ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ހޮޅުމީދޫގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ވަރަށްބޮޑަށް ސަމާލުކަންދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމުގައެވެ. އަދި މިހާރު ކުރިޔަށްދާ ބަނދަރުގެ މަސައްކަތްވެސް ކުރިޔަށްދާނީ ރައްޔިތުން ގެންނަންބޭނުންވާ ބަދަލުތަކާއެކު ރައްޔިތުން އެދޭގޮތަށް ކަމުގައި ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެ މަސައްކަތްކުރިޔަށްދާއިރު ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު ފެށިފައިވާ މަގުހެދުމުގެ މަޝްރޫޢަށް މަގުތަކެއް އިތުރުކުރަންޖެހޭކަމަށާއި އަދި ނުނިމި ގިނަދުވަސްވެފައިވާ ފެނުގެ މަޝްރޫއުވެސް ހިމެނޭގޮތުން އެހުރިހާކަމެއް ވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މޭނާސްކޫލަކީ 75 އަހަރަށްވުރެ ދުވަސްވީ އަދި ފަޚުރުވެރި މާޒީއެއް އޮތް ސްކޫލެއްކަން ފާހަގަކުރައްވައި ސްކޫލުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢު ކުރިޔަށްގެންގޮސްދެއްވާނެކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ރައްޔިތުން އެދޭގޮތަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ލިބޭގޮތަށް ޔުނިވަރސިޓީގެ ކެންޕަހެއް ދަނާލަކާއެކު ހޮޅުދޫގައި ޤާއިމުކޮށްދެއްނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.