بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 24 ޖޫން 2011 ވީ ހުކުރު ދުވަސް. އެނގިވަޑައިގަންނަވާނޭ ފަދައިން، މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާތީއާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢްލޫމާތު، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި.

ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެވާ ބިދޭސީން، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަންވަނީ މާކުރިއްސުރެ ފަށައިގެން ފާހަގަކުރެވިފައި. އަދި ވަޒީފާ އަދާކުރާ ބިދޭސީންގެ މަޢްލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގައި، ބޮޑެތި މައްސަލަތަކެއް ހުރިކަންވެސް ވަނީ ފާހަގަކުރެވިފައި. އިމިގްރޭޝަންގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ގަވާއިދުން މަސައްކަތް ކުރަން ތިބީ ނުވަދިހަ ހަތަރުހާސް ބިދޭސީން. އެހެން ނަމަވެސް، ހިއުމަން ރިސޯސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ތިބީ ހަތްދިހަ ތިންހާސް މީހުން. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު ސާޅީސްހާހަށްވުރެ މަތިވާނެ ކަމަށް މިހާރުވަނީ ލަފާކޮށްފައި.

މިހިސާބަށް މިކަން ގޮސްފައިވަނީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް، އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާތީ. އަދި ބޭރުމީހުން ރާއްޖެ އައުމާއި، ރާއްޖޭގައި މަސައްކަތް ކުރުމާއި، ދިރިއުޅުމާ ބެހޭގޮތުން ހަރުދަނާ ނިޒާމެއް ޤާއިމް ކުރެވިފައި ނެތުމުން. އެހެންކަމުން، މިކަން ބަލައި، ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި.

އެގޮތުން، ރާއްޖެއަށް ބިދޭސީން އެތެރެވުމުގައި، ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބައްލަވައި، އެކަންކަމުގެ ތަޙްޤީޤު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މިހާރުވާނީ ދަންނަވާފައި. އަދި އެމް.އެން.ޑީ.އެފް.ގެ ބެލުމުގެ ދަށުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނާއި، ހިއުމަން ރިސޯސް މިނިސްޓްރީގެ އައި.ޓީ ނިޒާމު ބަލަހައްޓައި ހަރުދަނާ ކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައި. މީގެއިތުރުން، މިހާރުހުރި ޤާނޫނުތައް ފުރިހަމައަށް ތަންފީޛުކޮށް، އޭގައި ހުރި އުނި ކަންތައްތައް ބަލައި އިޞްލާޙު ކުރުމާއި، އިމިގްރޭޝަން އޮފިސަރުންގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަމްރީނު ދިނުމާއި، ސުލޫކީ މިންގަނޑުތަކެއް ކަނޑައެޅުމަށްވަނީ ހަމަޖެހިފައި.

ގަވާއިދާ ޚިލާފަށް ރާއްޖެއަށް އިތުރުވާ ބިދޭސީންގެ ކަންތައްތައް ޙައްލު ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ވާހަކަ މިފުރްޞަތުގައި އަޅުގަނޑު ދަންނަވާލަން. އަދި ދިވެހިރާއްޖެއަކީ، ހިއުމަން ޓްރެފިކިންގގެ ހާއްޔަކަށްވިޔަނުދޭނެ ކަމުގެ ޔަޤީންކަން، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަރުވަން. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢަށްވެސް މިކަން އަޅުގަނޑު ހާމަކުރަން. ހަމައެއާއެކު، ރާއްޖެއަކީ އިންސާނީ ކަރާމާތަށް އިޙްތިރާމްކުރާ ޤައުމަކަށް އަދި ރާއްޖޭގެ ރައްޔިތުންނަކީ، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، ތަހުޒީބީ ދިރިއުޅުމަކަށް ދިޔުމަށް މަސައްކަތްކުރާ ބައެއް ކަމަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު އަރުވަން.

އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ ވަރަށް މުހިންމު އެހެން ވާހަކައެއް. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ތިބި ޢުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން މިގެންދަނީ އަޅާލަމުން އެހީތެރިކަން ފޯރުވައިދެމުން. 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ސަރުކާރުން މަހަކު 2000 ރުފިޔާގެ ފައިސާގެ އެހީއެއްވެސް މިގެންދަނީ ދެމުން.

ޢުމުރުން ދުވަސްވީ މީހުންނަކީ، އެމީހުންގެ ދަރިންނާއި ޢާއިލާގެ ހުރިހާ މެންބަރުންގެ އެހީއާއި މަދަދު ވަރަށް ބޮޑަށް ބޭނުންވާނެ ބައެއް. އޯގާތެރިކަމާއެކު އެމީހުން ބަލައި، އަޅާލައި، އެމީހުން އަބަދުވެސް ހިތްހަމަޖައްސައިދިނުމަކީ، އެ ޢާއިލާއެއްގެ ކޮންމެ މެންބަރެއްގެ ވާޖިބެއް. މިކަންކަން މިހެން ހުރުމާއެކުވެސް، ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލަންޖެހޭ މިންވަރަށް އަޅާނުލެވި، އެމީހުންނާ ހަވާލުވާނެ މީހަކު ނެތި ބިކަ ހާލުގައި ބައެއް މީހުން އުޅެންޖެހޭތަން ފެންނަމުންދާކަމީ ވަރަށް ހިތާމަހުރިކަމެއް. މިފަދަ ހާދިސާއެއް މިމަހުވެސް ވަނީ ދިމާވެފައި.

ޢުމުރުން 79 އަހަރުގެ ފިރިހެނަކު، އޭނާ ދިރިއުޅޭ ރަށުން މާލެ އައިސް އަޅާލާނެ މީހަކު ނެތިގެން މި މަހުގެ 8 ވަނަ ދުވަހު ސަރުކާރުން އެ މީހާއާ ހަވާލުވި. އަދި އޭނާގެ ޢާއިލާއާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތްކޮށް، އޭނާގެ ތިން ދަރިންނާ ގުޅުމުންވެސް ހަވާލުވާނެ ދަރިއަކު ނުވި. އެންމެ ފަހުން، މި މަހުގެ 12 ވަނަ ދުވަހު މިދެންނެވި މީހާ ވަނީ ނިޔާވެފައި.

ޢުމުރުން ދުވަސްވީ މީހަކު، ސަރުކާރު ފިޔަވައި އަޅާލާނެ އެއްވެސް ފަރާތެއް ނެތި ބިކަ ހާލުގައި މި ދުނިޔެ ދޫކުރިކަން އެއީ ހިތާމައެއް. ޢުމުރުން ދުވަސްވީ މީހަކާ ދޭތެރޭގައި އަލާނުލެވި މިފަދަ ދެރަ ގޮތެއް މެދުވެރިވެގެނެއް ނުވާނެ. އެހެންކަމުން، މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ، ތިޔަބޭފުޅުންގެ ޢާއިލާގައި ތިއްބެވި ޢުމުރުން ދުވަސްވީ މީހުންނާ ދޭތެރޭގައި މިހާރަށްވުރެ ބޮޑަށް އަޅާލެއްވުމަށް. އެމީހުންނާ ދޭތެރޭގައި އިހާނެތިކޮށް ނުހިއްތެވުމަށް. އެމީހުންގެ ހުރިހާ ކަމެއް ވަރަށް ގާތުން ބައްލަވައި، އޯގާތެރިކަމާއެކު ހުރިހާ ކަމެއްވެސް ކޮށްދެއްވުމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________