްވައި ސޮއި ކުރުވީމާ، ދެން  އެ ހިނގާގޮތް. އެކަންކަން އެ އޮންނަ ތަރުތީބަކުން ހިނގާނެ. ބައެއް ބޭފުޅުން އަޅުގަނޑު ގާތުގައި ބުނޭ، ރައީސް ސޮއިކޮށްދެއްވީމާ ނިމުނީހޭ. ނޫން އެހެނެއް ނުނިމޭ ކަމެއް ރީތިކޮށް، އެއޮންނަ ވަކި ތަރުތީބަކުން ހިންގީމާ. އެހެންވީމާ، މިއަދު އަޅުގަނޑު ވަރަށް ބޮޑަށް އުފާވޭ، މި ބަނދަރަށް އާދެވުނީތީވެ. އަދި އަޅުގަނޑު އުންމީދު ކުރަން، އިއްޔެގައިވެސް އަދި މި ހަފްތާގައިވެސް މަސްވެރިކަން ރަނގަޅު ކަމަށް. ބަނދަރު ތިޔަބޭފުޅުންނަށް އެދުވަސްވަރާ ދިމާކޮށް ލިބިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.
 
ބަނދަރެއް ހެދުމަކުންނެއް އަދި ރަށެއް ތަރައްޤީއެއްނުވޭ. ބޮޑުހިލަ ބޭރުގައި ޖެއްސުމަކުންނެއް އަޅުގަނޑުމެންގެ ޙަޔާތަކަށް އަދި މާބޮޑު ބަދަލެއް ނާދޭ. ޙަޤީޤަތުގައި ތަރައްޤީވާން މިޖެހެނީ، މި ނިލަންދޫ މީހާ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހުރިހާ ދަތުރެއްގައިވެސް ފާހަގަވެފައި އޮތް އަނެއް ޙަޤީޤަތަކީ، މި ރަށުގެވެސް އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ، އެ މީހުންނަށް ރެޔާދުވާލަށް ވިހި ފަނަރަ ރުފިޔާ ނުލިބޭ މީހުނޭ، ނިކަމެތިންނޭ. އެމީހުންގެ ނިކަމެތިކަމުގެ ސަބަބުން، ވާ ބައްޔަކަށް އަދި ޑޮކްޓަރެއް ގާތަށް ގޮސް ބޭސް ސިޓީއެއް ލިޔެވުނު ކަމުގައިވިޔަސްވެސް، އެއަށް މިއޮންނަނީ ބޭނުންވާ ބޭސްވެސް ނުހޯދިފައި. ރަނގަޅު ފަރުވާއެއްވެސް ނުލިބިފައި. ރައްޔިތުންނަށް މިޖެހެނީ އެކެއް ގާތުން، އަނެކެއް ގާތުން ސަލާން ޖަހަމުން ހިނގަން. ހަމައެކަނި އެބޭނުންވާ ބޭސްކޮޅަށްޓަކައި. އެހެންވީމާ، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ހިފަހައްޓަން ވަރަށް އުނދަގޫ. އެހެންވީމާ، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ނިލަންދޫ މީހެކޭ ބުނެ އުޅެ، ހަމައިސްކޮޅަށް ކޮޅަށް ތެދުވަން އުނދަގޫ. ސަރުކާރުން އެހެންވީމާ، ނިންމީ، ބޭސް ސިޓީއަށް ސަލާންޖެހުން ހުއްޓާލުން އެއީ، އެމް.ޑީ.ޕީ.ގެ ވަޢުދެއް. އެމް.ޑީ.ޕީ އިން ނިންމީ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭނެ ސިޔާސަތުތަކެއް އެކުލަވައިލާނެ ކަމަށް. އަޅުގަނޑު ވެރިކަމަށް ނުކުތީ އެމް.ޑީ.ޕީ.ގެ ކެންޑިޑޭޓުގެ ގޮތުގައި، އެ ޕާޓީގެ ސިޔާސަތުތަކާ އެކުގައި. އަޅުގަނޑު ތަންފީޛު ކުރަމުން މިގެންދަނީ، ތިޔަބޭފުޅުންނާ މަޝްވަރާ ކޮށްގެން،            އެމް.ޑީ.ޕީއިން އެކުލަވައިލާފައިވާ ސިޔާސަތުތަކެއް. މިއީ، ޕާޓީ ނިޒާމްގެ ސަރުކާރެއް. އަދި        މި ރާއްޖޭގެ ޤާނޫނުއަސާސީވެސް މިއޮންނަނީ ޕާޓީ ނިޒާމަށް. އެހެންވީމާ، އަޅުގަނޑު އަބަދުވެސް މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެރިކަން ކުރާއިރު، އަޅުގަނޑު ހިންމެނީ، އެންމެ ރަނގަޅަށް ހިންގެން އޮތީ، އެމް.ޑީ.ޕީ.ގެ ސިޔާސަތު، އެ ސިޔާސަތު ހިންގުމަށް ރާއްޖޭގެ ގިނަ އަޣްލަބިއްޔަތު ރައްޔިތުން ތާއީދުކޮށްފައިވަނީ.
 
އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ނިލަންދޫގެ 153 މީހަކު މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާކަން. އަދި 2010 ވަނަ އަހަރު ހަތަރުލައްކަ ސާޅީސް އެއްހާސްރުފިޔާ، ބޭސްފަރުވާއަށް، ނިލަންދޫ ރައްޔިތުންނަށް ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށްވެސް،      މި ޕާޓީއަށްވެސް އަދި އަޅުގަނޑަށްވެސް ވަރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑު މިދެންނެވި ހަތަރުލައްކަ ރުފިޔާ ޚަރަދު ކުރެވިފައި އޮތީކީއެއް އެހެން އެއްވެސް ކަމެއް، ލޯޝަންގަންނާކަށްވެސް ނޫން. ޗުއްޓީއަށްދާކަށްވެސް ނޫން. މެޓާކާކަށްވެސް ނޫން. ހަމަ ސީދާ ބޭހަށް. އެއީކީއެއް މިތަނުގައި ހުންނަ ކޮންމެހެން ހެލްތް ސެންޓަރު ރަނގަޅު ކުރަން ކުރި ޚަރަދެއްގެ ވާހަކައެއްވެސް ނޫން. މިއީ ހަމަ ސީދާ ރައްޔިތެއްގެ، ނިލަންދޫ މީހެއްގެ ބޭސް ސިޓީއަށް ދެވުނު ފައިސާއެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިނިޒާމް ހިންގެމުން ގެންދާތީވެ. އަޅުގަނޑުމެންނަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހިންގޭތީވެ.
 
ހަމަ އެނގިވަޑައިގަންނަވާނެ، ޢުމުރުން 65 އަހަރުން މަތީ މީހުންނަށް ޕެންޝަނެއް ދިނުން. އަޅުގަނޑު ވަރަށް ކުރީގައި، 2008 ވަނަ އަހަރުގެ ވަރަށް ކުރީގައި، މިރަށުގައި އެވާހަކަ ވަރަށް ސާފުކޮށް ދެއްކިން. އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް އަޅުގަނޑުމެން ދޭނަމޭ. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 51 މީހަކަށް ގަވާއިދުން މި ޕެންޝަން ދެވެމުން ގެންދެވޭތީވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށަށް ކޮންމެ ފަހަރަކު އެއްލައްކަ ދެހާސް ރުފިޔާ، ޕެންޝަންގެ ގޮތުގައި ދެވެމުން ގެންދާތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށުގެ ތަރައްޤީ.
 
މި ސަރުކާރު އުފެދިގެން އައީ ނިލަންދޫގެ ތަޞައްވުރެއްވެސް އޮވެގެން. މިރަށް ތަރައްޤީ ކުރާނެ ގޮތުގެ ޚިޔާލެއް، ވިސްނުމެއް އަޅުގަނޑުމެންގެ ކިބައިގައި އޮވެގެން. އަޅުގަނޑުމެންގެ މެނިފެސްޓޯ ނުވަތަ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަފްޞީލުކޮށް، ތަންފީޛުވަމުން ދިޔައީމާ، އެއިން ފެންނާނެ އެންމެ ފުރިހަމަ އެއް މަންޒަރަކީ، އޭގައިވާނެ އަޅުގަނޑުމެން ނިލަންދޫގެ ތަރައްޤީއަށްވެސް ކަންކުރަން ނިންމާފައި އޮތްގޮތް. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ނިލަންދޫގެ ޙާލަތު. ނިލަންދޫގެ ކަންތައްތައް މިހާރުހުރި ގޮތް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށްދޭ އެހީގެ ގޮތުގައި ނިލަންދޫ 12 ފަރާތަކަށް ތިރީސްހަތަރުހާސްރުފިޔާ، 2010 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހު މި ފައިސާ ދެވެން ފެށީ. އިރާދަކުރައްވައިގެން، އެފައިސާވެސް އެމީހުންނަށްދެވި، އެމީހުންނަށްވެސް އިޖްތިމާޢީ ރައްކާތެރިކަމެއް ލިބޭކަމީ،        މި ސަރުކާރަށް ނުހަނު ބޮޑު ހިތްހަމަޖެހުން ލިބޭ ކަމެއް.
 
އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ އެއްޗަކީ، ސަލާމަތްކަން ހޯދާން މިޖެހެނީ އިންސާނާއޭ. ނިލަންދޫ މީހާއޭ. އޭނާ ފަޤީރު ކަމުގައި، އޭނާ ނިކަމެތި ކަމުގައި ހުއްޓައި، ދެން އިތުރަށް ރަށް ތަރައްޤީ ކުރަން، އަތޮޅު ތަރައްޤީ ކުރަން، ރާއްޖެ ތަރައްޤީ ކުރަން ވަރަށް ދަތިވާނެ. ނާދިރު ކަމެއް އެއީ، ނުވާނެ އެކަމެއް. އަޅުގަނޑުމެން މި ހިންގާ ވަކި އުޞޫލުތަކަކުން ނޫން ގޮތަކަށް ކަންކަން ހިންގައިގެން އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މި އެދޭ ބަދަލެއް ނުހޯދޭނެ. އަޅުގަނޑު މިހެން ދަންނަވާއިރުގައި، އަޅުގަނޑު އެންމެ ފުރަތަމަ ފެށްޓި ވާހަކަ އެއީ، އުޞޫލުން ބޭރުން ހިނގި ކަމެއް. މިތަނުގެ ބަނދަރު ކުއްލިއަކަށް އައިސް އަޅުގަނޑުމެން، އެ ހުއްޓިފައި އޮތް ހިސާބުން ހެދުނީ. ދެން އެހެން ހުންނަ ކަންތައްތައް ހުރެދާނެ. އެހެން ނަމަވެސް، އުޞޫލެއްގެ ގޮތުން ހިންގާ ކަންކަން ހިންގީމާ ނޫނީ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މިއެދޭ ބަދަލެއް ނުހޯދޭނެ.
 
މިރަށުގެ މަދްރަސާ ތަރައްޤީކޮށް، ރަނގަޅު ތަޢްލީމެއް ދަރިންނަށް ލިބުން އެއީ، ކޮންމެހެންވެސް ބޭނުންތެރި ކަމެއް. މިރަށުގެ ކުރިއެރުމަށްޓަކައި ކޮންމެހެންވެސް ބޭނުންތެރި ކަމެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ، މިދިޔަ އަހަރު މިރަށު ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި އެއްލައްކަ ސާޅީސް އެއްހާސް ނުވަސަތޭކަ ތެއްތިރީސްރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި ހަމައެހެންމެ، މިތަނުގެ 26 ދަރިވަރަކަށް އިމްތިޙާނުގެ ފީގެ ގޮތުގައި ސާޅީސް ފަސްހާސް ހަތަރުސަތޭކަ އަށްޑިހަރުފިޔާ، ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބުނުކަމީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މި ނިލަންދޫގެ ތަރައްޤީ.       މި ރާއްޖޭގެ ތަރައްޤީ. އެހެންވީމާ، ނިލަންދޫގެވެސް ތަރައްޤީ.
 
ނިލަންދުއަކީ ހަމައެކަނި މަސްވެރި ރަށެއް ނޫން. ނިލަންދުއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ދަނޑުވެރިކަންކުރާ ރަށްތަކުގެ ތެރެއިން ރަށެއް. އޭރު އެކަށީގެންވާ ބަދަލެއް މަސައްކަތަށް ނުގެނެވިފައި މިއޮތް އެންމެބޮޑު ސަބަބަކީ، ހަދާ ތަކެތި ބޭރުކުރެވޭނެ ގޮތެއް، ވިއްކޭނެ މާރުކޭޓެއް ނެތްކަން. އަދި އެތަކެތި ސާފުގޮތުގައި، ރިވެތި ގޮތުގައި ގޮސް ކޮންމެވެސް އެއްތާކަށް ޖަމާކުރެވި، މިކަންތައް ފުރިހަމަނުވާތީވެ. ކުރުގޮތަކަށް ދަންނަވަނީނަމަ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ނިލަންދުއާއި މިއަތޮޅު އެހެން ރަށްތަކާ ރަނގަޅަށް ފުރިހަމައަށް ގުޅާނުލެވޭތީވެ. އެހެންވެ ސަރުކާރުގެ ވަޢުދަކަށް އަދި އެމް.ޑީ.ޕީ.ގެ ވަޢުދަކަށްވީ، ރާއްޖޭގެ ރަށްތައް އިރާދަކުރެއްވިއްޔާ ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން އަޅުގަނޑުމެން ގުޅާލަދޭނަމޭ. އެމަސައްކަތް ސަރުކާރުން މިދަނީ ކުރަމުން. ސަރުކާރުގެ ވަޢުދަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، އެކަން ކުރުން. ފުރަތަމަ ދެއަހަރު އޭގެ އަސާސީ ޚިދްމަތްދޭން ފެށުން. މި ހުވަދޫގައި އެމަސައްކަތް ހިންގާގޮތް މާބޮޑުތަނުން ދެރަ. މިސާލަކަށް، ހައްދުންމަތީގައި ހިނގާ މިންވަރާއި އަދި ކޮޅުމަޑުލުގައި ހިނގާ މިންވަރަށްވުރެ. އަޅުގަނޑުމެންގެ އަމާޒަކީ، ކުރިއަށް މިއޮތް އަހަރުގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމް އަދި އިތުރަށް ހަރުދަނާކޮށް، އިތުރަށް ފުޅާކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، ނިލަންދޫގެ ދަނޑުވެރިންނަށް ރަނގަޅު މާރުކޭޓެއް ހޯދައިދިނުން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، ތިޔަބޭފުޅުންނަށް އެކަމުގެވެސް ކުލަމަތި އަދި އެކަންވެސް ފެށެމުން އަންނަތަން ފެނިގެންދާނެ. އަޅުގަނޑުމެން މިބޭނުންވާ ބަދަލު ގެނެވޭތަން އަޅުގަނޑަށް ހަމަގައިމުވެސް ފެނޭ. އަޅުގަނޑު މިދަނީ ނިލަންދުއަށާއި، ރާއްޖޭގެ ކިތަންމެ ރަށަކަށް ވަރަށްގިނަ ދަތުރު ކުރަމުން. އަޅުގަނޑަށް ފެންނަ މަންޒަރު އަޅުގަނޑު ދަންނަވާނީ އެހާ ގޯހެއް ނޫނޭ. އުފާވެރި ކިތަންމެ ޚަބަރެއް އެކަމުގައި އެބަހުއްޓޭ.
 
މިރަށުގެ ސުނާމީ ހިޔާ، ސުނާމީގައި ގެއްލުން ލިބުނު ގެދޮރު ޢިމާރާތް ކުރުން. މިމަސައްކަތަކީވެސް މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވިއިރު، ހަމަ މިދެންނެވިހެން ބަޔަކަށް ކޮންޓްރެކްޓް ކޮށްފައި، ބުނި އަގެއް ކިޔާފައި އޮތް މަސައްކަތެއް. އެއްގޮތަކަށްވެސް އެ ހިނގައިގަނެވޭނެ ގޮތަކަށް އެއްވެސް ކަމެއް އިންތިޒާމްވެފައި އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގައި ޢިމާރާތް ކުރެވޭ 51 ގޭގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ.    އަޅުގަނޑުމެން މި އުންމީދު ކުރަނީ، މިއަހަރުގެ ނޮވެމްބަރު މަހަށް މިހުރިހާ ގެއެއް ނިމޭނެ ކަމަށް. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން އެދޭ މިންވަރާ، ލިބޭ މިންވަރާ ދެމެދުގައި ވަރަށްބޮޑު ފަރަޤެއް އެބަހުރޭ. ދެން އޮތްގޮތަކީ، އަޅުގަނޑު ހަމަ މަސައްކަތް ކުރަމުން މިއަންނަ ގޮތަކީ، އަޅުގަނޑުވެސް އެދެން ވަރަށްގިނަ ކަންކަމަށް. އެކަމަކު އަޅުގަނޑަކަށް ނުލިބޭ، އަޅުގަނޑު އެދޭހާ ކަމެއް. ލިބޭ މިންވަރަށް ޝުކުރު ކުރުން، އަޅުގަނޑަށް ފެންނަ ގޮތުގައި އެއީ ކޮންމެހެން ބޭނުންތެރި ކަމެއް. އަދި އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، ވީއެންމެ ބޮޑު މިންވަރެއް ރައްޔިތުންނަށް ހޯދައިދިނުމުގައި. ރައްޔިތުންނަށް ދިނުމުގައި. ސުނާމީގައި ލިބުނު ގެއްލުމާ ގުޅިގެން، އެކިގޮތްގޮތަށް އެކިފަރާތް ފަރާތުން ވަކާލާތު ކުރަމުން އެބަގެންދޭ. އަދިވެސް ގެންދޭ. ކުރިއަށް އޮތް            ދެ ޖީލުވަންދެންވެސް އަޅުގަނޑު މިހާރު ދެކޭގޮތުގައި އެމައްސަލަތައް ހިނގަމުންދާނެ. ދިމާވި ކަމަކީ ކުޑަކަމެއް ނޫން. ލިބުނު ގެއްލުމަކީ ކުޑަ ގެއްލުމެއް ނޫން. އެހެން ނަމަވެސް، މިއަދާ ހަމައަށް އައިއިރުގައިވެސް އެކަށީގެންވާ ވަރަށް ލިބުނީ ކޮން ގެއްލުމެއްތޯ ރަނގަޅަށް މިނިފައި ނެތުމާއި އަދި ގެއްލުން ލިބުނީ ކާކަށްތޯ އެނގިފައި ނެތުމާއި އަދި އެނގިފައި އޮތް އެއްޗަކާ، އަނެއް މީހާ އެއްބަސްނުވާ ކަމާއި، މިހެންގޮސް ކިތަންމެ ކިތަންމެ ކަމަކާހުރެ މިކަމުގެ ތެރެއިން ނުކުންނާނެ ނުރުހުމާއި ނަފްރަތު، ރުޅިވެރިކަން އަދިވެސް ހުންނާނެ ކަމަށްވެސް އަޅުގަނޑު ގަބޫލުކުރަން. އެކަމަކު އަޅުގަނޑު އެދެން، ތިޔަބޭފުޅުންގެ ކިބައިން، ތިޔަބޭފުޅުންވެސް ވިސްނާވަޑައިގަންނަވާށޭ. ތިޔަބޭފުޅުންވެސް ވިސްނާވަޑައިގަންނަވާށޭ. މި ވީމިންވަރަކުން ސަރުކާރުން ގެންދާނީ މިމަސައްކަތްތައް ހިންގަމުން.
 
އަޅުގަނޑުމެން މި ފެބްރުއަރީ 5 ވަނަ ދުވަހު އެކުލަވައިލާ މިރަށުގެ ރަށު ކައުންސިލް އެއީ، މިރަށުގެ ތަރައްޤީއަށްޓަކައި އަދި މިރަށުގެ ނުނިމިހުރި މިބާވަތުގެ ހުރިހާ ކަމެއްވެސް ފުރިހަމައަށް ހިންގުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކައުންސިލެއް. އެ ކައުންސިލަކީ އަޅުގަނޑު ދަންނަވާނީ، މިރަށުގެ ތަރައްޤީއަށް އެޅޭ އެންމެބޮޑު މުއައްސަސާގެ ބިންގާ އެޅޭ ދުވަހޭ. އެ ކައުންސިލް މެދުވެރިކޮށްގެން ނޫނީ އަޅުގަނޑުމެން މިބޭނުންވާ ބަދަލުތަކާއި، އަޅުގަނޑުމެން މިއެދޭ ޚިދްމަތްތައް އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ. އަޅުގަނޑު ޔަޤީން ކުރަނީ، ތިޔަބޭފުޅުން ކައުންސިލް އިންތިޚާބު ކުރާއިރުގައި، އަޅުގަނޑާއެކުގައި، މި ސަރުކާރާއެކުގައި މަސައްކަތް ކުރެވޭނެ، ސަރުކާރުގެ ވިސްނުންހުރި ބައެއް، އެފަލްސަފާ ޤަބޫލުކުރާ ބައެއް އަޅުގަނޑުމެންނަށް އިންތިޚާބް ކޮށްދެއްވާނެ ކަމަށް. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް. އަޅުގަނޑު އެދޭނީ، އަޅުގަނޑު ޕާޓީގެވެސް ކާމިޔާބަށް. އަޅުގަނޑުމެން ދެކެން، އަޅުގަނޑުމެންގެ ޕާޓީ ވެރިކަމާ ޙަވާލުވެ މިތިބެނީ، ރައްޔިތުންގެ އަޣްލަބިއްޔަތު ލިބުނީތީވެ. ރައްޔިތުން އެގޮތަށް އަޅުގަނޑުމެން މިވެރިކަން ކުރަމުން ގެންދާ ގޮތަށް، ވެރިކަން ކުރަމުން ގެންދިޔުމަށް ބޭނުންވާތީ.
 
އަޅުގަނޑު އެހެން ރަށްރަށުގައެއް ނުދައްކަން. އެހެން ނަމަވެސް، މިރަށުގައި ދަންނަވާލަން ބޭނުން. އަޅުގަނޑު މި ވެރިކަމުގައި މިހުންނަނީ، ވެރިކަމުގެ އަރާމާއި ލައްޒަތާއި ޢިއްޒަތަށްޓަކައެއް ނޫން. އަޅުގަނޑު ކޮންމެހެނެއް ނޭދެން، އަޅުގަނޑު ހަމަ ކޮންމެ ފަހަރަކު ހުރިހާ ރައްޔިތުން ގުދަށް ތިބޭކަން. އެކަމަކު އަޅުގަނޑުވެސް އެއްޗެއް ހިތަށްއަރާ، ދޮށީ ޢުމުރުގެ، މެދު ޢުމުރުގެ ރައްޔިތުން މިރަށުގައިވެސް. އަޅުގަނޑެއް ނޫން އަޅުގަނޑު މިދަންނަވަނީ. މިދައުލަތުގެ އެންމެމަތީ ވެރިޔަކަށް އަބަދުވެސް ބަހައްޓަންޖެހޭ އިޙްތިރާމް ބަހައްޓަވަންޖެހޭނޭ. އެއީ އަޅުގަނޑަކަށް ތިޔަބޭފުޅުން ކުރައްވާ ކަމެއް ނޫން. އެއީ ދައުލަތަށް، މި ޤައުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އަޅުގަނޑެއްގެ ހިތަކަށް ނުވަތަ އަޅުގަނޑަކަށް ޒައްރެއްގެ މިންވަރެއްވެސް އުންޏެއް ނުވާނެ. އަޅުގަނޑުގެ ޙަޔާތް ދިމާވެފައި އޮތީކީއެއް ސްޓޭމްޕް އެއްކުރާހެން ޢިއްޒަތް އެއްކުރާ އުޞޫލަކުން ނޫން. އަޅުގަނޑަކީ ވަރަށް އާދައިގެ ސާދާ ދިރިއުޅުމެއް އުޅޭ މީހެއް. އަދި މިހާރުވެސް ހަމަ އެދިރިއުޅުން ކުރިއަށް ގެންދާން ބޭނުންވާ މީހެއް. އެހެންވީމާ، އަޅުގަނޑު ލަދުގަނޭ، މިރަށަށް އަރައިގެން އައިއިރު، މިރަށުގެ ދޮށީ ޢުމުރުގެ، މެދު ޢުމުރުގެ ކިތަންމެ ބައެއް، ވެރިކަމަށް އެއްވެސްކަހަލަ އިޙްތިރާމެއް ނުކޮށް ތިއްބަވާކަމުން. އަޅުގަނޑު ދަންނަވަނީ، އެހެން ހެއްދެވީމާ އަދި ޢަމްދުން ޒުވާނުންނަށް ލިބޭ ފިލާވަޅު ވަރަށް ގޯހޭ. އަޅުގަނޑުމެންނަށް މި ވާދަވެރި ޕާޓީތަކުން އެހިންގާ ހުރިހާ ކަމެއް ވަރަށް ރަނގަޅު. އެއީ ބޭނުންތެރިވެސްކަމެއް. އެކަންތައް ހިންގަންވެސް ޖެހޭނެ. އަޅުގަނޑުމެންނަށް ވާދަވެރި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ނުހިންގެނީހެއް ތަރައްޤީއެއް ނުހޯދޭނެ. ރައްޔިތުން ހިފަހައްޓައިގެނެއް، އޮބަހައްޓައިގެނެއް، ބިރު ދައްކައިގެނެއް ތަރައްޤީއެއް ނުހޯދޭނެ. ތަރައްޤީ ލިބޭނީ ހުޅުވާލެވިގެން، މިނިވަންވެގެން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން އެއީ، ކޮންމެހެން ބޭނުންތެރިކަމެއް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތުމަކުންނެއް، ހިތްހެޔޮކަން ނެތިދާކަށް ނުޖެހޭ. ހިތްހެޔޮކަމަކީ މުޅިން އެހެން ކަމެއް. އެއީ، ރުޅިވެރިކަމުގެ އިދިކޮޅު. އަދި ޚިޔާލުފާޅުކުރިޔަސްވެސް ރުޅިވެރިވާކަށް ނުޖެހޭ. އަޅުގަނޑުމެން އަބަދުވެސް އެކެއް އަނެކަކަށް ހިތް ޙަލާލުކުރަން ޖެހޭނެ.
 
އަޅުގަނޑުގެ ހަމަ ހައްތަހާވެސް ބޭނުމަކީ، އަޅުގަނޑު ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައިވެސް އަޅުގަނޑު ނުޖެހޭނަން. އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑު ތިޔަބޭފުޅުންނަށް މަސައްކަތް ކުރުން ހުއްޓައެއްނުލާނަން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ނިލަންދޫގެ ތަރައްޤީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް މިފެންނަނީ އަޅުގަނޑުމެންނަށް މި މަޤްޞަދުތައް ޙާޞިލުވަމުންދާތަން. މިރަށުގެ އެތައް ބައިވަރު ރައްޔިތުންނަކަށް އިޖްތިމާޢީ ރައްކާތެރިކަން، މިދިޔަ ދެއަހަރުގައި ފޯރުކޮށްދެވިއްޖެ. އަދި އެއީ، އެހެން ސިޔާސީ ފިކުރެއްގެ ބޭފުޅެއް ކަމުގައި ވިޔަސްވެސް، ބޭރަށް ނުކުންނަވައި ކޮންމެ އެއްޗެކޭ ބުނުއްވި ކަމުގައިވިޔަސްވެސް، ހަމަ ގައިމުވެސް އެމީހަކަށް ސާފުކޮށް އެނގިލައްވާނެ، ލިބުނުނ މިންވަރު، ވީގޮތް. އެއީ މީގެކުރީގައި އުޅެން ޖެހުނު ޙާލާއި، މިހާރު އުޅެމުން އަންނަ ޙާލު. އަޅުގަނޑުމެން ކޮންމެހެން ނުޖެހޭ، އެކަން އޭނާ ލައްވައި ފާހަގަކުރުވާކަށް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އޭނާއަށް އެކަން ފުރިހަމަވެފައި އޮތުން.
 
އަޅުގަނޑު މިއަދު ނިލަންދުއަށް އައިއިރު، އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިދެންނެވި އިޖްތިމާޢީ ރައްކާތެރިކަން މިރަށުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ރަނގަޅަށް ފޯރުކޮށްދެމުން ގެންދެވޭތީވެ. އަޅުގަނޑުމެން އަބަދުވެސް ދެކޭނީ، މިރަށުގެ ރައްޔިތުންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބޭނޭ އިންތިޒާމްތައް ހަމަޖެހުން. މިރަށްވެސް، ނިލަންދޫވެސް އަދި އެހެން ރަށްތައްވެސް ތަރައްޤީވާނީ ވިޔަފާރި ކުރިއަރައިގެން. ވިޔަފާރިއަކީ ވަރަށް މުހިންމު ޙަރަކާތެއް. މުޢާމަލާތެއް. އެ މުޢާމަލާތް ނުހިނގައި، އެއްވެސް ހާލެއްގައެއް އެއްވެސް ތަނެއް ތަރައްޤީއެއް ނުވާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮންނަ މައިގަނޑު ވިޔަފާރިއަކީ މަސްވެރިކަން. އަނެއް ވިޔަފާރިއަކީ ޓުއަރިޒަމް. ދެން އަޅުގަނޑުމެން އުންމީދު ކުރަނީ، ދަނޑުވެރިކަމަކީވެސް ރަނގަޅު ވިޔަފާރިއަކަށް ހެދޭނެ ކަމަށް.
 
މަސްވެރިކަމުގެ ވިޔަފާރިން މަސްވެރިންނަށް ލިބޭ ފައިދާ ބޮޑުކޮށްދިނުމަށް އެމް.ޑީ.ޕީ ވަޢުދުވި. އަޅުގަނޑުމެން ބުނިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ބާނާ މަހުގެ އަގު އިރާދަކުރެއްވިއްޔާ، ބާރަ ރުފިޔާއަށް ނުވަތަ ބައިނަލްއަޤްވާމީ މާރުކޭޓްގައި އެ މަހުގެ އަގު ހުންނަ މިންވަރަށް އަޅުގަނޑުމެން އޭގެ އަގު، މަހުގެ އަގު ނަގައިދޭނަމޭ. މިއަދު އަޅުގަނޑުމެންނަށް އަނެއްކާވެސް ހަމަ ހިތްހަމަޖެހުން ލިބެނީ، ތިޔަބޭފުޅުންނަށް، ނިލަންދޫ މަސްވެރިންނަށް އެނގިލައްވާނެ، މީގެކުރީގައި ކިލޯ ހަމަނުވާ މަހެއް މި ކިރަނީ ދެރުފިޔާ ބަޔަށްކަން. މިއަދު އެންމެ ދަށްކޮށް މިއަދު ކޮންމެ ދޯންޏެއް 7 ޓަނު، 8 ޓަނު ބާނަމުންދާއިރުގައިވެސް، އިރާދަކުރެއްވިއްޔާ، ނުވަރުފިޔާއަށް އައިސް ނާޅައިފިއްޔާ، ބާރަ ރުފިޔާއަށް، އައިސް އަޅައިގެން ދިޔައިމާ އެބަ ގަނޭ. އެއީ ވާދަވެރި ސިޔާސަތު ހުޅުވާލީމާ. އިރާދަކުރެއްވިއްޔާ، މުޅި އަތޮޅަށް އަދިވެސް އިތުރު މަސް ގަންނަ މީހުން އަންނާނެ. އައީމާ އަޅުގަނޑު ހަމަ ދެކޭގޮތުގައި، ބައިނަލްއަޤްވާމީ މާރުކޭޓްގައި، އެއިރެއްގައި ކަޅުބިލަ މަހުގެ އަގު ހުރި އެންމެ ރަނގަޅު އަގެއްގައި، މިއަތޮޅުން މީހުން މަސް ގަންނާނެ. އަޅުގަނޑު ދެކެނީ، އަދިވެސް މަހުގެ އަގު އިތުރަށް އުފުލިގެންދާނެ ކަމަށް.
 
އަޅުގަނޑުމެން ސިޔާސަތަށް ގެންނަ ބައެއް ބަދަލުތައް މީގެއިތުރުންވެސް އެބަހުރޭ، ވިޔަފާރި ކުރިއެރުވުމަށްޓަކައި. އައްޑުއަތޮޅު ހިތަދޫގައި އޮވޭ ބައިނަލްއަޤްވާމީ ބަނދަރެއް. ދިވެހި ސަރުކާރުގެ ލޯނެއްގައި ބޮޑު ޚަރަދު ކޮށްގެން ހަދާފައި އޮންނަ ބަނދަރެއް. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރު، އެ ރަށު ބަނދަރަށް، މި ނިލަންދޫ ގޮނޑުދޮށަށް ބޭނިހާ އެއްޗެހިވެސް ބާލާފައި ގިނަފަހަރަށް ނުހުރޭ. އެއީ، މިތާ ބަނދަރު ހެދުމުގެ ކުރީގައި އޮތް ގޮނޑުދޮށެއް. ރެޔާ ދުވާލު މަހެއްގެ މައްޗަށް 150 ޓަނުގެ މުދާވެސް ހިތަދޫ ބަނދަރަށް ބާލާފައިނުވޭ. ސަރުކާރުން މިބުނީ އެ ބަނދަރަށް ބާލާ މުދަލަށް މިނެގޭ ޑިއުޓީގެ ތިރީސް ޕަސެންޓް އިރާދަކުރެއްވިއްޔާ ކަނޑާލަދޭނަމޭ. މިއަދު ހިތަދޫ ބަނދަރަށް ސާދަހާސް ޓަނު، މިދިޔަ މަހު މުދާ ބޭލި. މިއަދު މި ހުވަދުއަތޮޅުގައެއް ނޯންނާނެ، ލީސިންގ ކުންފުނިން ދޯންޏެއް ހުސްކޮށްއައި. ހުރިހާ ދޯނި އެމަސައްކަތް ކުރަނީ ހިތަދުއާއި ހުވަދުއާ ދޭތެރޭގައި މުދާ އުފުލުމަށް. މީގެކުރީގައި އެއީ، މާލޭގައި ކުރި ކަމެއް. މިއިން ރަށަކަށް މުދާ ގެންނަނީ މާލެއިން. މާލެއިން ހުރިހާ މުދަލެއް ބައި އެޅެމުން ގެންދިޔައީ. މާލޭގައި ހުރިހާ މަޖޫރީންގެ ވިޔަފާރި ހިންގަމުން މިގެންދަނީ. އަޅުގަނޑުމެން ބޭނުންވީ، އެ ވިޔަފާރި މިރަށްރަށަށް ބަދަލުކުރަން. އަޅުގަނޑަށް މިފެންނަނީ، އެ ބަދަލު އައިސްގެން ހިނގަމުން އަންނަތަން.
 
އަޅުގަނޑަށް ފެންނަނީ، ވަރަށް އުޖާލާކޮށް، އަޅުގަނޑު ދަންނަވާނީ އުފާވާ ޒަމާނޭ މިއީ. ހިތާއޭ އަހާށޭ، އުފާވެރިވި ރާގޭ.
 
 
والحَمْـدُ لِلّـهِ. والســّلام عليــكم.
 
_______________________