بســم اللّـه الرّحمـن الرّحيــم
السّـلام عليـكم
މިއަދަކީ 20 މެއި 2011 ވީ ހުކުރު ދުވަސް. ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަށް އަންނަ ބަދަލުތަކުގެ މަޢްލޫމާތު، މިދިޔަ ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި އަޅުގަނޑުވާނީ ރާއްޖޭގެ ރައްޔިތުންނާ ޙިއްޞާ ކޮށްފައި. މިހަފްތާގައިވެސް މީގެ އިތުރު ބައެއް ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން.
ފަޤީރު ޤައުމުތަކުގެ ލިސްޓުން އުނިވެ، މިހިނގާ 2011 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައި މިވަނީ، މެދު އާމްދަނީގެ ޤައުމެއްގެ ގޮތުގައި. މި ބޮޑު ބަދަލާއެކު މިހާތަނަށް ރާއްޖޭގައި ހިންގަމުން އައި ޒަމާންވީ އިޤްތިޞާދީ ގޮތްތަކާއި، ދައުލަތުގެ ޚަރަދު ބަރަދާއި، ދައުލަތަށް އާމްދަނީ ލިބޭ އުޞޫލުތަކަށްވެސް މިވަނީ ހަރުދަނާ، ދެމެހެއްޓެނިވި ބޮޑެތި ބަދަލުތަކެއް ގެނައުން ކޮންމެހެން ލާޒިމުވެފައި.
ރާއްޖޭގައި މިހާތަނަށް އާދަވެފައި އޮތް ޒަމާންވީ އިޤްތިޞާދީ އުޞޫލަކީ، ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑުވެ، އަހަރުން އަހަރަށް ދަރަނި ޖަމާވެ، ބޮޑުވަމުން ދިޔުން. އެއީ، ބަޖެޓް ޑެފިސިޓްވުމުގެ ނުވަތަ ބަޖެޓް ފޫ ނުބެއްދުމުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާ. ދަރަނި ބޮޑުވުމުގެ ސަބަބުން ބޭންކުތަކުގައި ހުރި ފައިސާ، ޢާންމު ވިޔަފާރިތަކަށް ދޫކުރުމުގެ ބަދަލުގައި، އެ ފައިސާ ލޯނުގެ ގޮތުގައި ދައުލަތުން ބޭނުންކުރަނީ ދުވަހުން ދުވަހުގެ ޢާންމު ޚަރަދުތައް ފޫބެއްދުމަށް.
މެދު އާމްދަނީގެ ޤައުމަކަށް ބަދަލުވެ، އަދި މުސްތަޤުބަލުގައި ދިވެހިރާއްޖެއަކީ، ފުއްދުންތެރި ޤައުމަކަށްވުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތަށް ކޮންމެހެން ބޭނުންވާ ހެޔޮ ބަދަލު ގެނައުމަށް ސަރުކާރުން މިވަނީ މަސައްކަތް ފަށާފައި. އޭގެތެރޭގައި، ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރު އޭގެ ހަމަ އަގުގައި ވާދަކުރުމުގެ މިނިވަންކަން ވީއްލުން ހިމެނޭ. ކުރިން ހުރި ރޭޓް އެއީ، މެދު ކަމުގައި ބަލައި، ޖުމްލަ ވިހި އިންސައްތައިގެ ޖާގައެއްލުމަށްފަހު، ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރުގެ ވިޔަފާރި މިހާރު މިވަނީ މިނިވަންކަމާއެކު ދިރިދިރި އޮންނާނެ ރޭޓަކަށް ވީއްލިފައި.
މުޅި ރާއްޖޭގެ ފުއްދުންތެރިކަން ރަނގަޅު ކުރުމަށްޓަކައި މިބަދަލު ސަރުކާރުން ގެނައީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކްގެ ލަފައާއެކު، ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން އެމް.އެމް.އޭ ގެ ބޯޑާ ސަރުކާރުން މަޝްވަރާ ކުރުމަށްފަހުގައި. ކޮންމެ އެމެރިކާ ޑޮލަރަކީ، ދިވެހި 12 ރުފިޔާ 85 ލާރި ކަމަށް ކުރިން ކަނޑައެޅިފައި އޮތް ނަޤުލީ އަގަކީ، މި ދެފައިސާގެ ވިޔަފާރީގެ މުޢާމަލާތުން ހޯދިފައި އޮތް ޞައްޙަ އަގެއް ނުވަތަ ރޭޓެއް ނޫން. ނަތީޖާއެއްގެ ގޮތުން ވޭތުވި އަހަރުތަކުގައި ބޭންކްތަކުގައި ޑޮލަރު ދައުރުވާ މިންވަރު އިންތިހާއަށް ދަށްވުމުން، އަޅަންޖެހޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި މިފިޔަވަޅު އަޅައި، ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރުގެ ހަމަ އަގު ދެނެގަތުމަށް ސަރުކާރުން ކަނޑައެޅީ.
ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ އަސާސް ބިނާވެފައިވަނީ، މީގެކުރިން ރާއްޖޭގައި ދަމަހައްޓާފައިނުވާ މައިގަނޑު ތިން ކަމެއްގެ މަތީގައި. އެއީ، ޑެފިސިޓް ނުވަތަ ބަޖެޓް ފޫނުބެދޭ މިންވަރު ކުޑަ ކުރުމަށްޓަކައި ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުމާއި، ދިވެހި ރުފިޔާ އިންތިހާއަށް ގިނަވެ، އޭގެ އަގުދަށްވެގެން ދިޔުން ހުއްޓުވުމަށްޓަކައި ރުފިޔާ ޗާޕްކުރުން ހުއްޓާލުމާއި، ސަރުކާރުން ކުރަމުން ގެންދާ ގިނަ މަސައްކަތްތަކެއް ކޯޕްރަޓައިޒް އުޞޫލުން ޤާބިލުކަން ހުރި އަމިއްލަ ފަރާތްތައް ޝާމިލްވެގެން ހިންގަމުންދާނެ މަގުތައް ފަހިކުރުން.
ސިޔާސަތެއް ތަންފީޛުކުރުމުގެ ޖުމްލަ ހެޔޮ ނަތީޖާ ފެންނަނީ، އެ ސިޔާސަތާ ގުޅޭ ގޮތުން ލާމެހި ވަށާޖެހެންޖެހޭ އެތައްކަމެއް ގުޅި، އަދި އެ ސިޔާސަތާ ގުޅޭ ޤާނޫނީ ތަރަހަތައް ބިނާވެ ފުރިހަމައަށް ހިންގާން ފެށުމުން. މިހާތަނަށް ތަންފީޛު ކުރެވުނު މިންވަރުން ވަރަށް މުހިންމު އަސާސީ ހެޔޮ ނަތީޖާތަކެއް ދަނީ ފެންނަމުން.
2008 ގައި ދިވެހިރާއްޖޭގެ ބަޖެޓް ދެކޮޅު ނުޖެހުން އޮތީ، ކޮންމެ 100 އަކުން 30ގައި ކަމަށްވާއިރު، ސިޔާސަތަށް ގެނެވުނު ބަދަލުގެ ސަބަބުން، މިހާރު ޑެފިސިޓް މިހުރީ، ޖީ.ޑީ.ޕީ ގެ 10 ވަރަކަށް ޕަސެންޓަށް ތިރި ކުރެވިފައި. ކުރިން ބެލެވިފައިވާ މިންގަނޑުން މުދަލާއި، ޚިދުމަތުގެ އަގު މައްޗަށް ދިޔުމުގެ ދުވެލި 100 އަކުން 12 ގައި ވަނިކޮށް، ސިޔާސަތަށް ގެނެވުނު ބަދަލުގެ ސަބަބުން، އެ މިންގަނޑު މިހާރު މިހުރީ 100އަކުން 6 އަށް ދަށް ކުރެވިފައި. ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ މިންވަރު 2006 ވަނަ އަހަރުގައި ހުރީ މިދެންނެވިހެން 12 ޕަސެންޓަށް، ކޮންމެ 100 ރުފިޔާއަކުން 12 ރުފިޔާ އިތުރުވަމުންދޭ. 2007 ގައިވެސް ދިޔައީ އެގޮތަށް. 2008 ގައިވެސް ދިޔަ. އެހެންނަމަވެސް، މިއަދު އިރާދަކުރެއްވިއްޔާ އެމިންވަރު މިވަނީ 6 ޕަސެންޓަށްވުރެ ދަށަށް ތިރިކުރެވިފައި. ތަކެތީގެ އަގު މައްޗަށް ބައެއް ފަހަރަށްދޭ. އެހެންނަމަވެސް، އެތަކެތީގެ އަގު މައްޗަށް ދަމުންދާ ރޭޓް، މިހާރު މިހުރީ ކިތަންމެ ތަނަކުން ކުޑަކުރެވިފައި.
ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ސީދާ ގޮތުން ނެގޭ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެއާ ގުޅިގެން ޢަމަލު ކުރަންޖެހޭ އުޞޫލުތައް ކަނޑައަޅައި ކަމާބެހޭ ގާނޫނު ތަޞްދީޤުކޮށް މިހާރުވަނީ ޢަމަލު ކުރަން ފަށާފައި.
ޓޫރިޒަމް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި، ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު، އެނގިވަޑައިގަންނަވާނެ، މިއަހަރުގެ ޖެނުއަރީމަހުއްސުރެ ފެށިގެން މިގެންދަނި ތަންފީޛު ކުރަމުން. ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް އިރާދަކުރެއްވިއްޔާ ތަންފީޛު ކުރަން ފެށި، 18 ޖުލައިއްސުރެ ފެށިގެން އެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެ ޓެކްސް ނަގަމުން ގެންދެވޭނެ.
ކުރިއަށް އޮތް ތަނުގައި ސަރުކާރުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ ތެރޭގައި، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން މިހާރު ނަގާ 100އަކުން 3.5 ގެ ބަދަލުގައި، އެ އަދަދަކީ، 6 ޕަސެންޓްގެ ޓެކްސްއެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މިހާރު މިގެންދަނީ ވިސްނަމުން. ޢާންމު ވިޔަފާރިތަކުންނާއި ދޭ ޚިދުމަތުގެ އަގުންވެސް 3 ޕަސެންޓެއްހާވަރުގެ ޓެކުސްއެއް ނެގުމަށް ސަރުކާރުން މިހާރު މިދަނީ ތައްޔާރުވަމުން. މި ޓެކްސްތަކުގެ އިތުރުން، އާމްދަނީއިން ޓެކްސް ނެގުމުގެ ބިލެއްވެސް މިހާރު ސަރުކާރުން މިހާރު މިވަނީ އެކުލަވާލާފައި. އިރާދަކުރެއްވިއްޔާ އެބިލުވެސް ދާދި އަވަހަށް މަޖިލީހަށް ހުށަހެޅިގެންދާނެ.
ލިބޭ އާމްދަނީއެއްގެ މައްޗަށް ބިނާވެގެން، ތާހިރު ދިރިއުޅުމެއް އުޅެވޭނެ އަދި އެމީހަކު ކުރާ މަސައްކަތަށް ޙައްޤުވާވަރަށްވުރެ ދަށް އުޖޫރައެއްގައި އެއްވެސް މީހަކު ވަޒީފާގައި ނުގެންގުޅެވޭނެފަދަ، މީހަކަށް އެންމެ ދަށްވެގެން ދެވޭނެ އުޖޫރަ މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ކަނޑައަޅާނެ.
މިމޭރުމުން ދައުލަތުގެ އާމްދަނީ އިތުރުކުރެވި، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނަގަން ފެށުމުން ނެރެވޭނެ ހެޔޮ ނަތީޖާއަކީ، އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ މުދަލުގެ ބާވަތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ޢާންމު ބޭނުންތަކަށް ބޭނުންކުރާ ގިނަ ބާވަތްތަކުން ޒަމާނުއްސުރެ ނަގަމުން އައި އިމްޕޯޓް ޑިއުޓީ، އިރާދަކުރެއްވިއްޔާ ނެގުން 2012 ވަނަ އަހަރުން ފެށިގެން ކަނޑާލެވޭނެ.
މެދު އާމްދަނީގެ ޤައުމަކަށް ރާއްޖެ ބަދަލުވުމުން، އިޤްތިޞާދީ ސިޔާސަތު މިވަނީ ބަދަލުވެފައި. އަޅުގަނޑު މި ހިނދު ދަންނަވަން ބޭނުން، އިތުރު ވާހަކައެއް. މިފަދަ ބޮޑެތި އިޤްތިޞާދީ ބަދަލުތަކެއް އަޅުގަނޑުމެންގެ އިޤްތިޞާދަށް، މާލިއްޔަތަށް މި ގެނެވެނީ ޙަޤީޤަތުގައި މާލިއްޔަތުގައި، އަދި އިޤްތިޞާދުގައި އެ ފަންވަރު ހުރީތީވެ. އަޅުގަނޑުމެން މިސާލެއްގެ ގޮތުގައި ބައްލަވައިފިނަމަ، އަޅުގަނޑުމެންނަށް ޑިމޮކްރަސީ ތަޢާރުފު ކުރެވިފައި މިއޮތީ އަޅުގަނޑުމެންގެ އެންމެނަށްވެސް ލިޔަންކިޔަން އެނގޭތީ. ގިނަމީހުންނަކީ، މަދަރުސާއަކަށްގޮސްފައިވާ މީހުންނަށްވާތީ. ހަމައެހެންމެ، އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި މާލީ ޙާލަތު އަދި އެ ސިޔާސަތުގެ ބައްޓަމާއި، އެ ސިޔާސަތުގެ ތަރަހަތައް މިއޮތީ، މިއަދު އަޅުގަނޑުމެންނަށް އަނބުރާލެވޭނެ ފަންވަރެއްގައި. އިރާދަކުރެއްވިއްޔާ ސަރުކާރުން އެމަސައްކަތް ކުރިއަށް ގެންދާނަން. އަދި އިރާދަކުރެއްވިއްޔާ މި ރާއްޖެއަކީ ތަނަވަސް، އަޅުގަނޑުމެންނަށް އުފާވެރި، އަޅުގަނޑުމެން ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ޤައުމަކަށް ހަދައިދިނުން މި ސަރުކާރުގެ ބޭނުމަކީ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. والسّـلام عليـكم.
______________________