السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ

ޢިއްޒަތްތެރި ބޮޑުވަޒީރު ނަރެންދްރަ މޯދީ، ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ
އިންޑިއާ ވަފުދުގެ އިސް ބައިވެރިން،
ހާޒިރުވެ ތިއްބެވި އެންމެހާ ބޭފުޅުން،

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، މަނިކުފާނަށާއި މަނިކުފާނުގެ ވަފުދަށް ހޫނު މަރުޙަބާއެއް ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު ޝަރަފަކާއި ފަޚުރެއް. އަދި، ދާދި ފަހުން ބޭއްވި ލޮކް ސަބާ އިންތިޚާބުގައި، މަނިކުފާނުގެ ޕާޓީން ހޯދި ތާރީޚީ ކާމިޔާބީއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ދަންނަވަން.

މަނިކުފާނު ދެވަނަ ދައުރަކަށް، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިޚްތިޔާރުކުރެއްވިކަމީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. މަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުން، އިތުރަށް އާލާވެ ބަދަހިވެފައިވާކަމުގެ އަލިގަދަ ހެއްކެއް.

ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވަނީ، ގިނަ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ ވަރަށް ވަރުގަދަ ގުޅުމެއް. އިންޑިޔާ ކަނޑުން ގުޅިފައިވާ އަޅުގަނޑުމެންގެ މި ދެ ޤައުމަކީ، އެއް ގޮތް ގިނަ ކަންތައްތަކެއް އެކުލެވިފައިވާ ދެ ޤައުމު. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ދެ ޤައުމުގެ އާދަކާދަތަކާއި ތާރީޚާއި ސަގާފަތް ހިމެނޭ. އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރުމުގެ އެތައް އަހަރެއް ކުރިންވެސް، ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައިވަނީ، ތަފާތު މުޢާމަލާތްތަކުގެ ޒަރީޢާއިން ވަރަށް ބަދަހި ގުޅުމެއް އުފެދިފައި.

ޢިއްޒަތްތެރި ބޮޑުވަޒީރު؛

ފެށުނީއްސުރެ އަޅުގަނޑުގެ ސަރުކާރުގެ އަމާޒަކީ، އެންމެހައި ރައްޔިތުން ޝާމިލްވާ ޢަދުލުވެރި ސަރުކާރެއްގެ ޒަރީޢާއިން، ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްޤީއެއް ގެނެސްދިނުން. މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި އިންޑިއާއިން ވެދޭ އެހީތެރިކަމުގެ އަގު އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަން. އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތަށް، އިންޑިއާއިން ވެދޭ ދީލަތި އެހީތެރިކަމަށްޓަކައި މަނިކުފާނަށް ޝުކުރު ދަންނަވަން.

އަޅުގަނޑާއި ބޮޑުވަޒީރު މޯދީ އެންމެ ފަހުން ބައްދަލުވި ދުވަހުން ފެށިގެން، މިއަދާ ހަމަޔަށް ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން، ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ވެސް އަޅުގަނޑުމެން މަޝްވަރާކުރިން. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް، އަޅުގަނޑުމެން މަޝްވަރާ ކުރިން. މިއަދު ސޮއި ކުރެވުނު އެމް.އޯ.ޔޫ ތަކާއި އިފްތިތާޙްކުރެވުނު ދެ މަޝްރޫޢުކަމުގައިވާ އެމް.އެންޑީ.އެފްގެ "ކޮމްޕޮސިޓް ޓްރޭނިންގެ ފެސިލިޓީ" އަދި "ކޯސްޓަލް ސަރވެއިލެންސް ރާޑަރ ސިސްޓަމް"އަކީ މި އަމާޒާ ހަމައަށް ވާސިލްވުމަށް ލިބޭނެ އިތުރު ކުރިއެރުމެއް.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސޮއި ކުރި "ވިސާ ފެސިލިޓޭޝަން އެގްރީމަންޓް" އަށް މިހާރު ވަނީ ޢަމަލުކުރަން ފެށިފައި. މި އެއްބަސްވުމުގެ ސަބަބުން، މި ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިއްޖެ. އަދި، ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހީންގެ ފަރާތުން، ދެ ޤައުމުގެ ސަގާފީ އަދި އިޤްތިޞާދީ ކުރިއެރުމަށް ލިބެމުންދާ އެހީތެރިކަން، އަޅުގަނޑާއި ބޮޑުވަޒީރު ޝުކުރުވެރިކަމާއެކު ފާހަގަކުރަން. ހަމަ މިމޭރުމުން، ކޮންސިއުލަރ ކަންތައްތައްތަކުގައި ކުރިއަށްވުރެ ބޮޑަށް، ދެ ޤައުމުން ވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެވުނު.

ދެޤައުމުގެ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމް މިއަދު އޮތް ހިސާބަށްވުރެ ބޮޑަށް ވަރަގަދަ ކުރުމަކީ ދެޤައުމަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއްކަމުގައި އަޅުގަނޑާއި ބޮޑުވަޒީރަށް އެއްބަސްވެވުނު. ކޮޗި އާއި ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ޚިދުމަތް ޤާއިމްކުރުމާ ގުޅޭ ގޮތުން މިއަދު ސޮއިކުރި އެމްއޯޔޫގެ ސަބަބުން، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި މުދަލާއި މީހުން އެކުލެވޭ މުޢާމަލާތްތަކުގައި ދެޤައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށައިގަނެ ޚިދުމަތް ލިބެން ފެށުން.

އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައިވާ ރަޙުމަތްތެރިކަމުގެ ގުޅުމުގެ ދެގޮތެއް ނުވާ ރަމްޒެއްގެ ގޮތުގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ދެމިހުންނާނެ. އެ ހޮސްޕިޓަލްގެ ޚިދުމަތްތަކާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް، މެދުކެނޑުމެއް ނެތި އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމުގެ އަގު ވަޒަންކޮށް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން. ޞިއްޙީ ރޮނގުން އިތުރަށް އެއްބާރުލުން ދިނުމަށް މިއަދު ސޮއި ކުރި އެމްއޯޔޫއަކީ، ރާއްޖޭގެ ސިއްޙީ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް އިންޑިއާ ސަރުކާރުން ވެދެމުން އަންނަ އެހީތެރިކަމަށް ލިބުނު އިތުރު ކުރިއެރުމެއް.

މަސައްކަތްތެރިންގެ ހުނަރުވެރިކަން ތަރައްޤީކުރުމަށް އިންވެސްޓްކުރުމަކީ، އަޅުގަނޑުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއް. އެގޮތުން، އިންސާނީ ވަސީލަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު އެމް.އޯ.ޔޫތަކެއްގައި މިއަދު ސޮއިކޮށްފި. ފުރަތަމަ އެމް.އޯ.ޔޫއަކީ، ފަސް އަހަރުގެ ތެރޭގައި 1000 ސިވިލް ސާރވަންޓުން ތަމްރީން ކުރުމަށް، ރާއްޖޭގެ ސިވިލް ސާރވިސް ކޮމިޝަނާއި، އިންޑިއާގެ "ދަ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް"އާ ދެމެދު ސޮއިކުރި އެމް.އޯ.ޔޫ. ދެވަނަ އެމް.އޯ.ޔޫއަކީ، ކަސްޓަމްސްގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު އެމް.އޯ.ޔޫއެއް. މި އެމް.އޯ.ޔޫގެ ދަށުން ކަސްޓަމްސް އޮފިޝަލުންގެ މަސްޢޫލިއްޔަތުތައް ޢަދާކުރެއްވުމުގެ ޤާބިލްކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގޭނެ. އަދި، ހައިޑްރޮގްރަފީގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ވަރަށްވެސް ސްޕެޝަލައިޒްޑް ދާއިރާއަކުން ރާއްޖޭގައި މިހާރު ހުރި ޤާބިލިއްޔަތު ފުޅާކުރެވޭނެ.

އޭގެ އިތުރުން، މިދިޔަ ޑިސެންބަރު މަހު އަޅުގަނޑު އިންޑިއާއަށް ކުރި ޒިޔާރަތުގައި، އެކި ދާއިރާތަކުން ދިވެހިން ތަމްރީން ކުރުމަށް، އިންޑިއާ ސަރުކާރުން ފަހިކޮށްދިނުމަށް ނިންމި 1000 ތަމްރީން ފުރުސަތުގެ ބޭނުން، އެންމެ އެދެވޭ ގޮތުގައި ހިފުމާ ގުޅޭ ގޮތުން ވެސް ބޮޑުވަޒީރާއެކު އަޅުގަނޑު މިއަދު މަޝްވަރާކުރިން.

ބަޖެޓަރީ ސަޕޯޓާއި، ޓީ-ބިލް، ކަރެންސީ ސްވަޕް އަދި ލައިން އޮފް ކްރެޑިޓް ފޯރުކޮށްދިނުމަށް އިންޑިއާއިން ވެދީފައިވާ މާލީ އެހީތެރިކަމަށް ބޮޑުވަޒީރަށް އަޅުގަނޑު ޝުކުރު ދެންނެވިން. މީގެ ތެރެއިން ބަޖެޓަރީ ގްރާންޓް އަދި ޓީ-ބިލް ތަކުގެ ސަބްސްކްރިޕްޝަންތައް ވަނީ މިހާރު ލިބިފައި.

އޭގެ އިތުރުން، މި އަހަރުގެ މާރިޗު މަހު ދެ ޤައުމުން ސޮއިކޮށްފައިވާ، 800 މިލިއަން އެމެރިކާ ޑޮލަރުގެ "ލައިން އޮފް ކްރެޑިޓް" އެއްބަސްވުން ތަންފީޒުކުރުމުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ވެސް ބޮޑުވަޒީރާ އެކު މަޝްވަރާކުރިން. މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ދާދި އަވަހަށް، އަލުން ފަށައި ކުރިއަށް ގެންދިއުމަށް ދެ ޤައުމުން ވެސް އަންނަނީ މަސައްކަތްކުރަމުން. މި މަޝްރޫޢުތަކުގެ ތެރޭގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމާއި، ޢުމްރާނީ ތަރައްޤީއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމަށް އެހީތެރިވުން ހިމެނޭ. އަދި، ބަނދަރުހެދުމާއި، ސިއްޙަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި ހަކަތައިގެ ދާއިރާއިން މިހާރު މަސައްކަތް ފަށާފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު.

ހަމަ އެހެންމެ، އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އާލާކުރުމަށާއި، ތަޢުލީމާއި ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަށާއި، ޤާނޫނުގެ ނިޒާމު ނެގެހެއްޓުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް، މިދިޔަ މާރިޗު މަހު، ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަން ނިންމާފައިވާކަމަށް އިޢުލާންކުރެވުނު ހިލޭ އެހީ ބޭނުންކުރުމާ ގުޅޭ ގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން.

ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ އިތުރުން، ދެ ޤައުމުގެ މަސްލަޙަތާ ގުޅިފައިވާ ބައިނަލްއަޤުވާމީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް ބޮޑުވަޒީރާއެކު އަޅުގަނޑު މަޝްވަރާކުރިން. މޫސުމަށް އަންނަ ބަދަލުތަކަކީ، އަޅުގަނޑުމެން ވަގުތުން ސަމާލުކަން ދޭންޖެހިފައިވާ، ވަރަށް ބޮޑު ނުރައްކަލެއް ކަމަށް، ބޮޑުވަޒީރު ވެސް އެއްބަސްވެވަޑައިގެންނެވި ކަމީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތައް، މިހާރަށް ވުރެ ވަރުގަދަކުރުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް އަޅުގަނޑުމެން އެއްބަސްވިން. އޭގެ އިތުރުން، "ފްރޭމްވަރކް އެގްރީމަންޓް ފޮރ އެސްޓަބްލިޝިންގް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް" ރާއްޖެއިން ތަސްދީޤުކޮށްފައިވާކަން، އަޅުގަނޑު ބޮޑުވަޒީރަށް ދެންނެވިން. އަދި، ބައިނަލްއަޤްވާމީ އިޤްތިޞާދީ ނިންމުންތަކުގައި، ކުރިއަރަމުން އަންނަ ޤައުމުތަކުގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބަލައިގަނެ އިތުރުކުރުމަށްޓަކައި، އ.ދ ގެ ސަލާމަތީ މަޖިލިސް ފަދަ އ.ދ ގެ މައިގަނޑު ގުނަންތައް އިޞްލާޙް ކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވެސް އަޅުގަނޑާއި ބޮޑުވަޒީރަށް އެއްބަސްވެވުނު.

ޓެރަރިޒަމްގެ ހުރިހާ ޢަމަލުތަކެއް ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާކަމާއި، ޓެރަރިޒަމްއާ ހަރުކަށި ފިކުރާ ދެކޮޅަށް މިސަރަޙައްދުގައާއި މިސަރަޙައްދުން ބޭރުގައިވާ ޤައުމުތަކާއެކު ގަދައަޅާ މަސައްކަތްކުރުމަށް މިސަރުކާރު ތައްޔާރަށް އޮތްކަން އަޅުގަނޑު ބޮޑޮވަޒީރަށް ދެންނެވިން.

ޢިއްޒަތްތެރި ބޮޑުވަޒީރު؛

އަޅުގަނޑު ވެރިކަމާ ޙަވާލުވި ދުވަހުން ފެށިގެން، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އަލުން އިޢާދަކޮށް ބަދަހިކުރުމާއެކު، އަވައްޓެރި އެހެން ޤައުމުތަކާއެކު ވެސް އިތުރަށް ގުޅުން ބަދަހިކުރުމަށް. އިންޑިއާ ކަނޑުގެ ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން ކަށަވަރުކުރުމަކީ އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއްދޭ ކަމެއް. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި، އިންޑިއާ ކަނޑުގެ ހަމަޖެހުން މުހިންމުވަނީ، ބައިނަލްއަޤުވާމީ ވިޔަފާރީގެ މުޢާމަލާތްތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް އެކަންޏެއްނޫން. ރާއްޖޭގެ ތަރައްޤީއާއި ސުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ވެސް، އިންޑިއާ ކަނޑުގެ ޞުލްޙަވެރިކަމާއި ހަމަޖެހުން ކަށަވަރުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގުޅުމަކީ، އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެ ގުޅުމެއް. އަޅުގަނޑު މަޤާމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި މަނިކުފާނު ބައިވެރިވެވަޑައިގަތުމާއި، މިދިޔަ އަހަރު އަޅުގަނޑު އިންޑިއާއަށް ކުރި ޒިޔާރަތާއި، އަދި، ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާ މަތީ ފަންތީގެ ދަތުރުތަކުގެ ސަބަބުން، އަޅުގަނޑުމެން ދެ ޤައުމުގެ ގުޅުމަށްވަނީ އިތުރު ދިރުމެއް ލިބިފައި.

ޢިއްޒަތްތެރި ބޮޑުވަޒީރު؛

ރާއްޖޭގެ ރަޙްމަތްތެރިއެއްގެ ގޮތުންނާއި ބައިވެރިއެއްގެ ގޮތުގައި، ރާއްޖެއާ މެދު މަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން ބަހައްޓަވާ ގާތްކަމަށްޓަކައި، ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މަނިކުފާނަށާއި އިންޑިއާގެ ރައްޔިތުންނަށް، އަޅުގަނޑު އެދެނީ ސުލްޙަވެރިކަމާއި ކުރިއެރުމާއި ތިޔާގިކަން. ދިވެހިރާއްޖެ އަބަދުމެ ދެމިއޮންނާނީ، އަޅުގަނޑުމެންގެ ދެޤައުމާއި ސަރަޙައްދުގެ ތަރައްޤީއާއި ސުލްޙައަށް މަސައްކަތްކުރާ، އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި.

ޝުކުރިއްޔާ

وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ