ވަޢުދު ވެވަޑައިގެންނެވިގޮތަށް ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮމަންޑޫގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާތާ އެތައް އަހަރެއްވެފައި ވީނަމަވެސް ރައްޔިތުން އެދޭފެންވަރުގައި އެރަށަށް ތަރައްޤީ ލިބެމުން ނުދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގެ ބިން ފުރިފައިވުމާއެކު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު އަންނަންޖެހޭކަމަށާއި، ބަންދަރާ ގުޅިފައިވާ އެކި މަސައްކަތްތަކާއި، ފެނާއިނަރުދަމާ މަޝްރޫޢުގައި ހައްލުކުރަން ހުރި ކަންކަމާއި އަދި މި ނޫންވެސް އެރަށުގެ ތަރައްޤީއަށް ކުރިއަށްދާ އަދި ކުރަންހުރި މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާވަނީ ހުރިހާ މަޝްރޫޢެއް ފުރިހަމަކޮށްދެއްވައި އެ މައްސަލަތަކަށް ދާއިމީ ހައްލުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން މަތިކޮމަންޑުއާ ގުޅާލުމުގެ މަޝްރޫޢުވެސް މި ސަރުކާރުން ކުރިއަށްގެންދާނީ ރައްޔިތުންނާ މަޝްވަރާކޮށްގެން، ރައްޔިތުން އެމަޝްރޫޢަށް ބަދަލުތަކެއް ގެންނަން އެދޭނަމަ އެބަދަލުތަކަކާވެސް އެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަބަދާއަބަދު ކަންކަން ވުމުގެ އުންމީދުގައި ތިބުމުގެ ބަދަލުގައި މިސަރުކާރުން ކަންކަން ނިންމައިދީ ނަތީޖާ ނެރެދެއްވާނެކަމުގައެވެ.