ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 34/2021 (ކޮވިޑް-19 އިން ރައްކައުތެރިވުމަށް މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުން) އާ ގުޅިގެން، 2021 މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މުއްދަތުގެ ތެރޭގައި މުވައްޒަފުން ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން މަސައްކަތް ކުރެވިދާނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.