ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަށް އަންނަ ބަދަލުތަކުގެ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނާ ޙިއްޞާ ކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިމަޢްލޫމާތުތައް ޙިއްޞާ ކުރައްވަމުން، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު، ޖީ.ޑީ.ޕީ އަންދާޒާ ކުރަން ބޭނުންކުރާ މަޢްލޫމާތު، މިދިޔަ އަހަރުގެ ތެރޭގައި އިތުރުވެ، ފުރިހަމަވަމުން ގޮސްފައިވުމާއެކު، އެމިންގަނޑަށްވަނީ އިތުރަށް ފުރިހަމަކަން ގެނެވިފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުގެ ތަފާސް ހިސާބުތަކުން ދައްކަނީ، ކުރިން ޖީ.ޑީ.ޕީ އަންދާޒާ ކުރެވިފައި އޮތް ވަރަށްވުރެ މާ މަތީ ޢަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ އުފެއްދުންތެރިކަމަށް އަހަރުން އަހަރަށް އަންނަ ބަދަލުތަކުގެ ތެރޭގައި، އުފެއްދުންތެރިކަމުގެ މިންވަރުގެ އިތުރުން، އަގުތަކަށް އަންނަ ބަދަލުވެސް ހިމެނޭތީ، ޙަޤީޤީ އުފެއްދުންތެރިކަމުގެ މިންގަނޑު ދެނެގަތުމަށްޓަކައި، ވަކިއަހަރެއްގެ އަގު އެއީ، ދާއިމީ އަގު ކަމަށް ބަލައިގެން، މިކުރިއެރުން ވަޒަން ކުރުން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގައި އުފެއްދުންތެރިކަމުގެ މިންގަނޑު، ދާއިމީ އަގުން އަންދާޒާ ކުރަމުން ގެންދެވިފައިވާ 1995ގެ ބަދަލުގައި 2003 އަށް މިހާރު ބަދަލުކުރެވިފައި ކަމާއި، މިބަދަލުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު، ކުރިއަށްވުރެ ފުރިހަމައަށް މިހާރު އަންދާޒާ ކުރެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޤައުމުގެ އިޤްތިޞާދުގެ ސިފަތަކަށާއި އަގުތަކަށް ހަލުވި މިނެއްގައި ބަދަލުތައް އަންނަ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި، އުފެއްދުންތެރިކަން ދާއިމީ އަގުން އަގުކުރާ އަހަރު، އަވަސް އަވަހަށް ބަދަލުކުރުން ވަރަށް މުހިންމު ކަމަށާއި، މިއީ ބައިނަލްއަޤްވާމީ ގޮތުންވެސް ބާރުއަޅަމުން އަންނަ މަގު ކަމުގައި ވިދާޅުވިއެވެ.
1995ގެ އަގުތައް ބޭނުންކޮށްގެން، މިހާތަނަށް އަންދާޒާ ކުރެވިފައިވާ ޖީ.ޑީ.ޕީ، ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު، އެވްރެޖްކޮށް އަހަރަކު ކުރިއަރާފައިވަނީ، 5.8 ޕަސެންޓް ކަމަށާއި، އެހެންނަމަވެސް، ރާއްޖޭގެ މާލީ އޮނިގަނޑަށް އައި ބަދަލުތަކާއި، އިޤްތިޞާދީ ބަދަލުތަކާއި، ޚާއްޞަކޮށް، ޓެކްސް ނެގުމުގެ ބަދަލުތައް ގެންނާން ފެށުމާއެކީގައި، 2003ގެ އަގުތައް ބޭނުންކޮށްގެން، 7.9 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި 2011 ވަނަ އަހަރުގެ ރިއަލް ޖީ.ޑީ.ޕީ.އަކީ، އެގާރަ ބިލިއަން ތިންސަތޭކަ ތިރީސްފަސްމިލިއަން ރުފިޔާ ކަމަށް އަންދާޒާ ކުރެވިފައި އޮތް ނަމަވެސް، އިތުރަށް މިލިބުނު މަޢްލޫމާތުގެ އަލީގައި، ރާއްޖޭގެ ޙަޤީޤީ ޖީ.ޑީ.ޕީ.އަކީ، އެކާވީސް ބިލިއަން އެއްސަތޭކަ ތޭވީސް މިލިއަން ރުފިޔާ ކަމަށް މިހާރު ފެންނަ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޖީ.ޑީ.ޕީ.ގެ މިންގަނޑު ކަނޑައެޅުމުގައި ބޭނުންކުރާ މަޢްލޫމާތު، ވަރަށްފަހުން ފުރިހަމަވެގެން މިދިޔައީ، ޙަޤީޤަތުގައި ޖީ.އެސް.ޓީ ނަގަން ފެށުމާ އެކީގައި ކަމަށާއި، އަދި އެއިން ސަރުކާރަށާއި، ދައުލަތަށާއި އަދި އެހެންވެސް ފަރާތްތަކަށް ލިބިގެންދިޔަ މަޢްލޫމާތުގެ އަލީގައި ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ޓެކްސްތައް ތަޢާރުފް ކުރެވި، ދައުލަތުގެ އާމްދަނީ އިތުރުކުރެވުމުން، އިޤްތިޞާދީ ދުވެލި އެތައް ތަނަކުން ބާރުކުރެވޭނެ ކަމަށާއި، އަޅުގަނޑުމެންގެ ދިރިއުޅުމަށް އަޅުގަނޑުމެން މިއެދޭ ބަދަލާއި ތަރައްޤީ ހޯދާން ފަސޭހަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އިއްޔެ އައްޑޫ ސިޓީގައި ބޭއްވެވި ކޮމިއުނިޓީ ކެބިނެޓްގެ ބައްދަލުވުމަށްވެސް ބައްލަވާލެއްވިއެވެ. އެބައްދަލުވުން ވެގެންދިޔައީ، ވަރަށް ކާމިޔާބު ބައްދަލުވުމަކަށް ކަމަށާއި، ރައްޔިތުންގެ އުންމީދުތަކާއި، ރައްޔިތުން އެދޭ ގޮތްތައް ވަރަށް ރަނގަޅަށް އެނގިގެންދިޔަ ބައްދަލުވުމަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.