بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 16 އޭޕްރިލް 2010ވީ ހުކުރު ދުވަސް. ރޭޑިއޯގެ ޒަރީޢާއިން މިއަދު އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނާ، ރާއްޖޭގެ ރައްޔިތުންނާ ބައްދަލުވާއިރު، އަޅުގަނޑު ޚާއްޞަކޮށް ފާހަގަކޮށްލަން އެދޭ ވަރަށް މުހިންމު މައުޟޫޢެއް އެބައޮތް. އެއީ، ރާއްޖޭގެ ބިމާ ގުޅޭގޮތުން.

އެނގިވަޑައިގަންނަވާނެ، ކޮންމެ ދައުލަތެއްގެވެސް އެންމެ މުހިންމު އެއް މިލްކިއްޔާތަކީ އެޤައުމެއްގެ ބިން. ޤައުމެއްގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ، އެޤައުމެއްގެ ބިމުގެ ތަނަވަސްކަމާއި، އެބިމުގެ މުއްސަނދިކަމުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެގެން. ކޮންމެ އިޤްތިޞާދީ ޙަރަކާތެއް ހިންގުމަށްވެސް ބިން ބޭނުންކުރަންޖެހޭ. އިޤްތިޞާދީ ކަންކަމުގެ އިތުރުން އިޖްތިމާޢީ ބޭނުންތަކަށްވެސް ބިމަކީ ކޮންމެހެން ބޭނުންވާ އެއްޗަކަށްވުމުން، ބިން ހިމެނިފައިމިވަނީ، ކޮންމެ ޖަމާޢަތެއްގެވެސް ބިންގާ ކަމަށް.

ބިމަކީ ވިޔަފާރިތަކާއި، ޢާއިލާތަކާއި، މާލީ އިދާރާތަކާއި އަދި މިނޫންވެސް މުޖްތަމަޢުގައި ހިމެނޭ އެންމެހައި ފަރާތްތަކުގެ އެންމެ ބޭނުންތެރި މިލްކިއްޔާތު ކަމަށްވުމާއި އަދި އެންމެންނަށް ފައިދާހުރި ގޮތަކަށް ބިން ބޭނުންކުރެވޭނެ ގޮތް ހެދޭނީ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ކުރެވި، ހުރިހާ ފަރާތްތަކެއްގެ ބޭނުންތައް އެފަދަ ޕްލޭނެއްގައި ހިމެނި އަދި އެކިއެކި ބޭނުންތައް ފުށުއަރާ ޙާލަތްތަކުގައި އެމައްސަލަތައް ޙައްލު ކުރެވޭނޭ ނިޒާމެއް ޤާއިމު ކުރެވިގެން. މިގޮތުން ދައުލަތުގެ ބިން މެނޭޖްކުރާނެ ގޮތުގެ ނިޒާމެއް އަޅުގަނޑުމެން އެބަ އެކަށައަޅަންޖެހޭ. އޭގެ ބޭނުމަކީ، ބިމަކީ ދައުލަތުގެ އެންމެ މުހިންމު އެއްބައި ކަމަށްވެފައި، ޤައުމުގައި ދިރިއުޅޭ މީސްމީހުންނަށް އަމާންކަމާއި ހިތްހަމަޖެހުމާއެކު، އެހެން މީސްމީހުންގެ ފުށުން އުނދަގުލެއް ނުވަތަ ތުރާލެއްނެތި ބޯހިޔާކޮށްގެން ދިރިއުޅެވޭނެ މަގު ތަނަވަސްކުރުމަށް މަގުފަހިކުރާން އެބަޖެހޭ. އިޤްތިޞާދީ ޙަރަކާތްތަކަށް އެންމެންނަށް ހަމަހަމަ ފުރްޞަތުތަކުން ބިން ލިބި، ބިން ބޭނުންކުރެވޭނެ ގޮތެއް ހަމަޖެއްސުމަށާއި، އަދި ބިމުގައި ހިންގާ އެކިއެކި ޙަރަކާތްތަކުގެ ސަބަބުން މީހުންނާއި ތިމާވެށްޓަށް ލިބޭ އެކިއެކި ގެއްލުންތައް އަޅުގަނޑުމެން ކުޑަކުރާން އެބަޖެހޭ. ހަމައެހެންމެ، އިޤްތިޞާދީ އެކިއެކި ބޭނުންތަކަށް ފުއްދޭ މިންވަރަށް ބިން ބަހައްޓައި، ޤައުމުގެ އިޤްތިޞާދު ރާވައި ތަރުތީބު ކުރުމަށް އަޅުގަނޑުމެން މަގުފަހިވެސް އެބަ ކުރަންޖެހޭ.

ޒަމާނުއްސުރެ ފަށައިގެން އެކިއިރުއިރުގައި ރާއްޖޭގެ ވެރިކަމުގެ ތަޚްތާއި އަދި ވެރިކަމުގެ ކޮއިލުތަކާއި، ވެރިކަމުގެ ގޮނޑިތައް ފަޅުފިލުވަމުން ގެންދެވި އެކިއެކި ބޭފުޅުން، ރާއްޖޭގެ ބިމާ ގުޅޭގޮތުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން އަޅުގަނޑުމެންގެ ތާރީޚުގެ ފަތްފުށުން ފެންނާން އެބަހުރި. ޒަމާންތަކަށް އަޅުގަނޑުމެން ފަހަތަށް ބަލައިފިނަމަ، ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ކޮންމެ ބިމެއްވެސް، ކޮންމެ ފަޅެއްވެސް، ކޮންމެ ވިލެއްވެސް، ކޮންމެ ތުނޑިއެއްވެސް އަދި ކޮންމެ ފަސްކޮޅެއްމެ އޮތީ މިނެފައި. ތަނެއްގައި ބަޔާން ކުރެވިފައި. އަދި ހަމަ އޭގެއިތުރުން އެ ބިމެއް ނުވަތަ އެ ފަޅެއް ނުވަތަ އެ ތުނޑިއެއް ނުވަތަ އެ ފިނޮޅެއް، ހުރައެއް ރައްދުވާ ނުވަތަ މިލްކުވެރިވާ، ނުވަތަ ބަލަހައްޓާ ފަރާތެއް އޮންނަނީ ވަރަށް ސާފުކޮށް އެނގިފައި. އެނގިވަޑައިގަންނަވާނެ، އިސްދޫ ލޯމާފާނުގައިވެސް ދިގުކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެ މުހިންމު ވާހަކަތަކަކީ، އެކިއެކި ބިންބިން، އެކިއެކި ތަންތަން، އެކިއެކި ވެރިންނަށް، ބޮޑުންނަށް، މިސްކިތްތަކަށް، އެހެންގޮސް މިބާވަތުގެ އެކިކަންކަމަށް ބިންބިން ދޫކުރެވިފައި ހުރި ގޮތާއި، އެ ބިންބިމުގެ މިލްކުވެރި ފަރާތާއި ބެލެހެއްޓުމާ ޙަވާލުވެފައިވާ ފަރާތާއި މިހެންގޮސް ބިމާ ގުޅޭ އެކިއެކި މަޢްލޫމާތު. އޭގެފަހުން، ވަޤްފުގެ ނިޒާމުގެ ތެރޭގައި އަދި ބޯގައާއި ހިންނައާ ދިނުމުގެ ތެރޭގައި އެކިގޮތްގޮތަށް ބޭނުންކުރަމުން އައިސް، އަޅުގަނޑުމެންނަށް 1900އިގެ އަހަރުތައް ފަށައިގަނެވުނުއިރު، ޚާއްޞަކޮށް، މާލޭގެ ބިން ވަރަށް ބޮޑަށް، ވަރަށް ރަނގަޅަށް މިނާން ފެށިއްޖެ. ވަރަށް ސާފުކޮށް، ސާދާކޮށް އެވެނި ބިމަކީ، އެވެނި ގޯއްޗަކީ މިވެނި ބައެއްގެ، މިވެނި މީހެއްގެ ތަނެކޭ، އެތަން އޭނާއަށް ލިބިފައި އެވަނީ، މިވެނި މީހެއްގެ ފަރާތުންނޭ. މިހެންގޮސް ސާފުކޮށް ފެންނަ ފަތްކޮޅުތަކާ އެކީގައި ރާއްޖޭގެ ބިން މިވަނީ ބެލެހެއްޓިފައި.

1970އިގެ ކުރީކޮޅުގައި ރާއްޖޭގެ އިޤްތިޞާދަށް އަންނަން ފެށި ބަދަލުތަކާ ގުޅިގެން، ޒަމާނުއްސުރެ ރާއްޖޭގެ ބިން މެނޭޖް ކުރަމުން ގޮސްފައިވާ ނިޒާމުތަކަށް ބަދަލު އަންނަން ފެށި. ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދު، އެހެނިހެން ޞިނާޢަތްތަކަށް އެނބުރެން ފެށުމުން، ބިން ބޭނުންކުރާ ގޮތާއި، ބިމުގެ އަގަށް ބަދަލު އަންނާން ފެށި. މީހުން އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުން އިތުރުވި. ކުރިން ރާއްޖޭގެ ފަޅު ރަށްރަށަކީ ދަނޑުވެރިކަމަށާއި، ގޮވާން ކުރުމަށާއި، ފަނާއި، ދަރާއި، ދަނޑިއާއި، ލަކުޑީގެ ބޭނުމުގައި ބޭނުންކުރަމުންދިޔަ ތަންތަން ކަމުގައިވީނަމަވެސް، ރާއްޖޭގެ ފަޅު ރަށްރަށުގައި ޓޫރިސްޓް ރިޒޯޓް ހަދަން ފެށުމާއެކު، އެ ބޭނުމަށް ބައެއް ފަޅުރަށްރަށް ކަނޑައެޅި، ޚާއްޞަ ކުރެވުނު. ދަނޑުވެރިކަމަށް ބޭނުންކުރަމުންދިޔަ ރަށްރަށް، ޓޫރިޒަމްގެ އިތުރުން އެކިއެކި ޞިނާޢީ މަސައްކަތް ކުރުމަށް ބޭނުންކުރަން ފެށުނު.

ނަތީޖާއަކަށްވީ ޒަމާނުއްސުރެ ވަރުވާއަށް ލިޔެދެމުން އައި ފަޅު ރަށްރަށާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަން އެ އުޞޫލުން ލިޔެދިނުން ހުއްޓި، ރަށްރަށާއި ބިންބިން ކަނޑައެޅިފައިވާ މުއްދަތަކަށް ކުއްޔަށް ދޫކުރަން ފެށުން. ރަށްރަށުގެ ބިން ފުރުމާއެކު ރަށްރަށުން ބިން ހިއްކަންވެސް ފެށުނު. ރާއްޖޭގެ ރަށްރަށުގެ ބިން ހިއްކުމަކީ ދިވެހިރާއްޖެ އުފެދުނީއްސުރެ ދާދި ފަހަކާ ޖެހެންދެން މެނުވީ ކުރާން ޖެހުނު ކަމެއް ނޫން. އަދި ރަށަކާ ނުގުޅި ހުންނަ ނުވަތަ ކުރިން ހިކި ފަސްކޮޅެއް ނެތް ފަޅުފަޅު ހިއްކައިގެން މުޅިން އަލަށް ރަށްރަށް އުފައްދާންވެސް ފެށުނު. މިގޮތްގޮތުން ރާއްޖޭގެ އިޤްތިޞާދަށާއި އިޖްތިމާޢީ ޙާލަތަށް މިއައި ބަދަލާ ގުޅިގެން، ދިވެހިރާއްޖޭގެ ބިން ބޭނުންކުރަމުންދިޔަ ގޮތަށް އައި ބަދަލުތަކާ ގުޅިގެން ބިން މެނޭޖްކުރާނެ ގޮތުގެ އިދާރީ އޮނިގަނޑު އެކަށީގެންވާ ގޮތަކަށް އިޞްލާޙުކޮށް، ތަރައްޤީއާ ފައިހަމަކުރުމަށްޓަކައި ބިން މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް އެކުލަވައިލާން މިއަދު މިވަނީ ނުހަނު ބޭނުންވެފައި.

އަޅުގަނޑު ދެންމެ މިދެންނެވި ޙަޤީޤަތްތަކާ ކުރިމަތިލުމުގެ ގޮތުން ދިވެހިރާއްޖޭގައި ބިމާބެހޭ ޤާނޫނެއް އެކުލަވައިލުމުގެ މަސައްކަތް، 1996 ވަނަ އަހަރުގެ ތެރޭގައި ފެށުނު. ނަމަވެސް، ރާއްޖޭގައި ބިން ބޭނުންކުރަމުންދާ ގޮތަށާއި، ރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދިޔަ ބަދަލުތަކާ ގުޅިގެން އުފެދެމުންދިޔަ އާ ޙާލަތުތަކާއި މަސައްކަތްތަކަށް ޖުމްލަ ޙައްލެއް ހޯދައިދިނުމުގެ ބަދަލުގައި، 2002 ވަނަ އަހަރު ފާސްކުރެވުނު ދިވެހިރާއްޖޭގެ ފުރަތަމަ ބިމާބެހޭ ޤާނޫނުން ޙައްލުކުރުމަށް ބޮޑަށް ސަމާލުކަން ދެވިފައިވަނީ، ބިމުގެ ޖާގަ މުޅިން ހުސްވެ، އާބާދީ އިންތިހާއަށް ތޮއްޖެހިފައިވާ މާލޭގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ބައިކުރުމުގައި ދިމާވަމުންދިޔަ މައްސަލަތަކާއި، މާލޭގެ ބިމުން އަމިއްލަ ފަރާތްތަކުން ކުރާ މުޢާމަލާތްތައް ކުރުމާ ގުޅޭ ބައެއް ހަމަތަކާއި ބައެއް ކަންކަން.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާ ކަމަށް. އަދި އެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، އެކި ބޭނުންތަކަށާއި ކަންކަމަށް ބިން އެކަށައަޅައި، މިގޮތުން ކަނޑައަޅާ ބިން، އެއްބައިން އަނެއްބަޔަށް ބަދަލުކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އެމާއްދާގައި ވަރަށް ސާފުބަހުން ބުނެފައިވޭ.

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާ ބުނާގޮތުން، ދިވެހިރާއްޖޭގެ ބިން އެކަށައެޅެނީ، މައިގަނޑު ވަކި ޚާއްޞަ ދާއިރާތަކަކަށް. އެއީ، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތް ކުރުމަށް، އިޤްތިޞާދީ ބޭނުންތަކަށް، އިޖްތިމާޢީ ބޭނުންތަކަށް، ތިމާވެށި ރައްކާތެރި ކުރުމަށް އަދި ދައުލަތުގެ ބޭނުމަށް.

ބިމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނެފައިވަނީ، މިގޮތުން އެކިއެކި ބޭނުންތަކާއި ކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބިންތައް ބަލަހައްޓައި މެނޭޖް ކުރުމަށް، އެކިއެކި މިނިސްޓްރީތަކާ ބިން ޙަވާލުކުރާނީ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ކަމަށް. އެ ޤާނޫނުގެ 6 ވަނަ މާއްދާ ބުނާގޮތުން ދިވެހިރާއްޖޭގެ ބިމުގެ ތެރެއިން އެކިއެކި ކަންކަމަށާއި ބޭނުންތަކަށް އެކަށައަޅާފައިވާ ބިންތައް އެނގޭނެހެން، އަދި އެބިންތައް ޙަވާލުކުރެވިފައިވާ ފަރާތްތަކާއި، އެބިންތަކުގެ ތެރެއިން އަމިއްލަ ބިންތަކުގެ މިލްކުވެރި ފަރާތްތައް އެނގޭނެހެން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ދަފްތަރެއް ލިޔެ ބަލަހައްޓަންޖެހޭ ކަމަށް. މިގޮތުން ހޯމްއެފެއާޒުން ލިޔެ ބަލަހައްޓަންޖެހޭ ބިމުގެ ދަފްތަރުގައި ހުންނަން ޖެހޭނެ މަޢްލޫމާތުތައް މިދެންނެވި ބިމާބެހޭ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް.

ދިވެހިރާއްޖޭގެ މިދެންނެވި ބިމާބެހޭ ޤާނޫނުގައި ޚާއްޞަކޮށް ދަންނަވަނީނަމަ، އެޤާނޫނުގެ 5 ވަނަ މާއްދާގައި މިވަނީ އެކިއެކި ބޭނުންތަކާއި ކަންކަމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބިންތައް މެނޭޖްކޮށް ބެލެހެއްޓުން، އެކިއެކި މިނިސްޓްރީތަކާ ޙަވާލުކުރުމުގެ ބާރު ދީފައިމިވަނީ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓަށް. މިގޮތުގެ މަތިން އެކިއެކި މިނިސްޓްރީތަކާ ޙަވާލުކުރެވޭ ބިންތައް ދޫކޮށް، ކުއްޔަށްދީ، ބިމާބެހޭ އެހެން މުޢާމަލާތްތައް ކުރަންވާނީ، ބިމާބެހޭ ޤާނޫނު އަދި އެކިއެކި ބޭނުންތަކަށާއި ކަންކަމަށް ކަނޑައެޅިފައިވާ ބިންބިމާ ބެހޭގޮތުން ވަކި ޚާއްޞަ ޤާނޫނެއް ފާސްކުރެވިފައިވާނަމަ، އެޤާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި މިދެންނެވި ބިމާބެހޭ ޤާނޫނު ބަޔާންކުރޭ.

މިނިސްޓްރީތަކާ ޙަވާލުކުރެވޭ ބިންތައް އެ މިނިސްޓްރީއަކުން މެނޭޖްކޮށް ބެލެހެއްޓުމުގައި، އެބިމެއް ޙަވާލުކުރެވިފައިވާ މިނިސްޓްރީއަކުން ޢަމަލުކުރަންޖެހޭ މައިގަނޑު ޝަރުޠުތަކެއް، ހަމަ އެ ބިމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އެބަވޭ. ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރޭގައި، ވަކި ބޭނުމަކު މިނިސްޓްރީއަކާ ޙަވާލުކުރެވިފައިވާ ބިމެއް، އެ މިނިސްޓްރީއަކުން ބޭނުންކުރަންވާނީ އަދި އެކި ފަރާތްތަކަށް ދޫކުރަންވާނީ، ހަމައެކަނި އެބިމެއް އެކަށައަޅާފައިވާ ބޭނުމަކަށް ނުވަތަ ކަމަކަށް ކަމުގައި ބަޔާންކޮށްފައި އެބައޮވޭ. އަދި ދެވަނަ ޝަރުޠަކީ، ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠު. އެއީ، ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި، ޢިމާރާތް ކުރުމަށް އެކަށައެޅިފައިވާ ބިން ފިޔަވައި މިނިސްޓްރީއަކާ ޙަވާލުކުރެވިފައިވާ ބިންބިން އެ މިނިސްޓްރީއަކުން ދޫކުރަންވާނީ، އެފަދަ ބިންބިމާ ބެހޭގޮތުން ފާސްކޮށްފައިވާ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ މިނިސްޓްރީއަކާއި ބިން ދޫކުރެވޭ ފަރާތާ ދެމެދު ލިޔުމަކުން ކުރެވޭ އެގްރީމެންޓެއްގެ ދަށުން ކަމަށް އޮންނަ އޮތުން.

ދެން ޓޫރިޒަމްގެ ބޭނުމަށް ދިވެހިރާއްޖޭގެ ބިމުގެ ތެރެއިން ޢައްޔަން ކުރެވޭ ބިންތައް ޙަވާލުކޮށްފައިވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާ. އެގޮތުން ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ޓޫރިޒަމްގެ މަސައްކަތްތަކަށް ޢައްޔަން ކުރެވިފައިވާ ރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބިންބިމުގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް އެކަށައެޅޭ ބިންތައްވެސް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާ ޙަވާލުކުރެވިފައިވޭ. މިދެންނެވި ބޭނުމަށްޓަކައި އެކަށައެޅި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއާ ޙަވާލުކުރެވިފައިވާ ބިންބިމާ ބެހޭގޮތުން އެ މިނިސްޓްރީން މުޢާމަލާތު ކުރަންޖެހޭ ގޮތް ކަނޑައެޅިފައިވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު. އެއީ 99/2 ވަނަ ޤާނޫނު.

މިދެންނެވި ޓޫރިޒަމް ޤާނޫނުގެ 1 ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޓޫރިޒަމް ތަރައްޤީ ކުރާނެ ސަރަޙައްދުތަކާއި ރަށްރަށް ކަނޑައެޅުމާއި، ޓޫރިސްޓް ރިސޯޓް ހެދުމަށް ރަށްރަށް ދޫކުރުމާއި، ޓޫރިސްޓް ހޮޓާ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ބިން ދޫކުރުމާއި، ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރާނީ، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމުގައި. ހަމަ އެ ޤާނޫނުގައިވާ ގޮތުން، ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށެއް ނުވަތަ ބިމެއް ކުއްޔަށް ދެވޭނީ ދެގޮތަކަށް. އެއީ، (1) ބީލަމުގެ އުޞޫލުން ދިނުން ނުވަތަ (2) ބިޑަށް ނުލައި ސަރުކާރު ބައިވެރިވާ ކުންފުންޏަކަށްދޭ ދިނުން.

ޓުއަރިޒަމްގެ ބޭނުމަށް ކަނޑައެޅިފައި ހުރި ބިން ބިން ފިޔަވައި، އެހެން ބިންބިމާ ބެހޭގޮތުން މިހާރު ހެދިފައި ހުރި ޤާނޫނުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ހޯދެންހުރި މަޢްލޫމާތަކީ ކޮބައިތޯއޭ! އަޅުގަނޑަށް ބަލައިލެވުނު ގޮތުގައި، އެނގިފައިވާ ގޮތުގައި، ޓުއަރޒަމްގެ ބޭނުމަށް އެކަށައަޅާފައިވާ ފަޅުރަށްރަށް ފިޔަވައި، އެނޫން ފަޅުރަށްރަށް ރާއްޖޭގައި ވަރުވާއަށް ލިޔެދެނީ ނުވަތަ ކުއްޔަށްދެނީ ޤާނޫނު ނަންބަރު 98/20 އެއީ، (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން. މިޤާނޫނުގައިވާ ގޮތުން ދަނޑުވެރިކަމުގެ ބޭނުމަށް ފަޅުރަށްރަށް ލިޔެދިނުމުގެ އިތުރުން، ތަފާތު އެކި ބޭނުންތަކަށް މިފަދަ ފަޅުރަށްރަށް ތިންގޮތަކަށް އެބަދެވޭ. އެއީ (1) އެ ފަޅުރަށެއް ޙަވާލުކުރެވިފައިވާ ސަރުކާރުގެ މިނިސްޓްރީން ބީލަމުގެ އުޞޫލުން ދޫކުރާ ދޫކުރުން. (2) ރަށުގައި ކުރަން ބޭނުންވާ މަސައްކަތުގެ ތަފްޞީލު ރިޕޯޓަކާއެކު، އެ ފަޅުރަށް ޙަވާލުކުރެވިފައިވާ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއަށް ހުށަހެޅުމުން، އެމިނިސްޓްރީއާއި އެފަރާތަކާ ދެމެދު އެއްބަސްވެވޭ ގޮތަކަށް އެރަށް ދިނުން. ނުވަތަ (3) ދައުލަތުގެ ނުވަތަ ސަރުކާރުގެ ނުވަތަ ސަރުކާރުގެ %100 ޙިއްޞާ ހިމެނޭ ކުންފުންޏަކަށް ސަރުކާރުން ބިމެއްދޭ ދިނުން. މި ޤާނޫނުން އެނގޭ އެއްކަމަކީ، ހުރިހާ ފަޅުރަށެއް ބެލެހެއްޓުން ޙަވާލުވެފައިވަނީ، އެއް މިނިސްޓްރީއަކާ ނޫންކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ބޭނުންތަކަށް، ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަށްތައް، އެކަމާބެހޭ މިނިސްޓްރީއަކާ، ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ޙަވާލުކުރަންވާނެ ކަމަށް.

ޞިނާޢީ މަސައްކަތްތަކަށް މިހާރު ފަޅު ރަށްތަކެއް އެކަށައެޅިފައި އެބަހުރި. ރާއްޖޭގެ ބިމުގެ ތެރެއިން ޞިނާޢީ މަސައްކަތްތަކަށް އެކަށައަޅާފައިވާ ފަޅުރަށްރަށާއި ބިންތައް ސަރުކާރުގެ ތަފާތު ގިނަ މިނިސްޓްރީތަކާއި އަދި މިނޫންވެސް އިދާރާތަކާ ޙަވާލުކުރެވިފައި ހުއްޓާ އެބަފެނޭ. މީގެތެރެއިން ގިނަ ޢަދަދެއްގެ ބިން ޙަވާލުކުރެވިފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ. އޭގެއިތުރުން، ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓާއި، މާލޭ މުނިސިޕަލްޓީއާ ޙަވާލުކުރެވިފައިވާ ބިންވެސް މަދެއް ނޫން.

މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުން ކުޅިވަރަށާއި، މުނިފޫހިފިލުވުމަށާއި، މިނޫންވެސް ރަށްރަށުގެ މަގާއި މައިޒާންފަދަ ކަންކަމަށް އެކަށައަޅާފައިވާ ބިން، ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާ ޙަވާލުކުރެވިފައި އެބަހުރި. މީގެއިތުރުން، ސްކޫލް މަދަރުސާ އަދި ކިޔަވައިދިނުމުގެ އެހެނިހެން ކަންކަމަށާއި، ހޮސްޕިޓާ ހެދުމަށާއި، ޞިއްޙީ މަރްކަޒުތަކަށާއި ކްލިނިކް ހެދުމަށްވެސް އެކިއެކި މިނިސްޓްރީތަކާ ބިން ޙަވާލުކުރެވިފައި އެބަހުރި. އަދި މިސްކިތް ހެދުމަށާއި، ޤަބުރުސްތާނާއި ނަމާދުގެތައް އެޅުމަށްވެސް ބިން ކަނޑައެޅި، ސަރުކާރުގެ ބައެއް އިދާރާތަކާ ޙަވާލުކުރެވިފައި އެބަހުރި. ސައިހޮޓަލާއި، ކެފޭ، ރެސްޓޯރެންޓްފަދަ ތަންތަނާއި، ކުޑަކުދިން މުނިފޫހިފިލުވުމުގެ ޕާކުތައް ހެދުމަށްވެސް އެކިއެކި މިނިސްޓްރީތަކާ ބިން ޙަވާލުކުރެވިފައި އެބަހުރި. އަދި އިންޖީނުގެ ހެދުމަށާއި ކްލަބް ޖަމްޢިއްޔާތަކުގެ ބޭނުމަށްވެސް މިނިސްޓްރީތަކާ ބިން ޙަވާލުކުރެވިފައި އެބަހުރި. މީގެއިތުރުން، ތާރީޚާއި އާސާރީ ބިންތައް ބެލެހެއްޓުމަށް ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒާ ޙަވާލުކުރެވިފައިވާ ބިންވެސް އެބަހުރި.

ތިމާވެށި ރައްކާތެރި ކުރުމުގެ ބޭނުމަށް ރާއްޖޭގެ ބިމުގެ ބައެއް ސަރަޙައްދުތައް އެކަށައަޅައި، ޚާއްޞަ ކުރެވިފައި އެބަހުރި. އެފަދަ ބިންތައް ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ބިންތަކުގެ ތެރެއިން ދައުލަތް ހިންގުމަށް ބޭނުންވާ ބިނާތައް އެޅުމަށާއި، އޮފީސް އޮފީހާއި ގޯތިގެދޮރު އެޅުމަށްޓަކައި އެކަށައަޅާފައިވާ ބިންތައްވެސް، ބިމާބެހޭ ދަފްތަރުގައި ރަޖިސްޓަރީކޮށް، އެފަދަ ބިންބިން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާ މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ޙަވާލުކުރަންވާނެ ކަމަށް ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގައި ވަރަށް ސާފުބަހުން ބުނެފައި އެބައޮތް. މިގޮތުން، ދައުލަތުގެ ބޭނުމަށް އެކަށައަޅާފައިވާ ގިނަ ޢަދަދެއްގެ ބިން ޙަވާލުކުރެވިފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ ތެރެއިން މީހުން ދިރިއުޅުމަށްޓަކައި، ގެދޮރު އެޅުމަށާއި ޢިމާރާތް ކުރުމަށް އެކަށައެޅޭ ބިންތަކުގެ ތެރެއިން މާލޭގައި ހުރި ބިންތައް ޙަވާލުކުރެވިފައިވަނީ މާލޭ މުނިސިޕަލްޓީއާ. މާލެ ފިޔަވައި އެހެން ރަށްރަށުގައި ހުރި ބިންތައް ޙަވާލުކުރެވިފައިވަނީ އެރަށެއްގެ ރަށު އޮފީހާ. ދިރިއުޅުމަށްޓަކައި ނުވަތަ ދިރިއުޅުމުގެ ބޭނުމަށް ޢިމާރާތް ކުރުމަށް އެކިއެކި ފަރާތްތަކަށް ބިން ދޫކުރުމާއި ވިއްކުމާއި ކުއްޔަށް ދޫކުރުމާއި ރަހުނުކުރުމާ ބެހޭގޮތުން ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގައި.

އެނގިވަޑައިގަންނަވާނެ، މިދެންނެވި ޤާނޫނީ އެކިއެކި ޚުލާޞާތައް، އެކިއެކި ޤާނޫނުތައް އަދި އެކިއެކި ޤާނޫނުގެ މާއްދާތަކުގައި، ބިމާ ގުޅޭގޮތުން އެކިގޮތްގޮތަށް ބަޔާންކޮށް އިޝާރާތްކޮށް ހަދާފައިވާއިރުގައި، ބިން ހިއްކުމާ ބެހޭގޮތުން 1970ގެ އަހަރުތަކުގެ ތެރޭގައި ހެދުނު ޤާނޫނު، މާގިނަ ދުވަސްތަކެއްނުވެ އުވާލުމަށްފަހު، މިހާތަނަށް ބިން ހިއްކުމާ ގުޅޭގޮތުން ޤާނޫނެއް ހެދިފައެއް ނެތް. އަދި އެއްވެސް ޤާނޫނެއްގައި، އެކަމަށް އިޝާރާތްކޮށްފައެއްވެސް ނެތް. ނަމަވެސް ބިން ހިއްކުމާ ބެހޭގޮތުން 1970އިގެ އަހަރުތަކުގެ ތެރޭގައި، ހެދުނު ޤާނޫނު އުވާލިފަހުންވެސް އަމިއްލަ އެކިއެކި ފަރާތްތަކުން، ސަރުކާރުން ހުއްދަދީގެންނާއި، ސަރުކާރުން ހުއްދަ ހޯދުމެއްނެތި ބިން ހިއްކާފައި އެބަހުރި. އަމިއްލަ ފަރާތްތަކުން ހިއްކާފައިވާ ބިންތަކާ ގުޅިގެން، ޝަރީޢަތަށް ހުށަހެޅުނު މައްސަލަތައް، ޝަރީޢަތުން ނިންމުމުގައި ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކުން އެފަދަ ބިންތަކާމެދު ޢަމަލު ކުރެވޭނެ ޝަރުޢީ ހަމަތަކަކީ ކޮބައިކަން ކަނޑައެޅިފައި އެބަހުރި. މިގޮތުން މިހާރު އަޅުގަނޑުމެންނަށް ކޯޓުތަކުގެ ޙުކުމްތަކުން ފެންނަން ހުރި ބައެއް ކަންކަން އަޅުގަނޑު ދަންނަވާލާނަން.

ސަރުކާރުގެ ހުއްދައެއް ނެތި ހިއްކާ ބިން. ސަރުކާރުގެ ހުއްދައެއްނެތި ބިމެއް ހިއްކައިފިނަމަ، އެބިމެއް ބޭނުންކުރުމުގެ ޙައްޤު، ބިން ހިއްކި ފަރާތަކަށް ނުލިބޭ. އަދި މިފަދަ ބިން ސަރުކާރަށް ނަގައިފިނަމަ، އެމީހަކު އެބިމެއް ހިއްކުމަށް ކުރި ޚަރަދު، އެމީހަކަށް ލިބިދޭކަށްވެސް ނުޖެހޭ. ސަރުކާރުން ހުއްދަ ނުހޯދައި ބިން ހިއްކުމަކީ، ތިމާވެށްޓަށް ގެއްލުން ލިބޭ ކަމެއް ކަމަށް ބަލައި، ތިމާވެށްޓާބެހޭ ޤާނޫނުގެ ދަށުން ބައެއް ފަރާތްތައް ޖޫރިމަނާ ކޮށްފައި އެބަހުރި.

އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާނަން. އަޅުގަނޑު މިދަންނަވާލީ، މިދަންނަވަމުން މިގެންދަނީ، ޝަރީޢަތުން ބިމާ ގުޅޭގޮތުން އިއްވާފައި ހުރި ޙުކުމްތަކުގެ މައްޗަށް ބަލައި، ކޯޓުތަކުގެ ފެންނާންހުރި ހަމަތައް. އެއްވެސް ޙާލެއްގައި ގަވާއިދުން ސަރުކާރުން މިވަގުތު ޢަމަލުކުރަނީ މިވެނި އެވެނި ގޮތަކަށޭ އަޅުގަނޑު ދަންނަވައި ފާހަގަކުރާ ނުކުތާތަކެއް ނޫން.

ސަރުކާރުގެ ހުއްދަ ލިބިގެން ހަމަ ފަޅާއި ރަށްރަށް ހިއްކޭގޮތަށް އެބައޮތް. ސަރުކާރުން ދޫކުރާ ބާޑީތަކާއި، ސަރުކާރުން ހުއްދަ ލިބިގެން ހިއްކާ ބިން ވަނީ ބަންޑާރަ ބިމަށް. އަދި އެފަދަ ބިން ބޭނުންކުރުމުގެ ޙައްޤު، ބިން ހިއްކާ ފަރާތަށްވެސް އެބަ ލިބިދޭ. އަދި އެގޮތުން ސަރުކާރުން ހުއްދަ ލިބިގެން ހިއްކާ ބިން ސަރުކާރަށް ނަގާނަމަ، އެމީހަކު އެބިން ހިއްކުމަށް ކުރި ޚަރަދަށްވާ ފައިސާ އެމީހަކަށް ކޯޓުން ނަގައިދޭންޖެހޭ.

ހަމައެހެންމެ، އަޅުގަނޑުމެންނަށް ދިމާވާ އަދި ފެންނަ އަނެއްކަމަކީ، ޓޫރިސްޓް ރިޒޯޓުތައް ކައިރީގައި ވަރުވާއަށް ދޫކޮށްފައި ހުރި ކުދިކުދި ރަށްރަށާއި އަދި އެއްވެސް ވަރުވާއެއް ބެލެހެއްޓުމެއްނެތި ހުރި ވެލި ފިނޮޅުތަކާއި ހުރާގަނޑުތައް، ސަރުކާރުގެ ބޭނުމަށް ނުވަތަ ދައުލަތުގެ ބޭނުމަށް މިހާރުގެ މާކެޓް ވެލިޔުގައި ބެލެހެއްޓޭނީ ކިހިނެއްތޯ؟ އެ ސުވާލުގައި އަޅުގަނޑުމެން ވިސްނުން. ރިޒޯޓުތަކުގެ ކައިރީގައި އޮންނަ ވެލި ފިނޮޅުތަކާއި ކުދި ރަށްތައް މިވަގުތު ދޫކޮށްފައިވަނީ ވަރުވާގެ އުޞޫލުން. މިފަދަ ކުދި ރަށްތަކަކީ މިހާރު ވަރުވާއަށް ބަލާއިރު، އެންމެކުޑަ ވަރުވާ ދައްކަންޖެހޭ ރަށްރަށް. އެއީ، މިހާރުގެ ގޮތުންނަމަ، ހެކްޓަރެއް ހަމަނުވާ ރަށަކަށް އަހަރަކަށް –/1200 ރުފިޔާ.

މިފަދަ ކުދި ފަޅުރަށްރަށް ވަރުވާއަށް ލިޔެދީފައި އޮންނައިރު، ދަނޑުވެރިކަން ކޮށްގެން ވަރުވާއަށް ލިޔުއްވައިގެން އުޅޭ ފަރާތަށް އެއްވެސް އެއްޗެއް ނުލިބޭ ނުވަތަ ފައިދާއެއްވެސް ނުވޭ. ގިނަފަހަރު ވެފައި އޮންނަ ގޮތަކީ، އެރަށުން އެއްވެސް ފައިދާއެއް އަދި އާމްދަނީއެއް ނުލިބުނު ކަމުގައިވިޔަސް، ކޮންމެވެސް ކަމެއް މުސްތަޤްބަލުގައި ވެދާނެކަމުގެ އުންމީދުގައި، އެރަށެއް ލިޔުއްވައިގެން އަޅުގަނޑުމެން އުޅެނީ. ނުވަތަ ކާބަފައިންސުރެ ފަށައިގެން އެރަށަކީ ޢާއިލާއަށް ލިޔެވިފައި އޮންނަ ރަށަކަށްވާތީވެ، ހަމަ ބައްޕަ ނިޔާވީމާ ނުވަތަ އަވަހާރަވީމާ، ދެންހުރި އެންމެ ދޮށީ ކުއްޖަކަށް އެ ބިން ބަދަލުވެގެންދަނީ ނުވަތަ ބަދަލުކުރުމަށް، ހޯދުމަށް މަސައްކަތް ކުރެވުނީތީވެ، އެބަދަލު އެގޮތަށް ލިބެނީ. މިހެން ބައެއް ޙާލަތްތަކުގައި، ވެލި ފިނޮޅުތައްވެސް ވަރުވާއަށް އެކިފަރާތްތަކަށް ލިޔެވިފައި އެބަހުރި.

މިފަދަ ކުދި ރަށްރަށާއި ވެލިފިނޮޅުފަދަ ތަންތަން އިޤްތިޞާދީގޮތުން އެންމެ ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތެއް މިހާރު މިވަނީ އަޅުގަނޑުމެންނަށް ހޯދަން ޖެހިފައި. ރާއްޖޭގައި މިހާރު 100އަށްވުރެ ގިނަ ރިޒޯޓްތައް އޮޕަރޭޓް ކުރަމުންދާއިރު، ރިޒޯޓްތަކުގެ ފަޅުތެރޭގައާއި ކައިރީގެ އެކި ހިސާބުތަކުގައި، މިފަދަ ކިތަންމެ ކުދި ފަޅުރަށްތަކަކާއި ވެލި ފިނޮޅުތަކެއް އެބަހުރި. އެހެންކަމުން، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިފަދަ ކުދިރަށްތަކާއި ފިނޮޅުތަކުގެ އިންވެންޓްރީއެއް ނުވަތަ ދަފްތަރެއް ޤާއިމުކުރުން. މިމަސައްކަތް ކުރަންޖެހެނީ، ބިމާބެހޭ މިނިސްޓްރީން. މިފަދަ ރަށްތަކާއި ފިނޮޅުތަކުގެ މަޢްލޫމާތު، ވަރަށް ކައިރި މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ ސަރުކާރަށް ޤާއިމު ކުރެވޭނެ. ރާއްޖޭގައި އޮންނަ 950 ހަކަށް ފަޅުރަށުގެ ތެރެއިން 300 ވަރަކަށް ރަށަކީ ހެކްޓަރަކަށްވުރެ ކުދި ރަށްރަށް ކަމަށް ބެލެވޭ. ވެލި ފިނޮޅުގެ ޢަދަދުވެސް 200 އަށްވުރެ މަތިވާނެ ކަމަށް އެބަ އަންދާޒާ ކުރެވޭ.

ކުދި ފަޅުރަށްތަކާއި ވެލި ފިނޮޅުތައް ވަރުވާއަށް ނޫން ގޮތަށް ކުއްޔަށް ދޫކުރުމުގެ ސިޔާސަތެއް އެކުލަވައިލުމަށް ބޭނުންވަނީ، މިރަށްތަކަކީ ދަނޑުވެރިކަން ކުރުން ނުވަތަ އެކްއަރކަލްޗަރ ކުރުން ނުވަތަ އެފަދަ އެހެން މަސްވެރިކަމާބެހޭ ކަމެއް ކުރަންވިޔަސް އެކަށީގެންވާ ބިންތަކަކަށް ނުވާތީ. ދަނޑުވެރިކަމާއި މަސްވެރިކަމާއި އެކްއަރކަލްޗަރ ފަދަ އިޤްތިޞާދީ މަސައްކަތްތަކަށް، މިފަދަ ކުދި ރަށްތައް ދިނުމުން، އެތަންތަނަށް ތިމާވެށީގެ ގޮތުންނާއި އަދި އެހެނިހެން ގޮތުން ލިބިދާނެ ގެއްލުން، ބައެއްފަހަރަށް އޮތްކަމަށް ފާހަގަކުރެވޭ.

މިތަންތަން ބޭނުންކުރުން އެންމެ ރަނގަޅީ ދަނޑުވެރިކަމާއި މަސްވެރިކަން ފިޔަވައި ރަށަށް އެއްވެސް ބާވަތެއްގެ ބަދަލެއް ނުގެނެސް ކުރެވޭ އިޤްތިޞާދީ ބޭނުންތަކުގައި ކަމަށްވެސް ބައެއް ފަރާތްތަކުން ދެކޭ. މިސާލަކަށް، ޓޫރިޒަމާ ގުޅުންހުރި އިކޮލޮޖިކަލް ޕްރޮޑަކްޓެއްގެ ގޮތުގައި، މިފަދަ ކުދިކުދި ރަށްރަށާއި ފިނޮޅުތައް ބޭނުންކުރުމަކީ، އިޤްތިޞާދީ ގޮތުން ބަލާއިރުވެސް އަދި ތިމާވެށީގެ ގޮތުން ބަލާއިރުވެސް އެދެވޭ ކަމެއްގެ ގޮތުގައި ބައެއް ބޭފުޅުން ދެކޭ.

ޙަޤީޤަތުގައި މިހާރުވެސް މިފަދަ ރަށްތައް ގިނައިން ބޭނުންކުރެވެނީ، ޓޫރިޒަމާ ގުޅުންހުރި ކަންކަމަށް. ކުދި ފަޅުރަށްރަށުގެ ބޭނުން، އެކިއެކި ރިޒޯޓުތަކުންނާއި، ސަފާރީ އުޅަނދުތަކުންނާއި، ފަތުރުވެރިކަމުގެ އެކިއެކި ކަންކަމަށް ބޭނުންކުރެވެމުންދޭ. އަދި ބައެއް ޙާލަތްތަކުގައި، ޢާންމުން ޕިކްނިކް ދާންވެސް މިރަށްރަށް ބޭނުންކުރެވޭ.

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ގެންދެވޭ. އެމަސައްކަތުގައި ދިމާވާ އެންމެބޮޑު ދައްޗަކީ، ރަށްރަށުގެ މެދުގައި ނުވަތަ ރަށްރަށުގެ ތެރޭގައި ބޭނުންނުކޮށް ފަޅަށްހުރި ބޮޑެތި ގޯތިތައް އެގޮތަށް ބޭނުންނުކޮށް ހުރުމުން ލޭންޑް ޔޫސް ޕްލޭން ހެދުމަށް ދިމާވެފައިވާ ދަތި. އެގޯތިތައް، އެހެން ބޭނުންނުކޮށް ހުރުމުން، ލޭންޑް ޔޫސް، ބިން ބޭނުންކުރުމުގެ ޕްލޭންގެ މަޤްޞަދު ގެއްލިގެންދޭ. އަދި މިފަދަ ބޮޑެތި ބިންތައް، އެފަދައިން ބޭނުންނުކޮށް ފަޅަށް ހުރުމުން ދިމާވާ ބައެއް މައްސަލަތައްވެސް ސަރުކާރަށް އެބަ ހަމަ ވަރަށް ބޮޑަށް ފާހަގަވޭ.

އަޅުގަނޑު ދަންނަވަމުން މިގެންދަނީ، އަޅުގަނޑުމެން ރާއްޖޭގެ، އަޅުގަނޑު ފަށަމުންވެސް ދެންނެވިން. އެންމެބޮޑު އެއް ރައުސްމާލު، އަޅުގަނޑުމެންގެ ބިމާ ގުޅޭގޮތުން އަޅުގަނޑަށް ފާހަގަވާ ބައެއް ކަންކަން. ޚާއްޞަ ގޮތެއްގައި، މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެބޮޑު އެއްކަމަކީ، ބިން މަދުވުން. އަދި އެހެންމެ، ބިން ތިރިވެސްވުން. ބިން ތިރިކަމުން ލޮނުގަނޑު ބިމުގެ ތެރެއަށް ވަދެ، ރަށްގިރައި، ގެދޮރަށް ގެއްލުން ލިބޭގޮތް އެބަވޭ. ބިން މަދުވީމާ ބިމުގެ ޑިމާންޑް މައްޗަށްގޮސް، އަދި ބިމުގައި ދިރިއުޅުމުގައި ތޮއްޖެހުން ދިމާވޭ. ބިމުގެ ބޭނުމުގައި އެކިއެކި ހަމަނުޖެހުންވެސް އުފެދޭގޮތްވޭ. އަޅުގަނޑުމެންގެ ތެރޭގައި ބިން އުފެއްދުމުގެ މަސައްކަތް، 1970ގެ އަހަރުތަކުއްސުރެ އެގޮތަށް ހިނގަމުން އެ އަންނަނީ. ކިތަންމެ ފަރާތަކުން އެބަހުރި، އަޅުގަނޑު ކުރިންވެސް އިޝާރާތް ކުރިހެން ހަމަ ފަޅުފަޅުގައި ނުވަތަ ބައެއްފަހަރަށް ރަށްރަށާ އިންވެގެން ބޮޑެތި ބޮޑެތި ބިން ހިއްކާފައި.

އަޅުގަނޑު މިވާހަކަތައް މިއަދު މިދެންނެވީ، އަޅުގަނޑުގެ މަޤްޞަދަކީ، އަޅުގަނޑުގެ ބޭނުމަކީ މި ބިމާ ގުޅޭގޮތުން އަޅުގަނޑުމެން އެންމެންވެސް ވިސްނުމަށް. އަޅުގަނޑުމެން އެބަޖެހޭ ބިމާގުޅޭ ޢާންމު އުޞޫލެއް، ޢާންމު އޮނިގަނޑެއް އެކުލަވައިލަން. އެ އޮނިގަނޑުގެ ތެރެއިން އަޅުގަނޑުމެން އެބަޖެހޭ ބިމާގުޅޭ ޙައްލުތަކެއް ހޯދަން. އަޅުގަނޑުމެންނަށް، ސަރުކާރަށް ޝަކުވާ ލިބޭ. އަދި ސަރުކާރުންވެސް އެއީ މައްސަލައެއްގެ ގޮތުގައި ދެކޭ. ބައެއް ފަރާތްތަކުން ބޮޑެތި ބޮޑެތި ބިން، ފަޅުތައް ހިއްކައި، އެބިމުގެ ވިޔަފާރީގެ ފައިދާ ނަގަމުންދާއިރުގައި، އެކަމުން ދައުލަތަށް ލިބެންވާ އެތި ނުވަތަ ޢާންމު ރައްޔިތުމީހާއަށް ލިބެންވާ މިންވަރު ނުލިބޭތީވެ ނުކުންނަ ޝަކުވާ. އެހެންވީމާ، އަޅުގަނޑުމެން ބިމާ ގުޅޭގޮތުން މުޅި ޖުމްލަ ގޮތެއް ނެރޭއިރު، މިދެންނެވި ހުރިހާ ކަމަކަށް އަޅުގަނޑުމެންނަށް އަލިއަޅުވައިލެވެންޖެހޭނެ. އަދި ފާހަގަކުރެވެންޖެހޭނެ. އަޅުގަނޑުގެ ވިސްނުމަކީ އަދި އަޅުގަނޑުމެން ސަރުކާރުން ގެންގުޅޭ މައިގަނޑު އެންމެ މުހިންމު އެންމެބޮޑު އެއް ވިސްނުމަކީ، މިހާރު ބިން ހުރި ގޮތުން އަދި ބިންތައް ގެންގުޅޭ ފަރާތްތަކުން، އެބިންތައް ވަކިކުރުމަކީ ނުވަތަ ބަދަލުކުރުމަކީ އެއްވެސް ޙާލެއްގައި ބުއްދިވެރި ކަމަކަށްނުވާނެ. މިވެނި ބަޔަކު މިވެނި ކަމެއް ކޮށްފައި އެއޮތީ ގަވާއިދާ ޚިލާފަށޭ، އެހެންވީމާ، އެ ބިން ނަގާންވީއޭ. މިހެން އަޅުގަނޑުމެން ބުނާއިރުގައި، ދެން ޖެހިގެން ހުރި ބިންވެސް ބޭނުންކުރަމުން އަންނަނީ މާބޮޑު ގަވާއިދަކާ އެއްގޮތަކަށް ކަމަކަށް ނުފެނޭ. އަދި ހުރިހާ ބިމަކީވެސް ކޮންމެވެސް އެއްއިރެއްގެ ގަވާއިދަކާ ޚިލާފަށް ބޭނުންކުރަމުން އައި ބިންބިން. އެހެންވީމާ، ކޮންއިރެއްގެ ގަވާއިދަކާއި، ކޮންއިރަކުތޯ އެބިން ބޮޑުކޮށްފައި އޮތީ، މިހުރިހާ ނުކުތާއެއް އެބަ ނުކުމޭ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ބިމާ ގުޅޭގޮތުން ބަދަލެއް ގެންނަން، ބިމަށް ބަދަލެއް ގެންނަން އަޅުގަނޑުމެން ހިފާއިރު، އޭގެ ސަބަބުން އެބަ ވަރަށްގިނަ އެއްޗެހި ނިއުޅިގެންދެއޭ. އެހެންދާއިރު، ހަމަ އެކަށީގެންވޭ، އަޅުގަނޑުމެން ވަރަށް ބޮޑަށް އިޙްތިރާމްކުރާ، ބަލާ އަދި އަޅުގަނޑުމެންނަށް ބޭނުންތެރި ކިތަންމެ އެއްޗެއް ނިއުޅިގޮސްދާނެ. އަޅުގަނޑު އަބަދުވެސް މި ބޮޑު މަންޒަރަށް އެބަ ވިސްނާންޖެހޭ. ހަމައެހެންމެ، މާލޭގައި ބިން ތޮއްޖެހިފައި، މީހުން ތޮއްޖެހިފައިމިވާ މިންވަރާއި، މާލޭގައި ބިން ބޭނުންކުރަމުން މިއަންނަ އުޞޫލުތަކާއި އަދި ޢިމާރާތް ކުރުމުގެ އުޞޫލުތަކުން ރައްޔިތުންނަށް ދިމާވާ ކިތަންމެ ދައްޗެއް އެބަފެނޭ. ބައެއްފަހަރަށް އަޅުގަނޑަށް ވަރަށްގިނަ ޝަކުވާ ލިބޭ އެއްކަމެއް އެއީ، ޢިމާރާތެއް އަޅަން ފެށިއިރުގައި، ކުރެހުން ހުށަހެޅިގޮތާ ޚިލާފަށް، ޢިމާރާތް އަޅައި ނިންމާފައި ހުރީމާ، އެ ޢިމާރާތުގައި ދިރިއުޅުމުގެ ހުއްދަ މި ނުދެނީ. ނުދިނީމާ ދެން ވަކި އިތުރަކަށް ކުރެވޭ ކަމެއް ނޯވޭ އިނގޭތޯ. ހަމަ އެ ޢިމާރާތެއް ތަޅައެއް ނުލެވޭނެ ނުވަތަ ޙަޤީޤަތުގައި އެ ޢިމާރާތުގައި މީހުން ދިރިނޫޅެވޭނެ ގޮތަކަށް އެންގޭކަށްވެސް ނޯވޭ.

އެހެންވީމާ، އަޅުގަނޑުމެން ކަންކަމަށް ޙައްލެއް ގެންނައިރުގައި، އަޅުގަނޑުމެންނަށް ދިމާވާ ހުރިހާ ދަތިތަކާ އެބަ ވަރަށް ފުންކޮށް ވިސްނާންޖެހޭ. އަޅުގަނޑުމެންނަށް މި ރާއްޖޭގެ ބިމާ ގުޅޭގޮތުން ޢަމަލުކުރާން ފާހަގަވެފައިވާ ނުވަތަ އިޢްލާނު ކުރެވިފައިވާ އެކިއެކި ގަވާއިދުތައް ހުރިނެތްގޮތްވެސް ޙަޤީޤަތުގައި ޖުމްލަކޮށް ފުރިހަމަކޮށް އެނގޭ ކަމަށްވެސް ދެކިގެން ނުވާނެ. އަޅުގަނޑު ވަރަށް މަސައްކަތުން، ބިމާ ގުޅޭގޮތުން ހުރި ހުރިހާ ގަވާއިދަކާއި ޤާނޫނަކާއި އަދި ބިމާ ގުޅޭގޮތުން ޝަރީޢަތުން ނިންމާފައި ހުރި ބައެއް ނިންމުންތަކާއި އަދި ޒަމާނުއްސުރެ ފަށައިގެން ވަޤްފު ކޮމިޓީގެ މަސައްކަތްތައް ހިނގާފައި ހުރި ގޮތާއި، އަދި 1922 ގައި އެޗް.ސީ.ޕީ ބެލް މާލޭގެ ސަރވޭއެއް ހެދުމުގައި، މާލޭގެ ބިން ބޭނުންކޮށްފައި އޮތްގޮތް މިނިއިރުގައި ކަންކަން ހިންގާފައި އޮތް ގޮތާއި، އަދި ފަތްކޮޅުތަކާއި ލޯމާފާނުތަކުގައި ބިމާ ގުޅޭގޮތުން ޢަމަލުކޮށްފައި ހުރި ގޮތާ، މިކަންކަން އަޅުގަނޑު ބަލައިފިން. އޭގެ އަލީގައި ވަޒީރުންގެ މަޖިލީހުން މިގެންދަނީ ބިމާ ގުޅޭ ޖުމްލަ ފްރޭމްވަރކެއް، އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ބޭނުމަކީ ހަމަހަމަކަމުގައި، ހަމަހަމަ ގޮތުގައި ހުރިހާ ރައްޔިތުންނަށްވެސް އަދި އިޤްތިޞާދީ ފައިދާއަށްވެސް ބިން ބޭނުންކުރެވޭނެގޮތްވުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________